ރިޕޯޓް

ކައު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަޔަށް އިހާނެތިކޮށް ހިތުން، މާސިންގާ ޖަރީމާއެއް

އަބްދުﷲ ފާރޫގް ހަސަން

ނޯޓް: މިއީ مولانا خالد سيف الله رحمانى ލިޔުއްވާފައިވާ ލިޔުއްވުމެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ. مولانا خالد سيف الله رحمانى އަކީ މިވަގުތު ބައްރެސަޣީރުގައި (އިންޑިޔާ، ޕާކިސްތާނު، ބަންގްލަދޭޝް) ތިއްބެވި މުސްލިމު ފިޤުހުވެރީންގެ ތެރެއިން އެންމެ އަރައިހުންނެވި އެއް ބޭކަލެކެވެ.

* * *

އިންސާނުންގެ ވަރަށް ބޮޑު އަކްސަރިއްޔަތަކީ ދީނެއް ޤަބޫލުކުރާ މީހުންނެވެ. ދުނިޔޭގެ ތާރީޚުން އެނގިފައިވާ ދުވަސްތަކަށް ބަލާއިރު ފެންނަނީ މިޙަޤީޤަތެވެ. އަރަހުށި މާތް الله ވަނީ ކީރިތި ޤުރްއާނުގައި އެކަމަށް އިޝާރާތް ކުރައްވައިފައެވެ. އަރަހުށި މާތް الله އިންސާނުން ހައްދަވައިފައިވަނީ އެފިޠުރަތުގެ މަތީގައެވެ. (ސޫރަތުއްރޫމް، 30) އިންސާނުންކުރެ އެއްބަޔަކު އެބައިމީހުންގެ ފިތުރަތުގައި ލައްވައިފައިވާ ކަލަކަށް އަޅުކަން ކުރުމުގެ ޖަޒުބާތު ނުރަނގަޅުގޮތަކަށް ބޭނުންކުރާ ކަމީ ތަފާތު މައްސަލައެކެވެ. ޚާލިޤުގެ ބަދަލުގައި މަޚުލޫޤުންގެ ކުރިމަތީގައި އަޅުވެތިކަމާއެކު ބޯތިރިކުރާ ކަމީ ތަފާތު ކަމެކެވެ. އެކަން އެހެން ވާންޖެހެނީ އަރަހުށި މާތް الله ބާވައިލައްވައިފައިވާ ހިދާޔަތުން މަހްރޫމުވުމުގެ ސަބަބުންނެވެ. ކޮންމެ ގޮތެއްގައިވެސް ދީނަކާ ގުޅިފައިވުމަކީ އަރަހުށި މާތް الله އިންސާނީ ފިތުރަތުގައި ލައްވައިފައިވާ ކަމެކެވެ.

ހަމައެފަދަ އަނެއް ޙަޤީޤަތަކީ ދީނާއި ދީނާއިގެން ވަޑައިގަންނަވާ ބޭކަލުންނާ ގުޅިފައިވުމުގެ މައްސަލައަކީ އިންސާނުންގެ ކުރިމަތީގައިވާ އެންމެ ޖަޒުބާތީ އަދި އެންމެ ޙައްސާސީ މައްސަލަކަމެވެ. ދީނާ ގުޅިފައިވާ އެކި ކަންކަމާ ހުރެ އިންސާނުން ދައްކައިފައިވާ ފަދަ ޤުރްބާންވުމާއި ފިދާވުމުގެ މިސާލުތަކެއް އެހެން އެއްވެސް ކަމަކާ ގުޅޭގޮތުން ތާރީޚުން ފެންނާކަށެއްނެތެވެ. ދީނަށްޓަކައި އެތައްބަޔަކު ވަނީ އަނގުރު އަލިފާނުގެ މަތީގައި ހިނގައިފައެވެ. އަލިފާނުގެ ހުޅުގަނޑުގެ ތެރޭގައި އަނދައި އަޅިޔަށްވެފައެވެ. ކަނޑުފެއްތުމާއި ދިރިތިއްބައި ވަޅުލެވުން ހިތުންރުހުމުން ޤަބޫލުކޮށްފައެވެ. ނަމަވެސް އެމީހުންގެ ޢަޤީދާއިން ފުކެއްގެ މިންވަރުވެސް ފަހަތަށް ޖެހޭކަށެއް އެމީހުން ރުހިފައެއްނުވެއެވެ. އެހެންކަމުން ހަމަޤަބޫލުކުރާ ޢަދުލުވެރި އެންމެންވެސްވަނީ އެހެން މީހުންގެ ދީނީ ޖަޒުބާތު ޒަޚަމުކޮށްލުމަކީ ނަހަމަ ކަމެއްކަން ޤަބޫލުކޮށްފައެވެ. ޚުދު ތިމައުރެން ކޮންމެ ދީނެއް ޤަބޫލުކުރި ކަމުގައިވިޔަސްމެއެވެ. ޝައްކެއްނެތެވެ. އެއް ދީނެއްގެ އަހުލުވެރިޔަކަށް އަނެއް ދީނެއްގައި ހުރިކަމަށް ތިމާ ދެކޭ އުނިކަމަކާ ބެހޭގޮތުން ޢިލްމީ ހަމަތަކުގެ މަތީން ވާހަކަ ދެއްކިދާނެއެވެ. ބަޔަކަށް ހެޔޮވިސްނައިދިނުމުގެ މަޤްޞަދުގައެވެ. ތެދުމަގު ދެއްކުމުގެ އިޚްލާޞްތެރި އެދުމުގައެވެ. ނަމަވެސް ދީނުގެ ނިޒާމަށާއި، ދީނާއިގެން ވަޑައިގަންނަވާ މުޤައްދަސް ހަސްތީތަކަށް މަލާމާތްކޮށް ފުރައްސާރަކޮށް އެއްޗެހި ގޮވުމުގެ ބީދައިން ވާހަކަ ދައްކައި ލިޔެ ހެދުމަކީ ދީނެއްގެ އަހުލުވެރި އެއްވެސް ބަޔަކު ބަލައިގަންނަ ކަމެއްނޫނެވެ. ހަމަތަކެއްގެ މަތީގައި އެކަށައަޅައިފައިވާ އެއްވެސް ޤާނޫނެއް ހުއްދަ ކުރާކަމެއްވެސް ނޫނެވެ.

މިއަށްވުރެވެސް ސީރިޔަސް މައްސަލައަކީ ދީނެއްގެ އަހުލުވެރިއެއްގެ ނަމުގައި ހުރެ ތިމާ އެދީނަކަށް ނިސްބަތްވާކަމަށް ދައުވާކުރާ ދީނަކަށް ނުވަތަ އެދީނަކާއިގެން ވަޑައިގެންނެވި ޝަޚްޞިއްޔަތަށް ގޮންޖަހައި ތައުހީނުކުރުމެވެ. މިއީ، އެއްވެސް ދީނެއް، އެއްވެސް ފަލްސަފާއެއް ރުހޭކަމެއް ނޫނެވެ. އެއްވެސް ހަމަޔަކުން ޤަބޫލުކުރެވޭ ކަމެއްނޫނެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ ބުޑިސްޓަކު ބުއްދާއަށް އިހާނެތިކޮށްހިތައި ފުރައްސާރަކޮށް ބުދުދީނަށް މައްލަވަކުރުމާއެކު އޭނާއަށް އެހުރެވެނީ ބުދު ދީނުން ބޭރުވެފައެވެ. ކްރިސްޓިޔަނަކު ޢީސާ ޢަލައިހިއްސަލާމަށް ލަޢުނަތްދީ ޢީސާޢީ ދީނަށް އެއްޗެހިގޮވާނަމަ އޭނާއަކީ ކްރިސްޓިޔަނަކަށެއް ނުވާނެއެވެ. ހަމައެފަދައިން މުސްލިމެއްގެ ނަމުގައި އައިޑީކާޑު ހައްދައިގެން ހުރި މީހަކު އިސްލާމްދީނުގެ ނަބިއްޔާއަށް ތައުހީނުކޮށް ފުރައްސާރަކޮށް، އެނަބިއްޔާއާ ބެހޭގޮތުން ދޮގު ވާހަކަތައް ފަތުރައި އިސްލާމްދީނުގެ ކަންކަމަށް އިއުތިރާޟުކުރާން ފަށައިފިނަމަ އެހައިތަނުން ފެށިގެން އޭނާ އެހެރީ މުސްލިމުންގެ އައިޑެންޓިޓީ ގެއްލިފައެވެ. އެއްވެސް ދީނަކަށް ނިސްބަތްވާ މީހަކަށް މިފަދަ އަމަލެއްކޮށްފައި މިއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމޭ ބުނާނެ ޖާގައެއް ނޯންނާނެއެވެ. އެހެނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީވެސް ޤާނޫނީ، ދީނީ، އަޚްލާޤީ އިންތަކެއް ކަނޑައެޅިފައި އޮންނަ ކަމެކެވެ.

އިސްލާމްދީނަކީ ފިތުރަތުގެ ދީނެވެ. އިންސާނީ ޖަޒުބާތަށް އެންމެ ބޮޑަށް އިޙްތިރާމްކުރާ ދީނަކީ އިސްލާމްދީނެވެ. މިސާލެއްގެ ގޮތުން ކުރީގެ ނަބީބޭކަލުންގެ މައްސަލަ ނަގަމާ ހިންގަވާށެވެ. އަރަހުށި މާތް الله އިސްލާމްދީނުގެ ނަބިއްޔާގެ ކުރީން ފޮނުއްވި ހުރިހާ ނަބީބޭކަލުންނަކީވެސް ތެދުވެރީން ކަމުގައި އިސްލާމްދީންވަނީ އިއުތިރާފުވެފައެވެ. ކީރިތި ޤުރްއާން ބާވައިލައްވައިފައިވަނީ އިސްވެދިޔަ ނަބީބޭކަލުންނާއި އެބޭކަލުން ގެންނެވި ފޮތްތައްވެސް ތަސްދީޤުކުރާ ފޮތެއްގެ ގޮތުގައެވެ. (އަލްބަޤަރާ: 89)

ނަމަވެސް ދުނިޔޭގެ ނަސީބުދެރަ ޤައުމުތަކުންވަނީ އިސްވެދިޔަ ނަބީބޭކަލުންނަށް ތައުހީނުކޮށްފައެވެ. އެބޭކަލުންގެ ތާހިރު ދިރިއުޅުއްވުމުގެ ވާހަކަތައް ހުތުރުކޮށްފައެވެ. ވެއްޔާއި ހިރަފުހާމޮޑެފައެވެ. މިގޮތުން نوحގެފާނާއި، لوطގެފާނާއި، يعقوبގެފާނާއި، داوودގެފާނާއި، سليمانގެފާނާއި، يوسفގެފާނާއި، عيسىގެފާނު (عليهم الصلاة والسلام) ފަދަ ބޭކަލުންނާ ބެހޭގޮތުން ބައިބްލުގައި ހުރި ވާހަކަތައް މިސާލުގެ ގޮތުންވެސް ހުށަހަޅާކަށެއް އަޅުގަނޑު ގަސްދެއް ނުކުރަމެވެ.

ކީރިތި ޤުރްއާނާއި އެފޮތާއިގެން ވަޑައިގެންނެވި މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އިސްވެދެންނެވި ނަބީބޭކަލުންގެ މައްޗަށް ޚުދު އެބޭކަލުން ޤަބޫލުކުރާ ކަމުގައި ދައުވާ ކުރާ މީހުން އަޅުވައިފައިވާ ތުހުމަތުތަކާއި އެބޭކަލުންނާ ބެހޭގޮތުން ދައްކައިފައި ހުރި ދޮގު ވާހަކަތަކުން އެބޭކަލުން ބަރީއަވެވަޑައިގެންވާކަން އަންގަވައިފައެވެ. އެބޭކަލުންނަކީ މާތް الله ގެ ޙަޟްރަތުގައި މަޤުބޫލު މުގައްދަސް ޝަޚްޝިއްޔަތުތަކެއްކަން ބަޔާންކުރައްވައިފައެވެ. އެބޭކަލުންނަކީވެސް އިންސާނިއްޔަތަށްޓަކައި ރީތި ނަމޫނާތަކެއްކަން ކަށަވަރު ކޮށްދެއްވައިފައެވެ. ކޮންމެ މުސްލިމަކުވެސް އިސްލާމްދީނުގެ ނަބިއްޔާގެ މައްޗަށް އީމާންވުން ލާޒިމުވާ ފަދައިން އެބޭކަލުންގެ މައްޗަށް އީމާންވުން ލާޒިމުކުރައްވައިފައެވެ. މުސްލިމަކަށްވިޔަސް އެއިން އެއްވެސް ބޭކަލަކަށް އީމާންނުވެއްޖެނަމަ ނުވަތަ އެއިން ބޭކަލަކަށް ތައުހީނުކޮށްފިނަމަ އެމީހެއްގެ އީމާންކަން ޞައްޙަނުވާނެކަން އަންގަވައިފައެވެ. ޢަރަބީންގެ ނަބިއްޔާ محمّد صلى الله عليه وسلم ގެ މައްޗަށް ކިތަންމެ ވަރުގަދަޔަކަށް އީމާންވި ކަމުގައިވިޔަސް ވެހެވެ. އިސްލާމީ ޝަރީޢަތާއެއްގޮތަށް ކިތަންމެ ބަރާބަރަށް އަމަލުކުރި ކަމުގައި ވިޔަސްވެހެވެ.

ކީރިތި ޤުރްއާނުގައި ނަބީބޭކަލުންނާ ބެހޭގޮތުން އަދިވެސް ވަރަށް މުހިންމު އުސޫލީ ވާހަކައެއްވަނީ ވަޙީކުރައްވައިފައެވެ. ކީރިތި ޤުރްއާން މުސްލިމުންނަށް ވާޖިބު ކުރައްވައިފައިވަނީ އިސްލާމްދީނުގެ ކުރިން ވަޑައިގެންނެވި ހުރިހާ ދީނީ ޝަޚްޝިއްޔަތުތަކަށްވެސް އިޙްތިރާމްކުރުމަށެވެ. މާތް الله އަންގަވައިފައިވަނީ އެކަލާނގެ ފޮނުއްވި ނަބީންނާއި ރަސޫލުންކުރެ އެތައް ބޭކަލުންނެއްގެ ނަންފުޅުތައް އަންގަވައިފައި ނުވާކަމަށެވެ. ނަމަވެސް އެބޭކަލުންނާ ބެހޭގޮތުން ވާހަކަ ދައްކާއިރު ރައްކާތެރިވުމަށް ވަނީ އަމުރު ކުރައްވައިފައެވެ. އެކަލާނގެ އަންގަވައިފައިވަނީ އެތަކެއް ހާސް ނަބީބޭކަލުންނަކާއި އެތައް ސަތޭކަ ރަސޫލުންނެއް ފޮނުއްވި ކަމުގައެވެ. ކޮންމެ ޤައުމަކަށްމެ ރަސޫލަކު ފޮނުއްވި ކަމުގައެވެ. (ފާޠިރު: 24) އެއިން ކޮންމެ ބޭކަލެއްގެ ބަހަކުންވެސް އެކަލާނގެ ފޮތް ބާވައިލެއްވިކަމުގައެވެ. (އިބްރާހީމް: 4) އެހެންކަމުން ޤައުމުތަކުން ޤަބޫލުކުރާ ދީނީ އިމާމުންނަކީ ފަހަރެއްގައި އެބޭކަލުންގެ ޒަމާނުގެ ނަބީބޭކަލުންކަމުގައި ނުވަތަ ރަސޫލު ބޭކަލުން ކަމުގައި ހިމެނިވަޑައިގަތުމަކީ އެކަށީގެންނުވާ ކަމެއްނޫނެވެ. އެބޭކަލުން ގެންނެވި ތައުލީމު އިންސާނީ ތަޙްރީފާއި ބަދަލު ގެނައުމުގެ ޝިކާރަޔަކަށްވެ ތައުހީދާ ވަޑިފަތިވެފައިވުމަކީ އަޖައިބުވާންޖެހޭ ކަމެއްނޫނެވެ. އިސްލާމްދީނުގެ ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނާ އެންމެކައިރި މާޒީއެއްގައި ވަޑައިގެންނެވި ނަބީބޭކަލަކީ عيسى عليه السلام އެވެ. އެދެބޭކަލުންގެ ދެމެދުގައިވަނީ ފަސް ސަތޭކަ ހަތްދިހަ ވަރަކަށް އަހަރެވެ. ނަމަވެސް ކައު ސާހިބާ صلى الله عليه وسلم ގެ ކުރީން އިންޖީލަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާކަން އެހެރީ ދިމާޔަށް ހާމަޔަށް ފެންނާށެވެ. ޚުދު ކްރިސްޓިޔަން ޢިލްމުވެރީންނާއި، މުޙައްޤިޤުންގެ އިއުތިރާފުތަކުން އެކަން އެއޮތީ އެނގޭށެވެ.

ކީރިތި ޤުރްއާނުގައި ވަނީ މާތް الله ގެ ރަސްކަންފުޅު ފިޔަވައި މީސްތަކުން އަޅުކަންކޮށް އުޅޭ ބާޠިލު ތަކެއްޗަށްވެސް އެއްޗެހި ގޮވުން މަނާކުރައްވައިފައެވެ. އިންސާނީ ޖަޒުބާތަށް ރިއާޔަތްކުރެއްވުމުގެ ގޮތުންނެވެ. މީސްތަކުންކުރެ ބައެއްގެ ހިތްތަކުގައި ރައްދު އަމަލުގެ ނަފުސިއްޔާތު އުފެދުނަ ނުދެއްވުމަށްޓަކައެވެ. (އަލްއަންޢާމް: 108) ކީރިތި ޤުރްއާން މުތާލިއާ ކުރައްވާށެވެ. ކައުސާހިބާގެ ޙަދީޘްފުޅުތައް ދިރާސާކުރައްވާށެވެ. ކީރިތި ޤުރްއާނާއި ފުރައިތުރު ނަބިއްޔާގެ ޙަދީޘްފުޅުތަކުގެ މުޅި ރޫޙަކީ ތައުހީދުގެ ޢަޤީދާ ސާބިތުކުރެއްވުމެވެ. ޝިރުކު ބާތިލު ކުރެއްވުމެވެ. ނަމަވެސް ބޭނުން ކުރައްވައިފައިވަނީ ޙިކުމަތްތެރިކަމެވެ. ރީތި ބަސްފުޅުތަކެވެ.

އިސްލާމްދީން އެހެނިހެން ދީންތަކާމެދު އިޚްތިޔާރުކޮށްފައިވާ ތަހުޒީބީ ރީތިގޮތް އިސްލާމްދީނުގެ އަދުއްވުން އެދީނާމެދު ޚިޔާރު ނުކުރާކަމީ ހިތާމަހުރި ކަމެކެވެ. ޣައިރު މުސްލިމުންގެ ބަޔަކު ނަޒަރިއްޔާތީ ބިންގަލެއްގެ މަތީގައި އިސްލާމްދީނަށް އިއުތިރާޟުކުރުމަކީ އާއްމު މުސްލިމުންވެސް އަދި އިސްލާމީ ޢިލްމުވެރީންވެސް އެއްވެސް އިރެއްގައި "ހަޖަމު ނުކުރެއްވިގެން" އުޅުއްވި ކަމެއް ނޫނެވެ. މުސްލިމުންގެ އާއްމުންނާއި އިސްލާމީ ޢިލްމުވެރީން އެފަދަ އިޢުތިރާޟުތަކާ ކުރިމަތިލައްވައިފައިވަނީ ނުހަނު ފިނި ހިތްޕުޅުތަކަކާ އެކުގައެވެ. އެފަދަ އިއުތިރާޟުތަކަށް ދެއްވައިފައިވަނީ ފިކުރީ ޢިލްމީ ޖަވާބުތަކެވެ. އެޖަވާބުތަކާއި ބަހުސްތަކުންވަނީ "ޢިލްމުލްކަލާމް"ގެ ނަމުގައި އިސްލާމީ ތިއޮލޮޖީގެ ޚާއްޞަ ޑިޕާޓްމަންޓެއް އުފެދިފައެވެ. އިސްލާމީ ޢަޤީދާތަކަށާއި، ދީނުގެ އެކި ކަންކަމުގެ އިސްލާމީ ނަޒަރާމެދު ކުރެވިފައިވާ އިއުތިރާޟުތަކަށް ޢިލްމުވެރީންވަނީ ޢިލްމުލް ކަލާމުގައި ރައްދުދެއްވައިފައެވެ. މަންޠީޤީ ދަލީލުތަކާއެކު ޖަވާބު ދެއްވައިފައެވެ. ދީނުގެ އަދުއްވުންގެ ބަސް ހުއްޓަން މަޖްބޫރުވާފަދަ ޢިލްމީ ފެންވަރެއްގައެވެ.

ކަންމިހެން ހުރުމާއެކު ޢިލްމީ ފެންވަރެއްނެތި އިންސާފުވެރިކަމެއްނެތި ދޮގުހެދުމާއި ފުރައްސާރަކުރުމާއި، ޤަޞްދުގައި އޮޅުވައިލައިގެން ސިފަހުތުރުކުރުމާއި އިހާނެތިކުރުމުގެ ފެންވަރުގައި ބަޔާންތަކާއި ފޮތްތަކާއި ރިޕޯޓްތައް ނެރުމަކީ ބުއްދީގެ ހަމަތަކުންވެސް ޢިލްމީ ހަމަތަކުންވެސް ބަލައިގަނެވޭނެކަމެއް ނޫނެވެ. އެވާހަކަތަކެއްގެ ސަބަބުން އެތައްލައްކަ އިންސާނުންގެ ޖަޒުބާތު ޒަޚަމުކޮށް އިޙްސާސްތަކުގެ ލޭ ކައްކުވައިލާ ވާހަކަތަކަކީ ބަރުދާސްތުކުރެވޭނެ ވާހަކަތަކެއްނޫނެވެ. ވިސްނައިލަމާ ހިންގަވާށެވެ. މިޒަމާނުގެ ވަރަށް ގިނަ ޤައުމުތަކެއްގައި މަސްތުވާ ތަކެތި ސުމަގުލުކުރުމުގެ އަދަބަކީ މަރެވެ. ޤައުމެއްގެ ދިދައިގެ ހުރުމަތްކަނޑައިލުމަކީ ހަރުކަށި އަދަބުދޭ ކަމެކެވެ. ދީންތަކުގެ އިސްވާރުންނަށް ތައުހީނުކުރުމަކީ މިދެންނެވި ކަންކަމަށްވުރެ ކުޑަ ޖަރީމާއެއްތޯއެވެ؟ ޝައްކެއްނެތެވެ. މާ އަފޫރުއްބަ ޖަރީމާއެކެވެ.

ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަށް ތައުހީނުކުރާ މީހުންނަށް އިސްލާމްދީނުގައި ކަނޑައެޅިފައިވަނީ މަރުގެ އަދަބެވެ. ފަޤީހުލްއުންމަތި عبد الله بن عمر رضى الله عنهما އެ މާސިންގާ ޖަރީމާއަށް ކަނޑައަޅުއްވައިފައިވާ އަދަބަކީވެސް މަރުގެ އަދަބެވެ. (ފަތުހުލްޤަދީރު: 6/62) ތެދުތެދަށް ދަންނަވާނަމަ މިފަދަ މީސްމީހުން އެއްފަހަރު ޤަތުލުކުރުމަށްފަހު އަލުން ދިރުވައިގެން ޤަތުލުކުރެވޭނެނަމަ އެހެންވެސް ހަދަންޖެހެއެވެ. އެހެނީ މިހާރުގެ ތަހުޒީބީ ޤައުމުތަކުގެ ނަމުގައި ދައުވާކުރާ ޤައުމުތަކުގައިވެސް މަރަށް އެބަ މަރުހިފައެވެ. އެއްހައިޘިއްޔަތަކުން ބަލާއިރު މީހަކު މަރައިލުމުން އެކަތިލެވެނީ ޢާއިލާއެއްގެ ހިތްތަކެވެ. ޤައުމަކަށް ޣަދަރުވެރިވެ ބަޣާވާތްކުރުމުންވެސް އެފާރުކޮށްލެވެނީ ކަނޑައެޅިގެން ވަކި ޢަދަދެއްގެ މީހުންގެ ހިތުގެ ޝުއޫރެވެ. އަނެއްކޮޅުން ނަބީ ރަސޫލުބޭކަލަކަށް ތައުހީނުކުރުމުން އެކަތިލެވެނީ އެތަކެއް ލައްކަ އެތަކެއް ކުރޯޑު އިންސާނުންތަކެއްގެ ހިތްތަކެވެ.

އިސްލާމްދީނުގެ ނަބިއްޔާ صلى الله عليه وسلم އަށް ތައުހީނު ކުރާ މީހުންނަށް މަރުގެ އަދަބުދިނުމަކީ އިސްލާމީ ޢިލްމުވެރީންގެ މެދުގައި އިއްތިފާޤުވެވިފައިވާ ކަމެކެވެ. އިސްލާމީ ފިޤުހުގެ ފިކުރީ ހަތަރު މަދަރުސާވެސް މިކަމުގައި ޚިޔާލުއެއްގޮތެވެ. ޙަނަފީންނާއި، މާލިކީންނާއި، ޝާފިޢީންނާއި ޙަންބަލީންގެވެސް ބަސްއެއްގޮތެވެ. (ރައްދުލް މުޚުތާރު: 3/290، އަލްމުޣުނީ: 9/33) ޚާއްޞަގޮތެއްގައި އަލްއިމާމު އިބްނު ތައިމިއްޔާ ރަޙިމަހު الله ވަނީ މިމައިގަނޑު ނަމުގައި މުސްތަޤިއްލު ފޮތެއް ލިޔުއްވައިފައެވެ. ނަމަކީ "ސައިފު الله އަލްމަސްލޫލު އަލާ ޝާތިމިއްރަސޫލު" މިއެވެ. ޙަނަފީ މަޒުހަބުގެ ފިޤުހުވެރީންގެ ބައެއް ބޭކަލުން ވިދާޅުވާގޮތުގައި ކައު ސާޙިބާ صلى الله عليه وسلم އަށް ތައުހީނުކުރި މީހެއްގެ ތައުބާ ދުނިޔަވީ ޙުކުމްތަކުގެ ނިސްބަތުގައި ޤަބޫލެއް ނުކުރެވޭނެއެވެ. ޤިޔާމަތްދުވަހުން އެމީހަކުގެ ތައުބާ ޤަބޫލުކުރެވުމަކީ ތަފާތު މައްސަލައެކެވެ. އެހެންކަމުން ކައުސާޙިބާއަށް ތައުހީނުކޮށްފައި، އެއާ ވިދިގެން ދުލުކުރީން މާފު އެދުމަކުން އެކަމެއް ނުނިމެއެވެ.

مولانا عبد الرشيد طاهر بخارى رحمه الله އަކީ މިއުންމަތުގެ ފާހަގަކޮށްލެވޭ ފިޤުހުވެރި ބޭބޭކަލުންގެ ތެރެއިން އެއްބޭކަލެކެވެ. مولانا عبد الرشيد ލިޔުއްވައިފައިވެއެވެ.

" رسول الله صلى الله عليه وسلم އަށް ބަދުބަހެއް ބުނެ އިހާނެތިކޮށް ހިތާ މީހާއާއި، އެމާތް ސާހިބާ ގެންނެވި ދީނާމެދު ބަދުބަހެއް ބުނެފިމީހާއާއި އެމާތް ސާހިބާގެ ސިފަފުޅުތަކާމެދު ނުބައި ވާހަކައެއް ދައްކައިފި މީހަކީ މުސްލިމަކު ކަމުގައި ވިޔަސް ޣައިރު މުސްލިމަކު ކަމުގައިވިޔަސް ޔަހޫދީއަކު ކަމުގައި ނުވަތަ އީސާއީއަކު ކަމުގައިވިޔަސް މުޝްރިކަކު ކަމުގައިވިޔަސް މުސްލިމު ޤައުމެއްގެ މީހަކު ކަމުގައިވިޔަސް، މުސްލިމުންނާ ހަނގުރާމަކުރާ ދައުލަތެއްގެ ފަރުދެއްކަމުގައި ވިޔަސް އެމީހެއްގެ އެނބުރި ރުޖޫޢަވުން ބަލައެއް ނުގަނެވޭނެއެވެ. (ޚުލާޞަތުލް ފަތާވާ: 4/386)

ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނަކީ އިންސާނުން ހިނގާން އޮންނަ މަގުތަކަށް އަލިކޮށްދެއްވާ ދަންމަރުތަކެކެވެ. އިންސާނުންނަށް މަގުދައްކަވާ އާރުކާޓީންނެވެ. އެހެންކަމުން އެފަދަބޭކަލުންގެ ޙަޔާތްޕުޅަކީ މަގުފުރެދިފައި ތިބޭ ގޮތެއްފޮތެއް ނުހުންނަ މީހުން ކުޑަކުދީން ބަތްކައްކާ ކުޅޭފަދައިން ކުޅޭނެހައި ކުޅިޔެއް ކުޅޭން ދޫކޮށްލައިފައި ބޭއްވޭނެ ދާއިރާއެއްނޫނެވެ. އެއްވެސް ސިފައެއްގައި ބަލައިގަނެވޭނެ ކަމެއްނޫނެވެ.

އިސްލާމްދީނުގެ ނަބިއްޔާ އަށް މީހަކު ތައުހީނު ކުރުމުން އިސްލާމީ ޤައުމަކުން އެކަމާ ފިޔަވަޅެއް އަޅައިފިނަމަ ކްރިސްޓިޔަން ދައުލަތްތަކުން އެއިސްލާމީ ދައުލަތެއް ޖަވާބުދާރީ ކުރުވަން ދުއްވައިގަންނަނީ އަމަށަކު ބާރުމިނެއްގައެއް ނޫނެވެ. އެމީހުންނަށް އެގޮތަށް ދުއްވައިގަންނާންކެރެނީ ރިޒުޤުދެއްވާ ރާޒިޤަކީ އަރަހުށި ހުސްޠާހިރުވަންތަ ގަދަފަދަވަންތަ ބާރުވެރިވަންތަ ޖައްލަ ރައްބީކަން މިޒަމާނުގެ ވަރަށް ގިނަ މުސްލިމުންގެ ހަނދާނުން ކެހިފައިވާކަން އެނގޭތީއެވެ. އެހެން ނޫންނަމަ މިނިވަން ޤައުމުތަކެއް ބިރުގަންނަވާކަށެއް ނުއުޅުނީހެވެ.

ޕާކިސްތާނުގެ އައްޔޫބު މަސީހުއެވެ. ކިޔުނު ކްރިޓިޔަނެއް ކައު ސާޙިބާ صلى الله عليه وسلم އަށް ތައުހީނުކުރިއެވެ. އެކަމާގުޅިގެން ޕާކިސްތާނުގެ ކޯޓަކުންވަނީ އޭނާ ދަންޖައްސަން ޙުކުމްކޮށްފައެވެ. ޕާކިސްތާނުގެ ކްރިސްޓިޔަނުންގެ ބިޝޮޕެއްކަމުގައިވާ ޖޯން ޖޯޒަފުވަނީ އެކަމާ އިހުތިޖާޖުކުރުމުގެ ގޮތުން ކޯޓުގެ ތެރޭގައި އަމިއްލަޔަށް މަރުވެފައެވެ. އޭނާ ވަސިއްޔަތްކޮށްފައިވަނީ އެޤާނޫނު އުވައިނުލާހައި ހިނދަކު އޭނާގެ ނުތާހިރު މުޅަ މަސްގަނޑު ކޯޓުގެ ތެރެއިން ނުނެގުމަށެވެ. ޙަޤީޤަތުގައި ހުޅަނގުގެ ޤައުމުތަކުން ޖެހޭނީ ބިޝޮޕް ޖޯން ޖޯޒެފްގެ އެނާތަހުޒީބު އަމަލުކުށްވެރި ކުރާށެވެ. އަނެކުންގެ ޖަޒުބާތަށް އިޙްތިރާމްކުރަން ކްރިސްޓިޔަނުންނަށް ނަސޭހަތްތެރިވާށެވެ. ބިޝޮޕްގެ ޣައިރު ޤާނޫނީ އަދި ޣައިރު އަޚްލާޤީ އަމިއްލަޔަށް މަރުވުން ކުށްވެރި ކުރާށެވެ. ޕާކިސްތާނު ޖަވާބުދާރީ ކުރުވަން ދުއްވައިގަންނާކަށެއްނޫނެވެ. ނަމަވެސް ހުޅަނގުން ޕާކިސްތާނު ފިއްތާންފެށީ "އެ ބޭއިންސާފު" ޤާނޫނު މަންސޫޚުކުރާށެވެ. އެކަމަކު ޕާކިސްތާނުން އެކަމަކާ އަޅައެއްނުލިއެވެ. ކަހާތަން ހިރުވައިވެސް ނުލިއެވެ. ޤައުމުގެ އިސްތިޤުލާލާއި އަމިއްލަވަންތަކަން ސާބިތުކޮށްދިނެވެ. ބޭރުމީހުންގެ ހަޅޭފަޅޭކަކަށް ރޭރެއްނުވިއެވެ.

ހައިރާންވާންޖެހޭ ކަމެކެވެ. އެމެރިކާއާއި އިނގިރޭސިވިލާތުގައި މަސީހަށް ތައުހީނުކުރުމަކީ ބޮޑު ޖަރީމާއެކެވެ. ބޮޑެތި އަދަބުދޭ ކުށެކެވެ. އެކަމަކު އެއީ ބޭއިންސާފެއްނޫނެވެ. އިންސާނީ މިނިވަންކަމަށް އަރައިގަތުމެއްވެސް ނޫނެވެ. އިސްލާމީ ޤައުމުތަކުގެ ތެރެއިން ހުޅަނގުގެ ހިޔަނީން ނުނެއްޓެވިގެން އުޅޭ މިސުރާއި އަލްޖަޒާއިރު ފަދަ ޤައުމުތަކުގައި މަޤުބޫލު ސަބަބަކާ ނުލައި އެހެންނަމަވެސް އެވެކިޔައިފައި މުސްލިމުންގެ ދީނީ ޢިލްމުވެރީން ދަންޖައްސައި މަރަމުންގެންދާއިރު ހުޅަނގުގެ ކަންފަތްވެސް ހިރުވައެއްނުލައެވެ. ބޮސްނިޔާގައި އީސާއީ ނިރުބަވެރީން މުސްލިމުން ކަތިލަމުން ގެންދިޔައީ ބަޔަކުމީހުން ހަރުފައާއި، މިނިކާ ޖަނަވާރުތައްވެސް ނުމަރާފަދަ އަނިޔާވެރި ގޮތެއްގައެވެ. ހިތެއްފިތެއް ނެތް ގޮތެއްގައެވެ. ނަމަވެސް ހުޅަނގުގެ ޤައުމުތަކަށް އެކަންހަމަ ހެޔޮވަރެވެ. ހަމައެފަދައިން ރޮހީންޖާ މުސްލިމުންގެ މައްސަލައިގައިވެސް ދެތިންބަހެއް ބުނެލުމުގެ އިތުރަށް ކުރި ނުވަތަ ކުރާކަމެއްނެތެވެ. އެކަމަކު މުސްލިމުންގެ ނަބިއްޔާއަށް ތައުހީނުކޮށް އެތައްމިލިޔަން އިސްނާނުންގެ ޝުޢޫރު ކަތިލައި ޖަޒުބާތުގައި ހުޅުލާ ކޮންމެ މީހެއްގެ ދިފާޢުގައި ހުޅަނގުގެ ޤައުމުތަކުން ތެދުވެގެން ދުއްވައިގަންނަނީ ހަށީގައި ހޭވެސް ނުބަހައްޓައެވެ. އެމީހަކީ އައްޔޫބާ މަސީހުކަމުގައި ވިޔަސް ސަލްމާން ރުޝްދީ ކަމުގައިވިޔަސް ތަސްލީމާ ނަސްރީނުފަދަ ކަނބަލަކަށްވިޔަސް އަދި އެނޫން މީހަކު ކަމުގައިވިޔަސްވެހެވެ. ކަންހުރި ގޮތުގެ ޙަޤީޤތަށް ބަލާއިރު ހުޅަނގުންވަނީ ލަދުޙަޔާތުގެ ފޭރާން ބާލައި އެއްލައިލައިފައެވެ. ވަކި ފަރާތަކަށް ނުޖެހުމާއި، އިންސާފާއި އިންސާނީ ޙައްޤުތަކުގެ ނަމުގައި އެބައިމީހުންގެ މޫނުގައި އުނގުޅައިފައި ހުންނަ ކުލައަކީވެސް ވަރަށް ފަސޭހައިން ފިލައިގެންދާ އެއްޗެވެ. އެބައިމީހުންގެ ނުތާހިރު ހުތުރުމޫނު މާގިނަދުވަހަކަށް ފޮރުވައިދޭ އެއްޗެއްނޫނެވެ.