މުޙައްމަދު އަސްލަމް

ބަޖެޓު ނެތިގެން މަސައްކަތްތައް ކުރިއަށް ނުގެންދެވިގެނެއް ނޫޅެން: ޕްލޭނިން މިނިސްޓަރު

އިބްރާހިމް ޒަކީ

ރަށްރަށުގެ ފެނާއި ނަރުދަމާ އާއި ބަނދަރު ހެދުމުގެ މަސައްކަތްތައް، ބަޖެޓު ނެތިގެން ކުރިއަށް ނުގެންދެވިގެން ނޫޅުއްވާ ކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ޕްލޭނިން މިނިސްޓްރީގެ މަސައްކަތްތަކާބެހޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ބަޖެޓުގައި ކުރިއަށް ގެންދިއުމަށް ޖަހާފައި ހުރި މަސައްކަތަށް ބޭނުންވާ ބަޖެޓު އެބަހުރި ކަމަށެވެ. ނަމަވެސް އެކި މަޝްރޫއުތަކަށް އެކި ވަރުގެ ބަޖެޓު ހިމަނާފައިވާއިރު ބައެއް މަޝްރޫއުތަކަށް މަދުން ބަޖެޓުގައި ފައިސާ ހިމަނާފައިވާ ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، ބަޖެޓު ނެތްކަމަށް ބުނެ އެފަދަ މަޝްރޫއުތައް ނުފެށުމުގެ ބަދަލުގައި، މިނިސްޓްރީން މަސައްކަތް ކުރިއަށްގެންދަނީ، ބަޖެޓުގައި ހިމަނާފައިވާ ވަރަށް މަސައްކަތް ކުރިއަށް ގެންދިއުމަށްފަހު ދެން ކުރަން ޖެހޭ މަސައްކަތްތަކަށް ބޭނުންވާ ބަޖެޓު ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ހިމަނައިގެން ހޯދުމަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ފެނާއި ނަރުދަމާ އާއި ބަނދަރުތައް ހެދުމުގައި ވަކި ރަށަކަށް އިސްކަންދީ ވަކި ރަށެއްގެ މަސައްކަތް އަވަހަށް ނިންމުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. ޑިޒައިން ކުރެވޭ ވަރަކުން މަސއްކަތްތައް ހަވާލު ކުރަމުންގެންގޮސް ސަރުކާރުގެ އަމާޒަކީ ރައީސުލް ޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށް އޮތް ތިންއަހަރު ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަދި ބަނދަރުތައް ހެދުމުގެ މަސއްކަތް ފެށުން ކަމަށެވެ.