ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

އާނިފާ ހުސެއިން ސިރާޖް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެގައުމުގެ ބޮޑުވަޒީރު، ޝިންޒޯ އާބޭ އާ މިއަދު ބައްދަލުކުރައްވައި ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ.

މިއަދު ޖަޕާނުގެ ބޮޑުވަޒީރުގެ އޮފީސްކޮޅުގައި ބޭއްވި މި ބައްދަލުވުމުގައި ދެ ގައުމުގެ ޒަމާންވީ ބަދަހި ގުޅުމާއި މި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. މި ބައްދަލުކުރެއްވުމުގައި ދެގައުމުން އިސްކަންދޭ ބައިނަލްއަގްވާމީ އެކި މައްސަލަތަކާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވޭތުވެދިޔަ ދިގު މާޒީގައި ޖަޕާނުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށް ޓަކައި ޖަޕާނު ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ. ޖަޕާނުން ރާއްޖެއާ މެދު ގެންގުޅުއްވާ ރަހުމަތްތެރި ގުޅުން ފާހަގަކުރައްވައި އެގުޅުން އެގޮތުގައި ކުރިމަގުގައި ވެސް ދެމި އޮންނާނެކަމަށް އުންމީދު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ކަންކަން ފަސޭހަކުރުމާއި ގުޅޭގޮތުންނާއި ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް އިތުރުކުރުމާ ގުޅޭގޮތުން ޖަޕާނުގެ ބޮޑުވަޒީރާ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޖަޕާނުގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ އިންޑިއާ ކަނޑުގެ ގައުމުތަކުގެ ތެރެއިން، ޖަޕާނަށް ވަރަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ރައީސް ސޯލިހު ޖަޕާނަށް ދަތުރުފުޅެއް ކުރެއްވީތީ އެކަމަށް ޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ވިސާގެ ކަންކަން ފަސޭހަކޮށްދިނުމުގައި މަސައްކަތް ކޮށްދެއްވާނެ ކަމަށާއި، އޭގެ އިތުރުންވެސް ރާއްޖޭގެ އުމުރާނީ ތަރައްގީއާއި މާލީ ދާއިރާ އަދި ސަލާމަތީ ދާއިރާ ފަދަ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން ކުރިމަގުގައި ވެސް ޖަޕާނުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމުގައި ބޮޑުވަޒީރު ވިދާޅުވިއެވެ.

ޖަޕާނަކީ ވޭތުވެދިޔަ ދިގު މާޒީގައި ރާއްޖެއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެކެވެ. އެގޮތުން އުމުރާނީ ތަރައްގީއާ އިޖުމާއީ އަދި އިގްތިސާދީ ދާއިރާއިންވެސް ގިނަގުނަ އެހީތަކެއް ޖަޕާނުން ރާއްޖެއަށް ވެދީފައިވެއެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާއާއި، ތައުލީމާއި، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގެ އިތުރުން މުވާސަލާތީ ދާއިރާއިން ވެސް އެތައް އެހީތަކެއް ޖަޕާނު ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެއްވާފައިވެއެވެ.

މިބައްދަލު ވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނުގެ ތަހުތަށް އެމްޕެރަރ ނަރުހީޓޯ އިސްކުރެއްވުމާ ގުޅިގެން މަރުހަބާ ވިދާޅުވެފައެވެ. ހަމަ އެހެންމެ ނިމިދިޔަ ހަފުތާގެ ތެރޭގައި ޖަޕާނުގެ ކަންޓޯ ސަރަހައްދަށް އެރި ތޫފާން "ހަގިބިސް"ގައި ގެއްލުން ލިބުނު ފަރާތްތަކަށް އެމަނިކުފާނުގެ އިހްލާސްތެރި ހެޔޮދުއާ ރައްދުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ޖަޕާނުގެ ބޮޑުވަޒީރުގެ ޒައާމަތުގައި ޖަޕާނުގެ ރައްޔިތުންނަށް ކުރިއެރުމާ ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ. އަދި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އާބޭއަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނުގެ ބޮޑުވަޒީރަށް ދައުވަތު އަރުވާފައެވެ