ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ނައިބް ރައީސްގެ މަގާމު ހުސްވެފައިވާތީ، އެ ދެ މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މަހު ބާއްވަން އެޕާޓީން ނިންމައިފިއެވެ.
އެމްޑީޕީގެ ރައީސް އާއި ނައިބް ރައީސަކު އެންމެ ފަހުން އިންތިހާބު ކޮށްފައިވަނީ އޮގަސްޓް 2014 ގައެވެ.
ވާދަކުރެއްވުމެއް ނެތި އެ ޕާޓީގެ ރައީސްކަން ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނައިބް ރައީސް ކަމަށް ހޮވިވަޑައިގަތީ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެޕާޓީގެ ރައީސް އަދި ނައިބްރައީސް ކަމުގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މަހުގެ 22 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.
އެހެންކަމުން ރައީސް އަދި ނައިބްރައީސް ކަމުގެ މަގާމަށް ވާދަކުރައްވަން ބޭނުންފުޅުވާ އެޕާޓީގެ މެމްބަރުން އެކަމަށް އެދި، އަންނަ ހޮނިހިރު ދުވަހުގެ 12:00 ގެ ކުރިން ފޯމް ހުށަހެޅުމަށް އެދޭ ކަމަށް ބުނެފައިވެއެވެ.
އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމް އެމްޑީޕީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް http://www.mdp.org.mv އިން ލިބެން ހުންނާނެ ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ބުނީ، އެޕާޓީގެ ރައީސް އާއި ނައިބްރައީސް ހޮވުމަށް ބާއްވާ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބޭނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެޕާޓީގެ މެމްބާޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ ފަރާތްތަކަށް ކަމަށެވެ.