ޚަބަރު

ޖަޕާނުގެ އާ އެމްޕަރާ ތަހުތަށް އިސްކުރުމުގެ ރަސްމިއްޔާތަށް ރައީސްގެ ދެ ކަނބަލުން ޖަޕާނަށް

އައު އެންޕެރާ، ތަހުތަށް އިސްކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު ރޭ ޖަޕާނަށް ފުރާވަޑައިގެންފިއެވެ.

މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ޖަޕާނަށް ކުރައްވާ މި ދަތުރުފުޅުގައި ޖަޕާނުގެ އައު އެންޕެރާ ތަހުތަށް އިސްކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރުން ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ.

ރައީސް އޮފީހުން ބުނީ، ޖަޕާނަކީ އދ. އާއި ބައިނަލްއަގުވާމީ މުޖުތަމައުގެ މުހިންމު ބައިވެރިއަކަށްވުމުން ބައިނަލްއަގްވާމީ އެކިއެކި މައިދާނުގައި ޖަޕާނުގެ އެހީތެރިކަން ރާއްޖެއަށް ލިބުމުގެ އިތުރުން ރާއްޖެއާއި ޖަޕާނަކީ ބައިނަލްއަގުވާމީ އެކިއެކި ކަންކަމުގައި ގުޅިގެން މަސައްކަތްކުރަމުން އަންނަ ރަހުމަތްތެރި ދެ ގައުމު ކަމަށެވެ.

ޖަޕާނާއި ރާއްޖެއާ ދެމެދު 14 ނޮވެންބަރު 1967 ގައި ސިޔާސީ ގުޅުން ގާއިމުކުރިފަހުން ވޭތުވެދިޔަ ބައިގަރުނަށްވުރެ ގިނަ އަހަރުވީ މިގުޅުމުގައި ދެގައުމުން ވަނީ އެކިއެކި ރޮނގުތަކުން މި ގުޅުން އިތުރަށް ބަދަހި ކޮށްފައެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މާޒީގައި ޖަޕާނުން ރާއްޖެއަށް ވަނީ ގިނަގުނަ އެހީތައް ފޯރުކޮށްދީފައެވެ. ރާއްޖެ ހޯދާފައި ތަރައްގީގެ ގިނަ ކުރިއެރުން ތަކުގައި ޖަޕާނުގެ ހިއްސާ ވަރަށް ބޮޑެވެ.

އަދި ޖަޕާނަކީ ތަފާތު އެކި ރޮނގުތަކުން ރާއްޖެއަށް ބޮޑެތި އެހީތައް ފޯރުކޮށްދީފައިވާ ރާއްޖޭގެ އުމްރާނީ، އިޖުތިމާއީ އަދި އިންސާނީ ވަސީލަތްތަކުގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށް ބުނެފައިވެއެވެ.

އެގޮތުން 1980 އިން ފެށިގެން ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަމަށް ބަލާއިރު، ސަރުކާރުގެ ކާނާގެ އެހީގެ ޕްރޮގްރާމުގެ ދަށުން ޖަޕާނުގެ ދީލަތި އެހީތެރިކަން ލިބެމުން ގޮސްފައިވެއެވެ. ރާއްޖޭގެ މަސްވެރިކަމަށް އިންގިލާބީ ކުރިއެރުމެއް އައިސްފައިވާ އެއް ކަމަކީ މަސްދޯނިފަހަރުގައި އިންޖީނު އެޅުންކަމަށްވާއިރު އެކަމަށް ވެސް ޖަޕާނު ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދި ތައުލީމީ ދާއިރާއަށް ބަލާއިރު، މާލެއާއި ރާއްޖޭގެ އެކިއަތޮޅު ތަކުގައި ޖަޕާނު ސަރުކާރުގެ އެހީގައި ސްކޫލުތައް ބިނާކޮށްފައިވެއެވެ. މުވާސަލާތީ ދާއިރާއިން އެކި އަހަރުތަކުގެ މަތިން ގިނަ އެހީތަކެއް ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދީފައިވާއިރު، އޭގެތެރޭގައި ޓީވީ މޯލްޑިވްސް އުފެދި ކުރިއެރުމުގައި ޖަޕާނު ސަރުކާރުން ލިބުނު އެހީތެރިކަން ރައީސް އޮފީހުން ފާހަގަކުރެއެވެ.

މާލެއާއި އަތޮޅުތަކުގައި ބަނދަރު ތަރައްގީކުރުމުގާއި ކަނޑުތޮށި ލުމުގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާއިރު، އޭގެތެރޭގައި މާލޭގެ ހިމާޔަތަށް މާލެ ވަށައިގެން ލާފައިވާ ކަނޑުތޮށްޓަކީ މީގެތެރެއިން ފާހަގަކޮށްލެވޭ ޖަޕާނުގެ ދީލަތި އެހީއެކެވެ. އަދި ރާއްޖޭގެ ރަށްރަށަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި ވެސް ޖަޕާނުން ވަނީ ރާއްޖެއަށް އެތަކެއް އެހީތަކެއް ފޯރުކޮށްދީފައެވެ.

ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވެސް ޖަޕާނުން ރާއްޖެއަށް އެންމެބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަކުން އިތުރަށް ގުޅުންބަދަހި ކުރުމަށް މަސައްކަތްކުރައްވާނެއެވެ. އެގޮތުން ޖަޕާނު ސަރުކާރުގެ އިސްފަރާތްތަކާއި އަމިއްލަ ބައެއް ޖަމުއިއްޔާ ޖަމާއަތްތަކާ އަދި ކުންފުނިތަކުގެ އިސްވެރިންނާ އެމަނިކުފާނު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން މަސްވެރިކަމުގެ ދާއިރާއިން ވެސް އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކުރައްވައި ރައީސް އޮފީހުން ބުނީ، މަސްވެރިކަމުގެ ބައެއް އާލާތްތަކަށް ޒަމާނީ ބަދަލެއް ގެނެސްދިނީ ވެސް ޖަޕާނުގެ އެހީތެރިކަމާއެކުގަ ކަމަށެވެ. އެގޮތުން ފައިބަރު ދޮށި ބޭނުންކުރުމާއި މަސްނޫއީ އެން ބޭނުންކުރުމަކީ ޖަޕާނުގެ އެހީތެރިކަމާއެކު ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ލިބިފައިވާ ކުރިއެރުންތަކެކެވެ. މީގެއިތުރުން ރާއްޖެއިން އެންމެ ގިނައިން ރޯމަހާއި ހިކިމަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ އެއް ގައުމަކީވެސް ޖަޕާނެވެ.