އެޓަރނީ ޖެނެރަލް

ކޯޓުން ބޭރުން މައްސަލަތައް ނިންމުމަށް އެކުލަވާލި ކޮމިޓީގެ ބޭނުމަށް މިނިވަން އޮޑިޓް ފާމެއް ހޯދަން އިއުލާނުކުރަނީ

މަރިޔަމް ޝަހުދާ

ކޯޓަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ސަރުކާރު ހިމެނޭ މައްސަލަަތަކުގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުންތަކާއި ގުޅިގެން އުފެދިފައިވާ ދެބަސްވުންތައް އަދި މާލީ ގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަން ޖެހުމުގެ ފުރުސަތު އޮތް މައްސަަތައް ކޯޓުން ބޭރުން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި ކޮމިޓީގެ ބޭނުމަށް މިނިވަން އޮޑިޓް ފާމެއް ހޯދުމަށް އިއުލާނު ކުރަން ނިންމައިފިއެވެ.

މި ކޮމިޓީގެ ބޭނުމަށް މިނިވަން އޮޑިޓް ފާމެ ހޯދުމަށް އެޓާނީ ޖެނެރަލް، އޭޖީ އޮފީހުން އިއުލާނު ކުރަން ނިންމައި މިއަދު ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އޭޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި ކޮމިޓީގެ ބޭނުމަށް އައްޔަން ކުރާ މިނިވަން އޮޑިޓް ފާމްގެ މައިގަނޑު މަސައްކަތަކަށް ވާނީ ކޮމިޓީގައި މަޝްވަރާ ކުރެވޭ މައްސަލަތަކުގައި ގެއްލުމުގެ ބަދަލާއި ގުޅޭ ގޮތުން ހުށަހެޅޭ މާލީ ތަފާސް ހިސާބުތަކާއި ލިޔެކިޔުންތައް އިވެލުއޭޓް ކުރުމެވެ. އަދި މައްސަލަތަކުގައި ލިބިފައިވާ ގެއްލުމުގެ މިންވަރު ދެނެގަނެ، ބަދަލުގެ ގޮތުގައި ލިބެން ޖެހޭ މިންވަރެއް ކަނޑައެޅުމަށް ކޮމިޓީއަށް ލަފާ ދިނުމަކީ އައްޔަން ކުރާ އޮޑިޓް ފާމްގެ މަސައްކަތެއް ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

އޭޖީ އޮފީހުން ބުނިގޮތުގައި ކޮމިޓީގެ މާލީ ލިޔެކިޔުންތައް އިވެލުއޭޓް ކުރުމަށް މިނިވަން އޮޑިޓްފާމެއް އައްޔަން ކުރަން ނިންމީ އެކި ފަރާތްތަކަށް ގެއްލުމުގެ ގޮތުގައި ނަގައިދެވޭ މިންވަރަކީ އަދުލުވެރި މިންވަރެއްކަން ޔަގީން ކުރުމަށެވެ. އަދި މިއީ ސަރުކާރުގެ މަސްލަހަތު ފުރިހަމަ ގޮތުގައި ހިމާޔަތް ކުރުމަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

މި މަސައްކަތަށް މިނިވަން އޮޑިޓް ފާމެއް އައްޔަން ކުރުމަށް ނިންމާފައިވަނީ ބީލަން އުސޫލުން ކަމަށް އޭޖީ އޮފީހުން މައުލޫމާތުދެއެވެ. އަދި މިކަމާއި ގުޅޭ ތަފުސީލު އަވަސް މުސްތަގުބަލެއްގައި ގެޒެޓުގައި ޝާއިއު ކުރާނެ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

ސަރުކާރުގެ މަސްލަހަތު ހިމެނޭ މައްސަލަތައް ކޯޓުން ބޭރުން ހައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަކި ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވަނީ މިއަހަރު ޖެނުއަރީ މަހު 27 ގައެވެ.