އަމީނިއްޔާ ސްކޫލް

އަމީނިއްޔާ ސްކޫލްގެ ޑައިމަންޑް ޖުބްލީ ޕްރޭޑް ބާއްވައިފި

މަރިޔަމް ޝަހުދާ

އަމީނިއްޔާ ސްކޫލްގެ ޑައިމަންޑް ޖުބްލީ ޕްރޭޑް ބާއްވައިފި އެވެ.

ހުޅުމާލޭގައި އިއްޔެ މި ޕެރޭޑު ބާއްވާފައިވަނީ އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބާގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ސްކޫލްގެ އިސް ދަރިވަރުންނާއި މިހާރުގެ ދަރިވަރުން އަދި ސްކޫލްގެ މުވައްޒަފުން ހިމެނޭ ގޮތަށެވެ. އެގޮތުން މި ޕެރޭޑުގައި ސްކޫލްގެ އެކި ދަރިވަރުންނާއި އިސްދަރިވަރުން ގުޅިގެން ވަނީ ތަފާތު އެކި ހަރަކާތްތައް ދައްކާލާފައެވެ.

މި ޕެރޭޑް ފަށާފައި ވަނީ ސްކޫލްގެ ކުރީގެ ކެޕްޓަނުންނާއި، އެ ސްކޫލަށް ރީތި ނަން ހޯދައިދިން ދަރިވަރުން އެ ސްކޫލްގެ ނަމުގައި ހިމެނޭ އަކުރުތައް ހިފައިގެންނެވެ. ޕްރޭޑުގެ އެހެން ބައިވެރިން އައިސްފައިވަނީ އަމީނިއްޔާގެ ނަމުގައި ހިމެނޭ އަކުރުތައް ހިފަހައްޓައިގެން ތިބި މީހުންގެ ފަހަތުންނެވެ.

އިއްޔެ ހަވީރު ހަތަރެއް ޖެހި އިރު ހުޅުމާލޭގެ ރެހެންދި ސްކޫލުން ފެށި މި ޕެރޭޑު ނިންމާލާފައިވަނީ ސެންޓްރަލް ޕާކަށެވެ. އެގޮތުން ޕެރޭޑު ނިންމާލުމުގެ ގޮތުން ސެންޓްރަލް ޕާކުގައި އެ ސްކޫލްގެ އެކި ދަރިވަރުން ވަނީ އެކި ހަރަކާތްތައް ދައްކާލާފައެވެ. އޭގެ ތެރޭގައި އަމީނިއްޔާ ސްކޫލްގެ ކުރީގެ ކެޑޭޓުގެ ދަރިވަރުންނާއި ކުރީގެ ބޭންޑްގެ ދަރިވަރުންގެ ހަރަކާތްތައް ފާހަގަ ކޮށްލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ މި ޕެރޭޑު ބައްލަވާލައްވާފައެވެ. އަދި ސެންޓްރަލް ޕާކަށް ޕެރޭޑު ނިންމާލި އިރު ނައިބު ރައީސް ވަނީ ޕެރޭޑުގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަ ދައްކަވާފައެވެ.

އަމީނިއްޔާ ސްކޫލްއަށް 75 އަހަރު ފުރޭނީ އަންނަ ނޮވެމްބަރު މަހު 28 ވަނަ ދުވަހުއެވެ. އެގޮތުން މިއަހަރު ފެށުނީއްސުރެ އެ ސްކޫލުން އަންނަނީ އެސްކޫލްގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެކި ހަރަކާތްތައް ހިންގަމުންނެވެ.