ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު

ޓާގެޓަކީ އޭޝިއަން ކަޕަށް ކޮލިފައިވުން، އެންމެންގެ އެހީތެރިކަން ބޭނުންވޭ: ބައްސާމް

ގައުމީ ފުޓުބޯޅަ ޓީމުގެ ޓާގެޓަކީ އޭޝިއަން ކަޕަށް ކޮލިފައިވުން ކަމަށާއި އެ އަމާޒަށް ވާސިލުވުމަށް ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ ގައުމީ ޓީމު ކޮމިޓީން މިރޭ ގައުމީ ޓީމާ ބައްދަލުކުރުމަށް ޕެރަޑައިޒް އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ ވޯލްޑް ކަޕް ކޮލިފައިންގައި ކުރިއަށް އޮތް ދެ މެޗަކީ ރާއްޖެއަށް ވަރަށް މުހިންމު ދެ މެޗު ކަމަށެވެ.

"ވޯލްޑް ކަޕް ކޮލިފައިނަށް ޓާގެޓެއްގެ ގޮތުގައި އަޅުގަނޑުމެން ކަނޑައެޅީ އޭޝިއަން ކަޕަށް ކޮލިފައިވުން. އަޅުގަނޑުމެންގެ މި ޓާގެޓަށް ވާސިލުވުމަށްޓަކައި އެންމެ މުހިންމު ދެ މެޗަކީ ނޮވެމްބަރު މަހު 14 ވަނަ ދުވަހާއި 19 ވަނަ ދުވަހު ރާއްޖޭގައި ކުޅޭ މެޗު. މި ދެ މެޗު ކާމިޔާބުކުރުމަށްޓަކައި، މި މެޗުން ހަ ޕޮއިންޓް ހޯދުމަކީ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ޓާގެޓަށް ވާސިލުވުމަށްޓަކައި އެންމެ މުހިންމު ދެ މެޗު،" އޭނާ ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ އެ ދެ މެޗު އަމިއްލަ ފަސްގަނޑުގައި ކުޅެވިގެންދާ އިރު، ދިވެހި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި ސަޕޯޓު ބޭނުންވާ ކަމަށާއި އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައިވުމަކީ ހުރިހާ ދިވެހިން ވެސް ފަހުރުވެރިވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވުމަށްޓަކައި ބައެއް ކަންތައްތައް ކްލަބުތައް އެންމެ ބޭނުން ނުވާނެ ގޮތަށް ނިންމަން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އަމާޒަށް ވާސިލުވުމަށްޓަކައި ބައެއް ކަންކަން ސެކްރިފައިޒް ކުރަން ޖެހޭ. އެންމެ ގިނަ ފާޑުކިޔުންތައް އަމާޒުވި އެއް ކަލަންޑަރަކީ މިއަހަރުގެ ފުޓުބޯޅަ ކަލަންޑަރު. އަޅުގަނޑުމެންގެ ވަސީލަތްތައް މަދުވުމާއެކު އަޅުގަނޑުމެންގެ ޕްރިމިއާ ލީގުގެ ހުރިހާ މެޗެއް ކުޅެން މި ޖެހެނީ ގަލޮޅު ދަނޑުގައި. މިއީ ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ނުފެންނާނެ މަންޒަރެއް، އެގައުމެއްގެ ލީގު އެންމެ ދަނޑެއްގައި ކުޅެވިގެންދާ މަންޒަރު،" އޭނާ ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ އެ ދަތިތަކާއެކު ވެސް ދިވެހި ކްލަބުތައް އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއެރުންތައް ހޯދަމުން ކަމަށާއި ކަލަންޑަރަށް ބަދަލުތައް ގެންނަން ބޭނުންނުވި ކަމުގައިވިޔަސް، އެ ބަދަލުތައް ގެންނަން ޖެހެނީ ގައުމީ ޓީމުގެ އަމާޒަށް ވާސިލުވުމަށްޓަކައި ކަމަށެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއިން ގްރޫޕުގެ ތިންވަނަ ހޯދައިފި ނަމަ، އޭޝިއަން ކަޕްގެ ކޮލިފައިން ރާއްޖެއިން ފަށަން ޖެހޭނީ ތިންވަނަ ބުރުންނެވެ. މިވަގުތު ރާއްޖެ އޮތީ ކުޅުނު ތިިން މެޗުން ހޯދި ތިން ޕޮއިންޓާއެކު "ގްރޫޕު އޭ"ގެ ހަތަރުވަނައިގައެވެ. އެއްވަނައިގައި އޮތް ސީރިއާއަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ޗައިނާއަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ރާއްޖޭގެ ކުރިން ތިންވަނައިގައި އޮތް ޕިލިފީންސަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ގުއާމް ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފައެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހުގެ 14 ވަނަ ދުވަހު ރާއްޖެ ނުކުންނަން ޖެހޭނީ ފިލިޕީންސްއާ ދެކޮޅަށެވެ. އަދި އަންނަ މަހުގެ 19 ވަނަ ދުވަހު ރާއްޖެ ނުކުންނަން ޖެހޭނީ ގުއާމްއާ ދެކޮޅަށެވެ. އެ ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ގައުމީ ފުޓުބޯޅަ ދަނޑުގައެވެ.