ޓެކްނޮލޮޖީ

ގޫގުލްގެ ފުރަތަމަ ޕިކްސެލް ބްރޭންޑެޑް ސްމާޓްވޮޗް މާދަމާ ދައްކާލަނީ!

ގޫގުލްގެ ފޯނުތަކަށް ލޯބިކުރާ މީހުންނަށް މާދަމާއަކީ ބޮޑު ދުވަހެކެވެ. އެ ކުންފުނީގެ އާ އީޖާދުތައް ދައްކާލުމަށް މާދަމާ ބާއްވާ ރަސްމިއްޔާތުގައި ގޫގުލްގެ އެންމެ ފަހުގެ ފޯނު، ޕިކްސެލް 4 އަދި ޕިކްސެލް 4 އެކްސްއެލް ރަސްމީކޮށް ދައްކާލާނެއެވެ.

މި ފޯނުގެ ގިނަ ފީޗާސްތަކެއް ލީކު ކޮށްލާފައިވީ ނަމަވެސް، ރިޕޯޓްތައް ބުނާގޮތުން އެ ރަސްމިއްޔާތުގައި އާ ކަންތައްތަކެއް ވެސް ފެނުން ގާތެވެ. އެގޮތުން ރީޑިޒައިން ގޫގުލް ހޯމް އަދި ބިލްޓް އިން ވޯލް މައުންޓެއް ހިމެނޭ ހޯމް މިނީގެ އިތުރުން އާ ގޫގުލް ވައިފައި ވެސް ފެނުން ގާތެވެ.

އާ ނޯޓްބުކް ޑިވައިސް އަކާއި ގޫގުލް ޕިކްސެލް 4 5ޖީ ވެސް މާދަމާ ދައްކާލާނެ ކަމަށް އަޑުތައް ދަނީ ފެތުރެމުންނެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުން އެއަށްވުރެ ބޮޑު ސަޕްރައިޒެއް އެ ރަސްމިއްޔާތުގައި ފެނިދާނެ އެވެ.

ޓެކް ލޯންޗުތަކުގެ މައުލޫމާތު ގެނެސްދޭ އިތުބާރު ކުރެވޭ ނިކީ އޭޝިއަން ރިވިއުއަށް ކަމާގުޅޭ،ނަން ހާމަނުކުރުމަށް އެދޭ މަސްދަރަކުން ބުނި ގޮތުގައި، ގޫގުލް އިން މާދަމާ ބާއްވާ ރަސްމިއްޔާތުގައި ސްމާޓްވޮޗެއް ވެސް ލޯންޗު ކުރުން ގާތެވެ.

ގޫގުލްގެ ފުރަތަމަ ޕިކްސަލް ބްރޭންޑެޑް ސްމާޓްވޮޗެއް ދައްކާލާނެ ކަމަށް މިދިޔަ އަހަރުގެ ތެރޭގައި ވެސް އަޑުތައް ފެތުރުނެވެ. ނަމަވެސް އެންމެ ފަހުން ގޫގުލް އިން އެ ގަޑި ލޯންޗު ނުކުރާން ނިންމިއެވެ.