އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 01

އަބްދުﷲ ފާރޫގް ހަސަން

އަސްލު ލިޔުއްވީ: ނަސީމު ޙިޖާޒީ

ތަރުޖަމާ: ޢަބްދު اللّـه ފާރޫޤު ޙަސަން

ފުރަތަމަ ބާބު

حسّان بن عتبة މިހާރު އެވެދެވަޑައިގެންނެވި ފެހިކުލައިގެ ސަރަޙައްދަކީ އެތާނގެ ހިތްދަމައިގަންނަފަދަ ރީތި މަންޒަރުތައް އޭނާގެ މާޒީގެ ހުވަފެންފުޅުތަކެއްކަމުގައި ހިމެނޭ ސަރަޙައްދެކެވެ. އެއީ ބަހާރު މޫސުމެވެ. އޭނާއަށް ކުރިފުޅުމަތީންނާއި، ފަހަތްޕުޅުންނާއި ކަނާތްޕުޅު ފަރާތުން ލޯފުޅުގެ ކޮޅަށް ފެނިވަޑައިގަންނަވަނީ ފެހިކުލައިގެ ބަގީޗާތަކާއި ވަޔާ ހެލިލަހެލިލައިހުރި ގޮދަން ގަސްތަކުން ފުރިފައިވާ ދަނޑުތަކެވެ. ވާތްޕުޅުފަރާތުގައިވަނީ ފުރާތުކޯރުގެ އައްސޭރީގެ ގުދުގުދުލާފައިހުރި ވަލުހިނގާމަގުތަކާއި ގަސްބޮނޑިތަކުން އެކުލެވިފައިވާ ބޯވަލެވެ. އިރު ހުޅަނގުފަރާތުގެ ވިލާ ބޯވެފައިވާ އުޑުމަތިން ސިއްރުން ބަލަމުން ގެންދެއެވެ. ހަވީރުގެ ހިޔަނިތައް އިރުމަތީފަރާތަށް ދަތުރުކުރަނީ ވަރަށް ބާރަށެވެ. ދޫނިސޫފާސޫފި ގަސްތަކަށް ޖަމާވަމުން ދަނީއެވެ. ދަނޑުވެރިންނާއި، ގެރިބަކަރި ގެންގުޅޭ މީހުންގެ އަވަށްއަވަށުން ދުމުގެ ފަނޑުފަނޑު ރޮނގުތައް އުޑާދިމާޔަށް ދަތުރުކުރަމުންދެއެވެ. حسّان ބައެއްފަހަރުފަހަރު ކޮންމެވެސް ގަހެއް ނުވަތަ ގަސްބޮނޑިއެއްގެ ކައިރީގައި ހުއްޓިވަޑައިގެން އޭނާގެ ވަޒަނުގެ ދޫނިތައް ގޮވާއަޑު އައްސަވައިލައްވައެވެ. އޭނާގެ ވަރުބަލިފުޅުކަމުގެ އަސަރު ދައްކައިދޭ ކުލަ އޮއްސިފައިވާ މޫނުފުޅުމަތިން ލުއިލުއި ހިނިތުންވެވަޑައިގަތުމެއްގެ އަސަރު ފެނިލައެވެ. ނަމަވެސް ކުއްލިއަކަށް އޭނާގެ މޫނުފުޅަށް ހިތާމައިގެ އަސަރުވެރިވެދެއެވެ. އޭނާ ކުރިޔަށް ހިންގަވަން ފައްޓަވައެވެ. ފަންސަވީސް އަހަރުގެ މިޒުވާނާއަކީ އޭނާގެ ބާހެދުންކޮޅާއި މޫނުފުޅުމަތިން ފެންނަންހުރި ކަންބޮޑުވެވަޑައިގަތުމުގެ އަސަރުތަކާއެކުވެސް އިސްކޮޅުފުޅާއި، ބުރުސޫރަފުޅަށް ބަލާއިރު އެތަކެއްހާސް ބައެއްގެ ތެރެއިންވެސް ހޮވިގެންދާފަދަ ބޭފުޅެކެވެ. އޭނާގެ ވަރުގަދަ އަތްޕުޅުގައި އޮތް ފަލަދަނޑިބުރިވެސް ކަނޑިއަކަށްވުރެ މާނުރައްކާތެރިކަމުގައި ފެނެއެވެ. ހީވަނީ އޭނާއަކީ ކޮންމެވެސް ފެތިފައިވާ ދޯންޏެއްގެ ކެޔޮޅެއްހެންނެވެ. ނުވަތަ ހަނގުރާމައެއްގައި ބަލިވެފައިވާ ލަޝްކަރެއްގެ ކޮމާންޑަރެއް ހެންނެވެ. ނުވަތަ ސިންގާތަކެއް އައިސް އެމީހެއްގެ ބަކަރިތައް ކައިލައިފައިވާ ބަކަރި ހުއިހައްޕާ މީހެއް ހެންނެވެ.

حسّان ދަނޑުތަކަކާއި ބަގީޗާތަކެއް ހުރަސްކުރެއްވުމަށްފަހު ވަޑައިގެންނެވީ ކުޑައަވަށެއްގެ ބޭރުގައި ހުރި ކިއްލާއެއްހެން ހީވާ ގެއެއްގެ ކައިރިޔަށެވެ. އޭރު ރަތްކުލައިގެ އިރުގެ ނިތްކުރި އުދަރެހުގައި ޖެހެނީއެވެ. ބޭރުގައި ކުޑަކުދިންތަކެއް ކުޅޭން ތިއްބެވެ. حسّان އެކިފަރާތްފަރާތަށް ނަޒަރު ހިންގަވައިލެއްވުމަށްފަހު ކުރިޔަށް ވަޑައިގެން އެގޭގެ ބޭރު ދޮރޯށީގެ ދެބައިކުޅައެއްބައި ހުޅުވިފައިހުރި ދޮރުފަތުގައި ޓަކިދެއްވައިފިއެވެ. އެތެރެއިން ކުއްތާތައް ހޭރިގަތްއަޑު އިވޭންފަށައިފިއެވެ. އޭނާ އިރުކޮޅެއްވަންދެން ކަންބޮޑުވެވަޑައިގެންފައި ހުންނެވިއެވެ. އިރުކޮޅަކުން އޭނާ ތަންކޮޅެއް ބާރަށް ދޮރުގައި ޓަކިދެއްވައިފައި ބާރު އަޑުފުޅަކުން ވިދާޅުވިއެވެ.

"އެއްވެސް މީހަކު އެބައުޅޭހެއްޔެވެ؟"

ކުއްތާތައް ވަކިން ފޯރިއާއެކު ހޭރެން ފަށައިފިއެވެ. ދޮރޯށީގައި ނޯކަރަކުނެތްކަމީ އޭނާ ޙައިރާންފުޅުވި ކަމެކެވެ. އޭނާ އެތެރެއަށް ވެދެވަޑައިގަންނަވަން ގަސްދުކުރެއްވިތަނާ މުސްކުޅި ނޯކަރެއް ދޮރޯށިން ބޭރަށް ބޯދީފައި ސުވާލުކުރިއެވެ. "ތިޔައީ ކާކުހެއްޔެވެ؟"

އޭނާ ޖަވާބުދެއްވިއެވެ. "އަހަރެންގެ ނަމަކީ حسّان އެވެ. އަހަރެން މިއައީ قبــاد ގެ ފައިންޕުޅު ދެކޭށެވެ."

ނޯކަރު حسّان އާ ދިމާޔަށް ފަރުވާކުޑަގޮތަކަށް ބަލައިލުމަށްފަހު ފޫހިގޮތަކަށް ނޭފަތްމައްޗަށް އަރުވަމުން ސުވާލުކުރިއެވެ. "ކަލޭ ތިޔައުޅެނީ ކާކާ ބައްދަލުވާށޭ؟"

"އަހަރެން ބޭނުންވަނީ قبــاد ގެ ފައިންޕުޅުދެކޭށޭ ބުނެފީމެއްނޫންހެއްޔެވެ؟ އަނެއްކާ މިއީ އޭނާގެ ގެއެއް ނޫންހެއްޔެވެ؟"

ނޯކަރު ރުޅިއައިސްފައި ބުންޏެވެ. "މިގެ ވަރަށް ދުރަށް ފެންނާނެއެވެ. ނަމަވެސް ބޭނުމެއް ޖެހިގެން އަންނަ ކޮންމެ މީހަކާ ބަޣަލްގީރު ކުރައްވަން ގޭގެ ވެރިޔާ ދޮރޯށިދޮށުގައި ހުންނެވުމެއް ލާޒިމެއް ނޫނެވެ. އޭނާގެ ފައިންޕުޅު ނުފެނި ކަލޭގެ ބޭނުން ފުދޭނެގޮތެއް ނޯންނާނެ ހެއްޔެވެ؟"

حسّان ވަރަށް އުނދަގޫފުޅުން ކޯފާމަތަކުރައްވަމުން ވިދާޅުވިއެވެ. "ބޭނުންތަކުގައި އަންނަމީހުން ދޮރާއްޓާ ދުރުގައި ބައިތިއްބަން ކަލޭގެ ކުއްތާތައް ފުދޭނެއެވެ. އަހަރެން މިއައީ ވަރަށް ދުރުންނެވެ. މިއަދުވެސް އަހަރެން ދެމަންޒިލް ކަޑައްތުކުރީމެވެ. އަދިވެސް އަހަރެން އެތައް ކޯހަކަށް ދާންޖެހެއެވެ. ކަލޭގެ ސާހިބާ މިވަގުތު އެއްވެސްމީހަކާ ބައްދަލުކުރައްވަން ބޭނުންފުޅު ނޫންނަމަ ޒަރުބަޚްތަށް ދަންނަވާށެވެ!"

ޒަރުބަޚުތު ގެއަކު ނުއުޅުއްވައެވެ."

حسّان ވިދާޅުވިއެވެ. "ކަލޭ ތިޔަ އަހަރެންގެ ވަގުތު ނަގައިލަނީއެވެ. ކަލޭގެ ސާހިބާގެ އަރިހަށް ދާށެވެ. އަހަރެން ވަރަށް މުހިންމު ޚަބަރަކާއިގެން އައިސްހުރި ވާހަކަ ދަންނަވާށެވެ."

حسّان ބައްލަވައިލެއްވި ބައްލަވައިލެއްވުން ނޯކަރަކު ބިރުގަންނަވަން ފުދޭވަރުވެއެވެ. ނޯކަރަށް އޭނާއަށް ބޭރުމީހެއްގެ ހެދުމުގެ ސަބަބުން ކެއްސެއްލިބިއްޖެކަން ފުރަތަމަ ފަހަރަށް އިޙްސާސްވެއްޖެއެވެ. އޭނާ ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް حسّان ހުންނެވި މޫޑު ފެނިފައި އޭނާއަށް އަނގައިން ބުނާކަށެއް ނުކެރުނެވެ.

ކުއްލިއަކަށް ދޮރާށީގެ އެތެރެއިން ކޮންމެވެސް އަންހެންކުއްޖެއްގެ އަޑު އިވިއްޖެއެވެ. "ކާއޫސެވެ! ކަލޭ މިތާނގައި ތިޔަކުރަނީ ކީއްހެއްޔެވެ؟ ކުއްތާތައް ހަޅޭއްލަވަނީ ކީއްވެގެން ހެއްޔެވެ؟"

ނޯކަރު އެނބުރިލައިފައި ޖަވާބު ދިނެވެ. "ދަތުރުވެރިޔަކު ސާހިބު މަނިކުފާނުގެ ފައިންޕުޅު ދެކެންވެގެން ގަދަހަދަނީއެވެ."

"އިރުއޮއްސުމަށްފަހު ބައްޕާފުޅުގެ ގެއިން ބޭރަށް ނުކުމެވަޑައިނުގަންނަވާނެކަން ކަލެޔަށް އެނގޭނެއެވެ."

"އާދޭހެވެ. އަޅުގަނޑު އޭނާއަށް މިވިސްނައިދެނީއެވެ. ނަމަވެސް ...."

"ބަޙުޘްކުރުމުގެ ބަދަލުގައި ދޮރޯށި ލައްޕައިނުލީ ކީއްވެގެން ހެއްޔެވެ؟"

"ނޯކަރު ފަހަތަށް ޖެހިލިއެވެ. ނަމަވެސް حسّان އޭނާއަށް ދޮރޯށި ބަންދުކުރާނެ ފުރުޞަތެއް ނުދެއްވިއެވެ. حسّان އަވަސްއަވަހަށް އެތެރެއަށް ވެދެވަޑައިގެންފިއެވެ. އޭނާ ޒުވާން އަންހެންކުއްޖާއާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "މަޢާފް ކުރައްވާށެވެ! އަޅުގަނޑަށް ވަރަށް ލަސްވެއެވެ. ކަލާގެ ނަންފުޅަކީ ماه بانو ކަމުގައިވާނަމަ އަޅުގަނޑު ކަލާގެ ބައްޕާފުޅުގެ ފައިންޕުޅު ދެކެން ބޭނުމެވެ."

ބޭރުމީހާގެ އަނގައިން އޭނާގެ ނަންފުޅު އިވުމުން އެއަންހެންކުއްޖާގެ ރީތި މޫނުމަތިން ރަތްދޮންކުލައިގެ ރާޅުތަކެއް ދުއްވައިގަތެވެ. އޭނާ ހިސާބަކަށް މަޑުކޮށްލައިފައި ޖަވާބުދިނެވެ.

"ދަތުރުވެރިޔަކަށް އޭނާ މިގޭގެ މީހުންގެ ނަންތައްވެސް ދަންނަކަން ސާބިތުކޮށްދޭން އުޅޭކަށް ބޭނުމެއް ނޫނެވެ. ކަލޭ އިށީންނާށެވެ. ކުޑައިރުކޮޅަކުން ކާން ލިބިދާނެއެވެ. ކާއޫސެވެ! އޭނާ މުސާފިރުޚާނާއަށް ގެންދާށެވެ!"

އޭނާ އެނބުރިލައިފައި ސަތޭކަވަރަކަށް ފިޔަވަޅު ދުރުގައިހުރި ރީތި ޢިމާރާތަކާ ދިމާޔަށް ހިނގައިގެންފިއެވެ. ކާއޫސް ރުޅިއައިސް ރަތްވެގެން حسّان އާ ދިމާއަށް ބަލައިލިއެވެ. އޭނާ ބުންޏެވެ. "ކަލެޔަކީ ދުނިޔެއިން މޮޔަވެފައިހުރި މީހެއްކަމުގައި ނުވިޔަސް ހަމަހޭޖެހޭ މީހެއް ނޫންކަން ކަށަވަރެވެ. މިތާނގައި އެހެން ނޯކަރަކު ނެތްކަމީ ކަލޭގެ ހެޔޮނަސީބެވެ. އެހެންނޫންނަމަ ތިޔަ ޖެހިލުން ކުޑަކަމަށް ވަރަށްބޮޑު އަގެއް ދޭނަމެވެ."

ނަމަވެސް حسّان ކާއޫސަށް ސަމާލުކަމެއް ނުދެއްވައި ވަރަށް ބާރަށް ކުރިޔަށް ވަޑައިގެން ވިދާޅުވިއެވެ. "މަޑުކުރައްވަ ބައްލަވާށެވެ."

އަންހެންކުއްޖާ ހުއްޓިއްޖެއެވެ. އޭނާ އެނބުރި ބަލައިލިއެވެ. ތަންކޮޅެއް ދުރުގައި ބޮޑުސިންގާ ދެކުއްތާ ބަނދެފައި އޮތެވެ. އެސޮރުމެން ވަކިން ބޮޑަށް ރުޅިވެރިކަން ފާޅުކުރަން ފަށައިފިއެވެ. ކާއޫސް ދުވެފައިގޮސް حسّان ގެ މުލައްދަނޑިފުޅުގައި ހިފަހައްޓަން އުޅުނެވެ. ނަމަވެސް حسّان އޭނާގެ އަތްޕުޅު ފޮޅުއްވައިލައްވައިފިއެވެ. އަންހެންކުއްޖާގެ ޙައިރާންކަން ރުޅިވެރިކަމަށް ބަދަލުވާން ފަށައިފިއެވެ.

حسّان ވިދާޅުވިއެވެ. "މަޢާފް ކުރައްވާށެވެ. އަޅުގަނޑަކީ ދަތުރުވެރިއެއްކަން ޔަޤީނެވެ. ނަމަވެސް ސަލާމްޖަހާ މީހެއް ނޫނީމެވެ. އަޅުގަނޑު މިގެއަށް މިއައީ ޖިހާންދާދުގެ އަރިހުގައި އަޅުގަނޑު ވެފައިވާ ވަޢުދެއް ފުއްދާންވެގެންނެވެ. މިގޭގެ ނޯކަރުންނާއި ސާހިބުން ކޮންމެ ދަތުރުވެރިޔަކާމެދު ސަލާންޖަހާ މީހެކޭ ހީކުރައްވާނޭ ކަމަކަށް އަޅުގަނޑު އުއްމީދެއް ނުކުރަމެވެ."

އަންހެންކުއްޖާގެ ހުރިހާ ޙިއްސުތަކެއް އޭނާގެ ރީތި ދެލޮލުގެ ތެރެއަށް ޖަމާވިކަހަލައެވެ. އެކުއްޖާއަށް ކުއްލިޔަކަށް އިޙްސާސް ކުރެވުނީ މިބީރައްޓެހިމީހާ ހަމައެކަނި ހެދުން ބަދަލުކޮށްލުމުން ސަލާންޖަހާމީހުންގެ ސަފުންނެރެ ޢިއްޒަތްތެރިންގެ ސަފަށް ގެނެވިދާނެކަމެވެ. އެކުއްޖާ ތުރުތުރުއަޅާ އަޑަކުން ސުވާލުކުރިއެވެ. "ޖިހާންދާދު ވަޑައިގެންވީ ކޮންތާކުތޯއެވެ؟ އޭނާ ގެއަށް ވަޑައިނުގެންނެވީ ކީއްވެގެންތޯއެވެ؟ ކަލާއާ ޖިހާންދާދާ ބައްދަލުވެވަޑައިގަތީ ކޮންތަނަކުންތޯއެވެ؟ ކަލާ ޖަވާބެއް ނުދެއްވައި ތިޔަހުންނެވީ ކީއްވެގެންތޯއެވެ؟ އަޅުގަނޑަކީ ماه بانو އެވެ. އަޅުގަނޑަކީ އޭނާގެ ކޮއްކޮއެވެ. ހެނދުނާ ހަވީރު އަޅުގަނޑު މިހުންނަނީ އޭނާ ވަޑައިގަންނަވާތޯ މަގުބަލަބަލައެވެ. ކަލާއާމެދު ނޯކަރުގެ ފަރާތުން އެއްވެސްކަހަލަ ބޭއަދަބީކަމެއް ވެވިފައި އޮތްކަމުގައިވާނަމަ އަޅުގަނޑު އެކަމަކާމެދު މާފުއެދެމެވެ."

(ނުނިމޭ)