ޚަބަރު

ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ނަމުގައި ކުންފުންޏެއް އުފައްދައިފި

ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކުންފުންޏެއް އުފައްދަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދެވި މި ކުންފުންޏަކީ ދިވެހިރާއްޖޭގައި ވިޔަފާރިކުރުމާގުޅޭ އެކިއެކި ހިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށްޓަކައި "ސިންގަލް ވިންޑޯ" އޮޕަރޭޓަރުގެ ޒިންމާ އަދާކުރާ، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށެވެ.

އެ ކުންފުނީގެ ހުއްދަ ކޮށްފައިވާ ރައުސުލްމާލަކީ 10 ރުފިޔާގެ 15 މިލިއަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 150،000 ރުފިޔާއެވެ.

އަދި މި ކުންފުންޏަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ގާނޫނު ހުއްދަކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމުގެ ހައްގު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ ޝަޚުސެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.