ޚަބަރު

ފުލުހުންގެ އަމިއްލަ އެދުމަށްވުރެ، އާންމުންގެ މަސްލަހަތާއި އުންމީދުތައް އިސްކުރަން ޖެހޭ: ހޯމް މިނިސްޓަރ

އާނިފާ ހުސެއިން ސިރާޖް

އަމިއްލަ އެދުމާއި މަސްލަހަތަށްވުރެ, ރައްޔިތުންގެ އެދުމާ މަސްލަހަތާ އުއްމީދުތައް އިސްކުރަން ފުލުހުންގެ ކިބައިން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެދިވަޑައިގެންފިއެވެ.

އިއްޔެ އިސްކަންދަރުކޮށީގައި ބޭއްވި ޝަރަފްގެ ނިޝާނާއި ކުލަ ދިނުމުގެ ރަސްމިއްޔާތުގައި ފުލުހުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ފުލުހުންގެ މުއައްސަސާގެ ތެރެއިން ކުރިއަރައި ދާންވާނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށް ރައްޔިތުންގެ އެދުމާއި އުއްމީދުތައް އިސްކުރާ ބައެއްކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާގެ އިތުބާރު ދަމަހައްޓާ ބަޔަކަށްވެސް ފުލުހުން ވާންޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުންގެ ކިބައިން އެދިވަޑައިގަންނަވާ މުހިންމު ދެ ކަމެއް އެބައޮތްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، " ތިމާގެ އަމިއްލަ އެދުމާ މަސްލަހަތަށްވުރެ ރައްޔިތުންގެ އެދުމާ މަސްލަހަތާ އުއްމީދުތައް އިސްކުރާށޭ. ދެވަނަކަމަކީ ހަގީގަތުގައިވެސް މިވަގުތަށް ވަރަށް މުހިއްމުކަމެއް. އަޅުގަނޑުހިތުން ކޮންމެ މަދަނީ ތަހުޒީބު މުޖުތަމައެއްގައި އެންމެ މުހިއްމު އެއްސިފައަކީ އެބައެއްގެ ސަލާމަތާއި އަމާންކަން ކަށަވަރުކުރަން އޮންނަ މުއައްސަސާއާމެދުގައި އިތުބާރު ޔަގީންކުރުން. އާދެ އެހެންކަމުން މިމުއައްސަސާގެ ކަރާމާތާއި، މުއައްސަސާގެ ޝަރަފާއި އިއްޒަތް ދަމަހައްޓަން ތިއްބެވީ ތިޔަބޭފުޅުން. އާދެ އެހެންކަމުން އަޅުގަނޑުމެން ކޮންމެ އޮފިސަރަކީ ތިމާގެ އަމިއްލަ އެދުމާއި މަސްލަހަތު މިމުއައްސަސާގެ ކަރާމާތާއި، ޝަރަފާއި، އިއްޒަތާ ފުށުއަރާހިނދު ތިމާގެ އަމިއްލަ އެދުމާއި މަސްލަހަތު ދޫކޮށް މުއައްސަސާގެ ޝަރަފާއި ކަރާމަތާއި އިއްޒަތް ދެމެހެއްޓޭނެ ބޭފުޅަކަށްވާށޭ. އެސިފަ އަށަގަންނުވަންވީ، އެސިފަ ލިބިގަންނަންވީ. މިސިފަ އަށަގަންނުވައިގެން ކުރިއަށްދާނަމަ އަޅުގަނޑުމެންގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކިބައިން ރައްޔިތުން އުއްމީދުކުރާ ޝަރަފްވެރި އަބުރުވެރި އިއްޒަތްތެރި މުއައްސަސާއެއްގެ ގޮތުގައި މިމުއައްސަސާ ވެގެންދާނެ." ކަމަށެވެ.

އަދި ދައުލަތުގެ ހުރިހާ މުއައްސަސާއެއް ދެމެހެޓި، ފުރިހަމަވެގެންދަނީ ރައްޔިތުންގެ ބައިވެރިވުން އޮވެގެން ކަންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އެގޮތުން މުއައްސަސާތައް ހިނގަނީ ރައްޔިތުންގެ ބައިތުލްމާލުން ކަމަށާއި، އެހެންކަމުން ކޮންމެ މުއައްސަސާއެއްގެ މައްޗަށް ރައްޔިތުންގެ ބައިވެރިވުމާއި، ރައްޔިތުންގެ އެއްބާރުލުމާއި، ރައްޔިތުން ބޭނުންވާ އުއްމީދު ހޯދަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފުލުހުންގެ ކިބައިން ރައްޔިތުން އެދޭ ގިނަ ބޭނުންތަކެއް އެބަހުރި ކަަމަށެވެ.

" ކޮންމެ ފުލުހަކުވެސް ވިސްނަންޖެހެނީ ތިމާއާ ކިހާވަރެއްގެ ޒިންމާއެއް، މަސްއޫލިއްޔަތެއްތޯ ހަވާލުކުރެވިފައިވަނީ. ޝަރަފާއެކުގައި މިޒިންމާ އެންމެ ހެޔޮގޮތުގައި އަދާކޮށްދެވޭނީ އަޅުގަނޑުމެންގެ މުއައްސަސާއަށް. " މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އިރުތަށް ވިދާޅުވީ ކުށްކުރާ ކޮންމެ މީހެއް ހޯދައި، ފަހަރުގައި އަދަބު ނުދެވިދާނެ ކަމަށާއި ނަމަވެސް ކުށްކުރާ މީހުން ހޯދައި ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ދިނުމަކީ ފުލުހުންގެ ޒިންމާ ކަމަށެވެ. މިނިސްޓަރުގެ ވާހަކަފުޅު ނިންމާލައްވަމުން ތަކުރާރުކޮށް އެދިވަޑައިގަތީ ކުށެއް ނުކުރާ މީހަކަށް އަދަބު ނުދިނުމަށެވެ.