މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން ނަގާފައިވާ ލޯނެއް ނުދައްކައިގެން 66.5 މިލިއަން ރުފިޔާ ހޯދުމަށްޓަކައި ރަހުނުކޮށްފައި ހުރި ބިންތަކެއް ވިއްކާލުމަށް އިއުލާން ކޮށްފިއެވެ.
މި ބިންތަކުގެ ތެރޭގައި ހިމެނެނީ ހުޅުމާލޭގެ ބިން ތަކެކެވެ.
ފައިސާ ދައްކާފައި ނުވާތީ ސިވިލް ކޯޓަށް މި މައްސަލަ ކޯޓަށް ހުށަަހަޅާފައިވާއިރު މި ފަސް ބިމަށް އެމްސީބީން ލޯނު ނަގާފައިވަނީ އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑުންނެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި 2012 ވަނަ އަހަރު 3.5 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނަކާއި، 2013 ގައި 600،000 ޑޮލަރުގެ ފެސިލިޓީ އެއްބަސްވުމެއްގެ ދަށުން 150،000 ޑޮލަރު އެ ކުންފުނިން ނަގާފައި ވެއެވެ.
މި މައްސަލައިގައި 30 ޖޫން 2015 އިގެ ނިޔަލަށް 4.32 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 66.5 މިލިއަން ރުފިޔާ) ތިން މަސް ތެރޭގައި ދައްކާ ހަލާސް ކުރަން ކޯޓުން ވަނީ އެ ކުންފުންޏަށް އަންގައިފައެވެ.
މި މައްސަލައިގައި، އެމްސީބީން ބުނީ އެޓޯލް ޕެރެޑައިސުން ދައްކަން ޖެހޭ ފައިސާ ނުދައްކާތީ ރަހުނުގައި ހުރި ހުޅުމާލޭގެ ބިންތައް ވިއްކާލުމުގެ ހައްގު އެ ބޭންކަށް ލިބިފައިވާ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ.
އެހެންކަމުން މި ބިންތައް ގަންނަން ބިޑު ހުށަހެޅުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށް އެމްސީބީން ވަނީ ބުނެފައެވެ.