ޚަބަރު

އުރީދޫ އަދި ދިރާގުން ޕްރީއޯޑަރަށް ހުޅުވާލި އައިފޯން 11 ޕްރޯ އަދި ޕްރޯ މެކްސްގެ ސްޓޮކް ހުސްވެއްޖެ

އާނިފާ ހުސެއިން ސިރާޖް

އުރީދޫ އާއި ދިރާގުން މިދިޔަ ހުކުރު ދުވަހު ޕްރީއޯޑަރަށް ހުޅުވާލި އައިފޯން 11 ޕްރޯ އަދި ޕްރޯ މެކްސްގެ ސްޓޮކް ހުސްވެއްޖެއެވެ.

އުރީދޫ މޫލީ މެދުވެރިކޮށް އެންމެ ފަހުން ނެރުނު އައިފޯންގެ މޮޑެލްތަކަށް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލީ، އެއްފަހަރާ ފައިސާ ދައްކައިގެން ފުލް ޕޭމަންޓް އަދި އެކި މަސް މަހަށް ބަހާލައިގެން އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ގޮތަށެވެ.

އުރީދޫން ބުނީ ފޯނު ޕްރީއޯޑަރަށް ހުޅުވާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިންސްޓޯލްމަންޓަށް ގަނެވޭ ގޮތަށް ހަމަޖައްސާފައިވާ ޕްރީއޯޑަރު ސްޓޮކް ހުސްވެފައިވާ ކަމަށެވެ. ނަމަވެސް ފުލް ޕޭމަންޓުގެ ސްޓޮކް އަދި ހުސްނުވާ ކަމަށް އެފަރާތުން މައުލޫމާ ތުދެއެވެ.

އައިފޯން 11 ޕްރީއޯޑަރު ކުރި ފަރާތްތަކަށް 14 ދުވަހުގެ ތެރޭގައި ފޯނު ލިބޭނެކަމަށް އުރީދޫން މައުލޫމާތުދެއެވެ.

ދިރާގުންވެސް ޕްރީއޯޑަރަށް ހުޅުވާލި އައިފޯން 11 ޕްރޯ އަދި ޕްރޯ މެކްސްގެ ސްޓޮކް މިހާރު ވަނީ ހުސްވެފައެވެ. ދިރާގު އޮންލައިން ޝޮޕް މެދުވެރިކޮށް އޯޑަރު ކުރެވޭ މި ދެފޯނުގެ ސްޓޮކްވެސް ވަރަށް އަވަހަށް ހުސްވެފައިވާކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގުން ބުނީ މިހާރު ފޯނު ޕްރީއޯޑަރު ކޮށްފައިވާ ކަސްޓަމަރުންނަށް ފޯނު ކަލެކްޓް ކުރަން އެސްއެމްއެސްއެއް ލިބޭނެ ކަމަށެވެ. އެގޮތުން ދިރާގުގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހެޑް އޮފީހުން ނޫނަސް ކޮންމެ ރީޖަނަލް ކަސްޓަމަރ ސާވިސް ސެންޓަރަކުންވެސް ފޯނު ކަލެކްޓް ކުރެވޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. އަދި އައިފޯން ޕްރީއޯޑަރު ކުރި ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއްގެ ގޮތުން ހިލޭ 5 ޖީބީ ޑާޓާ ލިބޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

އެޕަލް ކުންފުނިން އެންމެ ފަހުން ތައާރަފުކުރި އައިފޯނަށް ދިވެހިންގެ މެދުގައިވެސް ބޮޑޫ ތަރުހީބެއް އަންނަނީ ލިބެމުންނެވެ. 11 ޕްރޯ އަދި ޕްރޯ މެކްސްގައި 64 ޖީބީ، 256 ޖީބީ އަދި 512 ޖީބީގެ ސްޓޯރޭޖް ހިމެނެ އެވެ. ނަމަވެސް އެންމެ ގިނަ ބައެއްގެ ސަމާލުކަން ދަމައިގެންފައިވަނީ މި ދެ ފޯނުގައިވެސް ހުންނަ ތިން ކެމެރާއަށެވެ.