ރިޕޯޓް

ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކޮށްފި

މަރިޔަމް ޝަހުދާ

ފަންސަވީސް ރަށަކަށް އެމްބިއުލާންސް ފޮނުވައި، ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކޮށްފިއެވެ.

ސަރުކާރުގެ ސިއްހީ ދާއިރާގެ ވައުދުތަކުތެރޭ ހިމެނޭ ''ނޭޝަނަލް އެމްބިއުލާންސް ސާވިސް'' ތައާރަފް ކުރުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެމްބިއުލާންސް ހަވާލުކުރި 25 ރަށުގެ ތެރޭގައި މީގެ ކުރިން އެމްބިއުލާންސްގެ ހިދުމަތް އެއްވެސް ގޮތަކަށް ލިބިފައިނުވާ ހަތަރު ރަށަކަށް ވެސް ފުރަތަމަ ފަހަރަށް އެމްބިއުލާންސެއް ވަނީ ފޮނުވައިފައިފައެވެ. އެއީ ށ.ނޫމަރާ، ބ.ފުޅަދޫ އާއި އެއަތޮޅު ފެހެންދޫ އަދި ކިހާދޫއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެމްބިއުލާންސް ހަވާލުކުރި ބާކީ 21 ރަށަކީ؛ ހއ. ދިއްދޫ، ހދ. ހަނިމާދޫ، ށ. ފުނަދޫ، ނ. މަނަދޫ، ނ. މާފަރު، ނ. ކެނދިކުޅުދޫ، ރ. އުނގޫފާރު، ރ. ދުވާފަރު، ބ. އޭދަފުށި، ބ. ދަރަވަންދޫ، ޅ. ނައިފަރު، ކ. މާފުށި، އދ. މާމިނގިލި، ދ. ކުޑަހުވަދޫ، ތ. ތިމަރަފުށި، ތ. ވޭމަންޑޫ، ލ. އިސްދޫކަލައިދޫ، ގއ. ވިލިނގިލި، ގދ. ތިނަދީ ސ. ހުޅުމީދޫ އަދި އައްޑޫ ސިޓީއެވެ.

ހެލްތް މިނިސްޓްރީން ބުނީ، މިއަދުގެ ރަސްމިއްޔާތުގައި ހަވާލުކުރި އެމްބިއުލާންސް ތަކުގެތެރޭގައި ޖަޕާން ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 21 ޕެރަމެޑިކް އެމްބިއުލާންސް ހިމެނޭ ކަމަށެވެ.

މި އެމްބިއުލާންސް ހަވާލުކޮށްދެއްވީ ރާއްޖެއަށް ޖަޕާނުން ކަނޑައަޅާފައި ހުންނަ ސަފީރު، ކެއިކޯ ޔަނާއީއެވެ. އެމްބިއުލާންސްތަކާއި ހެލްތު މިނިސްޓްރީގެ ފަރާތުން ރަމްޒީކޮށް ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރު އަބްދުﷲ އަމީނެވެ.

ހެލްތް މިނިސްޓްރީން ބުނީ، މިއަދު ރަށްރަށަށް ފޮނުވި އެމްބިއުލާންސްތަކާއެކު ކާރިސާގެ ވަގުތުތަކުގެ އިތުރުން އެމަޖެންސީ ހާލަތްތަކުގައި އަދި އެކްސިޑެންޓް ތަކުގައި ބަލިމީހުންނަށް ފޯރުކޮށްދޭން ޖެހޭ ސިއްހީ ކުއްލި ފަރުވާ ރަށްރަށުގައި އަވަހަށް ފޯރުކޮށްދިނުމުގައި ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

އަދި ކައިރި މުސްތަގުބަލެއްގައި އިތުރު 26 ރަށަކަށް އެމްބިއުލާންސް ހަވާލު ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.