ވިޔަފާރި

ބީއެމްއެލް އިން ރާއްޖެއަށް މާސްޓަކާޑް ތައާރަފްކޮށްފި

މަރިޔަމް ޝަހުދާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖެއަށް ފުރަތަމަ ފަހަރަށް މާސްޓަކާޑު ތައާރަފްކޮށްފިއެވެ.

މި ހިދުމަތް ބީއެމްއެލް އިން ތައާރަފްކޮށްފައިވަނީ މިއަދު ހެނދުނު އެކަމަށް ހާއްސަކޮށްގެން ބީއެމްއެލް އިން ކްރޮސްރޯޑްސްގައި ބޭއްވި ހަފްލާއެއްގައެވެ. މި ހަފްލާގައި ރާއްޖެއަށް މި ހިދުމަތް ރަސްމީކޮށް ތައާރަފް ކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމެވެ.

ބީއެމްއެލް އިން މުޅިން އަލަށް ތައާރަފްކުރި މާސްޓަކާޑުގެ ހިދުމަތަކީ ވިޔަފާރިތަކަށް ފަސޭހަކަމާއެކު، އެކައުންޓް މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތް ކުރެވޭނެގޮތް ހަމަޖައްސައިދިނުމުގެ ގޮތުން ބީއެމްއެލް އިން ތައާރަފްކޮށްފައިވާ ހިދުމަތެކެވެ. މާސްޓަކާޑް ނެޓްވޯކް މެދުވެރިކޮށް މުއާމަލާތް ހިންގޭ މި ކާޑަކީ ބިޒްނަސް ޑެބިޓް ކާޑެއް ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.

މި ހިދުމަތާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ހިދުމަތަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރިކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތްކަތުގެ ތެރެއިން އެ ބޭންކުން ކުރި މަސައްކަތެއް ކަމަށެވެ.

އެގޮތުން މި ހިދުމަތާއެކު އެފަދަ ވިޔަފާރިތަކުގެ ބޭނުންތަކަށް އިތުރު ފުރިހަމަ ކަމެއް ގެސްދޭނެ ކަމަށާއި އަދި މިއީ ސީދާ ވިޔަފާރީގެ އެކައުންޓާގުޅޭ ކާޑަކަށް ވުމުން ފަސޭހައިން ކަސްޓަމަރުންނާ ފައިސާގެ މުއާމަލާތް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލްއަކީ ރާއްޖޭގެ 20 އަތޮޅުގައި އެ ބޭންކުގެ 37 ބްރާންޗެއް ހިންގާ ކުންފުންޏެކެވެ. އަދި ބީއެމްއެލް އިން ރާއްޖޭގައި 113 އޭޓީއެމް އާއި 49 ސެލްފް ސާވިސް ބޭންކިންގް ސިސްޓަމް ބޭނުން ކުރެއެވެ. ބީއެމްއެލް އިން އަބަދު ވެސް މަސައްކަތް ކުރަނީ ކަސްޓަމަރުން އެދޭފަދަ ފެންވަރުގެ ހިދުމަތެއް ކަސްޓަމަރުންނަށް ހޯދައިދިނުމަށެވެ.