ޚަބަރު

ސިޔާސީ ކަންކަން ކުރިއަށް ގެންދަންޖެހޭނީ އެހެންމީހުންގެ އިއްޒަތާއި އަބުރަށް ހުރުމަތްތެރިކޮށް ހިތައިގެން: ގާސިމް

އިބްރާހިމް ޒަކީ

ސިޔާސީ ކަންކަން ކުރިއަށް ގެންދަންޖެހޭނީ ހައްދުފަހަނައަޅާ ނުގޮސް އެހެންމީހުގެ އިއްޒަތާއި އަބުރަށް ހުރުމަތްތެރިކޮށް ހިތައިގެން ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

"އެންމެންގެ ޖުމްހުރީ ޕާޓީ" ޕްރޮގްރާމާ ބެހޭގޮތުން، ވީޓީވީގައި ވާހަކަ ދައްކަވަމުން ގާސިމް މިރޭ ވިދާޅުވީ، ޑިމޮކްރެޓިކް މަަސައްކަތްތަކަކީ ރަނގަޅުނޫން މަސައްކަތްތަކެއް ކަމަށް ދެކޭ މީހުންވެސް އެބަތިބި ކަމަށެވެ. އަދި އެއީ މައްސަލައެއް ނޫން ކަމަށާއި އެއީ އެ ބޭފުޅުންގެ މިނިވަން ވިސްނުންކަމަށް ވެސް ވިދާޅުވިއެވެ.

"ބައެއް ބޭފުޅުންގެ ނަޒަރުގައި ޑިމޮކްރެޓިކް މަސަައްކަތްތަކަކީ، ރަނގަޅުކަމެއްނޫން ކަމަށް ދެކޭ މީހުންވެސް ތިބެދާނެ، އެއިކީ މައްސަލައެއްނޫން އެއީ އެ ބޭފުޅުންގެ މިނިވަންކަން އެބޭފުޅުންނަށް ވިސްނޭގޮތް، އެކި މީހުންނަށް ވިސްނޭނީ އެކި މިންވަރަށް އެކި ކަންތައްތަކުގައި އެކި މީހުންނަށް ކަންތައް ކުރެވޭނީވެސް އެކި މިންވަރަށް އެކި ގޮތްގޮތަށް އެއީކީ މައްސަލައެއްނޫން" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ޖޭޕީ އަކީ މެދު މިންވަރެއްގައި ކަންތައްތައް ހިފާއްޓައިގެން ރައްޔިތުންނަށް ފައިދާ އާއި މަންފާ ހުރި ގޮތްގޮތަށް ކަންތައްކުރާ ޕާޓީއެއް ކަމަށެވެ. އަދި ވަކި ބަޔަކާ ޒާތީ ގޮތުން ޖައްސާލައިގެން އުޅުމުގެ ބަދަލުގައި ޖޭޕީން މަސައްކަތް ކުރަނީ ގައުމަށް ކުރި އެރުމާއި ހެވާ ލާބަ އާއި އިންސާނިއްޔަތަށް ރަގަޅު ގޮތް ވުމާއި، ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ، ތައުލީމީ، ސިއްހީ، ދާއިރާތައް ކުރިއަރުވައި ހެޔޮ ބަސް ބުނުމަށާއި ހެއޮ އަމަލުތައް ހިންގުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އަދި ސިޔާސީ ކަންކަމުގައި އުޅެވޭނީ ސިޔާސީގޮތަށް، ސިޔާސީ ވެގެން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. ނަމަވެސް އެކަން ހައްދުފަހަނައަޅާ ގޮސްގެން ނުވާނެ ކަމަށާއި، އެކަން ކުރިއަށް ގެންދަން ޖެހޭނީ އަނިޔާއަކށް ނުވާ މިިންވަރަށް ކަމަށްވެސް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ވަކި މީހަކާދޭތެރޭ ޖެހިގަންނަން، ވަކި މީހަކަށް ނިކަމެތިކަމެއް ކުރަން، ބޭނުން ނުވާ ވިސްނުންތަކެއްގައި މަސައްކަތްކުރާ ބަޔަކަށް އުޖާލާ ކަމާއި ރޯޝަނީކަން އަބަދުވެސް ފެންނާނެ ކަމަށެވެ.

"ބައެއް ބޭފުންނަށް ހީވެދާނެ ސިޔާސީ މީހުން އުޅެނީ ވަރަށް ވިޔާނުދާކޮށޭ، ނަމަވެސް ސިޔާސީ ކަންކަމުގައި ވެސް އުޅެވޭނީ ސިޔާސީގޮތަށް، ސިޔާސީވެސް ވެގެން އެހެން ނަމަވެސް އެކަން ހައްދުފަހަނައަޅާ ނުދަންނާ އެ ނިމުނީ، އަނިޔާއަކަށް ނުވާވަރަށް ގެންދަން ޖެހޭނީ، އެހެން މީހުންގެ އިއްޒަތުންނަފްސަށާއި އަބުރަށާ ކަންތައްތަކަށް ހުރުމަތްތެރިކޮށް ހިތައިގެން އެއީ އަޅުގަނޑު މި ދަންނަވާ ވާހަކަަކީ، ހައްދުފަހަނަޅާ ހިނގައްޖެއްޔާ އެއީ ފެންބުއިން ކަމުގައި ވިޔަސް އެކަމުން ލިބޭނީ ގެއްލުން،" ގާސިމް ވިދާޅުވިއެވެ.