ކުރެވުނު ތުހުމަތުތަކާ ގުޅިގެން ފިޔަވަޅެއްގެ ގޮތުން، އާއިލާ އާއި ބެހޭ ކޯޓުގެ ގާޒީ ހަސަން ސައީދު ކުރިމިނަލް ކޯޓަށް ބަދަލު ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން އެގޮަތަށް ނިންމީ އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައެވެ. ޖޭއެސްސީން ބުނީ، ގާޒީ ހަސަން ސައީދާގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހެޅި ސުލޫކީ މައްސަލަ ބެލުމަށްފަހު، ފަނޑިޔާރުގެ ސުލޫކަށް އަސަރުކުރާ ފަދަ ކަންތައްތަކެއް ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.
އެހެންކަމުން ފިޔަވަޅެއްގެ ގޮތުން ފަނޑިޔާރު ކަމުން ވަކިކުރުމަށް ކަނޑައަޅައި ތަހުގީގު ކޮމެޓީން އެކުލަވައިލި ރިޕޯޓްތައް ޖޭއެސްސީން ބަލައިގަނެ، އެ ރިޕޯޓަށް ޖާވާބުދާރީވުމަށްދިން ފުރުސަތުގައި ލިޔުމުން ޖަވާބު ހުށަހެޅުމުން އެ ޖަވާބަށް ރިއާޔަތްކޮށް އެ ކޮމިޝަނުން މިއަދު ނިންމާފައިވަނީ ފަނޑިޔާރުގެ ސުލޫކަށް އަސަރުކުރާ ފަދަ ކަންތައްތަކެއް ސާބިތުވާ ކަމަށް ކޮމިޝަނުން ނިންމި ނިންމުން ދެމެހެއްޓުމަށް ކަމަށެވެ.
އަދި ފިޔަވަޅެއްގެ ގޮތުގައި ނަސޭހަތްދިނުމަށްފަހު، ކުރިމިނަލް ކޯޓަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
ގާޒީ ހަސަން ސައީދުގެ މައްޗަށް ސުލޫކީ މައްސަލައެއް ހުށަހަޅާފައިވަނީ އާއިލާއާބެހޭ ކޯޓުގެ މުވައްޒަފުން ކުރި ޝަކުވާތަކަކާ ގުޅިގެންނެވެ. އެ މައްސަލައިގެ ތަހުގީގު ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ކުރިއަށް ގެންދިޔައީ ހުޅުވާލައިގެންނެވެ. މީގެއިތުރުން މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނުން ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ވެސް ބަލަން ނިންމައިފައެވެ.