ފުރާނަދަންދެން

ފުރާނަދަންދެން - 45

2

ހަމަހިމޭންކަން ވެރިވެފައިވާ ކޮޓަރިތެރޭ އެނދުގައި ތިބި ނައިޝީއަށް މާގިނައިރު އެގޮތަށް ނުތިބެވުނެވެ. ކޮންމެސް އެކެއްގެ ސިކުނޑިން އިންޒާރުތަކެއް ދެމުން ދިޔައެވެ. ކުއްލިއަކަށް މާހިލް ނައިޝީ ދުރަށް ކޮށްޕާލުމަށްފަހު ތެދުވެ އެނދުގައި އިށީނެވެ. އޭނާ ލައިގެން ހުރި ޖީންސު ރަނގަޅުކޮށްލަމުން ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލިއެވެ. ތިރީގައި އޮތް ޝޯލް ހިފައިގެން ނައިޝީ ހުއްޓުނީ ޑްރެސިންގްޓޭބަލް ކައިރީގައެވެ. ޝޯލް އަޅަމުން ދިޔައިރު އޭނާ އިރުކޮޅަކާ އެނދުގައި އިން މާހިލްއަށް ބަލައިލިއެވެ. މާހިލް ބުނި ފަދައިން އޭނާއަށް ވަރަށް ބޮޑަށް ބަދަލުތަކެއް އައިސްފައިވާކަން ދާދި ދެންމެއަކު ހިނގާދިޔަ ކަންތަކުންވެސް ނައިޝީއަށް ޔަގީންވެއްޖެއެވެ. އޭނާ އެއްޗެއް ނުބުނެ ވަނީ ފާހާނާއަށެވެ.

ނައިޝީ ފާހާނާއިން ނިކުތީ އޭގެ އިރުތަކެއް ފަހުންނެވެ. އޭރު މާހިލް އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލައިގެން ކުޑަދޮރު ކައިރީގައި ހުއްޓެވެ. ނައިޝީ އައިސް ކައިރީގައި ހުއްޓުމާއެކު މާހިލް ބަލައިލިއެވެ. އޭނާގެ ދެލޮލުގައި ވަނީ މާޔޫސްކަމެވެ.

"ސޮރީ އިޝީ. ވަރަށް ބޮޑަށް ސޮރީ. ނުބައި ވިސްނުމެއްނެތް" މާހިލް ދުރު ބަލައިލަމުން ބުނެލިއެވެ.

"ނެވަރ މައިންޑް. މާހިލް ފޯސްއެއް ނުކުރަމެއްނު" ނައިޝީ ބުނެލިއެވެ.

އަހަރެން ވަރަށް ދެރަވެއްޖެ. އަހަރެން ދެން މިގޮތަށް ބަންދު ތަނަކުން އިޝީއާ މީޓް ކުރާކަށް ބޭނުމެއްނޫން. އިޝީ ކައިރިވީމަ އަހަރެންނަށް ދުރަކު ނުހުރެވޭ" މާހިލް ވާހަކަދެއްކިއެވެ.

"ބަންދު ތަނަކުން ކީއްކުރަން އެއްވެސް ތަނަކުން އަހަރެން ދެން މާހިލް އާ ބައްދަލެއް ނުކުރާނަން" ނައިޝީ ބުނެލިއެވެ. މާހިލް ނައިޝީގެ މޫނަށް ބަލައިލީ ކުއްލިއަކަށެވެ.

"ވަޓް ޔޫ މީން...؟" މާހިލް ބުނެލިއެވެ.

"މިބުނީ އަހަރެން މިގުޅުން އުފެއްދިއިރުވެސް މިއީ ނާހިދްގެ އަނބިމީހާ. މިއަދު އަހަރެންނަށް މިވަނީ ތި ދެމީހުންގެ ތެރެއިން ކޮންމެެވެސް އެކަކު އިޚްތިޔާރުކުރަން ޖެހިފަ. އަހަރެން ބޭނުމީ އަހަރެންގެ މި ލައިފް. ނާހިދާއެކު އުޅެން ބޭނުމީ. އަހަރެން މާހިލްދެކެ ލޯތްބެއްނުވޭ.. ސޮރީ..." ނައިޝީ އަަސަރާއެކު ވާހަކަދެއްކިއެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން މާހިލް އެނބުރުނީ އަނެއް ފަރާތަށެވެ. އޭނާ ނުރޯން މަސައްކަތްކުރި ނަމަވެސް ދެލޮލުން ކަރުނަ ފާއްދާލިއެވެ. ނަމަވެސް ދެލޯ މަރާބާރު ކޮށްލަމުން ކަރުނަތައް ހިންދައިލިއެވެ.

"އަހަރެން މާހިލްއަށް ނަފްރަތެއް ނުކުރަން. މިދުނިޔެއިން އަހަރެން ނާހިދް ނޫން އެހެން މީހެއްގެ ހިތުން ލޯތްބެއް ބޭނުންވާނަމަ ބޭނުންވާނީ މާހިލްގެ ހިތުން" ނައިޝީ ވާހަކަދެއްކިއެވެ.

"އަހަރެން ފޯސްއެއް ނުކުރާނަން. ދިޔުމުގެ ކުރިން އަހަރެންވެސް ވަރަށް މުހިންމު ވާހަކައެއް ބުނެފާނަން. މިވާހަކައަކީ އަހަރެން މާކުރިން އިޝީއަށް އޮޅުވާލާފައި އޮތް ކަމެއް" މާހިލް ބުނެލިއެވެ.

"ކޮންމެ ކަމެއްވިޔަސް އަހަރެން މާހިލްއަށް މަޢާފްކޮށްފިން" ނައިޝީ ބުނެލިއެވެ.

"ނޫން. އިހަށް އަޑުއަހާ... އެއަށްފަހު އިޝީ ގޮތެއް ނިންމާ. އަހަރެން އަޒްކާ އޭ ކިޔައިގެން އިޝީ ކައިރީގަ ދެއްކި ވާހަކަތަކަކީ މުޅިން ދޮގު ވާހަކަތަކެއް. އަޒްކާ އަކީ ވަރަށް މާތް ވަރަށް އަޚްލާގް ރަނގަޅު ކުއްޖެއް. އޭނާގެ މައުސޫމް ކަމުގެ ފައިދާ ނެގީ އަހަރެން" މާހިލް ވާހަކަ ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

"މާހިލް ކީކޭ ތިކިޔަނީ...؟" ނައިޝީ އަހައިލިއެވެ.

"އަހަރެންގެ ދަރިއަކު އެބަހުރި އިޝީ. އަޒްކާ ބަނޑުބޮޑުވީ އަހަރެންގެ ދަރިއަކަށް. އޭނަ އަހަރެން ކައިރިން މެރީކުރަން ވެސް އެދުނު. އަހަރެން ކަންތައްކުރީ ވަރަށް ގޯސްކޮށް. މިގޭގަ އަޒްކާ އުޅުނުއިރު މަށަށް އިނގުނީ އޭނަ އަދިވެސް ލޯބިވަނީ ނާހިދް ދެކެކަން. އަދި ނާހިދް ވެސް...." ފަހު ޖުމްލައާއެކު މާހިލްއަށް ނައިޝީގެ މޫނަށް ބަލައިލެވުނެވެ.

"އެންމެންނަކީ މާހިލްއެއް ނޫން. ނާހިދް އަހަރެން ކައިރީގައި ނުބުންޏަސް އިނގޭ އޭނާގެ ހިތުގައި އަހަރެންނަށް އިހުސާސްތަކެއް ވާކަން. އެހެންނޫނަސް މާހިލް އަހަރެންނަށް ތިއޮޅުވާލީ ވަރަށް ބޮޑު އޮޅުވާލުމެއް. އެންމެ ފުރަތަމަ އަޒްކާ ކައިރިން މަޢާފަށްއެދިފަ ތިމާގެ ދަރިފުޅާ ބައްދަލުކޮށްބަލަ" ނައިޝީ ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައި ވަނީ ނުރުހުމެވެ.

"ކުރިންވެސް އަހަރެންނަށް އިނގޭ އިޝީގެ ޖަވާބު.... ބަޓް އިޓްސް އޯކޭ. ހެއްދެވި ފަރާތުގެ މަޢާފް އަހަރެން ހޯދައިފިން. އަޒްކާ މަގުމަތިން ފެނުނީމަވެސް އަހަރެންނަށް މަޢާފެއް ނުހޯދުނު. އެކަމަކު ދަރިފުޅު ކޮބާތޯ އެހިން. މިހާރު އަޒްކާ އަހަރެންނަށް ނަފްރަތުކުރޭ. ހަނދާންވޭތަ! އެއްކަލަ ދުވަހު މަގުމަތިން އަންހެން ކުއްޖަކު އަހަރެން ކޮށްޕާލިތަން ފެނުނެއްނު. އެއީ އަޒްކާ އަކީ. އަޒްކާ މާލޭގަ އުޅެންޏާ އަހަރެން އަޒްކާގެ މަޢާފް ހޯދާނަން" މާހިލް ވާހަކަދެއްކިއެވެ. ނައިޝީ ހަނދާންކޮށްލިއެވެ. އެދުވަހުގެ މަންޒަރުތައް އޭނާގެ ލޯމަތީގައި ޕްލޭކޮށްލި ކަހަލައެވެ. އެދުވަހު އެ ރީތި ކުޑަ އަންހެންކުއްޖާގެ ދެލޮލުން މާހިލްއަށްޓަކައިވި ނަފްރަތު އޭނާއަށް ފެނުނެވެ. އަޒްކާއަކީ އެއީ ހެއްޔެވެ؟ ނައިޝީ ވަކި ޖަވާބެއް މާހިލްއަށް ނުދިނެވެ. އޭނާ ހިނގައިގަތެވެ.

"އަދި އިޝީއަށް ވަރަށް އުފާވެރި ހަބަރެއް ދީފާނަން. އިޝީގެ އެއްވެސް ވީޑިޔޯއެއް ފޮޓޯއެއް އަހަރެން އަތުގަ ނޯންނާނެ. އެހުރިހާ އެއްޗެއް އަހަރެން ނައްތާލައިފިން. އަހަރެން ބޭނުމެއްނޫން އެބިރުވެރިކަން ހިތުގައި ބާއްވައިގެން އިޝީ ނާހިދާއެކު އުޅޭކަށް" މާހިލް ވާހަކަދެއްކިއެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ" ނައިޝީ ބުނެލިއެވެ.

"އަހަރެން އަބަދުވެސް އިޝީއަށް އިންތިޒާރުކުރާނަން. އައި ރިއަލީ ލަވް ޔޫ ސޯ މަޗް" މާހިލްއަށް ރޮވިއްޖެއެވެ. އެހެންވިޔަސް ނައިޝީ އެނބުރި މާހިލް ކައިރިއަށް ނުދިޔައެވެ.

އޭނާ މެންދަމުގެ އެވަގުތު މަގުމައްޗަށް ނިކުތެވެ. ކުޑަކޮށް ވެހެމުންދިޔަ ވާރޭ ތެރޭގައި އޭނާ ހިނގާފައި ދިޔައިރު ސިކުނޑި ތެރޭގައި އެނބުރެމުން ދަނީ އަޒްކާއާ ބެހޭގޮތުން ދެންމެ މާހިލް ދެއްކި ވާހަކަތަކެވެ.

"އަޒްކާ އަކީ ރީތި ކުއްޖެކެވެ. ޔަގީނުންވެސް ފިރިހެނަކު ހިތްދަމަގަންނަ ކަހަލަ ތަފާތު ރީތިކަމެއްގެ އެބަހުއްޓެވެ. އެ ބުޅި އިސްތަށިގަނޑަށްވެސް އެތައް ބަޔަކު ގުރުބާންވެދާނެއެވެ. އެކަމަކު... އަޒްކާ މާލެގައި އުޅެންޏާ އަހަރެންނަށް ނާހިދްގެ ހިތުން އެއްވެސް އުފަލެއް ލިބިދާނެހެއްޔެވެ؟ އަނެއްކާ.... ނާހިދާ އަޒްކާޔާ ދެމީހުން ބައްދަލުވެއްޖެބާއެވެ؟ ނާހިދަށް އައިސްގެން މިއުޅޭ ބަދަލަކީ އަޒްކާގެ ސަބަބުން އައިސްގެން އުޅޭ ބަދަލެއްބާއެވެ؟ އަނެއްކާ އެދެމީހުންގެ މެދުގައި ގުޅުމެއް އޮތީ ބާއެވެ؟ ނާހިދް އަދިވެސް ލޯބިވަނީ އަޒްކާދެކެ ބާއެވެ؟ އަޒްކާ....! އަހަރެން ކަލެއަށް ނަފްރަތުކުރަން. އަހަރެންގެ ނެތް ކޮން ފުރިހަމަކަމެއް ފެނިގެންތަ ނާހިދް ކަލެއާ ހެދި މޮޔަވެގެން އެއުޅެނީ...." އަމިއްލަ ނަފްސަށް އިވޭ ވަރަށް ނައިޝީ ކުދި ކިޔަމުން ދިޔައެވެ. ވެހެމުންދާ ވާރެއާ ޖެހެމުންދާ ވައިގެ އެއްވެސް އަސަރެއް އޭނާގެ ހަށިގަނޑަށް ނުކުރެއެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތުގައި އުފެދިފައިވާ ހައިޖާނުގަނޑު ބޮޑެވެ.

ނާހިދަށްވެސް ނޭނގި ނައިޝީ ޗުއްޓީއެއް ނެގިއެވެ. އެކަން އިނގުނީ ނާހިދް ޑިޔުޓީއަށް ދިޔަ ފަހުން ނައިޝީގެ އެކުވެރިޔަކާ ދިމާވެގެން ނައިޝީ ކުއްލިއަކަށް ނެގި ޗުއްޓީ އާ ބެހޭގޮތުން ސުވާލު ކުރުމުންނެވެ. އޭނާއަށް ދޭނެ ޖަވާބެއް ނޭނގުނަސް ނައިޝީ އުޅެނީ ބަލިވެ ކަމުގައި ބުނެލިއެވެ. އޭނާ ނައިޝީއަށް ސަބަބެއް ހޯދަން ގުޅިއެވެ. ފޯނަށް ޖަވާބެއް ނުދިނެވެ. އޭނާ އިނާޝާއަށް ގުޅާފައި ނައިޝީ ކޮބާތޯ ބެލިއެވެ. ނައިޝީ ކޮޓަރިން ބޭރަށް ނުނިކުންނަ ވާހަކަ ބުނުމުން ނާހިދް ވިސްނާލިއެވެ. ހަގީގަތަށްވެސް ނައިޝީ ބަލިވީ ނޫންބާވައެވެ؟

ގެއަށް ވަންގޮތަށް ނާހިދް މިސްރާބު ޖެހީ ކޮޓަރިއަށެވެ. އޭނާ ތަޅު ހުޅުވާލިއިރު ނައިޝީ އެނދުގައި އޮތެވެ. އެއް އަތް އޮތީ ނިތްމަތީގައި ބާއްވާލާފައެވެ. އޭނާ ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއިރުވެސް ނައިޝީ ހަރަކާތެއް ނުކުރިއެވެ. ނަމަވެސް އެއް ފައި މައްޗަށް އަނެއް ފައި އަރުވާލައިގެން އެއްވަރަކަށް ދެއަތަކަށް ތަޅުވަމުން ދިޔައެވެ.

"އިޝީ ބަލީތަ...؟" ނައިޝީގެ މަގަތުން އިށިންނަމުން ނާހިދް އަހައިލިއެވެ. ނައިޝީ މޫނުމަތިން އަތް ނަގާފައި ބަލައިލިއެވެ. އޭނާ ވިސްނާލިއެވެ. ނާހިދާ ގާތްވުމަށް އޭނާ ދޮގު ހަދަންޖެހުނަސް އެކަންވެސް ކުރަން ހުރީ ތައްޔާރަށެވެ.

"ވަރަށް ބޮޑަށް ބުރަކަށީގަ އެބަރިއްސާ. ކުޑަކޮށް ހުންވެސް ހުރި ހެނދުނު" ނައިޝީ ތެދުވެ އެނދުގެ ހެޑް ބޯޑުގައި ލެގިލަމުން ބުނެލިއެވެ.

"އެހެންވެތަ ޗުއްޓީ ނެގީ" ނާހިދް އަހައިލިއެވެ.

"ހިތަށް އެރީ ކުޑަ ރެސްޓެއް ކޮށްލާނީއޭ" ނައިޝީ ބުނެލިއެވެ. ނާހިދް އެނދުން ތެދުވެ އަލަމާރި ކައިރީގައި ހުއްޓުނެވެ. ލައިގެން ހުރި އެއްޗެހި ބަދަލުކުރިއެވެ.

"ހިނގާ ތިރިއަށް ސައިބޯން" ނާހިދް ބުނެލިއެވެ. ނައިޝީ ބަހެއްނުކިޔާ ނާހިދްގެ ހަރަކާތްތަކަށް ބަލަމުން ދިޔައެވެ. އޭނާގެ ސިކުނޑިގައި އެނބުރެމުންދަނީ ކޮން ކަންތައްތަކެއް ކަމެއް ނޭނގެއެވެ.

"ބޭސްކައިގެން ރަނގަޅު ނުވިއްޔާ ދާނީ ޑޮކްޓަރަށް ދައްކާލަން" ނާހިދް ލޯތްބާއެކު ބުނެލިއެވެ.

"އޯކޭ. އެކަމަކު މި ބާމުކޮޅު ބުރަކަށީގަ ހާކާލަދީފާނަންތަ؟" ނައިޝީ އެދުނެވެ. އޭނާ ބޮލުގައި ވަނީ މުޅިން އެހެން ކަމެކެވެ. ނާހިދް މާބޮޑު އެއްޗެއް ހިތަށް ނާރުވާ ބާމްފުޅީގައި ހިފިއެވެ. ނައިޝީ މަތިން ލައިގެން ހުރި ޓީޝާޓްކޮޅުގެ ދަށުން ނާހިދް އަތް ލައްވާލައިގެން ބާމް ހާކަމުން ދިޔައެވެ.

"ވަރަށް ބޮޑަށް ރިއްސާތަ؟ އެހެންވިއްޔާ އިޝީ އޮވޭ އިނގޭ. މީކާ ކައިރީގަ ބުނެގެން ސައި ފޮނުވާނަން" ނާހިދް ބުނެލިއެވެ.

"ތިގޮތަށް ހަދައިގެން ތަދުވާތަނުގަ ނުއެއް އުނގުޅޭ... މަޑުކުރައްޗެ" ނާހިދަށް ފަސޭހަވާނޭހެން ޓީޝާޓް ބޮލުން ނައްޓުވާލިއެވެ. ނައިޝީގެ ހަށިގަނޑުން ކަޝްފުވެފައިވާ ހިސާބު ފެނުމުން ނާހިދް އަޅައެއްނުލިއެވެ.

"މިހާރު އޯކޭތަ...! ރެސްޓްކުރޭ އިނގޭ. މިއަންނަނީ" ސައިޑްކަބަޑް މަތީގައި ހުރި ފޮށިން ޓިޝޫއެއް ނަގާ އަތް ފޮހެލަމުން ނާހިދް ވާހަކަދެއްކިއެވެ. ކުއްލިއަކަށް ނައިޝީ ނާހިދްގެ ހަށިގަނޑުގައި ބައްދައިގަތެވެ. ނާހިދްގެ ސަމާލުކަން ނުލިބުމުން އޭނާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އޭނާ ނާހިދްގެ ހަށިގަނޑުގައި ބޮސްދޭން ފެށިއެވެ.

"އިޝީ...!!" ނާހިދް ގޮވައިލިއެވެ.

"ޕްލީޒް ނުހުއްޓުވާ..." ނައިޝީ ދީވާނާވެފައިވާ މީހެއް ފަދައިން ހަރަކާތްކުރަމުން ދިޔައެވެ. ހިނދެއް ހިނދަކަށް ނާހިދްގެ ހޭވެރިކަން ކެނޑެމުން ދިޔައެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ އޭނާއަށް ނައިޝީ ދުރަށް ޖައްސާލެވުނެވެ.

"މިހާރަކު ނޫން. އިޝީ ބަލިކޮށްނު ތިއުޅެނީ...." ނާހިދް ބުނެލިއެވެ.

"ކީއްވެ ނާހިދް އަހަރެންނާ ދުރަށްދާން ތިއުޅެނީ. އަހަރެންނާއެކު ލޯބިކޮށްނުލާތާ ކިހާ ދުވަހެއް. ތިއީ ފިރިހެނެއްތަ މިހާރު؟ އެއްވެސް އިހުސާސެއް ނެތީތަ؟ އަހަރެންނަށް ބޭނުންނުވަނީތަ މިހާރު؟ ކުރިން އަހަރެމެން އުޅުނީ ކިހާ ލޯބިން...؟ އަދިވެސް ނާހިދް އަހަރެންދެކެ ލޯބިނުވަނީތަ...؟" ނައިޝީ ހިތުގައިވާހާ ޝަކުވާތަކެއް ނެރެ ބޭރުކޮށްލިއެވެ.

"ކީކޭ އިޝީ ތިކިޔަނީ... ތިކަހަލަ އެއްވެސް ކަމެއްނުވޭ...." ނާހިދް ދާން ހިނގައިގަތެވެ.

"ނާހިދް ބޭނުމީ އަޒްކާ ކައިރިން އުފާ ހޯދަންތަ؟ އަދިވެސް އަޒްކާތަ ބޭނުމީ؟ އަޒްކާ އާ ބައްދަލުކުރީތަ؟" ނައިޝީ ކިޔައިގަތެވެ. ނާހިދް ހުއްޓުން އެރިއެވެ. ނައިޝީއަށް އަޒްކާ މާލޭގައި ހުރިކަން އިނގުނީ ކިހިނެއް ހެއްޔެވެ؟

"އިޝީ! ކީކޭ ތިކިޔަނީ؟ ހަމަޖެހިބަލަ" ނައިޝީގެ ދެކޮނޑުގައި ހިފައި ގެނެސް މޭގައި ޖައްސައިލަމުން ނާހިދް ބުނެލިއެވެ. އަދި އެނދުގައި އޮތް ކުއިލްޓު ނަގާ ނައިޝީގެ ހަށިގަނޑު ނިވާކޮށްލިއެވެ.

"އަހަރެންނަށް ހުރިހާ އެއްޗެއްވެސް އިނގިއްޖެ. އަޒްކާ އެނބުރި އަތުވެއްޖެ. ނާހިދް އަހަރެންނާ ދުރަށް ތިދަނީ އަދިވެސް ތިހިތަށް އުނދަގުވާތީ. ވިސްނާބަލަ. މިއީ ދެމަފިރިންނޭ. އަހަރެމެން ދެމެދުގަ އެއްވެސް ގުޅުމެއް ނެތްއިރު ކޮބާ އެއް ވާފަށަކުން މިގޮތަށް ބަނދެވިގެން ތިބުމުގެ ބޭނުމަކީ. ގަހެއް އިންދާފައި އެގަހަށް ކިތަންމެ އިރަކު ބަލަހައްޓައިގެން ތިއްބަސް އެގަސް ހެދި ބޮޑުވާނެތަ؟ ބަލަބަލާ ތިއްބާ ގަސް މޯޅިވެ ފަތްތައް ހިކިގެން ފައިބަންފަށާނެ. އަހަރެން މިއަދު ޖަވާބެއް ބޭނުން..." ނައިޝީ ވާހަކަދެއްކިއެވެ.

"ކޮން ޖަވާބެއް؟" ނާހިދް އަހައިލިއެވެ.

"ނާހިދް އަހަރެންދެކެ ލޯބިވޭތަ ނޫނީ ނުވޭތަ؟ އަހަރެންނާއެކު ދިރިއުޅެން ނާހިދް ބޭނުންތަ؟" ނައިޝީ އަހައިލިއެވެ. ނާހިދް ފަސްޖެހުނެވެ. އޭނާއަށް ނައިޝީ ދެކެ ލޯތްބެއް ނުވެވުނެވެ. އޭނާގެ ފުރަތަމަ ލޯތްބަކީވެސް އަދި ފަހުގެ ލޯތްބަކީވެސް އަޒްކާއެވެ. ފުރާނަދަންދެންވެސް އޭނާއަށް ލޯބިވެވޭނީ އަޒްކާ ދެކެއެވެ. ހެއްދެވިފަރާތް ނޫން އެހެން އެއްވެސް ފަރާތަކަށް އޭނާގެ ހިތަކުން އެލޯތްބެއް ފަނޑުކޮށެއްނުލެވޭނެއެވެ. އެކަމަކު ނައިޝީއަށް ދެރަގޮތެއްވާން ވެސް އޭނާ ނޭދޭއެވެ.

"އިޝީ އަހަރެންނަށް މަޢާފްކުރޭ. ދޮގެއް ހަދައިގެން އެއްވެސް މީހެއްގެ ހިތް އުފާ ކޮށްދޭން އަހަރެން ބޭނުމެއްނޫން. އަހަރެން ހަދާ ތެދެއްގެ ސަބަބުން މިވަގުތު އިޝީގެ ހިތްހަލާކުވިޔަސް އަހަރެން ދޮގެއް ނަހަދާނަން. އަހަރެންނަށް އިޝީދެކެ ލޯތްބެއް ނުވެވުނު. ވަރަށް މަސައްކަތްކުރިން. އަމިއްލަ ނަފްސަށް އެތައް ވަގުތެއްދިނިން. ކާމިޔާބެއްނުވި. އަޒްކާ މާލޭގައި އެބަހުރި. އެއްފަހަރު އަހަރެން ބައްދަލުވެސް ކުރިން. އަހަރެންގެ ހަޔާތަށް އެނބުރި އަންނަން އަހަރެން އަޒްކާއަށް ދަޢުވަތެއް ދިނިން. އެކަމަކު މިހާރު އެއީ މީހެއްގެ އަންބެއް. ކުޑަ ކުއްޖެއްގެ މަންމައެއް. އަހަރެން ކައިރިއަށް އެނބުރި އައުމުގެ އެއްވެސް ވިސްނުމެއް އޭނާގެ ނެތް" ނާހިދް ވާހަކަދެއްކީ ނައިޝީއަށް ފުރަގަސްދީގެން ހުރެއެވެ. ނާހިދް ބުނަމުން ދިޔަ ކޮންމެ ބަހެއް ކޮންމެ ޖުމްލައެއް ނައިޝީގެ ހިތް ވީދާ ކުދި ކުރަމުން ދިޔައެވެ. ނަމަވެސް އަޒްކާ އަކީ މީހެއްގެ އަންބެއްކަން އިނގުނު ހިސާބުން އޭނާއަށް އުފާވެރިކަމެއް އިހުސާސްވެއްޖެއެވެ.

"އަދި އެއްވާހަކަ. އިޝީ ދޫކޮށްލާފަ މިގެއިން ފޮނުވާލުމުގެ ވިސްނުމެއް އަހަރެންގެ ނެތް. އެފަދަ ކަމެއް އިޝީގެ ފަރާތުން ނުފެންނަހާ ދުވަހަކު އިޝީ ހުންނާނީ އަހަރެންގެ އަންބެއްގެ ގޮތުގަ" ނާހިދް ކޮޓަރިން ނިކުމެގެން ދިޔައެވެ. ނައިޝީއަށް އެނދުގައި އިށީނދެވުނެވެ. ދެއަތުން ދެލޯ ކައިރި ފޮހެލުމަށްފަހު އޭނާ އަމިއްލަ ހަޔާތާ ދޭތެރެ ވިސްނާލިއެވެ. ނާހިދަށް ބޭވަފާތެރިވިކަން ހާމަވެއްޖެނަމަ ޔަގީނުންވެސް އެވާނީ ނާހިދްގެ އަންބެއްގެ ގޮތުގައި އޭނާއަށް ހުރެވޭނެ އެންމެ ފަހު ދުވަހެވެ. އެހެންވިޔަކަ އޭނާ ނުދޭނެއެވެ. ނާހިދްގެ އަންބެއްގެ މަގާމުގައި އޭނާއަށް ނީދެވިޖިއްޔާ އަޒްކާއަށް ވެސް ނީދެވޭނެއެވެ.

އަޒްކާގެ އާއިލާ އުޅޭ ބައިން ކައިގެން ނިރާޝް މަގުމައްޗަށް ނިކުތީ އަޒްކާއާ އެކުގައެވެ. ނިރާޝްގެ އެދުމުގެ މަތިން އޭނާ ހިނގާލަން ނިކުތީ ދެފަރާތުން ޙިއްސާކުރަން ބޭނުންވާ ވާހަކަތަކެއް ހުރުމުންނެވެ. ސައިކަލުގައި ދުއްވާލަން ދާން ނިރާޝް އެދުނަސް އަޒްކާ އެކަމަށް އިންކާރު ކުރިއެވެ.

"ވިއްސާރަ ދުވަސްކޮޅެއް ދޯ" ލައިގެން ހުރި ޖީންސުގެ ދެޖީބަށް އަތް ޖަހައިލަމުން ނިރާޝް ބުނެލިއެވެ.

"އާނ... އަހަރެންނަށް އަބަދުވެސް ރަނގަޅީ މިގޮތަށް ވާރޭ ވެހެންޏާ... ވާރޭވެހޭ މަންޒަރަށް ބަލަން އިނަސް ހިތަށް ހާދަ ހިތްހަމަޖެހުމެއްލިބެޔޭ. ބަލާބަލާ ފޫހިނުވާ މަންޒަރެއް" އަޒްކާ ބުނެލިއެވެ.

"ހިނގާބަލަ މި ދިމާލުން ބޮޑުތަކުރުފާނު މަގަށް ނިކުމެލަން" ނިރާޝް ބުނެލިއެވެ.

ރޭގަނޑުގެ އެވަގުތުގައި ބުރިޖަށް އަރަންދާން ދުއްވަމުންދާ މީހުންނާ ބުރިޖުން ފައިބައިގެން އަންނަ މީހުންތަކުން މަގުމަތި ވަނީ ހަލަބޮލި ވެފައެވެ. މަގު ހުރަސްކުރަން ނުކެރިފަ އަޒްކާ ހުރުމުން ނިރާޝް އަޒްކާގެ އަތްތިލައިގައި ހިފަހައްޓާލިއެވެ. އަޒްކާ ނިރާޝްގެ މޫނަށް ބަލައިލިއެވެ. ނަމަވެސް ނިރާޝް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. އޭނާ އަޒްކާ އަތުން ދޫކޮށްލީ މަގު ހުރަސް ކުރެވުމުންނެވެ.

"އޯކޭ ތެންކްސް ނުބުންޏަސް.. އިށީންނަން ހިނގާ މިތާ" ނިރާޝް ބުނެލިއެވެ. އަޒްކާ ހީލާފައި އިށީނދެލިއެވެ.

"ބުނެބަލަ. ނާހިދާ މީޓްވެއްޖެތަ؟" ނިރާޝް އަހައިލިއެވެ. އަޒްކާ ބޯޖަހާލިއެވެ.

"ކިހިނެއްވަނީ؟" ނިރާޝް އަހައިލިއެވެ.

"ފުުރަތަމަ ފަހަރަށް ލޯބިވާ ވާހަކަ ބުނީ. އަހަރެން ރިފިއުސްކުރީ. ނާހިދް ހީކުރަނީ އަހަރެން އުޅެނީ މެރީކޮށްގެން ކަމަށް. އަދި ދަރިފުޅުވެސް ދުނިޔޭގައި ހުރިކަމަށް" އަޒްކާ ވާހަކަދެއްކިއެވެ.

"އަޒް ހަގީގަތް ހާމައެއް ނުކުރަންތަ؟" ނިރާޝް އަހައިލިއެވެ.

"އަހަރެން ހަގީގަތް ހާމަކުރިނަމަ ނާހިދް އެ ދިރިއުޅުން ރޫޅާލާފައިވެސް އަހަރެން ހާސިލްކުރާނެ. އެހެންވާކަށް އަހަރެން ބޭނުމެއްނޫން" އަޒްކާ ވާހަކަދެއްކިއެވެ.

"ދެން ކިޔާދީބަލަ ނިރާޝްގެ ވާހަކަ" އަޒްކާ ބުނެލިއެވެ. އެހާ ވަރަށް ނާހިދްގެ ވާހަކަދައްކަން އޭނާއަށް ފަސޭހައެއް ނޫނެވެ.

"އަހަރެންގެ މާބޮޑުކަމެއް ނުވޭ. އަދިވެސް އަޒް ބޭނުން. އެކަމަކު އަޒް ހާސިލުކުރުމުގެ ވިސްނުމެއްނެތް. އަހަރެން ބޭނުންވަނީ އަޒްއަށް ޙައްޤު ލޯބި ލިބެން. ފަހަރެއްގައިވެސް އެއްފަރާތުން ވެވޭ ލޯތްބެއްގައި ދުވަސްތައް ގުނަން ހުންނާކަށް އަޒްއަކަށް ނުޖެހޭނެ" ނިރާޝް ވާހަކަދެއްކިއެވެ. އަޒްކާ އިސްޖަހައިލިއެވެ.

"ހެހެހެ... ވަރަށް މަޖާ ވާހަކައެއް ބުނަންތަ؟ ނުވާނެ މަލާމާތްކޮށްގެން އިނގޭ" ނިރާޝް ބުނެލިއެވެ. އަޒްކާ ބޯޖަހާލިއެވެ.

"މިފަހަރު މާލެ މި އައިރުގަ ޝާޔާވެސް އައި ނާސިންގ ހަދަންވެގެން. އޭނަގެ މަންމަވެސް އައި. ފްލައިޓް ލޭންޑްކުރި ފަހުން ލަގެޖް އަންނަން ދެން މަޑުކޮށްލައިގެން ހުއްޓާ ޝާޔާ ރޯސްއަކުން ޕްރޮޕޯސްކުރީ... ލަދުގަތްވަރުން ހިތަށް އެރި ހުރި ދިމާލުން އަޑިއަށްދާނެ ނަމައޭ. ކައިރީގަ ތިބި މީހުން ފޮޓޯ ނަގަން ވާއިރަށް އަހަރެން ޝާޔާގެ ދެކޮނޑުގައި ހިފާފައި ނަގައިފިން. އޭނަ މަންމަ ހުރީމަ ނުކެރުނު އެއްޗެއް ބުނާކަށް. އެކަމަކު ރޯސްގަ ހިފިން" ނިރާޝް ކިޔައިދެމުން ދިޔައެވެ. އަޒްކާ އިނީ ހީލަހީލައެވެ.

"ޝާޔާ އިޒް އަ ސްވީޓް ގާރލް. ނިރާޝް އާ ވަރަށް ގުޅޭ. ކުޅޭތަނުގަވެސް ޝާޔާ ހުންނާނީ ވަރަށް ސައިލެންޓްކޮށް... ދެން ޖަވާބެއްނުދެންތަ؟" އަޒްކާ އަހައިލިއެވެ.

"އަހަރެން ކީކޭ ބުނާނީ. ބުނިން ފަހުން ގުޅާނަމޭ ޖަވާބެއްދޭން. ދޭނަން ޖަވާބެއް. އެކަމަކު މިހާރަކުނޫން. އަދި ކުޑަ ދުވަސްކޮޅަކުން" ނިރާޝް ބުނެލިއެވެ.

"އަޒް ވިސްނަންތަ ނާހިދް ސިންގަލްވިއްޔާ ނާހިދާ ގުޅެން" ނިރާޝް އަހައިލިއެވެ.

"އަހަރެން މިހާރުވެސް ހާދަ ކެތްކުރަމޭ. އަހަރެން ނާހިދު ވަރަށް ބޭނުން. އަދިވެސް ވަރަށް ވަރަށް ލޯބިވޭ. ނާހިދް ލިބޭތޯ އިންތިޒާރުގަ އުމުރު ހޭދަކޮށްލާކަށް ނެތިން. އެކަމަކު...." އަޒްކާ ވާހަކަ މެދުކަނޑާލިއެވެ.

"އެކަމަކު ކިހިނެއްވީ؟" ނިރާޝް އަޒްކާއަށް ބަލައިލިއެވެ.

"އަހަރެންނަށް ހިއެއްނުވޭ އަދި މީހަކާއެކު ލައިފެއް ފަށައިގެން އުޅެވިދާނެހެނެއް. ނާހިދްގެ ލޯބި އަހަރެންގެ ހިތުގައި ވަނީ އަށްޓަ މަހެއްހެން ތަތްލަވާފަ" އަޒްކާ ބުނެލިއެވެ. ނިރާޝްގެ ތުންފަތް މައްޗަށް ވެރިވެގެން ދިޔައީ އިންސާނެއްގެ ހިތްފަޅައިގެންދާހާ ހިތްދަތިކަމެއް އެކުލެވިގެންވާ ހިނިތުންވުމެކެވެ. ތުންފަތްމަތީގައި ހިނިތުންވުމެއް ވިއިރު ދެލޮލުގައި ވަނީ ކަރުނައެވެ.

"އަހަރެން އެދެނީ އަޒްއަށް އެލޯބި ލިބުން. މާތްﷲ އިރާދަކުރެއްވިއްޔާ އަހަރެން ތިދެހިތް އެއް ހިތެއްގެ ގޮތުގައި ގުޅާލަދޭނަން. އެއީ އަހަރެންވާ ވަޢުދެއް" އަޒްކާގެ އަތްތިލައިގެ ތެރެއަށް އަތްތިލަ މަހައިލަމުން ނިރާޝް ބުނެލިއެވެ.

ފެންވަރައިގެން ނިކުތް އަޒްކާ ތުވާލި އިސްތަށިގަނޑުގައި އޮޅާލައިގެން އައިސް އިށީނީ ސޯފާގައި ޒިކުރު ފޮތެއް ހިފައިގެން އިން ޙައްވަގެ އުނގުތެރޭގައެވެ.

"މާމަ ބުނީމެއްނު ފެންވަރައިގެން އަންނާށޭ. އިސްތަށިގަނޑުގަ އެއްޗެއް އުނގުޅާދޭނަމޭ. އެއީ ފަރުވާއެކޭ" އަޒްކާ ބުނެލިއެވެ.

"މިއަންނަނީ ހިފައިގެން" ޙައްވަ ކޮޓަރިއަށް ވަދެފައި ނިކުތްއިރު އަތުގައި ފުޅިއެއް އޮތެވެ. އޭނާ ސޯފާގައި އިށީނދެފައި ދެފައި ދުރުކޮށްލުމަށްފަހު އެދެމެދުގައި އަޒްކާ ބޭންދިއެވެ. މަޑުމަޑުން އަޒްކާގެ އިސްތަށިގަނޑު މަސާޖްކުރަމުން ދިޔައިރު ނިތްކުރިމަތިން އަރާމު އާތްވެއްގެ އިޙުސާސްވާން ފެށުމުން އަޒްކާގެ ދެލޯ މެރެމުން ދިޔައެވެ.

"މިއަދު ހާދަ ލަހެކޭ މިވަނީ ދެމަފިރިން ބޭރަށް ގޮށްސަ. އަޞުރުންފޭބި ގޮތަށް ހިނގައްޖެ. މިހާރު ފަހެއްޖަހަނީ ވިއްޔާ" ޙައްވަ ވާހަކަދެއްކިއެވެ.

"އަޅާނުލާ. މަންމައާ ބައްޕަ އެހާ ލޯބިކޮށް އުޅޭތީ އަޅުގަނޑު ވަރަށް އުފާވޭ. މިހާރު އިނގޭ މަންމަ އާ ބައްޕަ މެރީކުރިއިރު އުޅޭނީ ކިހާ ލޯބިންކަން" އަޒްކާ ބުނެލިއެވެ.

"އާނ... އަމީ ހުންނާނީ އޭރު ވަރަށް ފުށްކޮށް. ވަރަށް ރީތިވާނެ. ދެލޯ ބޮޑުކަމުން ބައެއްފަހަރު ޙަމީދު ދިމާވެސްކުރާނެ. ދަރިފުޅު ހުންނަހެން އިސްކޮޅުން ކުރުކޮށް ހުންނާނީ. އެންމެފުރަތަމަ ފެނިލުމުންވެސް މާމަ ހާދަ ލޯތްބެއްވީމޭ އަމީދެކެ" ޙައްވަ ވާހަކަދެއްކިއެވެ.

"ދެން ނިމުނީ... ދެން ކިޔާދީބަލަ ކިއްވެތަ މަންމަ އާ ބައްޕަ ދުރުވެ އަޅުގަނޑު ގެއްލުނީ. ކީއްވެގެންތަ އަޅުގަނޑު ކުޑަކުދިންގެހިޔާގައި ބޮޑުވީ" ޙައްވަގެ އުނގުގައި ދެއަތް އަޅުވާ މޫނަށް ބަލައިލަމުން އަޒްކާ ބުނެލިއެވެ.

"އާނ އެވާހަކަދޯ. އެވަހާކައަކީ ކޮންމެހެން ދަރިފުޅަށް އިނގެންޖެހޭ ވާހަކަތަކެއް. އެހެންވީމަ ފަށަނީ އިނގޭ. މިއަންނަނީ ފެންތައްޓެއް ބޯލައިގެން" ޙައްވަ ބުނެލިއެވެ.

"މާމަ އިނދޭ މި އަންނަނީ ފެން ހިފައިގެން" އަޒްކާ ދުމެއް ޖަހާފައި ބަދިގެއަށް ދިޔައެވެ. ދެން އައީ ފެންފުޅިއަކާ ބިއްލޫރި ތައްޓެއް ހިފައިގެންނެވެ.

ފެން ބުއިމަށްފަހު އަޒްކާއަތަށް ތަށި ދެމުން ޙައްވަ ހަށީފުރާ ނޭވައެއްލިއެވެ. އޭނާ އެވާހަކަދައްކަން ހާދަ ހިތްވަރެއްކުރަން ޖެހެއެވެ. އެވާހަކައިގައި ނުބައި ރޯލެއް ކުޅެފައިވަނީ އޭނާގެ ފިރިމީހާއެވެ. ފިރިމީހާ ދުނިޔޭގައި ނެތްއިރު އޭނާއަށް ކުރެވިފައިވާ ނުބައި ކަންތައްތަކުގެ ވާހަކަދައްކަން ބޭނުންނުވިޔަސް ކޮންމެސް އެއް ސިފައެއްގައި އަޒްކާއަށް ހަގީގަތް އިނގެން އެބަޖެހެއެވެ.

(ނުނިމޭ)