ދިވެހި ޕްރިމިއާ ލީގު

ފޯކައިދޫ މެޗަށް ވެސް ވިކްޓަރީއަށް ކުޅުންތެރިން ހަމައެއް ނުކުރެވުނު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ފޯކައިދޫ ފުޓްބޯލް ކްލަބާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓަރީ ސްޕޯޓްސް ކްލަބު ހާޒިރު ނުވުމުން، އެ މެޗުން ފޯކައިދުއަށް ތިން ޕޮއިންޓް ކަށަވަރުވެއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ފޯކައުދޫއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓަރީގެ ކުޅުންތެރިން ހަމަނުވުމުން، ވިކްޓަރީން ވަނީ ފޯކައިދުއަށް އެ މެޗު ދޫކޮށްލައިފައެވެ.

މިދިޔަ މަހު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅެން އޮތް ފުރަތަމަ ބުރުގެ މެޗަށް ވެސް ވިކްޓަރީއަށް ކުޅުންތެރިން ހަމަކުރެވިފައެއް ނުވެއެވެ. އެ މެޗަށް ވިކްޓަރީން ހާޒިރުނުވުމުން އެފަހަރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ 40000 ރުފިޔާއިން ވިކްޓަރީ ޖޫރިމަނާކޮށްފައެވެ. ވިކްޓަރީން ކުރިއަށް އޮތް މެޗުތައް ކުޅެވޭނީ ޖޫރިމަނާ ފައިސާ ދައްކައިގެން ކަމަށް އެފްއޭއެމް އިން އެންގިއެވެ. އެއަށްފަހު ވިކްޓަރީން ވަނީ އެފްއޭއެމް އިން އެކްލަބަށް ދޭ ފައިސާއިން ޖޫރިމަނާ ފައިސާ އުނިކުރުމަށް އެފްއޭއެމްއާއެކު އެއްބަސްވެފައެވެ.

އޭގެ ފަހުން ވިކްޓަރީން ލީގު ދެ މެޗެއް ކުޅުނު ނަމަވެސް، އެއް މެޗު ކުޅުނީ ބަދަލު ދެ ކީޕަރުންނާއެކު ޓީމު ހަމަކޮށްގެންނެވެ. އަދި ދެވަނަ ބުރުގައި ވިކްޓަރީން ކުޅުނު ފުރަތަމަ މެޗުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ފެނިގެންދިޔައީ ބަދަލު ދެ ކީޕަރުންނެވެ.

ގިނަ ގޮންޖެހުންތަކަކާއެކު ވިކްޓަރީން މިސީޒަނަށް ނުކުތީ ވަރަށް ޒުވާން ސްކޮޑަކާއެކުއެވެ. ޓީމުގައި އިތުރު މައްސަލަތަކެއް ޖެހި، ވިކްޓަރީގެ ކޯޗެއްގެ ގޮތުގައި ހުރި މުހައްމަދު އާދަމް ވެސް ވަނީ މަގާމުން އިސްތިއުފާ ދީފައެވެ. ވިކްޓަރީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ މުސާރައިގެ މައްސަލައެވެ.

ވިކްޓަރީގެ އިތުރުން އެހެން ކްލަބުތަކުން ވެސް ދަނީ މުސާރައިގެ މައްސަލަތަކާ ކުރިމަތިލަމުންނެވެ. ފާއިތުވެދިޔަ އަހަރުތަކުގައި އެސްއޯއީގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކްލަބުތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް، މިއަހަރު އެ ކުންފުނިތަކުން އެއްބަސްވުންތައް އާކޮށްފައެއް ނުވެއެވެ. އެހެންކަމުން މިއަހަރު ކްލަބުތަކަށް ފައިސާ ދެމުން އަންނަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންނެވެ.