އެމްޑީޕީ

އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް އިތުރު ދައުރަކަށް ވާދަކުރުމަށް ޝިފާޒް ނިންމައިފި

މަރިޔަމް ޝަހުދާ

ސަރުކާރު ހިންގާ މައި ޕާޓީ ކަމަށް ވާ އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް އިތުރު ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސްގެ މަގާމު އެންމެ ފަހުންވެސް އަދާކުރެއްވި، އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ޝިފާޒް މިހެން ވިދާޅުވެފައިވަނީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމަވާފައިވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ. މީގެ އިތުރުން އެމްޑީޕީގެ މެމްބަރުން އޭނާއަށް ތާއީދު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

''އެމްޑީޕީގެ ހިތްވަރުގަދަ މެންބަރުންގެ ތާއީދާއި، ކުރައްވާ އިތުބާރު އެގޮތުގައި ދެއްވާނެ ކަމަށް އުއްމީދު ކުރަން''

ޝިފާޒް ވަނީ 2014 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ނިޔަލަށް އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަގާމު އަދާކުރައްވާފައެވެ.

އެމްޑީޕީގެ ނައިބުރައީސް ކަމުގެ މަގާމަށް ކުރިމަތި ލައްވާނެ ކަން ޝިފާޒު އިއުލާނުކުރީ ޕާޓީގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމު ހުސްވެފައިވާތީ، އެ މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މަހުގެ 22 ވަނަ ދުވަހު ބާއްވަން ހަމަޖައްސައި އެކަމަށް ކުރިމަތި ލުމުގެ ފުރުސަތު އެޕާޓީން ހުޅުވައިލުމާ ގުޅިގެންނެވެ.

އެމްޑީޕީން ބުނީ، އެޕާޓީގެ ރައީސް އާއި ނައިބްރައީސް ހޮވުމަށް ބާއްވާ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބޭނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެޕާޓީގެ މެމްބާޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ ފަރާތްތަކަށް ކަމަށެވެ.