ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ހުޅުމާލޭ ހޮސްޕިޓަލުގެ މެމޯގްރަފީގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފި އެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ހިދުމަތް މެޑަމް ފަޒްނާ އިފްތިތާހުކޮށްދެއްވީ އެ ހޮސްޕިޓަލުގައި އެކަމަށް ހާއްސަ ކޮށްގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ހިދުމަތް އެ ހޮސްޕިޓަލުގައި ތައާރަފް ކުރީ އެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާދޭ އޮންކޮލޮޖީ ޑިޕާޓްމަންޓް ގާއިމް ކުރިތާ ދެއަހަރު ފުރުމުގެ މުނާސަބާއާ ގުޅިގެންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ބަލިމީހެއްގެ އިހުސާސްތައް ހިއްސާކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މި ރަސްމިއްޔާތަށް ފަހު މެޑަމް ފަޒްނާ ވަނީ އެ ހޮސްޕިޓަލުގެ ރޭޑިއޮލޮޖޯ ޑިޕާޓްމަންޓް އަދި އޮންކޮލޮޖީ ޑިޕާޓްމަންޓްގެ މަސައްކަތްތައް ބައްލަވާލައްވައިފައެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި މިއަދު އިފްތިތާހު ކުރި މެމޯގްރަފީގެ ހިދުމަތާއެކު އެ ހޮސްޕިޓަލުގައި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމާއި، ކެނަސަރަށް ފަރުވާކުރުމުގެ ހިދުމަތް އިތުރަށް ފުޅާވެގެން ދާނެއެވެ.