އެމްއެންޑީއެފް

ޖަޕާނު އަސްކަރިއްޔާގެ ދެ މަނަވަރެއް ރާއްޖެ އަތުވެއްޖެ

އާނިފާ ހުސެއިން ސިރާޖް

ރަހުމަތްތެރިކަމުގެ ދަތުރެއްގައި ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ދެ މަނަވަރެއް މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ "ޖޭއެމްއެސްޑީއެފް ޓަކަޝިމާ" އާއި "ޖޭއެމްއެސްޑީއެފް ބުންގޯ" ނަމަކަށްކިޔާ މި ދެ މަނަވަރު އަންނަ ހުކުރުދުވަހުގެ ނިޔަލަށް ރާއްޖޭގައި މަޑުކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

ޖަޕާނު އަސްކަރިއްޔާގެ ދެ މަނަވަރު ރާއްޖެއަށް ކުރާ ޒިޔާރަތުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ކަނޑުމަތީގެ ތަމްރީނުތަކެއް ހިންގުމަށް ހަމަޖައްސާފައިވާ ކަމަށާއި، މިގޮތުން އަސްކަރީ މަނަވަރުތަކުގައި ހަރަކާތްތެރިވާނެ ގޮތްތަކުގެ ޑްރިލް ތަކާއި ފަޔަރ ފައިޓިންގެ އިތުރުން ޑެމޭޖް ކޮންޓްރޯލާއި ނޭވަލް ޑްރިލްސް ހިމެނޭ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މިއަދު ރާއްޖެ އައި ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ދެ މަނަވަރުގެ ތެރެއިން "ޖޭއެމްއެސްޑީއެފް ޓަކަޝިމާ" އަކީ ނޭވީ ޑިސްޓްރޯޔަރ ކްލާސްގެ މަނަވަރެކެވެ. އަދި "ޖޭއެމްއެސްޑީއެފް ބުންގޯ" އަކީ މައިން ކްލިއަރިންގ އަށް ބޭނުންކުރާ މަނަވަރެކެވެ.