ކޮލަމް

ކެޔޮނިރު ކޮލަމް: ޤައުމަށް ބޯމަތިވަމުން އަންނަ ކަޅު ވިލާގަނޑުން ސަލާމަތްވުން

މުހައްމަދު ބުޝްރީ

1

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިއާ، އަދި މިހާރު ޖަމީއަތުއް ސަލަފުގެ އިސް ފަރާތެއް ކަމުގައިވާ އަލީ ރަމީޒު ހޮނިހިރު ދުވަހު ހެނދުނު ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ: "ނަގަމުންދާ ވިލާގަނޑު ނުރައްކާހެން ހީވަނީ."

ކީރިތި ރަސޫލް (ސ.އ.ވ) އަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމްކޮރެސީ ނެޓްވޯރކް (އެމް.ޑީ.އެން) ނަމަކަށް ކިޔާ ދިވެހި ޖަމިއްޔާ އަކުން ނެރުނު ރިޕޯޓާ ގުޅިގެން، އެ ޖަމިއްޔާ އުވާލުމަށާއި، އެރިޕޯރޓް ލިޔުމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ދިވެހިރާއްޖޭގެ އެތައް ކައުންސިލްތަކަކުންނާއި، އެތަކެއް އިލްމުވެރީންނާއި، އެތައް ރައްޔިތުންނެއް އަންނަނީ ކެނޑިނޭޅި ދިވެހި ސަރުކާރަށް ގޮވާލަމުންނެވެ. ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށާއި، ޖަމިއްޔާ ތަކުގެ ބެލެނިވެރި ވުޒާރާގެ ވަޒީރު، އަހްމަދު މަހުލޫފަށާއި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ނިސްބަތްކޮށް އެތައް ބަޔަކު މިގޮތަށް ގޮވާލަމުން އަންނަތާ މަހެއްހާ ދުވަސް ވެފައިވާއިރު އެމް.ޑީ.އެން ވަގުތީގޮތުން ސަސްޕެންޑް ކުރުން ފިޔަވައި އެޖަމިއްޔާއާ މެދު ސަރުކާރުން މިހާތަނަށް އެއްވެސް ފިޔަވަޅެއް ނާޅައެވެ.

މިނިސްޓަރ މަހްލޫފު ވިދާޅުވީ މިވަގުތަށް އަޅަންޖެހޭ ފިޔަވަޅު އަޅައިފި ކަމަށާއި އިތުރު ފިޔަވަޅެއް އަޅަން ޖެހޭނަމަ އަޅާނީ ފުލުހުންގެ ތަހުޤީގަށް ފަހު ކަމަށެވެ. ނަމަވެސް އެމް.ޑީ.އެން ގެ އެއްވެސް މަސްއޫލުވެރިޔަކު މިހާތަނަށް ފުލުހަށް ހާޒިރުކޮށް ސުވާލެއް ކުރިކަމަކަށް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އެމް.ޑީ.އެން ގެ މަސްއޫލު އެއް ފަރާތް ކަމުގައިވާ، ހ.ބޯގަންވިލާ ޝަހިންދާ އިސްމާއިލް ރާއްޖޭން ބޭރުގައި ހުރެ އެ ރިޕޯރޓް ދިފާއުކޮށް ތަކުރާރު ކޮށް ލިޔުންތައް ލިޔަމުންދާއިރު ފުލުހުން އޭނާއާ ސުވާލު ކުރަން އެއްވެސް މަސައްކަތެއް މިހާތަނަށް ކުރިކަމެއް އެނގޭކަށް ނެތެވެ.

މިހާރު ފުރަމާނަ ދަތުރުފުޅެއްގައި ޖަޕާނަށް ވަޑައިގެންފައިވާ ރައީސް ސޯލިހު މީގެ ދެހަފުތާ ދުވަސް ކުރީން ވިދާޅުވެފައިވަނީ ރަސޫލް (ސ.އ.ވ) އަށާއި އިސްލާމް ދީނަށް އެއްވެސް ފުރައްސާރައެއް ކުރުމުގެ ފުރުސަތެއް ރާއްޖޭގައި ނުދެއްވާނެ ކަމަށެވެ. އަދި ތަހުޤީގަށް ފަހު އެމް.ޑީ.އެން އާ މެދު އަޅަން ޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ. ނަމަވެސް އެމް.ޑީ.އެން ގެ ޗެއާރމަނަކަށް ވަރަށް ފަހަކާ ޖެހެންދެންވެސް ހުރި ނޫޝާން ވަހީދަކީ އަދިވެސް ރައީސް އޮފީހުގެ ޓެރަރިޒަމްއާ ބެހޭ ކޮންސަލްޓެންޓެވެ. އޭނާ އަދިވެސް ހުރީ އެވަޒީފާގައެވެ. އަދި އެމް.ޑީ.އެން ގެ ރިޕޯރޓް ތަހްޤީގު ކުރަމުން އަންނަ ކަމަށް ސަރުކާރުންނާއި ފުލުހުން، ހަމައެކަނި ބަޔާނަކުން ބުނުން ފިޔަވައި އެއްވެސް ތަހުޤީގެއް ކުރާކަމުގެ ނިޝާނެއް ނުވަތަ މައުލޫމާތެއް މިހާތަނަށް މީޑިއާއަށް ލިބިފައި ނެތެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ފުރުސަތު ރާއްޖޭގައި އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނި ކަމުގައި ވިއަސް، ސޯޝަލް މީޑިއާގައި، ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެމް.ޑީ.އެން އަށް ތާއިދުކޮށް، ދީނަށް ބަދުބަސް ބުނާ ދިވެހީން ވަރަށް ގިނައެވެ. އެފަދަ ފަރާތަތަކާމެދު މާ ބޮޑު ފިޔަވަޅެއް އެޅޭތަން މިހާތަނަށް ފެނިފައެއް ނެތެވެ.

އެމް.ޑީ.އެން އުވާލުމަށާއި، ރިޕޯރޓް ލިޔުނު ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިދިޔަ ހުކުރު ދުވަހު ވެސް މުޒާހަރާ ކުރިއެވެ. އަދި ރާއްޖޭގެ ގިނަ ދީނީ އިލްމުވެރީންތަކެއް މިމައްސަލާގައި މިހާތަނަށް ދެބައްދަލުވުމެއް ބާއްވައި، އެމް.ޑީ.އެން އާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައި ބަޔާން ނެރެފައި ވެއެވެ. "ބޭން.އެމް.ޑީ.އެން" ގެ ހޭޝް ޓެގަކީ މިވަގުތު ރާއްޖޭގެ ސޯޝަލް މީޑިއާގައި އެންމެ ހިނގާ ހޭޝްޓެގަށް ވެފައިވާއިރު، އަދި ރައްޔިތުންގެ ވަރަށް ގިނަ ބަޔަކާއި އެތަކެއް އިލްމުވެރިން މިކަމަށް ގޮވަމުން އަންނަ އިރު، ސަރުކާރުން ފެންނަނީ މިކަމުގައި ވަރަށް ބަރުހެލި ކަމާއެކު ކުރިއަށް ދާތަނެވެ.

ފިޔަވަޅެއް އެޅޭތަން އަދި ނުފެންނަތާގައި، މިހާރު ފެންނަމުން ދަނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމު ނަގާފައި ދެން މިޤައުމުގައި އެންމެ މަތީ މަޤާމް ކަމުގައިވާ ރައްޔިތުންގެ މަޖުލިހުގެ ރައީސްގެ މަޤާމްގައި ހުންނެވި މުހައްމަދު ނަޝީދު އެމް.ޑީ.އެން ގެ ރިޕޯރޓް ދިފާއު ކުރައްވައި ވާހަކަ ދައްކަވާ ތަނެވެ. އެރިޕޯރޓްގެ މަގްސަދަކީ ދީނަށް ފުރައްސާރަ ކުރުން ނޫން ކަމަށާއި، އެއީ ހުޅަނގުގެ ޤައުމުތަކުން ކިޔަވައިގެން އައި ދިވެހީންތަކެއް، ދީނާގުޅުންހުރި ވާހަކަތަކެއް ލިޔަން އުޅުމުން ބަހުގެ އޮޅުން އެރުމަކުން ލިޔެވިފައިވާ ގޮތެއްކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ. އަދި އެމް.ޑީ.އެން އުވާލުމަކީ ހައްލެއް ނޫންކަމަށް ވިދާޅުވެ، ނަޝީދުވަނީ އެ ޖަމިއްޔާ އުވާނުލުމަށްވެސް ބާރުއަޅުއްވާފައެވެ. އަދި ނަޝީދުގެ ރައީސް ކަމުގެ ދަށުން ހިންގާ އެމް.ޑީ.ޕީ އިން މި ރިޕޯރޓް ދިފާއުކޮށް ބަޔާނެއް ވެސް ވަނީ ނެރެފައެވެ.

ނަޝީދުގެ މިއަމަލުތަކުގެ ސަބަބުން ބައެއް ރައްޔިތުން ނަޝީދާއި އެމް.ޑީ.ޕީ އަށް ނިސްބަތްކޮށް "ލާދީނީ" އޭ ކިޔަން ފެށުމުން ރައީސް ނަޝީދު ވަނީ އެކަމަށް ވެސް ވަރަށް ފިނި ޖަވާބެއް ދެއްވާފައެވެ. ތިމަންނާ އަކީ ބަޔަކު "ޓެގެއް" އެޅުވުމުން އެ ޓެގުން ނެއްޓެން ބޭނުންވާ ފަރާތެއް ނޫންކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ލާދީނީގެ މާނައަކީ އިސްލާމް ދީނާ ދެކޮޅުވުމެއް ނޫން ކަމަށާއި، ލާދީނީގެ މާނައަކީ "ސެކިއުލަރ" ކަމަށް ނަޝީދު ވިދާޅުވިއެވެ. ސެކިއުލަރިސަމްގެ މާނައަކީ ދީނާއި ދައުލަތް ވަކިކޮށް، ވަކި އެއްވެސް ދީނެއްގެ ބާރު ނުހިނގާގޮތަށް ދައުލަތް ހިންގުމުގެ ނިޒާމެވެ. ނަޝީދުގެ ވާހަކައިގައި ވަނީ ސެކިއުލަރގެ މިމާނައަށް ބަލާއިރު ނަޝީދާއި އެމް.ޑީ.ޕީގެ ނަޝީދުގެ ގާތް ބައެއް ބޭފުޅުންނަކީ ސެކިއުލަރިޒަމްގެ އުސޫލު ޤަބޫލުކުރާ ބައެއްކަމަށް އަމިއްލައަށް އިއުތިރާފްވެފައެވެ. އެހެންކަމުން ލާދީނީގެ މާނައަކީ ސެކިއުލަރ ކަމަށާއި، އެއުސޫލުން ބަލާއިރު ނަޝީދާއި އެމަނިކުފާނުގެ ގާތް ބައެއް ބޭފުޅުންނަކީ "ލާދީނީ" ބައެއްކަމަށް ބުންޏަސް މައްސަލައެއް ނެތް ކަމަށް ދޭހަވާގޮތަށް ނަޝީދު ވާހަކަދެއްކެވިއެވެ.

އެމް.ޑީ.ޕީ ގެ އެތައް ސަޕޯރޓަރުންނާއި، ރާއްޖޭން ބޭރުގައި ތިބި، ދީނަށް ފުރައްސާރަކުރާ މުޖޫނައީމް ފަދަ ދިވެހީން ވަނީ ނަޝީދުގެ މިވާހަކަތަކުން ހިތްވަރު ލިބި، މާތްﷲ އަށާއި، އިސްލާމް ދީނަށާއި، ކީރިތި ރަސޫލް (ސ.އ.ވ) އަށް، ސީދާ ގޮތުންނާއި ނުސީދާކޮށް ފުރައްސާރަ ކުރުން އިތުރު ކޮށްފައެވެ. މި އޮކްޓޯބަރު މަހު ފަހުކޮޅު އެމް.ޑީ.ޕީ ގެ ރައީސްކަމުގެ އާދައުރަކަށް ކުރިމަތި ލައްވާފައިވާ މުހައްމަދު ނަޝީދު އިތުރު ދައުރަކަށް ހޮވުމަކީ ރާއްޖޭގެ ދައުލަތާއި ދީން ވަކިކޮށް، ސެކިއުލަރ ދައުލަތެއް މި ޤައުމުގައި އުފެއްދުމަށް، ނަޝީދު އިސްވެ ހުންނަވައިގެން މަސައްކަތް ކުރެއްވުމުގެ ފެށުން ކަމުގައި ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަލީ ރަމީޒު އެ އިޝާރާތް ކުރާ "ވިލާގަނޑަކީ" އެއީ ކަމަށް ވެދާނެއެވެ.

މިފަދަ "ވިލާގަނޑެއް" ގެ ތޫފަން އައިސް ދިވެހީންނާ ލައި ނުގަންނަނީސް މިފަދަ ކަމަކުން ޤައުމު ސަލާމަތްކޮށްދެއްވުމުގައި ހިކުމަތު އަމަލީ ބޭނުންކުރެއްވުމަކީ ރައިސް ސޯލިހަށް މިވަގުތު ޤައުމަށް ކޮށްދެއްވޭނެ އެންމެ ބޮޑު ޙިދުމަތެވެ. ސަރުކާރުން ގެނެސްދީފާނެ ތަރައްޤީއަކާއި ކުރިއެރުމަކަށް ވުރެވެސް މިވަގުތު މިޤައުމަށް މުހިއްމީ މި ފިތުނައިގެ ވިލާގަނޑުން އަރައިގަތުމެވެ. ޤައުމު ސެކިއުލަރ ކުރަން އެތެރެއިންނާއި ބޭރުން ކުރެވެމުން އަންނަ މަސައްކަތްތައް ހުއްޓުވައި، އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ މިޤައުމުގައި އެއްވެސް މިންވަރަކަށް ބަލައި ނުގަނެވޭނެ، "ޒީރޯ ޓޮލެރެންސް" ގެ ކަމަކަށް ހެދުމެވެ. އެފަދަ ފިޔަވަޅެއް އެޅޭތަނެއް އަދި ނުފެނެއެވެ. ރައްޔިތުން ތިބީ އެފަދަ ބަދަލަކަށް އެދި، އެބަދަލުގެ ފިޔަވަޅުތައް އަޅާނެ ވަގުތަކަށް ކެތްމަދުވެފައެވެ. "ވިލާގަނޑު" އައިސް ބޯމަތި ނުވަނީސް ފިޔަވަޅު އަޅުއްވާށެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ!