އެމްޑީޕީ

ޕާޓީން ދެކޭގޮތް ހާމަކޮށް ނޫސްބަޔާން ނެރުނީ ގައުމީ މަޖިލީހުގެ 57 މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު: އެމްޑީޕީ

1

ހަރުކަށި ވިސްނުމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައި، އަދި ޖަމިއްޔާ ޖަމާއަތްތައް އުވާލަން ތަރުހީބު ނުދޭ ކަމަށް ބުނެ، އެމްޑީޕީން އިއްޔެ ބަޔާނެއް ނެރުނީ ގައުމީ މަޖިލީހުގެ 57 މެންބަރުން ބައިވެރިވެވަޑައިގެންނެވި ނުރަސްމީ ބައްދަލުވުމެއްގައި މަޝްވަރާކުރުމަށް ފަހުގައި ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީން މިހެން ބުނީ، އެ ޕާޓީން ނެރުނު ބަޔާނުގައި ހުރި ބައެއް ވާހަކަތަކާ މެދު މީޑިއާތަކުގައި އެކި ގޮތަށް ރިޕޯޓުތައް ކޮށް އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ރޭގެ ވަގުތެއްގައި ކުރި ޓުވީޓެއްގަ އެވެ.

އެމްޑީޕީގެ ބަޔާނުގައި ހުރި ވާހަކަތަކާ މެދު ފާޑުކިޔާފައިވާ ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި، އެ ބަޔާނުގައި ޕާޓީން ވަނީ ސީދާގޮތުންނާއި ނުސީދާކޮށް އެމްޑީއެން ދިފާއުކުރުމަށް މަސައްކަތް ކޮށްފަ އެވެ. އަދި ކަމާ ނުގުޅޭ ވާހަކަތައް ހިމަނައި، އަސްލު މައްސަލައިގެ އަމާޒު އަނބުރާލަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ބައެއް މީހުން ވަނީ ތުހުމަތު ކޮށްފަ އެވެ.

ޖަމިއްޔާ ޖމާއަތްތައް އުވާލުމަށް އެމްޑީޕީން ތާއީދު ނުކުރާ ކަމަށާއި ހަރުކަށި ފިކުރުގެ މައްސަލައާ މެދު ފިޔަވަޅު އެޅުމުގެ މުހިންމުކަން އެ ޕާޓީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. އެ ގޮތުން ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖުތަމައުގައި ބިރުވެރިކަން އުފައްދަން ހިންގާ އަމަލުތައް ތަހުގީގުކޮށް ގާނޫނުގައިވާ ގޮތުގެ މަތިން އެފަރާތްތަކާމެދު ފިޔަވަޅު އަޅައިދޭން ބަޔާނުގައި ސަރުކާރަށް ގޮވާލާފައިވެ އެވެ.

ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖުތަމައުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ އަމަލުތައް ކުށްވެރިކޮށް އެ ބަޔާނުގައި ބުނީ، ގާނޫނާ ހިިލާފަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރާ ފަރާތްތަކާ މެދުވެސް، އަދި އަނިޔާވެރިކަމަށް ހިތްވަރުދީ އެފަދަ ކަންކަމަށް ގޮވާލައި، ރައްޔިތުންނަށް ބިރުދައްކަމުންދާ ފަރާތްތަކާމެދު ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި އެފަދަ ކަންކަމުން ގައުމަށް ލިބޭނޭ ހަމަޖެހުމެއް އަދި ދީނަށް ލިބޭނޭ ކުރިއެރުމެއް ވެސް ނޯންނާނެ ކަމަށާއި އެފަދަ ވާހަކަތައް ދެއްކުމަކީ، ގައުމުގައި ބައިބައިވުން އިތުރުވެ، ރާއްޖޭގެ އާންމު މަސްލަހަތަށާއި އަމަން އާންމަށް ނުހަނު ގެއްލުން ވެގެންދާ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، އެޕާޓީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެކެވެ. އިސްލާމް ދީނުގެ އަސްލުތަކާ ހިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއީދު ނުކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ކީރިތި ރަސޫލާއަށް ހަޖޫޖެހުމާއި ފުރައްސާރަކުރުމަށް ހިންގާ ކަންކަން ކުށްވެރިކުރާ ކަމަށާއި ގާނޫނުއަސާސީން ލިބިފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައެވެ.

އެމްޑީޕީން ބުނީ މި މައްސަލައިގައި ޕާޓީން ދެކޭ ގޮތް ހާމަކުރުމަށް ބޭއްވި ނުރަސްމީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ ތެރޭގައި ޕާޓީގެ ޗެއާޕާސަން އާއި ސެކްރެޓަރީ ޖެނެރަލް އާއި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.