ކޮލަމް

ކެޔޮނިރު ކޮލަމް: އެމްޑީޕީގެ ރައީސް ކަމަށް "ކެތްތެރިކަން ކުޑަ" ނަޝީދު ތޯއެވެ؟ ނުވަތަ "ކެތްތެރި" ސޯލިހް ތޯއެވެ؟

މުހައްމަދު ބުޝްރީ

މީގެ ފަސް އަހަރު ކުރީން، 2014 ވަނަ އަހަރު، އެމް.ޑީ.ޕީ ގެ ރައީސް ކަމަށް މުހައްމަދު ނަޝީދު ހޮވިވަޑައިގަތީ އެހެން އެއްވެސް ފަރާތަކުން އެމަޤާމަށް ވާދަ ނުކުރެއްވުމުން ހަމައެކަނި އެމަނިކުފާނު ވާދަ ކުރައްވައިގެންނެވެ. ވޯޓު ލުމުގެ ހައްޤު ލިބިފައިވާ ގާތްގަނޑަަކަށް 58 ހާސް މެމްބަރުން ތިބި އިންތިހާބެއްގައި 2014 ވަނަ އަހަރު ނަޝީދަށް 33 ހާސް ވޯޓު ލިބި ވަޑައިގަތެވެ. އެއީ ވޯޓު ލުމުގެ ހައްޤު ލިބިފައި އެއިރު ތިބި އެމް.ޑީ.ޕީ މެމްބަރުންގެ 56 އިން ސައްތަ އެވެ.

މިފަހަރުގެ އިންތިހާބު އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ބާއްވާ ގޮތަށް އެމް.ޑީ.ޕީ އިން އިއުލާން ކޮށްފައިވާއިރު، މި އިންތިހާބުގައި ވާދަ ކުރުމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވިފައިވަނީ މި އޮކްޓޯބަރ މަހުގެ 19 ވާ ހޮނިހިރު ދުވަހުގެ މެންދުރު ބާރަ ޖެހުމާ ހަމައަށެވެ. ބޮޑު ސުވާލަކީ ބާކީ މިއޮތް 4 ދުވަހުގެ ތެރޭގައި ރައީސް ނަޝީދާ ވާދަކޮށްލަން ކެރޭ އެމް.ޑީ.ޕީ މެމްބަރަކު މިފަހަރު ނިކުންނާނެ ބާއެވެ؟ ނުވަތަ 2014 ވަނަ އަހަރުވެސް ކަންވީ ފަދައިން މިފަހަރުވެސް ނަޝީދު އެމް.ޑީ.ޕީ ގެ ރައީސް ކަމަށް ހޮވިވަޑައިގަންނަވާނީ އެއްވެސް ވާދަވެރި ކެންޑިޑޭޓަކު ނެތި، ގިނިކަންޏާ ކުރިމަތި ލައްވައިގެންތޯ އެވެ؟ އެންމެ ޑިމޮކްރެޓިކް ކަމަށް ދައުވާ ކުރާ ޕާޓީގެ އެންމެ އިސް މަޤާމަކީ ނަޝީދުގެ އަމިއްލަފުޅު އެއްޗަކަށް ވާން ދޫކޮށްލައިގެން އެމް.ޑީ.ޕީ ހުރިހާ މެންބަރުން ތިބުމަކީ ޑިމޮކްރެސީގެ އެންމެ ފުރިހަމަ ނަމޫނާތޯވެސް ސުވާލު އުފެދެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ރައްޔިތުންގެ މަޖުލިހުގެ ރައީސްކަން ވެސް ކުރައްވާ، އެމް.ޑީ.ޕީ ގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ އެމް.ޑީ.ޕީ ގެ ރައީސް ކަމަށް އިތުރު ދައުރަކަށް އެމަނިކުފާނު ކުރިމަތި ލައްވާނެ ކަމަށާއި، ޕާރޓީގެ ހުރިހާ މެމްބަރުންގެ އަރިހުން އެމަނިކުފާނަށް ތާއިދުކޮށް، ވޯޓު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މިއާއެކު ޕާރޓީގެ އިސް ވަރަށް ގިނަ ފަރާތްތަކާއި، ޕާރޓީގެ ގިނަ އެކްޓިވިސްޓުންތަކެއް ވަނީ ނަޝީދުގެނަން އެންޑޯޒް ކޮށް، ތާއިދުގެ ޓްވީޓްތަކާއި ލިޔުންތައް ހާމަކޮށްފައެވެ. އޭގެ ތެރޭގައި އެމް.ޑީ.ޕީ ގެ ޗައާރ ޕާރސަން ހަސަން ލަތީފް، ޕާރޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް، ރައީސް ސޯލިހުގެ ކޮއްކޮއެއް ކަމުގައިވާ، އަދި ހުޅުމާލޭގެ މަޖުލިސް މެމްބަރ އަލީ ނިޔާޒް، ހުޅުމީދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބް އަދި ހެންވޭރު ދެކުނު ދާއިރާގެ މަޖުލިސް މެމްބަރ ހުސެން ޝަހީމް ފަދަ ބޭފުޅުން ހިމެނެއެވެ.

ނަޝިދު އެމް.ޑީ.ޕީ ރައީސް ކަމަށް ކުރިމަތި ލެއްވުމުން އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް އަތަކަށް އެއްޗެއް ވިދާޅުނުވާ އެމް.ޑީ.ޕީ ގެ އިސް ބައެއް މެމްބަރުންގެތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރު ކެރަފާ އަހްމަދު ނަސީމް، ރައީސް އޮފީގެ ޕޮލިސީ ސެކެޓްރީ އާމިނަތު ޝައުނާ، ޕްލޭނިންގ މިނިސްޓަރ އަހްމަދު އަސްލަމް، މަޖުލިސްގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި އެމް.ޑީ.ޕީގެ ޕާރލިމެންޓަރީ ގްރޫޕްގެ ރައީސް އަލީ އާޒިމް ފަދަ ބޭފުޅުން ހިމެނެއެވެ.

އެމް.ޑީ.ޕީ ގެ ހިންގާ ޤަވާއިދުގައި ވާ ގޮތުން ޕާރޓީގެ އެންމެ އިސް ފަރާތަކީ އެ ޕާރޓީގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާކަމުގައި ހުންނަވާ ބޭފުޅެކެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ލިބިވަޑައިގެން ފާއިތުމިވާ އެއް އަހަރެއްހާ ދުވަހުގެ ތެރޭގައި ޕާރޓީގެ އެންމެ އިސްވެރިއެއްގެ ދައުރު އަދާ ކުރައްވަމުން ގެންދަވާތަން މިފެންނަނީ ޕާރޓީގެ ރައީސް މުހައްމަދު ނަޝީދުވެ. ރައްޔިތުންގެ މަޖުލިހުން ޤާނޫނުތަކަށް އުނި އިތުރު ގެނައުމުގައި މަޖުލިހަށް ހުށަހަޅާ ބިލްތައް ޑްރާފްޓް ކޮށް ހުށަހަޅާނީ މަޖުލިހުން އަމިއްލައަށްތޯ ނުވަތަ ސަރުކާރުގެ ފަރާތުން ދައުލަތުގެ ބަންޑާރަ ނައިބުތޯ އުފެދިފައިވާ ހިޔާލު ތަފާތުވުން ތަކުގައި، ރައިސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު ކުނި ޖެހި، ދެބަސް ވުން އުފެދިފައިވާ ކަމަށް ކޮންމެވެސް ވަރަކަށް މީޑިއާއަށް ތިލަވެފައި ވިޔަސް، އެދެބަސްވުން އޮތިީ ކިހާ ވަރެއްގައިކަން ދެބޭފުޅުންގެ ފަރާތުންވެސް މިހާތަނަށް ހާމަވެގެން ގޮސްފައެއް ނުވެއެވެ. މިދެންނެވި ހިޔާލު ތަފާތުވުމާއި އެކު، އެމް.ޑީ.ޕީ ގެ ކޮންޓްރޯ އެމަނިކުފާނު އަމިއްލަފުޅަށް ނެންގެވުމުގެ ގޮތުން ރައީސް ސޯލިހު، އެމް.ޑީ.ޕީ ގެ ރައީސް ކަމަށް ވާދަ ކުރައްވަ ފާނެތޯ، މިއީ އުފެދޭ ސުވާލެކެވެ.

ރައީސް ސޯލިހުގެ އެންމެ އަރިސް ތިން ބޭފުޅުންގެ ގޮތުގައި ފެންނަ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ، އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ފަދަ ބޭފުޅުން މި އިންތިހާބުގައި މިހާތަނަށް ފާޅުގަ އަދި ނަޝީދު އެންޑޯޒެއް ނުކުރައްވައެވެ. އޭގެ މާނައަކީ ރައީސް ސޯލިހު މި އިންތިހާބުގައި ވާދަ ކުރެއްވުމާމެދު ކޮންމެވެސް ވަރަކަށް ހިޔާލު ކުރައްވަނީ ކަމަށް ވުން ވެސް އެކަށީގެން ވެއެވެ.

މިއަހަރު ކުރީކޮޅު ރައްޔިތުންގެ މަޖުލިހުގެ އާއްމު އިންތިހާބު ބޭއްވި ދުވަސްވަރާއި، މަޖުލިހުގެ ރައީސަކު ހޮވުމުގެ ބަހުސް ކުރެވުނު ދުވަސް ވަރު "އިބޫ ފެކްޝަން" އަކާއި "ނަޝީދު ފެކްޝަން" އެއް ފާޅުވެ، ކޮންމެވެސް ވަރަކަށް ދެބައިގެ ދެމެދުގައި ބަހުގެ ހަމަލާ ބަދަލު ކުރެވުނެވެ. ނަމަވެސް އާހިރުގައި ރައީސް ސޯލިހު ދޫދެއްވައި ނަޝީދު ކޮޅަށް އެރުއްވިއެވެ. އާއްމު އިންތިހާބުގައިވެސް އެފަދައިން އަމަލު ކުރެއްވި އިރު، މަޖުލިހުގެ ރައީސަކު ހޮވިއިރުވެސް ރައީސް ސޯލުހު ފެނުނީ އެންމެ ފަހުވަގުތު ނަޝީދާ އެއްކޮޅަށް އެރުއްވި ތަނެވެ.

މީގެން ދޭހަކޮށްދެނީ ރައީސް ސޯލިހާއި ނަޝީދާއި ދެމެދު ސިޔާސީ ހިޔާލު ތަފާތުވުން ނެތްކަމެއް ނޫނެވެ. ހިޔާލު ތަފާތުވުން އެބަހުއްޓެވެ. ނަމަވެސް ރައްޔިތުންގެތެރެއިން ގިނަ ބަޔަކު ރައީސް ނަޝީދު ދައްކަވާ ބައެއް ވާހަކަތަކަށާއި، ގެންގުޅުއްވާ ބައެއް ސިޔާސަތުތަކަށް ދެކޮޅު ހެދިއަސް، އެމް.ޑީ.ޕީ ތެރޭގައި އަދިވެސް ނަޝީދުގެ ތާއީދާއި ނުފޫޒު ވަރަށް ވަރުގަދައެވެ. ރައީސް ސޯލިހު ރައީސް ނަޝީދާ ވާދަ ކުރައްވައިގެން އިންތިހާބުގައި ބަލިވެ ވަޑައިގެންފި ނަމަ އެއީ ސިޔާސީ ގޮތުން ވަރަށް ބޮޑު ވެއްޓުމަކަށް ވާނެއެވެ. ހަމަ އެގޮތަށް، ނަޝީދުގެ މައްޗަށް ރައީސް ސޯލިހު މި އިންތިހާބުގައި ކާމިޔާބު ހޯއްދަވައިފިނަމަ އެއީ ރައީސް ނަޝީދުގެ ސިޔާސީ ކެރިއަރުގައި އަޅާނެ ބޮޑު ރެނދަކަށްވެ، ރައީސް ސޯލިހުގެ ސިޔާސީ ކެރިއަރުގެ ބޮޑު މެޑަލް އަކަށް އެކަން ވެގެން ދާނެއެވެ.

ސުވާލަކީ ރިސްކެއް ނަނަގަވައިގެން ނަމަވެސް ރައީސް ނަޝިދާ ވާދަކޮށްލައްވަން ރައީސް ސޯލިހަށް ކެރިވަޑައިގަނަނަވާނެ ތޯއެވެ؟ ނުވަތަ ހަމަ އިސްދަށަށް ޖައްސަވާ ލައްވާފައި، ފަސޭހަގޮތް އިޚުތިޔާރު ކުރައްވާނީތޯއެވެ؟ މިއީ އެމް.ޑީ.ޕީ ގެ ކުރިމަގާވެސް ގުޅިފައިވާ ބޮޑު ސުވާލެކެވެ. ކުރިއަށް އޮތް ފަސް އަހަރަށް ޕާޓީގެ ހުންގާނާ ހަވާލުވެވަޑައިގަންނަވާނީ ކޮން ބޭފުޅެއްތޯ އެވެ؟ "ކެތްތެރިކަން ކުޑަ" ނަޝީދު ތޯއެވެ؟ ނުވަތަ "ކެތްތެރި" ސޯލިހް ތޯއެވެ؟