އެފްއޭއެމް

އެފްއޭއެމްގެ ގައުމީ ޓީމު ކޮމިޓީން މަހުލޫފު އިސްތިއުފާދެއްވުމާއެކު އެ ކޮމިޓީއަށް ބަދަލުތަކެއް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ގައުމީ ޓީމު ކޮމިޓީން ކުޅިވަރާ ބެހޭ ވަޒީރު އިސްތިއުފާ ދެއްވުމާއެކު އެ ކޮމިޓީއަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެފްއޭއެމް އިން އެކުލަވާލި ގައުމީ ޓީމު ކޮމިޓީން މަހުލޫފު އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅެވެ. މަހުލޫފު ވިދާޅުވީ އެ ކޮމިޓީގެ މެމްބަރުކަން ގަބޫލުކުރެއްވުމުން ކުޅިވަރު އެސޯސިއޭޝަންތަކުގެ ފާޑުކިޔުން ވެސް އަމާޒުވި ކަމަށާއި އެގޮތުން އެ ކޮމިޓީގައި އިންނެވުމުން ފުޓުބޯޅައަށް ހާއްސަ އިސްކަމެއް ދޭ ކަމަށް ބެލެވިދާނެ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

ގައުމީ ފުޓުބޯޅަ ޓީމުގެ ކަންތައްތަކުގައި ލަފާ ހޯދުމަށް އެފްއޭއެމް އިން މީގެ ކުރިން އެކުލަވާލި ކޮމިޓީގައި މަހުލޫފުގެ އިތުރުން ހިމެނިވަޑައިގަންނަވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު އަދި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދެވެ.

އޭރު ކޮމިޓީއަށް ނެންގެވި މެމްބަރުންގެ ތެރެއިން މިހާރު އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދެވެ. މިހާރު އެ ކޮމިޓީގައި އެފްއޭއެމްގެ ރައީސް ބައްސާމާއި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވެސް ހިމެނިވަޑައިނުގަންނަވައެވެ.

މިހާރު އެ ކޮމިޓީގައި އަލީ ވަހީދާއި ޝަވީދުގެ އިތުރުން ހިމެނިވަޑައިގަންނަވަނީ އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް އަހްމަދު ޝަކީބާއި ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު އަލީ ނާޝިދު އަދި އަންހެން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން މަރިޔަމް މިރުފަތެވެ.