ޚަބަރު

16 ކުންފުންޏަކާއެކު "އިންޑިއާ އެކްސްޕޯ" ފަށައިފި

ރާއްޖޭގެ ކުދި ވިޔަފާރިތަކުގެ ޔޫނިއަން، އެސްއެމްއީ އެންޑް އޯންޓްރަޕްރެނުއާ ފެޑެރޭޝަން އޮފް މޯލްޑިވްސް (ސެފްއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ "އިންޑިއާ އެކްސްޕޯ 2019" ފަށައިފިއެވެ.

އިންޑިއާ އެކްސްޕޯ 2019 އަކީ އިންޑިއާ ކުންފުނިތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ދިވެހިންނަށާއި ރާއްޖޭގެ ވިޔަފާރި މާކެޓަށް ދައްކާލުމަށް ބާއްވާ އެކްސްޕޯއެކެވެ.

މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ދަރުބާރުގޭގައި ކުރިއަށްދާ މި އެކްސްޕޯ ފަށާފައިވަނީ އިންޑިއާ-މޯލްޑިވްސް ބިޒްނަނަސް ކޮންކުލޭވްގެ ނަމުގައި ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި "އިންޑިއަން އޯޝަން ޓްރޭޑް އޮޕަޗުނިޓީސް އެންޑް ޑިޓެރެންޓްސް" އަދި "ޓޫރިޒަމް ސެކްޓާސް އެންޑް ނިއު ޑިވެލޮޕްމަންޓް"ގެ ނަމުގައި ދެ ޕެނަލް ޑިސްކަޝަންއެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ޕެނަލް ޑިސްކަޝަންގައި އިންޑިއާގެ އެކި ކުންފުނިތަކުގެ ޕްރޮފެޝަނަލް ޕެނަލިސްޓުން ބައިވެރިވެ ވަޑައިގަތެވެ.

އާންމުންނަށް މާދަމާ ހުޅުވާލަން ނިންމާފައިވާ އިންޑިއާ އެކްސްޕޯގައި ޖުމްލަ 16 ކުންފުންޏަކުން ބައިވެރިވެއެވެ.

އެގޮތުން އެކްސްޕޯގައި ބައިވެރިވާ އެކްޒިބިޓަރުންގެ ތެރޭގައި އެމްއެމް އެކްސްޕޯޓްސް، އެސްބީއައި، އައިލެންޑް ގުރޫޕް، މަރްވާ އިމްޕެކްސް، ސައިބާ ސެކިއުރިޓީ، ރައިން ސޯލާ، އެޑެކްސް އިންޑިއާ - މުމްބާއީ ޑައިވް ޝޯގެ އިތުރުން އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން އަދި ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީސް ހިމެނެއެވެ.

މި އެކްސްޕޯގެ އޮންލައިން ޕާޓްނަރަކީ ވަން އޮންލައިންއެވެ.