ޚަބަރު

130 ފުލެޓެއްގެ ކޮމަން އޭރިޔާ ބޭނުން ކުރަމުން އަންނަނީ ގަވައިދާ ހިލާފަށް: އެޗްޑީސީ

މަރިޔަމް ޝަހުދާ

ހުޅުމާލޭގެ 130 ފުލެޓެއްގެ ކޮމަން އޭރިޔާ ބޭނުންކުރަމުން އަންނަނީ ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއިން ކަނޑައަޅާފައިވާ ގަވައިދާ ހިލާފަށްކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

''ވަން އޮންލައިން'' އަށް މައުލޫމާތު ދެމުން އެޗްޑީސީގެ އެސިސްޓެންޓް ކޮމިއުނިކޭޝަން އޮފިސަރު ފާތުމަތު ނައުފާ ވިދާޅުވީ ހުޅުމާލެއިން ދޫކޮށްފައިވާ ފުލެޓްތަކުގެ ކޮމަން އޭރިޔާ، ގަވައިދާ ހިލާފަށް ބޭނުންކުރަމުންދާތީ އެތަން ބޭނުންކުރާ ގޮތް ބެލުމަށް އެ ކޯޕަރޭޝަނުން ހެދި ސާވޭ މިދިޔަ ސެޕްޓެމްބަރު މަހުތެރޭ ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ މި ސާވޭ އިން ހޯދުނު މައުލޫމާތުތައް އިވަލުއޭޓް ކުރުމުގެ މަސައްކަތް ކަމަށް ނައުފާ ވިދާޅުވިއެވެ.

ނައުފާ ވިދާޅުވީ މިހާތަނަށް މީހުން ދިރިއުޅޭ 130 ފްލެޓެއްގެ ކޮމަން އޭރިއާ ބޭނުން ކުރަމުން އަންނަނީ އެޗްޑީސީގެ ގަވައިދާއި ހިލާފަށްކަން ފާހަގަ ވެފައިވާ ކަމަށެވެ. އަދި ސާވޭގައި ލިބުނު މައުލޫމާތު އިވަލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ވަރަކަށް މި އަދަދު ބަދަލުވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ނައުފާ ވިދާޅުވިއެވެ.

ހުޅުމާލޭ ފްލެޓް ތަކުގެ ކޮމަން އޭރިއާ ގަވައިދާ ހިލާފަށް ބޭނުން ކުރަމުން އަންނަ އިރު، މައިގަނޑު ގޮތެއްގައި ފާހަގަވެފައިވާ ބައެއް ކަންކަން ނައުފާ ހިއްސާކުރެއްވިއެވެ. އެގޮތުން ބައެއް ފަރާތްތަކުން ފްލެޓްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ބައެއް ފަރާތްތަކުން ފްލެޓުގައި އިތުރު ކޮޓަރި ހަދާފައިވާ ކަމަށާއި، މިފަދަ އިންފްރާސްޓްރަކްޗާތައް ކުރިން ހުރި ގޮތަށް ބަދަލު ކުރުމަށް މިހާރު އެޗްޑީސީ އިން ފްލެޓްތަކުގެ ވެރިފަރާތައް އަންގާފައިވާނެ ކަމަށް ނައުފާ ވިދާޅުވިއެވެ.

އެޗްޑީސީ އިން މިހާރު މަންސާ ޕްރޮގްރާމްތައް ކޮންމެ ނެއިބާހޫޑެއްގައި ވަކިވަކިން ކުރިއަށް ގެންދަމުން އަންނަ ކަމަށް ނައުފާ ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމްގައި ފްލެޓްތަކުގެ ކޮމަން އޭރިއާ އެންމެ އެކަށީގެންވާ ގޮތުގައި، ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާއި އެޗްޑީސީއަށް ފައިދާ ކުރާނެ ގޮތަކަށް ބޭނުން ކުރާނެ ގޮތްތަކާމެދު މަޝްވަރާކޮށް ހިޔާލު ބަދަލު ކުރާނެ ކަމަށް ނައުފާ ވިދާޅުވިއެވެ.

ޖުލައި މަހު އެޗްޑީސީ އިން އިއުލާނެއް ކުރުމަށް ފަހު ފެށި މި ސާވޭގައި ކޮމަން އޭރިއާގައި އިމާރާތްކޮށްފައި ހުރިތޯ އާއި، އެއްމެދު އިމާރާތަށް ގެއްލުންވާ ފަދަ ގަސްތައް އިންދާފައި ހުރިތޯ އާއި އެތަން ހިޔާކޮށް، ދޮރު ހަރުކޮށްފައި ހުރިތޯ ބަލާފައިވެއެވެ. އަދި އިމާރާތުގެ ބޭރަށް ބަދަލެއް ގެނެސްފައި ހުރިތޯ އާއި ވިޔަފާރި ބޭނުމަށް ކޮމަން އޭރިއާ ބޭނުން ކުރޭތޯ އާއި، ބެލްކަނީގެ ރެއިލިން އިން ދޮރުކަނޑާފައި ހުރިތޯވެސް މި ސާވޭގައި އެޗްޑީސީ އިން ބަލާފައިވެއެވެ.