ފުވައްމުލައް ސިޓީ

ފުވައްމުލަކު ނައިބުތުއްތު މަގުގައި ތާރުއެޅުމަށް ބޭނުންވާ ހިލަ ފަށަލަ ފެތުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ފުވައްމުލަކު ސިޓީގެ ނައިބު ތުއްތު މަގުގައި ތާރުއެޅުމަށް ޓަކައި އެކަމަށް ބޭނުންވާ، ހިލަ ފަށަލަ ފެތުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

މި މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ، ހަސަން ޝާހު ވިދާޅުވީ ފުވައްމުލަކު މަގުތަކުގައި ތާރުއެޅުމުގެ ކުރީން ދުއްވަން ޖެހޭ ފަށަލަ ވެލި ސިމެންތީގެ ބަދަލުގައި، ހިލަ ފަށަލަޔަކުން (އެގްރިގޭޓް ބޭސް ކޯސް) ދުއްވަން ނިންމީ މަގުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކަމަށެވެ. އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ހިފައިގެން ދިޔަ އުޅަނދު މި ވަގުތު ފުވައްމުލަކު ބޭރުގައި ބަނދަރުކޮށްފައިވާ ކަމަށާއި ރަށަށް ބާލަމުން އަންނަނީ ކޮޅުވެއްޓީގެ އެހީގައި ކަމަށް ޝާހު ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ ނައިބު ތުއްތު މަގުގައި ތާރު އެޅުމުގެ މަސައްކަތް ނިންމަން އެމްޓީސީއަށް އަންނަ އަހަރުގެ މޭ މަހުގެ ހަތަކާ ހަމަޔަށް މުއްދަތު އެބަ އޮތް ކަމަށާއި އެހެން ނަމަވެސް އޭގެ މާ ކުރީން އެ މަސައްކަތް ނިންމަވައިލެއްވޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އަދި ވަގުތު އެބަ އޮތް. އެކަމަކު ޓާގެޓަކީ އޭގެ މާކުރީން މި މަގުގެ މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކުރުން. މިހާރު ވެސް މޫސުން ގޯސް ވުމުގެ ސަބަބުން އަޅުގަނޑުމެން ބޭނުންވާ ވަރަށްވުރެ މަސައްކަތް ލަސްވެއްޖެ." ޝާހު ވިދާޅުވި އެވެ.

ނައިބު ތުއްތު މަގުގެ އޭބީސީ ލޭޔަރު ދުއްވުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައި ވަނީ ކުރީން އެމަގުގައި ތާރު އަޅައި ނިންމާފައިވާ އޮތް ހިސާބުންނެވެ. ތިން ބަޔަކަށް ބަހާލައިގެން މަގު ބަންދުކޮށްގެން މި މަސައްކަތް ކުރިޔަށް ގެންދާއިރު، މިހާރު ކުރުޔަށް ގެންދާ ބައި ކްރިކެޓް ސްޓޭޑިއަމާ ހަމަޔަށް ގެންދާނެ އެވެ. ދެވަނަ ބައި ފަށަން ނިންމާފައި ވަނީ ފުރަތަމަ ބައިގައި ތާރު އެޅުމަށްފަހުގަ އެވެ.

ނައިބު ތުއްތު މަގުގެ އިތުރުން ވެސް ފުވައްމުލަކުގެ އިތުރު މަގުތަކެއްގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. ސީއީއޯ ޝާހު ވިދާޅުވީ، އޭގެ ތެރޭގައި އެ ރަށުގެ ބޮޑެތި މަގުތައް ހިމެނޭ ކަމަށާއި އެ މަގުތަކުގެ މަސައްކަތް ވެސް މުއްދަތަށްވުރެ ކުރީން ނިންމައިލެވޭނެ ކަމަށެވެ.

ފުވައްމުލަކު ނައިބު ތުއްތު މަގުގައި ތާރު އަޅައިގެން ހަދާފައި ވަނީ ރައީސް މައުމޫނުގެ ވެރިކަމުގަ އެވެ. 2003 ވަނަ އަހަރުގެ ކުރީ ކޮޅު ހެދި އެ މަގު ރަސްމީކޮށް ހުޅުވީ އެ އަހަރުގެ ޖުލައި މަހު އެ ރަށު ބަނަދަރާ އެކުގަ އެވެ.