ދިވެހި ޕްރިމިއާ ލީގު

މާޒިޔާ އިން ބަލިނުވެ ދަމަހައްޓަމުންދިޔަ ރެކޯޑަށް އީގަލްސް އިން ނިމުމެއް ގެނެސްފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ބަލިނުވެ ދަމަހައްޓަމުންދިޔަ ރެކޯޑަށް ކްލަބު އީގަލްސް އިން ނިމުމެއް ގެނެސްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު ލީގުގެ ދެވަނަ ބުރުގެ މެޗުގައި އީގަލްސް އަތުން މާޒިޔާ ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. އެ މެޗަކީ މާޒިޔާ އިން މިސީޒަނުގެ ލީގުގައި މާޒިޔާ ބަލިވި ފުރަތަމަ މެޗެވެ.

މެޗުގެ ކުރީކޮޅުގައި މާޒިޔާއަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން ނާއިޒް ހަސަން (ދާދު) އަދި އިބްރާހިމް މަހުދީ ހުސައިން (ދާދު) ފޮނުވާލި ވެސް އީގަލްސްގެ ލަންކާ ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފައެވެ.

މެޗުގެ 30 ވަނަ މިނެޓުގައި އީގަލްސް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މާޒިޔާގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން އީގަލްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އީގަލްސް ކުރީގައި އޮވެގެންނެވެ.

އެ މެޗުގެ ދެވަނަ ހާފުގައި މާޒިޔާ އިން ވަނީ ކުޅުން ރަނގަޅުކޮށް، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ ދެވަނަ ހާފު ނިމެން 15 މިނެޓަށް ވެފައި ވަނިކޮށް، ދާދުއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ދާދު ފޮނުވާލި އެ ހަމަލާގެ ހުރަހަކަށްވީ އީގަލްސްގެ ކީޕަރު ސުޖަންއެވެ.

އެ މެޗުން ބަލިވި ނަމަވެސް، ލީގު ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ މާޒިޔާއެވެ. މާޒިޔާއަށް ދިހަ މެޗުން 23 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައަށް ޖެހިލި ކްލަބު އީގަލްސްއަށް ދިހަ މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ކްލަބު ގްރީން ސްޓްރީޓްސްއަށް ދިހަ މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ނުވަ މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ވަނީ ގްރީން ސްޓްރީޓްސް ހިފަހައްޓައިފައެވެ. އެ މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ މެޗުގެ 33 ވަނަ މިނެޓުގައި ގްރީނަށް ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ލީޑު ހޯދައިދިން ނަމަވެސް، މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ބިދޭސީ ކުޅުންތެރިޔާ އޮބައިދާ އަހްމަދު ވަނީ ދަ ގްރާންޑޭއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.