ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަޅުގަނޑުމެންގެ ތަރައްގީގެ ތަސައްވަރަކީ ރާއްޖެ ލާމަރުކަޒު ކޮށްގެން ޖަޒީރާވަންތަ ދިރިއުޅުމެއް ހޯދައިދިނުން: ރައީސް

މަރިޔަމް ޝަހުދާ

ތަރައްގީގެ ތަސައްވަރަކީ ރާއްޖެ ލާމަރުކަޒު ކޮށްގެން ޖަޒީރާވަންތަ ދިރިއުޅުމެއް ދިވެހީންނަށް ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. މިޓުވީޓުގައި ރައީސް ވިދާޅުވީ ރާއްޖެ ލާމަރުކަޒު ކޮށްގެން ޖަޒީރާވަންތަ ދިރިއުޅުމެއް ދިވެހީންނަށް ހޯދައިދިނުމުގެ މަގުސަދު ހާސިލު ކުރުމުގެ ގޮތުން ސަރުކާރުން މަޖިލީހަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައުމަށް ހުށަހަހަޅާފައިވާ ކަމަށެވެ. އަދި މިއީ ރާއްޖެއަށް އަޅުގަނޑުމެން އެދޭ ތަރައްގީގެ ބިންގާ ކަމަށް ރައީސް ސިފަ ކުރެއްވި އެވެ.

މިދިޔަ ސެމްޕެޓްމަރު މަހު ކުރީކޮޅު ލާމަރުކަޒީ ގާނޫނަށް މުހިއްމު 22 ބަދަލެއް ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ކައުންސިލްތައް މިހާރަށްވުރެ ބާރުވެރި ކުރުމަށް ގެނައި ބަދަލު ތަކުގެ ދަށުން ދައުލަތުގެ އާމްދަނީގެ %5އަށްވާ އަދަދުގެ ފައިސާ ކައުންސިލްތަކަށް ދިނުމާއި، ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ %40 އަށްވާ އަދަދުގެ ފައިސާ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން ކައުންސިލަކަށް ދިނުމަށް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ރަށު ފެންވަރުގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ އަގު ފަސް މިލިއަނަށްވުރެ ދަށް ނަމަ، ރަށު ކައުންސިލުން އެ މަޝްރޫއުތައް ހިންގާ ގޮތަށް ބަދަލުކުރުމާއި، ކުންފުންޏާއި ކޯޕަރޭޓްސް އުފައްދައިގެން ވިޔަފާރިކުރުމާއި އާމްދަނީ ހޯދުމުގެ ވަސީލަތްތައް ގާއިމުކުރުމާއި އިގުތިސޯދީ ހަރަކާތްތައް ހިންގުމުގެ ބާރު ކައުންސިލުތަކަށް ދޭން ވެސް ބިލްގައި ވަނީ ހިމަނައިފަ އެވެ. ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ކަނޑައަޅާ އުސޫލެއް ދަށުން އިދާރީ ދާއިރާގައި ހިމެނޭ ފަޅުރަށްތައް ބެލެހެއްޓުމާއި އިގުތިސޯދީ ބޭނުންތަކަށް ބޭނުންކުރުމުގެ ބާރު ދިނުމަށް ވެސް ބިލުގައި ހުށަހަޅާފައިވެ އެވެ.

އަދި ލޯކަލް ގަވަންމެންޓް ބޯޑު އަލުން އެކުލަވައިލުމަށާއި ބޯޑު އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ހުށަހަޅާ، ލޯކަލް ގަވަންމެންޓް އޮތޯރިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަދަލުކޮށް ގާނޫނުގައި ހިމަނަން ބިލުގައި ވަނީ ހުށަހަޅައިފަ އެވެ. މީގެ އިތުރުން ކައުންސިލުތަކުގެ އުމުރު ފަސް އަހަރަށް ބަދަލުކޮށް، ކައުންސިލުތަކުގެ ގޮނޑީގެ %33 އަންހެނުންނަށް ހާއްސަ ކުރުމާ އެކު، ސިޓީ ކައުންސިލުގެ މޭޔަރާއި އަތޮޅު ކައުންސިލުގެ ރައީސާއި ރަށު ކައުންސިލުގެ ރައީސް އަދި ނައިބު ރައީސުން އިންތިހާބު ކުރަން ވާނީ ސީދާ ރައްޔިތުންގެ ވޯޓުން ކަމަށް ހެދުމަށް ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.