ޖަޕާން

"ޓައިފޫން ހާގިބިސް" ތޫފާނުގައި ޖަޕާނުން ފަސް މީހުން މަރުވެ އެތައް ބަޔަކު ހާލުގައި ޖެހިއްޖެ

އާނިފާ ހުސެއިން ސިރާޖް

ރޭގެ ވަގުތެއްގައި ޖަޕާނަށް އެރި "ޓައިފޫން ހާގިބިސް"ގައި އެ ގައުމުން ފަސް މީހުން މަރުވެ، އެތައް ބަޔަކު ހާލުގައި ޖެހިއްޖެއެވެ.

ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން މައުލޫމާތުދޭ ގޮތުގައި މި ތޫފާނުގެ އަސަރު ފޯރާފައިވަނީ ސައުތުވެސްޓް ޓޯކިޔޯގެ ގަޑިން ހަތެއް ޖެހުމުގެ ކުރީންނެވެ. މި ތޫފާނާ ގުޅިގެން ޖަޕާނުގެ އެކި ހިސާބުތަކަށް ވަނީ އިމަޖެންސީ މޫސުމީ ލެވެލް ފަހެއްގެ އެލާޓް ނެރެފައެވެ.

މި ތޫފާނުގައި މިހާތަނަށް ހަތަރު ފިރިހެނުންނާއި އެއް އަންހެނަކާއެކު ޖުމުލަ ފަސް މީހުން މަރުވެފައިވާއިރު 33 މީހުންނަށް އަނިޔާވެ، އެކަކު ގެއްލިފައިވާ ކަމަށް ވެސް ފަޔަރ އޮތޯރިޓީން މައުލޫމާތު ދެއެވެ.

މި ތޫފާނު ޖަޕާނަށް އަރާފައި މި ވަނީ ވޯލްޑް ރުގްބީ ކަޕް އެ ގައުމުގައި ބޭއްވުމަށް ހަމަޖައްސާފައިވާ ދުވަސްވަރުއެވެ. ތޫފާނާ ގުޅިގެން އިންގްލެންޑާއި ފުރާންސް އަދި ނިއުޒިލެންޑާއި އިޓަލީ ބައްދަލުކުރާ ރުގްބީ މެޗުތައް ވަނީ ކެންސަލުކޮށްފައެވެ. ކަމައިޝީގައި ބޭއްވުމަށް ހަމަޖައްސާފައިވާ ނަމިބިއާ އާއި ކެނެޑާ ބައްދަލުކުރާ ޕޫލް ބީ ގެ މެޗު ކެންސަލުކުރި ނަމަވެސް ސްކޮޓްލެންޑާއި ޖަޕާނު ބައްދަލުކުރާ ޕޫލް އޭ ގެ މެޗް ކުރިއަށް ގެންދާނެ ކަމަށް ވޯލްޑް ކަޕް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

ތޫފާނާ ގުޅިގެން ޖަޕާނުގެ ކެޕިޓަލް ސިޓީ ބަންދުކޮށްފައިވާއިރު 936،113 މީހުން ރައްކާތެރި އެހެން ހިސާބުތަކަށް ވަގުތީގޮތުން ބަދަލުކޮށްދިނުމަށް އެދިފައިވާ ކަމަށާއި 292،110 ގެއަކުން އެއްކޮށް ކަރަންޓުގެ ހިދުމަށް ކެނޑިފައިވާކަމަށް ޓޯކިޔޯގެ އިލެކްޓްރިކް ޕަވަރ ކޮމްޕެނީ އަދި ޗަބް އިލެކްޓްރިކް ޕަވަރ ކޮމްޕެނީން މައުލޫމާތުދެއެވެ.

ކުރިއާ އަޅައިބަލައި މިހާރު ތޫފާނު އަސަރު ކުޑަވި ނަމަވެސް، އަދިވެސް ޖަޕާނު އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން މައުލޫމާތުދެއެވެ. އެގޮތުން ގަޑިޔަކު 195 ކިލޯމީޓަރު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެ އެވެ.

އެގައުމުގެ އިޗިހަރާ ސިޓީއަށް އެރި ނަގޫރޯޅިއެއްގައި ކާރެއް ފުރޮޅާލުމުގެ ސަބަބުން ކާރު ދަށުވެ 49 އަހަރުގެ މީހެއް މަރުވެފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މި ނަގޫރޯޅީގައި ތިން ކުޑަކުދިންނާއެކު އިތުރު ފަސް މީހުންނަށް އަނިޔާވެފައިވާ ކަމަށް ވެސް ފަޔަރ އޮތޯރިޓީން މައުލޫމާތުދެއެވެ.

މިކަމާ ގުޅިގެން ޓޯކިޔޯ އާއި އެ ގައުމުގެ ކައިރި އެއާޕޯޓްތަކުގެ ހުރިހާ ފުލައިޓެއްވެސް ކެންސަލުކޮށްފައިވާއިރު، އެ ގައުމުގެ ބައެއް އަވަށްތަކުގެ ރޭލު ދަތުރުތައް ވެސް ވަނީ ކެންސަލުކޮށްފައެވެ.

ޖަޕާނަށް އެރި ތޫފާން