ބޮލީވުޑް

ރަންވީރު ދީޕިކާގެ ކައިރިން ވަގުތު މެނޭޖްކުރަން ދަސްކުރަނީ

ބަތަލު ރަންވީރު ސިންގަކީ އޭނާގެ އަނބިމީހާ، ބަތަލާ ދީޕިކާ ޕަޑުކޯން އަށް އަބަދުހެން ތައުރީފު ކުރާ ތަރިއެކެވެ. ރަންވީރު ދީޕިކާއަށް ދޭ ގަދަރާއި އިހުތިރާމަކީ ގިނަ ފޭނުން ރަންވީރުދެކެ އިތުރަށް ލޯބިވާ އެއް ސަބަބެވެ.

މީގެ ކުރިން ރަންވީރު ވަނީ އަނބިމީހާ ދީޕިކާގެ "ފުޓްސްޓެޕްސް" ފޮލޯ ކުރަން މަސައްކަތް ކުރާ ކަމަށް ބުނެފައެވެ. މިފަހަރު މިއޮތީ އަނެއްކާވެސް ލޯބި އެއްޗެއް ރަންވީރު ބުނެފައެވެ.

މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ރަންވީރު ބުނީ ދީޕިކާ ކައިރިން ވަގުތު މެނޭޖްކުރަން ދަސްކުރަމުން އަންނަ ކަމަށެވެ. ރަންވީރު ބުނީ ދީޕިކާ އަކީ ވަގުތަށް ފަރުވާތެރި އަދި ކަންކަން އަބަދުވެސް ގަޑިން ގަޑިއަށް ކުރާ ތަރިއެއް ކަމަށާއި ޕާސަނަލް އަދި ޕްރޮފެޝަނަލް ދިރިއުޅުން ބެލެންސް ކުރަން ދީޕިކާ ނިކަން ކުޅަނދާނަ ކަމަށެވެ.

"މިހާރަކަށް އައިސް، މިހާ ބިޒީ ކޮށް ކެރިއަރަށް މަސައްކަތް ކުރަމުން އަންނަ އިރު، އަމިއްލަ ކަންކަމަށް ވަގުތު ހުސްކުރުން ވަނީ ލަގްޒަރީއަކަށް ވެފަ. މީހަކު ބްލޭމް ކުރަނީކީ ނޫން. މިކުރާ މަސައްކަތް ކުރަނީ ވަރަށް ކުރާހިތުން އަދި ލޯބިން. ނަމަވެސް ބެލެންސް ކުރަން ދަސްކުރެވޭތޯ މި މަސައްކަތް ކުރަނީ. ރަނގަޅަށް ވަގުތަށް ކަންކަން ކޮށް ވަގުތު މެނޭޖްކުރަން ދަސް މިކުރަނީ އަހަރެންގެ ރީތި އަންހެނުންގެ ފަރާތުން. އޭނާ އަކީ މިކަމުގައި މާހިރެއް." ރަންވީރު ބުންޏެވެ. މީގެ އިތުރުން ދީޕިކާ ކައިރިން މިހާރު ޓިޕްސް ލިބޭ ކަމަށާއި ވަގުތަށް ކަމޭހިތުމަށް މޮޅުވާން ފަށައިފި ކަމަށްވެސް ރަންވީރު ބުންޏެވެ.

ކައިވެންޏަށްފަހު ދީޕިކާ އަދި ރަންވީރު އެކުގައި އެންމެ އަވަހަށް ފެނިގެން ދާނީ ކަބީރު ޚާންގެ ފިލްމު 83 އިންނެވެ.