ކޮލަމް

ސިނާންގެ ކޮލަމް: ދިވެއްސަކަށް ވުމުން ރާއްޖޭގެ ކޮންމެ ތާކުންވެސް ހަމަހަމަ ފުރުސަތު އޮންނަންވާނެ އެވެ.

3

މާލެއިން ބިން ދިނުމުގައި މާލޭ ރަށްވެހީންނަށް އިސްކަން ދީގެން އެކަން ކުރަމުންދާތާ އެތައް އަހަރެއް ވެއްޖެ އެވެ. މާލޭގައި ހަދާ ފްލެޓްތައް ދިނުމުގައި ވެސް މި ގޮތަށް އަމަލުކުރާތާ އެހާ ދުވަސް ވެއްޖެ އެވެ. މާލެއިން ފްލެޓަށް ނުވަތަ ގޯއްޗަށް ޝަރުތު ހަމަވުމުގައި، އެ މީހާ މާލޭ ރަށްވެއްސަކަށް ވާން ޖެހޭ މޮޑެލްތައް ގިނައެވެ.

މާލޭގައި އަމިއްލަ ހިޔާވެއްސެއް ނެތް މީހުން ޖެހެން އޮންނަނީ، "މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރު" އެވެ. އޭގައި ޖެހުމުން ވެސް އެއީ މާލޭ މީހެކެވެ. އެއީ މާލޭ ރެފިޔުޖީންގެ ލިސްޓުކަމަށް ބައެއް މީހުން ބުނި ނަމަވެސް، އޭގައި ޖެހުމުން ފްލެޓް ބުރުތަކުގައި އިތުރު މާކުސް ލިބޭ ގޮތް އޮވެ އެވެ. މި ދަފުތަރުގައި ތިބޭ މާލޭ ރަށްވެހީންގެ އަދަދު މީގެ 20 ވަރަކަށް އަހަރު ކުރީން ހާހަކަށް ނޭރި ނަމަވެސް، މިއަދު އެ އަދަދު ހުރީ އެތައް ހާހަކަށް އަރައިފަ އެވެ. އެއީ ހައްތާވެސް ދިވެހިރައްޔިތުންގެ ތެރެއިން "މޮޅުރަށްވެހީން" ނުވަތަ ކެޕިޓަލް ސިޓީގެ ރަށްވެހީންނެވެ.

ދުނިޔޭގެ ގައުމުތަކުގައި، ރައްޔިތުންގެ އޮންނަނީ އެގައުމެއްގެ "ސިޓިޒެންޝިޕް" ނުވަތަ އެ ގައުމެއްގެ ރައްޔިތެއްކަން އަންގައިދޭ ލިޔުމެވެ. ދެން އޮންނަނީ އެ ރައްޔިތަކު އެއިރަކު ދިރިއުޅޭ އެޑެރެހެކެވެ. މި ދެކަން ކަށަވަރު ވުމުން ގައުމުގެ ކޮންމެ ތަނަކަށް ވެސް ގޮސް ހަމަހަމަ ފުރުސަތުތައް ލިބިގަތުމުގެ ހައްގު އެ ރައްޔިތަކަށް ކަށަވަރުކޮށްދެ އެވެ. އިންޑިއާގައި ނަމަ، ޓްރިވެންޑްރަމްގެ މީހަކު ޗެންނާއީއަށް ގޮސް ބިން ހޯދުމާއި ބިން ގަތުމާއި ފްލެޓް ހޯދުމަށް ހުރަހެއް ނޯވެ އެވެ. އެތާގައި ހުންނަ ކޮންމެ ސްކޫލަކަށް ކޮލެޖަކަށް ވެސް ދަރީން ވެއްދެއެވެ. ވާން ޖެހެނީ އިންޑިއާ މީހަކަށެވެ. އިންޑިއާ މީހަކަށް ވުމުން ޗެންނާއީ ނުވަތަ މުމްބާއީގައި ދޭ ހުރިހާ ހިދުމަތަކަށް ހަމަހަމަ ފުރުސަތު އޮންނާނެ އެވެ. ލަންކާގައި ނަމަ، ކެންޑީގައި ދިރިއުޅޭ މީހާއަށް ވެސް ކޮލަމްބޯގައި ލިބޭ ހުރިހާ ހިދުމަތަކަށް ހަމަހަމަ ހައްގު އޮންނާނެ އެވެ. އެއީ ލަންކާ ރައްޔިތަކަށް ވީތީ އެވެ. އެމީހާއަކީ ކެންޑީގެ ދާއިމީ ރައްޔިތެއް ކަމަށް ކަނޑައަޅައި ފްލެޓް ނުލިބޭ ގޮތަކަށް ނޯވެ އެވެ. ނުވަތަ އެމީހާ އަކީ ކަލްކަތާ މީހަކަށް ވީތީ ބެންގަލޫރުން ފްލެޓަށް ޝަރުތު ހަމަ ނުވެ ބެންގަލޫރު ސްކޫލަށް ދަރީން ނުވެއްދޭ ގޮތަކަށް ވެސް ނޯވެ އެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ގާއިމުކޮށް ހިންގަމުންދާ ނިޒާމު އިތުރަށް ގޯސްވުމުގެ ކުރީން މައްސަލަ ހައްލުކުރާން ޖެހެ އެވެ. ދިވެހި ރައްޔިތަކަށް ވުމުން ރާއްޖޭގައި ހަމަހަމަ ފުރުސަތެއް ނުލިބެ އެވެ. މާލޭ ރަށްވެހީންނަށް މާލޭ ސްކޫލުތަކުން ފުރުސަތުދިނުމާއި މާލޭގައި ހަދާ ފްލެޓުތަކަށް މާލޭ ރައްޔިތުންނަށް ލިބޭ މާކުސް އިތުރުވުމުން ފަދަ ޝަރުތުތައް ހުރުމަކީ އަމިއްލަ ގައުމުގައި ދިވެހި ރައްޔިތުން ބިދޭސީންގެ ދަރަޖަޔަށް ވެއްޓިގެން ހިނގައިދާނެ ކަމެކެވެ.

ކޮންމެ ދިވެއްސެއްގެ ދިވެހި ރައްޔިތުކަން އޮންނަ އިރު، އެ މީހާ ވަކި ރަށަކަށް ރަޖިސްޓަރީ ކުރުވައި އެއީ ރާއްޖޭގެ ވަކި ރަށެއްގެ މީހަކަށް ހަދައި، އެމީހާއަށް ލިބެން ޖެހޭ "އަސްލު" ފުރުސަތު ތަކަކީ އެ ރަށަކަށް އުފަންވީތީ ނުވަތަ އެރަށުގެ މީހަކަށް ވީތީ، އެ ރަށުގައި ވަސީލަތްތައް ހުރި މިންވަރަކަށް ކަށަވަރުކޮށްދޭ އެއްޗަކަށް ހެދުމަކީ އިންސާފެއް ނޫނެވެ. މިކަން ރާއްޖޭގެ ވެރީން ކުރަނީ ދިވެހި ކޮންމެ ރައްޔިތެއްގެ ދާއިމީ ވަކި އެޑްރެހެއް އޮންނަން ޖެހޭނެ ކަމަށް ކަނޑައަޅައިގެންނެވެ.

ރާއްޖޭގައި އެމީހަކު ބޭނުން ރަށެއްގައި ދިރިއުޅުމުގެ ފުރިހަމަ ހައްގު ގާނޫނު އަސާސީން ކޮންމެ ދިވެއްސަކަށްމެ ކަށަވަރުކޮށްދެ އެވެ. ކުރީންވެސް އަޅުގަނޑު ބަޔާން މިކުރި ފަދައިން ޝަރުތަކީ ދިވެހި ރައްޔިތަކަށްވުމެވެ. އެޔަށް ފަހު އެމީހާއަށް ގައުމުގެ އިހުތިސާސް ތެރޭ ހިމެނޭ ހުރިހައި ކަމަކަށް ހަމަހަމަ ފުރުސަތު އޮތުމަކީ ގާނޫނު އަސާސީ ލިޔެފައި އޮތް ރޫހެވެ.

ދަތުރުފަތުރު ކުރުމާއި ވަޒަންވެރިވުމުގެ މިނިވަންކަން ބަޔާންކުރާ، ގާނޫނު އަސާސީގެ 41 ވަނަ މާއްދާގެ ށ ގައި ބުނެފައިވާ ގޮތުގައި، "ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި އެއްރަށުން އަނެއް ރަށަށް ހިޖުރަ ކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެ" އެވެ. ގައުމުގެ ސިޓިޒަންޝިޕް ނުވަތަ ރައްޔިތުކަން އޮތަސް، އެ މީހާގެ ވަގުތީ އެޑްރެހަކާއި ދާއިމީ އެޑްރެހެއް އޮންނަން ޖެހޭނެކަމަށް ލާޒިމުކޮށް، އެ ދާއިމީ އެޑްރެހަށް ބަލައި، އޭނާއަށް ލިބޭނެ "ހައްގުމިންވަރު" ނިންމައި އެމީހާއަށް ގައުމުގެ އެހެން ރަށްރަށުން ވަކި ފެންވަރެއްގައި ހިދުމަތް ދިނުން، ނުވަތަ ތަފާތުކުރުން ގެންގުޅުމަކީ ގާނޫނު އަސާސީގެ ރޫހެއް ނޫނެވެ.

މާލެ ތަރައްގީގެ ލޭންޑްމާކު ޖަންގައްޔެއްގެ ގޮތުގައި ތަރައްގީ ކުރުން އެއީ އެހެން މައްސަލަ އެކެވެ. އެކަން އެގޮތަށް ކުރުމުގެ ޒިންމާ ސިޓިޒަންޝިޕް އޮންނަ ރައްޔިތު މީހާ ނަގާކަށް ނުޖެހެ އެވެ. ގައުމަށް ނިސްބަތްވާ ދިވެހި މީހާއަށް އޭނާ ބޭނުން ރަށަކަށް ގޮސް ބޭނުން ހިދުމަތެއް ލިބޭނެ ހަމަހަމަ ފުރުސަތު އޮންނާން ޖެހޭނެ އެވެ. އެ ހިދުމަތް އޭނާ ބޭނުންވަނީ ލ. އަތޮޅުން ކަމަށްވިޔަސް މާލެއިން ކަމަށް ވިޔަސް އައްޑޫން ކަމަށް ވިޔަސް ނުވަތަ އެހެން ތަނަކުން ކަމަށް ވިޔަސް އެކަމުގައި އޮންނަން ވާނީ ހުރިހާ ދިވެހީންނަށް އެއް ހަމައެކެވެ.

މާލޭ ސްކޫލަކުން ދަރީންނަށް ކިޔަވައިދޭން ބޭނުންވާ އައްޑޫ މީހާއަށް އެ ފުރުސަތު ނެތުމަކީ އިންސާފެއް ނޫނެވެ. އެހެން ނަމަ މާލޭ މީހާގެ ދަރިޔަށް އައްޑޫ ސްކޫލުން ވެސް ޖާގައެއް ނުދެވޭނެ އެވެ. މާލޭ މީހާއަށް އައްޑޫން ގޯއްޗާއި ފްލެޓެއް ވެސް ނުދެވޭނެ އެވެ.

ހަގީގީ މައްސަލައަކީ އައްޑޫ މީހާއާއި ކުޅުދުއްފުށީ މީހާ އާއި ކުޑަހުވަދޫ މީހާ އާއި މާލޭ މީހާ ރާއްޖޭގައި ދިރިއުޅުމެވެ. ދިވެހިމީހާއަށް ނުވުމެވެ. ރާއްޖޭގެ ރައްޔިތުންނަކީ ވަކިވަކި ރަށްރަށުގެ މީހުންގެ ގޮތުގައި ދާއިމީކޮށް، އެހެން ތަންތަނުން ލިބެން ޖެހޭ ފުރުސަތުތަކުން މަހުރޫމު ކުރުމެވެ.

މި ކަމުގައި ޒިންމާ ނަގަން ޖެހޭނީ މާލެ މި ގޮތަށް ތަރައްގީ ކުރި ބައެކެވެ. ތަރައްގީގެ ހަމަހަމަ ފުރުސަތުތައް މުޅި ގައުމަށް ބެހިގެން ދާނޭ ގޮތަކަށް ކަންކަން ނުކޮށްފި ނަމަ، އޭގެ ހިތި ނަތީޖާ ފެންނާނެ ކަމަށް ދިވެހީންގެ ތެރެއިން ތަންދޮރު ފިލާފައިވާ މީހުން ބުނަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. މާލެއަށް ހުރިހާ ކަމެއް ޖަމާކޮށް، ރާއްޖެ ތެރޭ މީހާ މާލޭ މީހާ ކޮންސެޕްޓް ފުޅާކޮށް އެ ކޮންސެޕްޓަށް ގައުމު ތަރައްގީ ކުރީ ބަޔަކަށް ނޭނގި ތިބެއެއް ނޫނެވެ. އެއީ ނުދައްކާ ވާހަކައެއް ނޫނެވެ. މާލެ ތަރައްގީ ކުރީ އެ ބުނާ ރާއްޖެތެރޭ މީހާގެ ވެސް ފައިސާއިންނެވެ. ހުޅުމާލެ އާއި ގުޅީ ފަޅު ބުރިބުރިޔަށް ނެގީ ރާއްޖެތެރޭ މީހާގެވެސް ޓެކްސް ފައިސާއިންނެވެ. އެހެންވީމާ އޭނާއަކީ މި ކެޕިޓަލް ސިޓީން ލިބެން ޖެހޭ ފުރުސަތުތައް ދިނުމުގައި ދެވަނަ ދަރަޖަ ނުވަތަ ތިންވަނަ ދަރައިޖައިގެ ދިވެއްސަކަށް ހަދައި، އޭނާގެ ދާއިމީ އެޑްރެހަށް ބަލައި ހިދުމަތުގެ މިންވަރު ކަނޑައަޅަައިގެން ނުވާނެ އެވެ. އެއީ އޭނާގެ ދަރި ސްކޫލަށް ވެއްދުން ކަމަށް ވިޔަސް، ގޯއްޗާއި ފްލެޓް ހޯދުން ކަމަށްވިޔަސްމެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތަރައްގީ ބެހިގެން ދާނޭ ގޮތަށް ގައުމު ތަރައްގީ ކުރުމުގެ ވާހަކަ ހުރިހާ ވެރީންވެސް ދައްކަނީ ކެމްޕޭނުގަ އެވެ. އެއީ ވޯޓާ އެކަނި ގުޅޭ ވާހަކައެކެވެ. ހޮވުނީމާ ހަދައިދެނީ ރަށުގެ ބަނދަރެވެ. ފާލަމެވެ. ނަރުދަމާ އެވެ. ސްކޫލުގައި އިތުރު ކުލާސްރޫމެކެވެ. ހެލްތު ސެންޓަރުގައި ބަދަލުވަނީ ނަން ބޯޑެވެ. މީ މިދިޔަ 30 ވަރަކަށް އަހަރުގެ މަންޒަރެވެ. ނުސީދާ ފޯކަސް އާއި އަމާޒުހުރީ ރަށުމީހާ ރަށުގައި ދާއިމީކޮށް ބަހައްޓައިގެން ހިދުމަތަށް އެދި މާލެއަށް އަތްދިއްކުރާށެވެ. އެއީވެސް ސިޔާސީ އެހެން ވާހަކަޔަކަށް ވެދާނެ އެވެ.

ކަން މިހެން އޮތް އިރު މާލެ ތަރައްގީ ކުރީ ކިހިނެއް ހެއްޔެވެ؟ ތަރައްގީ ކުރަން ފައިސާ ހޯދީ ކިހިނެއް ހެއްޔެވެ؟ ނޭނގޭ މީހަކު އެބަހުރި ހެއްޔެވެ. އެހެން ނަމަ ކިޔައިލާށެވެ. މާލެ ތަރައްގީ ކުރީ ލާމަރުކަޒީ ނިޒާމު މިރާއްޖެއަށް ނުގެނެސް ރާއްޖެތެރޭގެ ރަށްރަށުގެ އިހުތިސާސުގައި ހުރި މުއްސަނދިކަން އެމީހުންނަށް ކަށަވަރުކޮށް ނުދީ، އޭގެން އާމްދަނީ ހޯދައިގެނެވެ. އެ ވަސީލަތްތަކުން ހައްގު މިންވަރު އެ ރަށްރަށް ނުދީއެވެ.

ހަގީގަތަކީ މިއީ އެވެ. މާލޭގައި، ތައުލީމާއި ބޯހިޔާވަހިކަން ފަދަ އަސާސީ ހިދުމަތްތައް ވަކި ބަޔަކަށް ނޫނީ ނުލިބޭ ގޮތަށް ކަންކަން ބަދަލުކުރާ އަޑުތައް ގަދަވުމުން ރައްޔިތުން ރަތަށް އަރައިގެން މި އުޅެނީ އެހެންވެ އެވެ. ރައްޔިތުން ވިސްނައިގެން ތިބީ ގައުމުގެ ކޮންމެ ތަނެއްވެސް ތަރައްގީ ކުރަނީ މުޅި ގައުމުގެ ރިސޯސް ބޭނުންކޮށްގެން ކަމަށް ވެފައި، ގައުމުގައި ދެވޭ އަސާސީ ހިދުމަތްތަކަށް ޝަރުތު ހަމަވުމުގެ އަސާސީ މިންގަނޑަކީ އެ ގައުމެއްގެ ރައްޔިތަކަށްވުން ކަމަށެވެ. އެމީހުންގެ މުޅި ދިރިއުޅުން ބިނާކުރަމުން އައީ އެ ގަބޫލުކުރުން މަތީ ތިބެގެންނެވެ. އެއީ ކުއްލިއަކަށް ބަދަލުކުރެވޭނެ އަދި ކޮށްގެން ވެސް ވާނޭ ކަންކަމެއް ނޫނެވެ.

މިހާލަތުގައި މިއީ ސީރިއަސް މައްސަލައަކެވެ. ބަދަލުކުރުން ފަސޭހައެއް ވެސް ނުވާނެ އެވެ. ހާލަތު މިއޮތީ ނާޒުކު ވެފަ އެވެ. ތަންދޮރު ދަންނަ މީހުން އިންޒާރުދެމުން އައި ވަގުތު މިއޮތީ ޖެހިފަ އެވެ. މާލޭގައި މީހުން އުޅެނީ އުޅޭ ހިތަކުން ނޫނެވެ. މިއީ މަޖުބޫރުވެގެން މީހުން ދިރިއުޅޭ އިންސާނުންގެ ޖަންގައްޔެކެވެ. އެކުވެރި މޫސާ ލަތީފު ވިދާޅާ ގޮތަށް ކޮންމެ އިރަކުވެސް ގޮވަން ތައްޔާރުވެފައި އޮތް ޓައިމް ބޮމެކެވެ. މިއީ ދިރިއުޅެން އެކަށީގެންވާ ތަނެއްވެސް ނޫނެވެ. ހަގީގަތަކީ ގޮތެއް އޮތް މީހަކު މިތާގައި ދިރިނުވެސް އުޅޭނެ ކަމެވެ. އެހާވެސް މިތަނުގެ ހާލަތު ގޯހެވެ. އެކަމަކު މިއަދަކު މިނޫން ގޮތެއް ވެސް ނެތެވެ. މި ގައުމުގައި މިދިޔަ 30 ވަރަކަށް އަހަރު ވެރިކަން ކުރި މީހުން މިކަންކަމާ ނުވިސްނައި، ކަންކަން ކުރީ ކޮން ނިޔަތެއްގައިކަން އެނގިވަޑައިގަންނަވާނީ އެބޭފުޅުންނަށެވެ.

ގަބޫލުކުރާން ޖެހޭ ކަމަކީ، ގައުމެއްގެ ރައްޔިތުންގެ ބޭނުންތަކާއި އެތަނެއްގައި އުފެދޭ އެކި އުމުރުފުރައިގެ އާބާދީއާއި އެ އާބާދީ އުފެދި ފުޅާވަމުން އަންނަ ގޮތާއި ގައުމުގެ އިގުތިސާދަށް އަދި އިޖިތިމާއީ ނީޑްތައް ބަދަލުވަމުން އަންނަ ގޮތް ދެނެގަނެގެން އެގޮތުގެ މަތީން ވަސީލަތްތައް ތަރައްގީކުރުމަކީ މި ގައުމުގައި ނުކުރެވި އޮތް ކަމެއް ކަމެވެ. މިއަދު މާލެއިން މި ފެންނަ ހަގީގަތަކީ އެކަންކަން ނޭނގި ގައުމު ބައްޓަންކުރި ގޮތުގެ ނަތީޖާއެވެ.

މިއަދު، ދިވެހިމީހާ ކޮންމެ ތާކަށް ދިޔަސް އެތަނަކަށް ގޮސް، އެތާކުން ލިބެން ހުރި ފުރުސަތުތައް ހޯދުމުގެ ހައްގު އޭނާއަށް ދޭން ވާނެ އެވެ. އެކަންކަން ހައްގުވުމަށް އޮންނަން ވާނެ މިންގަނޑަކީ ދިވެހި ރައްޔިތުކަން އެކަންޏެވެ. ދިވެހީންގެ ދިރިއުޅުމަށް އަންނަ ބަދަލުތައް ދިރާސާކޮށް އެ ޑިމާންޑާ އެއްގޮތަށް ވަސީލަތްތައް ހަމަހަމަ ކަމާއެކު ލިބޭނެ ގޮތަށް ގައުމު ތަރައްގީ ކުރަމުން ގެންދިޔުމަކީ ވެރީންގެ ޒިންމާއެެވެ. އޭރުން އަމީނިއްޔާއަށާއި އިސްކަންދަރަށާއި ޖަމާލުއްދީނަށް ބާރުބޮޑުވެގެން އެތަންތަނުން ޖާގަ ހަމައެކަނި އެތާ ކައިރީ ކޮށިތަކުގައި އުޅޭ ކުދީންނަށް ނުވަތަ މާލޭ ބޭފުޅުންގެ ދަރީންނަށް ދީގެން ތިބެވިދާނެ އެވެ. މާލޭގައި އުޅޭ މީހުންނަށް މި ތަނުން ބިމާއި ގޯތިވެސް ދެވިދާނެ އެވެ. އަތޮޅުތަކުގެ މީހުން މިތާކަށް ނުވެސް އަންނާނެ އެވެ. އެއީ އެމީހުން އުޅޭ ހިސާބުތައް ކޮންމެ ދާއިރާއަކުން ބެއްޔަސް މާލޭ ސަރަހައްދަށްވުރެ ދެރަ ނުވާނެތީ އެވެ.