ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރ ޝާހިދު، ޖަޕާނުގެ ފޮރިން މިނިސްޓަރަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

އާނިފާ ހުސެއިން ސިރާޖް

ތޫފާން ހާގިބިސް ޖަޕާނަށް އަރައި، ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެން، އެކަމުގެ ހިތާމައިގައި މިނިސްޓަރ އޮފް ފޮރިން އެފެއަޒް އަބްދުﷲ ޝާހިދު، ޖަޕާނުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޓޮޝިމިޓްސޫ މޮޓެގީއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރ ޝާހިދުގެ މެސެޖްގައި ތޫފާނުގެ ސަބަބުން ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެން ހިތާމަ ކުރައްވާކަމަށާއި މި ހިތާމަވެރި ދަނޑިވަޅުގައި ޖަޕާނުގެ ރައްޔިތުންނާއި ސަރުކާރާއިއެކު ދިވެހިން ތިބިކަމަށް ވިދާޅުވިއެވެ. އަދި މިތޫފާނުގެ ސަބަބުން މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، ތޫފާނުގެ އަސަރުކުރި ފަރާތްތަކަށް ހަމްދަރުދީ ފޮނުއްވައި، ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް މިނިސްޓަރ ޝާހިދުގެ މެސެޖުގައި ވިދާޅުވިއެވެ.

މި ތޫފާނުގައި މިހާތަނަށް ހަތަރު ފިރިހެނުންނާއި އެއް އަންހެނަކާއެކު ޖުމުލަ ފަސް މީހުން މަރުވެފައިވާއިރު 33 މީހުންނަށް އަނިޔާވެ، އެކަކު ގެއްލިފައިވާ ކަމަށް ޖަޕާނުގެ ފަޔަރ އޮތޯރިޓީން މައުލޫމާތު ދެއެވެ. އަދި ތޫފާނާ ގުޅިގެން ޖަޕާނުގެ ކެޕިޓަލް ސިޓީ ބަންދުކޮށްފައިވާއިރު 936،113 މީހުން ރައްކާތެރި އެހެން ހިސާބުތަކަށް ވަގުތީގޮތުން ބަދަލުކޮށްދިނުމަށް އެދިފައިވާ ކަމަށާއި 292،110 ގެއަކުން އެއްކޮށް ކަރަންޓުގެ ހިދުމަށް ކެނޑިފައިވާކަމަށް ޓޯކިޔޯގެ އިލެކްޓްރިކް ޕަވަރ ކޮމްޕެނީ އަދި ޗަބް އިލެކްޓްރިކް ޕަވަރ ކޮމްޕެނީން މައުލޫމާތުދެއެވެ.