ރިޕޯޓް

ގައުމިއްޔަތޭ ވިދާޅުވެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކުގައި ވެސް އަސްލެެއް ނެތް!

ރައީސް ޔާމީންގެ ވެރިކަމުގައި ކޮރަޕްޝަނާއި އަނިޔާވެރިކަން އޮތީ ހައްދުފަހަނަ އަޅައިފަ އެވެ. ޝަރުއީ ނިޒާމު އޮތީ ހައިޖެކްކޮށްފަ އެވެ. މީޑިއާގެ އަތްފައި އޮތީ ބަނދެ ކަސްތޮޅު އަޅުވައިފަ އެވެ. ދިވެހީންގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތީ ކަފުންކޮށްފަ އެވެ. ވަޒީފާގެ މާހައުލު އޮތީ ބިރުވެރިކަމުން ފުރިފަ އެވެ. ދައުލަތް ހިންގުމުގެ މުޅި ނިޒާމު އޮތީ އެންމެ މީހެއްގެ މުށު ތެރޭގައި ބަންދުކޮށްފަ އެވެ. ދިވެހީން ތިބީ އެމީހުންގެ އަމިއްލަ ގައުމުގައި އަމިއްލަ ފަސްގަނޑުގައި އަމިއްލަ ގޭގައި "ހައްޔަރު" ވެފަ އެވެ.

ތޭވީސް ސެޕްޓެމްބަރު 2018 ގައި ރައްޔިތުން އިބްރާހީމް މުހައްމަދު ސޯލިހަށް ދިން ވޯޓަކީ އެ ހުރިހައި ކަމަކުން މިންޖުވެ ހަށިފޮޅައިލާން ދިން ވޯޓެކެވެ. އަމިއްލަ ގައުމުގެ ޖައްވަށް ހަމަޖެހުމުގެ ނޭވާއެއް ލާން ދިން ވޯޓެެކެވެ. ލޮލަށް ނުފެންނަ އެހެން ނަމަވެސް މުޅި ޖިސްމުގައި އަޅުވާފައި އޮތް ކަސްތޮޅުން މިނިވަން ވާން ދިން ވޯޓެކެވެ. އޭގައި އެއްވެސް ޝައްކެއް ނެތެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ފަހު އެކި ފަހަރު މަތީން ރައީސް ޔާމީން ގައުމާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ "ވީ ކީއްކަން ނޭނގޭ" ކަމަށެވެ. "ކޮށްނުދެވުނީ ކޮން ކަމެއްކަން ނޭނގޭ" ކަމަށެވެ. "އަޅުގަނޑަށް ރައްޔިތުން ވޯޓު ނުދިން ސަބަބު އަދިވެސް ނޭނގޭ" ކަމަށެވެ. "އަޅުގަނޑަށް ރައްޔިތުން ދަސްނުވީ" ކަމަށެވެ.

ރައީސް ޔާމީންގެ ސުވާލު ތަކުގެ ޖަވާބު އެންމެ ދެ ޕެރެގުރާފުން ފެންނާން އެއޮތީ އެވެ. ރައްޔިތުން އެމަނިކުފާނަށް ވޯޓު ނުދިން ހުރިހައި ސަބަބެއް އޭގެން ސާފުވާނެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ނިމުމުގެ ސިއްކަ ޖެހުނު ނަމަވެސް، އެންމެ ފަހު ވަގުތާ ހަމައަށް ވެސް ބައެއް ރައްޔިތުން އެމަނިކުފާނުގެ ކިބައިގައި ހުރި ރަނގަޅު ބައެއް ކަންކަން ފާހަގަކުރި އެވެ. އޭގެން އެއް ކަމަކީ ދީނާއި ގައުމިއްޔަތުގެ ރުކުންތައް ނެގެހެއްޓުމަށް ކުރެއްވި މަސައްކަތްތަކެވެ. އެކަމުގައި އެންމެ ސޫތެއް ވެސް ދޫނުދެއްވުމެވެ. އެންމެ ފަހު ވަގުތާ ހަމައަށް ވެސް ގައުމީ އަދި ދީނީ ކަންކަމުގައި ވިދާޅުވަމުން ގެންދެވި ގަދަ ބަސްފުޅު ތަކެވެ. ދޭސީންނާއި ބިދޭސީން ކިތަންމެ ރުޅި އަޔަސް ދިވެހި ގައުމިއްޔަތަށް އުނިކަމެއް އަންނާނޭ ގޮތަކަށް ކިތަންމެ ކުޑަ ކަމެއް ވެސް ނުކުރައްވާނެ ކަމަށް އެމަނިކުފާނު ގެންދެވީ ހަރު އަޑުފުޅުން ވިދާޅުވަމުންނެވެ. އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ އިސްލާމް ދީނާއި ދިވެހި ގައުމުގެ އިސްތިގުލާލު ނެގެހެއްޓުމަށް ކަމަށް އަބަދުމެ ވިދާޅުވި އެވެ. އެކަމަށް ދިވެހީން ކުރިޔަށް އޮތް ތަނުގައި ވެސް ފުންކޮށް ވިސްނާން ޖެހޭނެ ކަމަށް އެންމެ ފަހުން ދެއްވި ތަގުރީރުގައި ވެސް އިލްތިމާސްކުރެއްވި އެވެ.

އެހެން ކަމުން ބައެއް މީހުންގެ ގަބޫލުކުރުމުގައި ރައީސް ޔާމީނަކީ ގައުމީ ކަންކަމަށް ވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ. އެފަދަ ދެވަނައެއް ނެތް ބަތޮލެކެވެ. ގައުމީ ރޫހު އަލާކޮށް ވަރުގަދަކުރުމަށް މަސައްކަތް ކުރާނެ ވަކި ކޮމެޓީއެއް އުފެއްދެވީ ވެސް ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. ސްކޫލު ތަކުގެ ދަރިވަރުންގެ ހިތްތަކުގަ އާއި ޒުވާނުންގެ ހިތްތަކުގައި ގައުމީ ޖޯޝު އުފައްދައި، ގައުމު ދެކެ ލޯބިވާ، ގައުމަށް ޓަކައި ގުރުބާން ވާން ތައްޔާރަށް ތިބޭ ދަރީން ތަކަކަށް އެމީހުން ހެދުމަށް އެމަނިކުފާނު ގެންދެވީ ކޮންމެ ތަގުރީރެއްގައިމެ ގޮވައިލައްވަމުންނެވެ.

ރައީސް ޔާމީންގެ ވަތަނީ ސިފަ އެމަނިކުފާނުގެ ކެމްޕޭން ޓީމުތަކަށް ވިއްކޭނެ ޕޮސިޓިވް ޓޫލަކަށްވި އެވެ. ރިޔާސީ އިންތިޚާބާ ހަމައަށް އެމަނިކުފާނުގެ ކިބައިން ފެނިގެން ގޮސްފައިވާ ކަންކަމަށް ބަލާ އިރު ގައުމިޔަތުގެ ބަހާތަކަށް އިސްކަންދެއްވިއޭ އެއް ނަޒަރިއްޔާތަކުން ބަލާ ނަމަ، ބުނެވިދާނެ އެވެ.

އެކަމަކު މިއަދު މިއޮތީ އެމަނިކުފާނު އެ ދެއްކެވި ވަތަނީ ވާހަކަތަކުގައި އަސްލު އެކުލެވިފައި އޮތީ ކިހާ ވަރަކަށްތޯ ސުވާލު އުފައްދަން ޖެހިފަ އެވެ. އެމަނިކުފާނު ގައުމިޔަތޭ ވިދާޅުވެ ދެއްވި ދަރުސްތަކުގައި އަސްލު ނިޔަތް އޮތީ ކިހިނެއްތޯ ސުވާލު އުފައްދަން ޖެހިފަ އެވެ. ހަމަ ގައިމުވެސް އޭރު އެމަނިކުފާނު ދެއްކެވި "ގައުމީ ވާހަކަ"ތަކުގައި ވިދާޅުވި ސިފަ ޚުދު އެމަނިކުފާނުގެ ފުށަކުން ނުފެނުނެވެ. ގައުމިއްޔަތު ދިރުވައި އާލާކުރައްވާ ބޭފުޅެއްކަން ސާބިތެއް ނުކޮށްދެވުނެވެ.

ރައީސް ޔާމީނަކީ ދޮންބަންޑާރައިން ނުވަތަ ބޮޑުތަކުރުފާނު ފަދަ ގައުމީ ބަތަލެއްގެ ލަގަބު އެމަނިކުފާނުގެ ސަޕޯޓަރުން އެރުވި ވެރިޔަކަށް ވީ އިރު، އެ ވިދާޅުވާ ބޮޑުތަކުރުފާނުގެ ޒިކުރާ މި ގައުމުގެ ހުރިހާ ރައްޔިތުން އާކޮށް ހެޔޮދުއާކުރި އިރު ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ދީފައި ހުރި ރައީސުލްޖުމްހޫރިއްޔާގެ ޚަބަރެއް ނުވުމަކީ ގައުމިއްޔަތުގެ ލޯބިތޯ އެވެ؟ ފަހުގެ ތާރީޚުގައި ދިވެހި ގައުމަށް ދިން އެންމެ ނުރައްކާތެރި އަދި ބިރުވެރި އުދުވާނީ ހަމަލާގައި 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ރާއްޖެ ހިފައި، ދިވެހީންގެ 19 މީހަކު ޝަހީދުކޮށްލި އެވެ. ދިވެހި ގައުމަށް ޓަކައި ލެއިން ޤުރުބާންވެ ޝަހީދުވި ބަތަލުންގެ ލެއިން އެދުވަހު މި ފަސްގަނޑު ކަޅިކޮށްލި އެވެ. އެނުރައްކާތެރި ބާޣީންގެ ކިބައިން މި ފަސްގަނޑު މިނިވަންވުމުގެ އުފަލުގައި ފާހަގަކުރާ ދިވެހީންގެ ނަސްރުގެ ދުވަސް ނިމިގެން ދިޔަ އިރު އަޅުގަނޑުމެން މުސާރަ ދީފައި ގައުމިއްޔަތުގެ ރުކުންތައް ނެގެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކުރި ރައީސުލްޖުމްހޫރިއްޔާ ޚިތާބުގަނޑެއްގެ ހިސާބު ވެސް ނުނެރުއްވީ އެމަނިކުފާނު ދިވެހި ފަސްގަނޑު ދެކެ ހަމަ އެހާ ލޯބިފުޅުވާތީ ތޯއެވެ؟ އެންމެ ފަހުން އިއްޔެ ނިމިގެން އެ ދިޔައީ ދިވެހީންގެ ގައުމިއްޔަތުގެ އެންމެ މުހިންމު އެއް ދުވަސް ކަމަށްވާ ޖުމުހޫރީ ދުވަހެވެ. ޖުމުހޫރީ ދުވަސް ނިމިގެން ދިޔަ އިރު ވެސް އެވިދާޅުވާ ގައުމީ ހުރިހާ ބަތަލުންގެ ޝަރަފު ހައްގުވާ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޔާމީންގެ ހިލަމެއް ނުވީ ހަމަ ދިވެހީންގެ ދިވެހި ވަންތަ ކަމާއި ގައުމިއްޔަތުގެ އަސާސްތައް ހިފަހައްޓަވައި ނަގަހައްޓަވަން އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ލޯބީގެ ބޮޑުކަމުންތޯ އެވެ؟

ހިތާމައިގެ ކޮޅެއްވެސް ނެތެވެ. މިއަދުވެސް މި ގައުމުގައި އަޅުގަނޑުމެން ރައްޔިތުން ވޯޓު ދީގެން ހޮވާފައި ހުރި ރައީސުލްޖުމްހޫރިއްޔާއެއް އެބަ ހުއްޓެވެ. އަޅުގަނޑުމެންގެ ފައިސާއިން މުސާރަދޭ ކެބިނެޓެއް އެބަ އޮތެވެ. 700އާ ގާތްކުރާ އަދަދަކަށް ސިޔާސީ އެކި މަގާމުތަކުގައި ބޮޑެތި މުސާރަ ދީފައި މީީހުން އެބަ ތިއްބެވެ. އެކަމަކު ގައުމީ ފެންވަރުގެ އެންމެ މުހިންމު ތިން ދުވަސް އައިސް ނިމިގެން ދިޔަ އިރު، ރާއްޖޭގެ ތަނެއްގައި ބޮކިފަތިގަނޑެއް ކީއްކުރަން ދިދަގަނޑެއް ވެސް ދަމަިއލާނެ ވާލެއް ހަމަ ނެތީތޯއެވެ؟ ނޫނީ ސިޔާސަތުގައި އެކަން ނެތީތޯއެވެ؟ ނޫނީ ރައްޔިތުން އެހެން ވެރިޔަކަށް ވޯޓުދޭ ހިސާބުން މިހާރުގެ ރައީސަށް އޮންނަ ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ވާޖިބު ނިމުނީތޯއެވެ؟

ސެޕްޓެމްބަރު 23ގައި ރައްޔިތުންގެ ވޯޓަކުން އެހެން ރައީސެއް ހޮވިޔެއް ކަމަކު، މިހާރުގެ ރައީސް މި މަހުގެ 17 އާއި ހަމައަށް މިގައުމު ހިންގަވަން ޖެހެ އެވެ. އެެ ދުވަހާއި ހަމަޔަށް ގައުމީ ހުރިހާ ޒިންމާ އަކާއި ވާޖިބެއް ކޮނޑުފުޅުގައި ހޮވިވަޑައިގެންނެވި ދުވެހެކޭ އެއްވަރަކަށް އޮންނާނެ އެވެ. އިންތިގާލީއޭ ޚަރަދެއް ނުކުރެވޭނެއޭ ވެސް ވިދާޅު ނުވައްޗެވެ. އިންތިގާލީ ވިޔަސް ކަންތައްތައް ކުރައްވާތަން ފެންނަނީ ހަމަ ބޭނުންފުޅު ކަމެއްގައި ބޭނުންފުޅުވާ ގޮތަށެވެ. އަމުދުން ދިވެހި ގައުމުގެ ގައުމީ ދުވަސްތައް ފާހަގަކުރުމީ ދިވެހި ކޮންމެ ދަރިޔަކު ވެސް އެދޭނޭ ގޮތެވެ. ޚަރަދެއް ކުރައްވާން ބޭނުން ނޫން ނަމަ ރައީސުލްޖުމްހޫރިއްޔާގެ ޚިތާބެއް އެންމެ ކުޑަމިނުން ނެރެވޭނެ އެވެ. އެކަމަށް ޚަރަދެއް ވެސް ނުދާނެ އެވެ.

ރައްޔިތުންގެ ލޮލަށް ފިއްލަވާކަށް ނުޖެހެ އެވެ. ރައީސް ޔާމީންގެ ތަގުރީރުތަކުގައި އެ ވިދާޅުވާ ފަދަ ގައުމު ދެކެ ލޯބިފުޅުވާ، ގައުމީ ބަތަލުން ދެކެ ލޯބިފުޅުވާ، ގައުމީ ބަތަލަކަށް އެމަނިކުފާނު ވާނަމަ، މި ހުރިހާ ގައުމީ ދުވަސްތައް ނިމިގެން ދިޔަ އިރު، އެންމެ ކުޑަމިނުން ދިވެހީންގެ ލޮލަށް އެމަނިކުފާނު ފެނުނީހެވެ. އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެވިދާޅުވާ ގައުމީވަންތަކަމުން ނަމޫނާ ދެއްކެވީހެވެ.

މިއަދު ބުނެވެން އޮތީ ދެރަ ވާހަކަ އެކެވެ. އެންމެ ފަހު ވަގުތާ ހަމައަށް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ހީކުރި ފަދަ ގައުމިއްޔަތު ދެކެ ލޯބިފުޅުވާ ބޭފުޅަކަށް ވެސް ރައީސް ޔާމީނަށް ވެވަޑައިނުގެންނެވުނު ވާހަކަ އެވެ. ގައުމިއްޔަތޭ ވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކުގައި ވެސް ހަގީގަތެއް ނެތް ވާހަކަ އެވެ. ނުވަތަ އެއީ ހަމަ އެކަނި ވަކި މަގުސަދެއް ހާސިލުކުރައްވަން ދެއްކެވި ވާހަކަފުޅެއް ކަމަށް ގަބޫލުކުރާން ޖެހިއްޖެ ކަމުގެ ވާހަކަ އެވެ.