ފުރާނަދަންދެން

ފުރާނަދަންދެން - 44

3

"މަންމާ.." ފޯނު ކަންފަތުގައި ޖަހާފައި ނައިޝީ ބުނެލިއެވެ. ބަހެއް ނުބުނެ އިރުކޮޅަކުން އެނދުން ތެދުވެގެން ގޮސް ހުއްޓުނީ އަލަމާރި ކައިރީގައެވެ. ނިދަން ލައިގެން ހުރި ހެދުން ބަދަލުކޮށްގެން ކޮޓަރިން އޭނާ ނިކުތެވެ. މަޑުމަޑުން ހިނގާފައި ކޮރިޑޯ ހުރަސްކޮށް އިނާޝާގެ ކޮޓަރީގައި ޓަކި ޖަހައިލިއެވެ. އިރުކޮޅަކުން އެތެރެއިން 'ހުޅުވާފަ' އޭ ބުނެލި އަޑު އިވުނެވެ.

ނައިޝީ މަޑުމަޑުން ދޮރު ހުޅުވާލާފައި ވަނެވެ. އެނދުގައި އިން އިނާޝާ އިނީ ނިދާ ހެދުމުގައެވެ. މޯހަންދާސް ބެލްކަނީގައި ހުއްޓެވެ. އިނާޝާ އިށިންނަން ބުނުމުން ނައިޝީ އިށީނެވެ. އޭނާގެ ހިތުގައި ބިރުވެރިކަމެއް ވެރިވިއެވެ. އިނާޝާ ދައްކަން އުޅޭ ވާހަކައެއް ހިތަށް ގެންނަންވެސް އުނދަގުލެވެ. އެހެނީ އިނާޝާގެ މޫނުމަތިން އެހެންޏާ ފެންނަ އޯގާތެރިކަން މިފަހަރު އޭނާއަށް ނުފެނުނެވެ.

"ކޮބާ ނާހިދު؟" އިނާޝާ އަހައިލިއެވެ.

"ނިދާފަ" ނައިޝީ ބުނެލިއެވެ.

"އިޝީ ތިކުރާ ކަންތައް ހުއްޓާލާ" އިރުކޮޅަކު ނައިޝީގެ މޫނަށް ބަލަން އިނުމަށްފަހު އިނާޝާ ބުނެލިއެވެ. ނައިޝީއަށް ތެޅިގަނެވުނެވެ.

"ކް...ކޮންކަމެއް؟" ނައިޝީ ބުނެލިއެވެ.

"މަންމައަށް ހީވަނީ ނުބުންޏަސް އިޝީއަށް އިނގޭނެހެން މަންމަ މިބުނާ ކަންތައްތައް. ނާހިދަށް ހަގީގަތް އިނގުނިއްޔާ އޭނަ ކިހާ ރުޅިއެއް އަންނާނެ" އިނާޝާ ވާހަކަދެއްކިއެވެ.

"މަންމަ ތިކިޔާ އެއްޗެއް ނޭނގުނު. އަޅުގަނޑު ގޯސްކަމެއް ނުކުރަން" ނައިޝީ ބުނެލިއެވެ.

"އަދިވެސް ތިހެދެނީ ދޮގު. އެދުވަހު ނައިޝީ ގޭގައޭ ކިޔާފަ ހެދީ ދޮގެއް ނޫންތަ؟ ނައިޝީ އުޅުނު ހުރިހާގޮތެއް އަހަރެން ހުރީ ބަލަން. މަށަށް އިނގެނީ އެ ފިރިހެންކުއްޖާ އާ ނައިޝީ އާ ދެމެދު އޮތީ އާދައިގެ ގުޅުމެއްނޫންކަން. ކާރަށް އަރަން ދިޔަ ވަގުތު އެކުއްޖާ ނައިޝީގެ އަތުގައި ހިފި ވަގުތު އެސޮރުގެ މޫނު ފެނުނީ. ކޮންމެސް ތަނަކުން ފެނުނު ކުއްޖަކާ ވައްތަރުވި. އެގަޑީގަ ނޭނގުނު ކޮން ކުއްޖެއްކަމެއް. އެކަމަކު މިހާރު އިނގިއްޖެ. މިގޭގަ އަޒްކާ ހުރިއިރު އަޒްކާ އާ ވެސް އަޅައިގަނެގެން އުޅުނު ސޮރެއް އެއީ" އިނާޝާ ހުރިހާ ވާހަކައެއް އެއްފަހަރާ ދެއްކިއެވެ. ނައިޝީއަށް އެއްޗެއް ބުނަން ނުކެރުނެވެ. ފިރިމީހާގެ މަންމަގެ ކުރިމަތީގައި ބޭޒާރުވުމުން އަނގަ ބަންދުވެއްޖެއެވެ.

"ނާހިދް ގޯހީތަ؟" އިނާޝާ އަހައިލިއެވެ. ނައިޝީ ދެފަރާތަށް ބޯހޫރާލިއެވެ. އޭނާގެ ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ.

"މިފަހަރު ނާހިދަށް މިކަން ނާންގާ މިހިސާބުން ނިންމާލިޔަސް ދެންފަހަރަކުން އަހަރެން ނާހިދް ކައިރީގަ މިވާހަކަ ދައްކާނަން. އޭރުން ނާހިދް ނިންމާ ގޮތަކާ އަހަރެން ދެކޮޅެއްނުވާނަން" އިނާޝާ ބުނެލިއެވެ.

"ދެންދޭ ނިދަން" ނައިޝީ ބަހެއްނުކިޔާ އިންނަން ފެށުމުން އިނާޝާ ބުނެލިއެވެ.

ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ނައިޝީ ނިކުތީ ބޭރު ބަގީޗާއަށެވެ. އުނދޯލީގައި އިށީނދެވުމާއެކު އޭނާއަށް ރޮވިއްޖެއެވެ. އޭނާ އަދިވެސް އެދެނީ ނާހިދަށެވެ. ދިރިއުޅުން ކުރިއަށްގެންދަން ބޭނުންވަނީ ނާހިދާ އެކުގައެވެ. އޭނާއަށް ފާފަތަކަށް އަރައިގަނެވިއްޖެކަމަށް ހުދު އޭނާވެސް އެއްބަހެވެ. އެދިރިއުޅުމުން ނިކުންނަން އޭނާ އިންތިހާއަށް ބޭނުމެވެ. ނަމަވެސް އެ ވާހަކަތައް މާހިލް އާ ދައްކާނީ ކިހިނެއް ހެއްޔެވެ؟ އޭނާއަށްޓަކައި މާހިލް ހާދަ ކަމެއް ބަދަލުކޮށްފިއެވެ. ދެ މަގުން ކުރެން ކޮންމެވެސް އެއްމަގެއް ޚިޔާރުކުރަން އޭނާއަށް ޖެހިއްޖެއެވެ.

ހަފްތާއެއް ފަހެވެ. ކާމޭޒު ކައިރީގައި ތިބީ މާހިލް އާ ބުރުހާނުއްދީން އެކަންޏެވެ. މަސައްކަތްކުރަން އުޅޭ މީހާ ވީ ބާޒާރަށް ގޮހެވެ. މެންދުރުގެ ކެއުން ނިންމާލުމަށްފަހު މާހިލަށް ވަރަށް ފުން ނަޒަރަކުން ބުރުހާނުއްދީން ބަލައިލިއެވެ.

"ބައްޕަ ބުނީމެއްނު ވާހަކައެއް ދައްކަންވެފަ އެބައޮތޭ" ބުރުހާނުއްދީން ބަލަން ފެށުމުން މާހިލް ބުނެލިއެވެ.

"އެއީ އަދި މިހާތަނަށް ދަރިފުޅަށް ނޭނގޭ ކަމެއް. ފަހަރެއްގައި ދަރިފުޅު ދެރަވެސް ވެދާނެ" ބުރުހާނުއްދީން ބުނެލިއެވެ. މާހިލް އަޑުއަހަން އިނެވެ.

"ދަރިފުޅަކީ ބައްޕަގެ އުފަން ދަރިއެއް ނޫން. ދަރިފުޅުގެ މަންމައަކީ ބައްޕަގެ ލޯބިވެރިޔާ" ބުރުހާނުއްދީން ބުނެލިއެވެ. މާހިލަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ ހިތުގައި ޖެހުނެވެ. ދުނިޔޭގައި އޭނާގެ އެކަކުވެސް ނެތޭ ހިތަށް އެރުމުން ދެލޮލުން ކަރުނަ ނީރާލިއެވެ.

"އެކަމަކު ދަރިފުޅު ބަލާ ބޮޑުކުރީ އުފަން ދަރިއެއްވެސް ބަލާނެހާ ލޯބިން. މި ބައްޕަގެ ލެއިން އުފެދުނު ދަރި އެއްލާލާފައި ބައްޕަގެ ލޯތްބާއި އޯގާތެރިކަން ދީގެން ބޮޑުކުރީ މާހިލް" ބުރުހާނުއްދީން ވާހަކަދެއްކިއެވެ.

"ބައްޕަގެ އުފަން ދަރިއޭ" މާހިލްގެ މޫނުމަތީގައި ޚައިރާންކަން ވަށައިލިއެވެ.

"އާނ. ބައްޕަގެ ބޮޑު ފިރިހެން ދަރިއެއް މާލޭގައި އެބަހުރި. އެކުއްޖާ ބައްޕަ އެއްލާލީ އެކުއްޖާގެ މަންމަ ދެކެ ބައްޕައަށް ކުރެވުނު ނަފްރަތެއްގެ ސަބަބުން. އެކަމަކު މިހާރު އެކަމާ ބައްޕަ ދެރަވޭ. އެދަރިފުޅުވެސް ބޭނުން" ބުރުހާނުއްދީން އަސަރާއެކު ވާހަކަދެއްކިއެވެ.

"ދިރިއުޅުމުގަ ގޯސްތަކެއް ނެހެދޭނެ މީހަކު ނުހުންނާނެ ބައްޕާ. އަޅުގަނޑަށްވެސް ވަނީ ގޯސްތަކެއް ހެދިފައި. އަޅުގަނޑު ތަޢުބާ ވެއްޖައިން. އެކަންތައްތައް ބައްޕައާ ޙިއްސާކުރަން ބޭނުން" މާހިލް ވާހަކަދެއްކިއެވެ. މޫނުމަތީގައިވި މޮޅިވެރިކަން ފިލުވާލުމަށްފަހު ބުރުހާނުއްދީން މާހިލަށް ބަލައިލީ ސީރިޔަސް ނަޒަރަކުންނެވެ.

"ބައްޕާ....! ފަޒާ... ފަޒާގެ އެއްވެސް ކުށެއްނެތް. ފަޒާ އަޅުގަނޑުދެކެ ވަރަށް ލޯބިވި. ގޯސްހެދީ އަޅުގަނޑު. ފަޒާ ދިޔައީ ވަރަށް ކެތްކޮށްފަ" މާހިލް ވާހަކަދެއްކިއެވެ.

"އޭރުގަ މާހިލް އާ އެއްކޮޅަށް ބައްޕަ ތެދުވިޔަސް ގޯހެއް އުޅޭކަން އިނގުނު. އެކަންތައް މާހިލަށް ބައްޕަ ދޫކޮށްލީ. ބައްޕަ ދަރިފުޅަށް މަޢާފްކޮށްފިން" މާހިލްގެ ބުރަކަށީގައި ޖަހައިލަމުން ބުރުހާނުއްދީން ބުނެލިއެވެ.

"ބައްޕާ! އަދިވެސް ވަރަށް މުހިންމު ވާހަކައެއް އެބައޮތް. ބައްޕައަށް ކާފަ ކިޔާ އަޅުގަނޑުގެ ދަރިއަކުވެސް މި މާލޭގަ އެބަހުރި" މާހިލް ވާހަކަދެއްކިއެވެ.

"ވަޓް...؟" ބުރުހާނުއްދީނަށް ބުނެވުނެވެ.

"ކޮންތާކު؟ ކޮންއިރަކު؟" ބުރުހާނުއްދީނަށް އަހައިލެވުނެވެ.

"ހަނދާންވޭތަ އަޒްކާ. މިގޭގަ ހުއްޓެއްނު. އަޒްކާ ބަނޑުބޮޑުވީ އަޅުގަނޑަށް. މިގެއަށް އަޒްކާ އައީ އޭނަ ބަނޑުބޮޑުކަން އިނގުނީމަ އަޅުގަނޑާ އިންނަން ބޭނުންވެގެން. އެކަމަކު އެ ދަރިފުޅު އެހެން މީހެއްގެ ބޮލުގަ އެޅުވީ. ބައްޕައަށް އަޅުގަނޑު އޮޅުވާލީ އެއީ އެކުވެރިއެއްގެ އަނބިމީހާ ކަމަށް ބުނެ. އަޒްކާއަށް އަޅުގަނޑު ވަރަށް އަނިޔާވެރިވިން. އެހާލުގައި އިންދާ ރޭޕްވެސް ކުރިން. އެކަން ފަޒާއަށް އިގުނީމަ މިގެއިން ނިކުތީ. އަޅުގަނޑުގެ އިންޒާރުތައް ލިބެން ފެށީމަ އަޒްކާ ނިކުމެގެން ދިޔައީ" މާހިލް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އޭނާ މިއަދު ބޭނުންވަނީ އެއްވެސް ކަމެއް ސިއްރުނުކޮށް ހުރިހާ ވާހަކައެއް ކިޔައިދޭށޭވެ.

"ބައްޕާ! އަޅުގަނޑުގެ ދަރިފުޅު އަޅުގަނޑު ބޭނުން. ދަރިއެއްގެ މުހިންމުކަން އަޅުގަނޑަށް އިހުސާސްވެއްޖެ. އަޅުގަނޑު ބޭނުމީ އަޅުގަނޑުގެ ދަރިފުޅު ގޮވައިގެން އަޅުގަނޑު ލޯބިވާ ކުއްޖާއާ އެކީގައި އުޅެން" އެންމެފަހުން މާހިލަށް ރޮވުނެވެ.

"މާހިލް ލޯބިވަނީ އަޒްކާދެކެ ނޫންތަ؟" ބުރުހާނުއްދީން ބުނެލިއެވެ.

"ނޫން. އަޒްކާއެއް ނޫން. އަޅުގަނޑުގެ ހިތުން އެއްވެސް އިރަކު އަޒްކާއަށް ނޭދެން. އަޅުގަނޑަށް ފުރަތަމަ ފަހަރަށް ލޯބިވެވުނީ މީހެއްގެ އަންބެއްދެކެ. އެކުއްޖާގެ ދިރިއުޅުންވެސް ހަލާކުކުރެވުނީ. އެކަމަކު އަޅުގަނޑުގެ ދިރިއުޅުން ބަދަލުކޮށްލި ކުއްޖަކީވެސް އެއީ" މާހިލް ބުނެލިއެވެ.

"ބައްޕަގެ ކާފަ ދަރިފުޅު އުރާލާ ލޯބިކޮށްލަން ބައްޕަވެސް ބޭނުން. އިރާދަކުރެއްވިއްޔާ އެކަންތައް އަހަރެމެންގެ ދެބަފައިންނަށް ކާމިޔާބުވާނެ" މާހިލް ގައިގައި ބައްދައިލަމުން ބުރުހާނުއްދީން ބުނެލިއެވެ. އެދެބަފައިންނަށް ނޭނގުނީ އެބުނާ ދަރިފުޅާ ބައްދަލުކުރަން އެދެބަފައިން ދާންޖެހޭނީ ސަހާރާއަށް ކަމެވެ.

އެންމެން ނިދާ ގޭތެރެ ހިމޭންވުމުން މަޑުމަޑުން ކޮޓަރި ދޮރު ލައްޕާލާފައި އަޒްކާ ބޭރަށް ނިކުތެވެ. ގަޑިން މެންދަމު އަނބުރާ ތިނެއް ޖަހަން ގާތްވެއްޖެއެވެ. ސިޓިންގްރޫމުން ނިކުމެވެން ހުންނަ ބެލްކަނީގެ ދޮރު ކަހާލުމަށްފަހު އޭނާ ބޭރަށް ނިކުމެލިއެވެ. ދުނިޔެ މައްޗަށް ވެރިވެފައިވަނީ ކަނު އަނދިރިކަމެވެ. ތަރިއެއްހާ ހިސާބުވެސް ފެންނާކަށް ނެތެވެ. ތުނިތުނިކޮށް ވާރޭ ވެހެމުން ދިޔައިރު ވައި ބާރެވެ. ހީކަރުވައިގަތުމުން އަޒްކާ އަމިއްލަ ހަށިގަނޑުގައި ދެއަތުން ވަށައިލިއެވެ. ބެލްކަނީގެ މުށިތައްމަތީގައި އޭނާ އިށީނދެލިއެވެ. ފާރުގައި ލެގިލުމަށްފަހު ކަކުލުގައި ބޯ އަޅައިލިއެވެ. އެއާއެކު އޭނާއަށް ރޮވިއްޖެއެވެ. ހިތަށް އުނދަގުކުރަމުން ދިޔަ ޝަކުވާތައް ދުލުން ބޭރުވާން ނެގީ ކުޑަ ހިނދުކޮޅެކެވެ.

"ކީއްވެތަ ނާހިދް؟ ކީއްވެތަ ތިހާ ވަރަށް ލޯބިވަނީ؟ ކޮބާތަ އަހަރެންގެ ހުރި ޙާއްސަ ކަމަކީ؟ އަހަރެން ނާހިދް ބޭނުން. އެކަމަކު ތިއީ މީހެއްގެ ޙައްގެއް. އަހަރެންނަށް މަޢާފްކުރޭ....!" އަޒްކާ ވާހަކަދައްކަމުން ދިޔައީ އަމިއްލަ ނަފްސާއެވެ.

ނާހިދާ ބައްދަލުކުރި ފަހުން އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ހިތްދަތިވެ އަބަދު ރޮވެނީއެވެ. ނާހިދާ ބައްދަލުކުރަން ނުދެވުނުނަމައޭ ކިތަންމެ ފަހަރަކު ހިތަށް އަރައިފިއެވެ.

ނަތާޝާ އާއި އަޒްކާ ބައްދަލުކުރީ އަނެއް ދުވަހު އޮފީސް ނިމުނުތަނާއެވެ. ކާރުގައި ދެކުދިން ދުއްވަމުން އައިސް މަޑުކޮށްލީ ޝަދީންގެ ރެސްޓޯރެންޓް ކައިރީގައެވެ. އަޒްކާ ހުރީ ކޮންމެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. ނަމަވެސް އަދިވެސް އޭނާގެ ކުރިމަތީގައި ނާހިދް ލޯބި ފާޅުކުރިގޮތް ހިތަށް އަރާފައި ދެރަވެއެވެ. އެވަގުތުތަކުގައި އޭނާގެ ނަފްސަށް ހިމޭންކަމެއް ވެރިވެއެވެ. މޭޒެއް ކައިރީގައި ދެކުދިން އިށިންތަނާ ވެއިޓަރަކު ދެ ތައްޓާ ކުޑަ ފެންފުޅިއެއް ގެނެސް ބެހެއްޓިއެވެ. ހެދިކާ ގެނެސްދޭން ބުނުމުން ވެއިޓަރ ހިނގައިގަތެވެ. އެއާއެކު ނަތާޝާ ފުން ނަޒަރަކުން އަޒްކާއަށް ބަލައިލިއެވެ.

"އަޒްކީ! އަޅެ ޕްލީޒް ބުނެބަލަ ކިހިނެއްތަވީ އެރޭ؟" ނަތާޝާ އަހައިލިއެވެ.

"ނަތާ! ނާހިދް ޗޭންޖެއްނުވޭ. އަދިވެސް ނާހިދް އަހަރެންދެކެ ލޯބިވޭ. ކުރިން އެވާހަކަ ނުބުނޭ. އެކަމަކު އެރޭ އޭނަ ފުރަތަމަ ފަހަރަށް ބުނެފި. އަހަރެން ވަރަށް ދެރަވެއްޖެ" އަޒްކާ ވާހަކަދެއްކިއެވެ. މޭޒުމަތީގައި އޮތް އަޒްކާގެ އަތްތިލައިގައި ނަތާޝާ ހިފައިލީ އެކުވެރިޔާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

"އަޒްކީ ކީކޭ ބުނީ؟" ނަތާޝާ އަހައިލިއެވެ.

"އަހަރެން ކީކޭ ބުނާނީ؟ ވަރަށް ބޭނުންވި ހަގް ކޮށްލާފައި އަހަރެންވެސް ލޯބިވެޔޭ ބުނެލަން. އެކަމަކު ނުބުނަން. އަވަހަށް ނިކުތީ" ދެލޯ ކައިރި ފޮހެލަމުން އަޒްކާ ބުނެލިއެވެ.

"ކިޔާދިނީތަ ހުރިހާ އެއްޗެއް؟" އަޒްކާ އަހައިލިއެވެ. އެހިސާބުން ވާހަކަ ހުއްޓައިލީ ދެކުދިން އޯޑަރ ދިން ހެދިކާ އައުމުންނެވެ.

"ނަތާއަށް އިނގޭތަ! ނާހިދް ހީކުރަނީ އަހަރެން މެރީޑްކަމަށް. އަހަރެންގެ ކިޑެއްވެސް ހުންނަކަމަށް. އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައެއް ނުދެވުނު" އަޒްކާ ވާހަކަދެއްކިއެވެ.

"އަޅާނުލާ... ދެން ބައްދަލުކުރާނެކަމެއް ނެތް. އަޒްކީ އަތުން ގޯހެއްވާކަށް ނަތާވެސް ބޭނުމެއްނޫން. ކޮންމެސް ދުވަހަކުން އޭނައަށްވެސް ހަގީގަތް އިނގޭނެތާ. އެދުވަހަކުން އިނގިދާނެތާ އޭނަ އަސްލަށްވެސް ލޯބިވަންޏާ" ނަތާޝާ ވާހަކަދެއްކިއެވެ.

އެއަރޕޯޓުން ނިކުތް ގޮތަށް ނިރާޝް ދެކޮޅު ބަލައިލިއެވެ. ޝަދީން ފެންނަން ނެތުމުން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. އޭނާ އެތަނުގައި ދެކޮޅަށް ހިނގަން ފެށިތަނާ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ޝަދީންކަން އިނގުމުން ފޯނު ކަންފަތުގައި ޖެހިއިރު މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވާން ހުއްޓެވެ.

"ބްރިޖު ކައިރީގައި ކޮންމެސް އިވެންޓެއް އޮތީމަ ބުނި ގަޑިއަށް ނާދެވުނީ. ސޮރީ ލިލް ބްރޯ... އާދޭ.. މިއޮތީ ކާރު" ކާރުން ފައިބައިފައި ޝަދީން އަތުން ހަނާ އަޅައިލިއެވެ. ފޯނު ޖީބަށް ލަމުން ނިރާޝް ހިނގައިގަތްއިރު އޭނާ މޫނުމަތީގައިވި ހިތްހަމަނުޖެހުމުގެ ކުލަވަރު ފިލައިފިއެވެ. ކާރުގައި ދެކުދިން ނައްޓާލިއިރު އިރުއޮށްސެން އުޅޭކަމުގެ ކުލަވަރު އުޑުމަތިން ފެންނަން ހުއްޓެވެ.

"ހާދަ ވަރަކަށޭ ނިރޫއަށް އެމަންޖެ އެބަލަނީ" ކާރު ދުއްވާލަމުން ޝަދީން ބުނެލިއެވެ.

"ހެހެހެ... އެއީ އެރަށުން އައި ކުއްޖެއް. ރީތި މީހުންނަށް ބަލާނެތާ" ހީލުމަކާއެކު ނިރާޝް ބުނެލިއެވެ.

"އަނެއްކާ މިއީ އެމަންޖެ ދިން އެއްޗެއްތަ؟" ޝަދީން ބުނެލިއެވެ.

"ހެހެހެ... ނޫނޭ..." ނިރާޝް ދިނީ ކުރު ޖަވާބެކެވެ. އޭނާ ތުންފަތްމަތިން ހިނިތުންވުމެއް ފެންނަން ހުރިއިރު ދާދި ދެންމެއަކު އެތެރޭގައި ހިނގާދިޔަ ކަންތަކުން އިނީ ވަރަށް ބޮޑަށް ލަދުގަނެފައެވެ.

ބަދިގޭ ކަބަޑުގައި އެއްޗެއްހި ބެހެއްޓުމުގައި އަމީޒާ އުޅުނެވެ. އެޕާޓްމަންޓް ބަދަލުވި ފަހުން އަދިވެސް ގޭތެރެ ހަމައަކަށް ނޭޅެއެވެ. ބެލްކަނީގައި ޤުރުޢާން ކިޔަވަން އިން ޙައްވަ ތެދުވެގެން ގޮސް އެއްފަރާތު ފާރު ކައިރީގައި ހުރި ގަސްތައް ބަލަން ފެށިއެވެ. އޭނާގެ މިރުސް ގަސް ނެތްކަން އިނގުމުން އެތެރެއަށް ވަދެފައި ޙަމީދާއެކު ޓީވީ ގުޅަން އުޅުނު އަޒްކާއަށް ގޮވައިލިއެވެ.

"މާމަގެ މިރުސް ގަހެއް ނުގެންނަން ދޯ ދަރިފުޅު. މިހާރު ނޭނގޭ ހަލާކުނުވާކަމެއްވެސް. އަނެއްކާ ހުންނާނެބާ" ޙައްވަ ވާހަކަދެއްކިއެވެ.

"ހުންނާނެ. އެބަ އަންނަން ހިފައިގެން. ދެން މާމަވެސް ދޯ. ހަލާކެއްނުވާނެ އެހާ އަވަހަށް" އަޒްކާ ހިނގައިގަތެވެ. ގޭތެރޭގައި ލައި އުޅޭ އަޅި ކުލައިގެ އަތްދިގު ޓީޝާޓާއެކު ކަކުލުން ތިރިއަށް ހުރި ކަޅު ޓައިޓްގައި އޭނާގެ ބުޅި އިސްތަށިގަނޑު ހުރީ މެދުން މަގު ފަޅާ ދެފަރާތަށް އައްސާފައެވެ. އިސްތަށިގަނޑުގެ ދެބައި ވަނީ ކުރިމައްޗަށް ގެނެސް މޭމަތި ފޮރުވާލާފައެވެ. ކުޑަކުއްޖަކާ ތަފާތެއްވެސް ނެތެވެ. މޫނުމަތީގައި ވަނީ މައުސޫމް ކަމެވެ. ޖެހިގެން ހުރި ބަޔަށް ދާން ލިފްޓު ހުއްޓަސް އޭނާ އެރީ ސިޑިންނެވެ. އެޕާޓްމަންޓް ތަޅުގައި ހިފާލިއިރު އެތެރެއިން ހުރީ ތަޅުލާފައެވެ. އިނގިލީގައި ދަތް އަޅައިލަމުން އޭނާ ދޮރު ކައިރި ބަލައިލިއިރު ފިރިހެން ފައިވާނަކާ އަންހެން ފައިވާނެއް ހުއްޓެވެ. އެބައިގައި ހުންނަން ބުނި ކުއްޖާ އައީކަން އޭނާއަށް އިނގުނެވެ. އޭނާ އެނބުރި ދާން އުޅެފައިވެސް 'މާމަ' ގެ މިރުސްގަސް މަތިން ހަނދާންވެފައި ބެލް އަޅައިލިއެވެ. އެންމެ ފަހަރަކު ބެލް އަޅައިލުމާއެކު ދޮރު ހުޅުވިގެން ދިޔައެވެ. ކުރިމަތީގައި ހުރީ ބޭރު އަންހެނެކެވެ.

"ސޮރީ އެއްޗެއް ބަލާ. ވަންނަންތަ؟" އަޒްކާ ވާހަކަދެއްކީ ދިވެހި ބަހުންނެވެ. ބޭރުމީހާ ހީލާފައި ބޮޑަށް ދޮރު ހުޅުވާލިއެވެ. އަޒްކާ އެތެރެއަށް ވަދެގެން ގޮސް ބެލްކަންޏަށް ނިކުތެވެ.

ކޮފީ ހުސްކުރި ޖޯޑު ހިފައިގެން ކޮޓަރިން ނިކުތް ނިރާޝް ބަދިގެއާ ދިމާލަށް ދާން ނެގި ފިޔަވަޅު މަޑުޖައްސައިލީ ބެލްކަނިން ހިޔަންޏެއްވާހެން ހީވުމުންނެވެ. އޭނާ ޖޯޑު ހިފައިގެން އެދިމާލަށް ދިޔައިރު ފެންނަން އުޅެނީ އޭނާގެ ހިތުގެ ހަމަޖެހުންކަމެއް ނޭނގެއެވެ.

"ކާކު؟" ބެލްކަންޏަށް ބޯދިއްކޮށްލަމުން ނިރާޝް އަހައިލިއެވެ.

ގަސް ނަގައިގެން ހިންދެމިލި އަޒްކާއަށް ކައިރިން ފިރިހެނެއްގެ އަޑު އިވުމުން ފުރަތަމަ ފަހަރަށް ޔަޤީންނުވިއެވެ. އޭނާ އެނބުރުނުއިރު ކުރިމަތީގައި ހުރި ނިރާޝް ފެނުމުން ސިހުނެވެ. އޭނާއަށް ޤަބޫލުނުކުރެވި ހިނދުކަޅަކު ނިރާޝަށް ބަލަން ހުއްޓެވެ. ނިރާޝް ހުރީ ކިޔާނެ އެއްޗެއް، ހަށިގަނޑަށް އިތުރު ހަރަކާތެއް ގެންނަން ހަނދާންނެތިފައެވެ. ހުވަފެނެއްކަމަށް ހީކޮށް ދެފަހަރަކު މޫނުވެސް ތަޅުވާލިއެވެ. ވާނީވެސް އެހެންތާއެވެ. އެހާ އަވަހަށް އޭނާއަށް އަޒްކާ އާ ބައްދަލުވެދާނެ ކަމަކަށް އޭނާ ހީކޮށްފައެއް ނެތެވެ.

"އަޒް...!" ނިރާޝް މަޑުމަޑުން ބުނެލިއެވެ.

"ނިރާޝް... މިގޭގަ ކީއްކުރަނީ... ކޮންއިރަކު މާލެ އައިސްގެން ތިއުޅެނީ" އަޒްކާ އަހައިލިއެވެ. ނިރާޝް ހީލިއެވެ.

"އަޒް މިތާ ކިއްކުރަނީ" ނިރާޝް އަހައިލިއެވެ.

"މާމަގެ މިރުސް ގަސް ނުލާ ދެވުނީމަ އެ ބަލާ މިއައީ. އެކަމަކު ނިރާޝް... އޯ... ނިރާޝް ތަ މިބައިގަ އުޅެނީ" އަޒްކާ ވާހަކަދެއްކިއެވެ.

"އަޒްމެންތަ މިބައިގަ އުޅުނީ. ދޮންބެ ނުބުނެވިއްޔާ ނަމެއް. އެކަމަކު ވަރަށް އުފާވެއްޖެ. މިހާރު ހާދަ ޗޭންޖޭ އެކަމު" އަޒްކާގެ ފައިން ފެށިގެން ބޮލާ ހަމައަށް ބަލައިލަމުން ނިރާޝް ބުނެލިއެވެ.

"ތިބުނީ..؟ މިއީ ހަމަ އަހަރެން... މިހާރު ކުޑަކޮށް އަނގަ ގަދަވާނެ... އަންނައްޗެ އިނގޭ މައްޗަށް" ހީލުމަކާއެކު އަޒްކާ ބުނެލިއެވެ.

"އިންޝާﷲ. ދެން ހަމަ ދާނީ ވަޒީފާއަށް. ވަޒީފާއިން ގެއަށް. އަޒް ހުރިއްޔާ ގެއިން އެއްވެސް ތަނަކަށް ނުދާނަން" ނިރާޝް ބުނެލިއެވެ.

"އެއްކަލަ ނިރާޝް... ދަނީ އިނގޭ. މިހާރު މާމަ އުޅޭނެ ލަސްވެގެން" އަޒްކާ ހިނގައިގަތެވެ. ނިރާޝް ހުރީ ބަލަހައްޓައިގެންނެވެ. އަޒްކާގެ ސޫރަ ފެނުމުން އޭނާގެ ހިތަށް ދުވަހަކު ނުލިބޭހާ ހިތްހަމަޖެހުން ލިބިގެންދިޔައެވެ.

"ގެއަށް ވަންނަން ދަޢުވަތު ލިބިއްޖެ. ކޮންއިރަކުން ތި ހިތުގައި ރަސްކަންކުރަން ފުރުސަތެއް ދޭނީ" ނިރާޝް ބޮލުގެ ފުށްކިބައިގައި އަމިއްލައަށް ޖަހައިލިއެވެ.

ނުނިދިފައި އޮތް ނައިޝީ އެނދުން ތެދުވީ ނާހިދް ގަދަ ނިދީގައި އޮތްކަން ޔަޤީން ކޮށްފައެވެ. ނިދީ ތެރޭގައި އިވެމުންދިޔަ ނާހިދްގެ ނޭވާގެ އަޑުނޫން އެހެން އަޑެއް އެ ކޮޓަރިން ނީވެއެވެ. އޭނާ އަލަމާރި ކައިރީގައި ހުރެ އަތްދިގު ޓޮޕްކޮޅަކާއެކު ތިރިން ކަޅު ކުލައިގެ ސްކިނީއެއް ލިއެވެ. އާދައިގެ ގޮތަކަށް ބޮލުގައި ޝޯލް އޮޅާލަމުން އެނދުމަތީގައި އޮތް އޭނާގެ ފޯނު ނެގިއެވެ. އަދި ސައިޑްކަބަޑުގެ ވަތްގަނޑެއްގައި އޮތް އޭނާގެ ވޮލެޓް ނަގާ ހުޅުވާލިއެވެ. ޓެކްސީގައި ދެކޮޅަށް ދަތުރުކުރެވޭ ވަރަށް ފައިސާ ހުރިކަން އިނގުމުން އޭނާ ހަށިފުރާ ނޭވައެއްލިއެވެ. ވަގެއްވެސް ނޫޅޭނެހާ ސިއްރުން އޭނާ ކޮޓަރި ދޮރާ ހަމައަށް ގޮސް އެނބުރި ނާހިދްގެ މޫނަށް ބަލައިލިއެވެ.

"އައިމް ސޮރީ ނާހިދް. އަހަރެން މިދަނީ މާހިލްއާ ބައްދަލުކުރަން. އަހަރެން މިދަނީ ކޮންމެގޮތެއް ވިޔަސް ވަރިހަމަކަމަށް އެގުޅުން ކަނޑާލަން" ނައިޝީ ހިތާހިތުން ކިޔައިލިއެވެ. އޭނާ މަޑުމަޑުން ދޮރު ލައްޕާލިއެވެ.

ޓެކްސީ މަޑުކޮށްލިއިރު މާހިލް ދޮރުމަތީގައި ހުއްޓެވެ. ނައިޝީ ކާރުން ފޭބުމާއެކު މާހިލްގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ހިމަފޮދު ވާރޭ ވެހެމުންދިޔައިރު ފަޒާތެރޭގައި ހިފާލާފައިވަނީ ތެތްފިނިކަމެކެވެ. މާހިލް ކައިރިއަށް ނައިޝީ ދިޔައީ ހީކަރުވާން ފެށުމުން ކުޑަކޮށް ދުވެލާފައެވެ.

"އިޝީގެ ކޯލް ލިބުނީމަ ހިތަށް އެރީ އަނެއްކާ ކިހިނެއްވީބާއޭ" ނައިޝީ އަރާ ހަމަވުމާއެކު މާހިލް ބުނެލިއެވެ.

"އަހަރެން ވަރަށް މުހިންމު ވާހަކައެއްބުނަން ވެގެން. ހިނގާބަލަ އެތެރެއަށް. ވަރަށް ހީކަރުވާ އެބަ" މާހިލްގެ ބަނޑުގައި އަތް ވިއްދާލުމަށްފަހު ކުޑަކޮށް އެތެރެއަށް ކޮށްޕާލަމުން ނައިޝީ ބުނެލިއެވެ.

ކޮޓަރިއަށް ވަދެގެން ގޮސް ނައިޝީ އެނދުގައި އިށީނެވެ. އަދި ސައިޑްކަބަޑް މަތީގައި އޮތް އޭސީގެ ރިމޯޓް ނަގާ ނަވާވީހަށްލިއެވެ.

"އިޝީ..! މިއީ މީހުން މުހިންމު ވާހަކަދައްކާ ގަޑިއެއްނޫން. އަހަރެންވެސް ވާހަތަކެއް ދައްކަންވެފަ އެބައޮތް. އެކަމަކު އިރުއަރަންދެން މަޑުނުކޮށްލެވުނީތަ؟" ތުވާލި ހިފައިގެން އައިސް ނައިޝީގެ ޝޯލްމަތިން ފެންތިކިތައް ފޮހެމުން މާހިލް ވާހަކަދެއްކިއެވެ. މާހިލް ދެއްކި ވާހަކަތަކަށް ބުނާނެ އެއްޗެއް ނައިޝީއަށް ނޭނގުނެވެ. އޭނާއަށް މާހިލްގެ މޫނަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އޭނާގެ ހިތުގައި އެތައް ވާހަކަތަކެއް ދެކެވެމުން ދިޔައެވެ. މާހިލް އޭނީ ހާދަ އުފާވެފައެވެ. އަހަރެން ބުނެލާ އެންމެ އެއްޗަކުން އެ ހިނިތުންވުން ފިލާ ކަރުނައިގެ ކޯރަކަށް މާހިލް ވެއްޓެން އެންމެ ސިކުންތެއްވެސް ނުނަގާނެއެވެ. ބުނަންވީ ހެއްޔެވެ؟ މާހިލްގެ ހިތް ހަލާކުކޮށްލަންވީ ހެއްޔެވެ؟

"އަހަރެންނަށް މަޢާފްކުރައްޗެ މާހިލް" ނައިޝީ މާހިލްގެ މޭގައި ލައްވެލިއެވެ. މާހިލްއަށް ޚައިރާންކަމެއް ލިބުނެވެ. ނައިޝީގެ ބޮލުގައި ބޮސްދެމުން އޭނާ ނައިޝީގެ ހަށިގަނޑުގައި ދެއަތުން ވަށައިލިއެވެ. ނައިޝީ ދޫކޮށްނުލުމުން އޭނާއަށްވެސް އިހުސާސްތައް ހިފަހައްޓަން އުނދަގުވަމުން ދިޔައެވެ.

"މާހިލް. އަހަރެން... އަހަރެން މިއުޅެނީ... މާހިލް ދެރަނުވައްޗެ. އަހަރެންނަށް މިނޫންގޮތެއް ނެތީ" ނައިޝީ މާހިލްގެ މޫނަށް ބަލައިލިއެވެ.

"އިޓްސް އޯކޭ ބޭބީ..." ނައިޝީގެ ވާހަކަތަކުން މާހިލަށް ނެގުނީ މުޅިން އެހެން މާނައެކެވެ.

މާހިލް ނައިޝީގެ ނިތުގައި ތުންފަތް ޖައްސައިލިއެވެ. ބޮސްދިނުން އިތުރުވެގެން ދިޔައިރު ނައިޝީއަށް އޭނާ ކުރަން އައި ކަންތައް ހަނދާންނެތި މުޅިން އެހެން ކަމަކަށް އޭނާގެ ނަފްސު ތައްޔާރުވިއެވެ. މާހިލްގެ ދިރިއުޅުން ބަދަލުވެފައިވާކަން އޭނާގެ ސިކުނޑިން ކައްސާލައިފިއެވެ. އޭނާގެ ހަށިގަނޑުން ލައިގެން ހުރި ޓީޝާޓް ވަކިވެ ބޭނުންނެތް އެއްޗެއްގެ ގޮތުގައި ކޮޓަރީގެ ޓައިލްސްތަކުގެ މަތިން ޖާގަ ހޯދައިފިއެވެ. ނައިޝީއަށް އޭނާގެ ބޮލާ ޝޯލް ވަކިވެގެން ދިޔައިރު ރޭކާނުލިއެވެ. ހަމަހިމޭންކަން ވެރިވެފައިވާ ކޮޓަރިތެރޭ އެނދުގައި ތިބި ނައިޝީއަށް މާގިނައިރު އެގޮތަށް ނުތިބެވުނެވެ. ކޮންމެސް އެކެއްގެ ސިކުނޑިން އިންޒާރުތަކެއް ދެމުން ދިޔައެވެ. ކުއްލިއަކަށް މާހިލް ނައިޝީ ދުރަށް ކޮށްޕާލުމަށްފަހު ތެދުވެ އެނދުގައި އިށީނެވެ. އޭނާ ލައިގެން ހުރި ޖީންސު ރަނގަޅުކޮށްލަމުން ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލިއެވެ. ތިރީގައި އޮތް ޝޯލް ހިފައިގެން ނައިޝީ ހުއްޓުނީ ޑްރެސިންގްޓޭބަލް ލޯގަނޑު ކުރިމަތީގައެވެ.

(ނުނިމޭ)