މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް

އެމްޑީއެންގެ މައްސަލަ ބަލައިދޭން 2017 ވަނަ އަހަރު ސަލަފު ޖަމިއްޔާއިން ހޯމް މިނިސްޓްރީއަށް ހުށަހެޅިކަން ހާމަވެއްޖެ

1

މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ގެ މައްސަލަ ބަލައިދިނުމަށް އެދި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ސަލަފުން 2017 ވަނަ އަހަރު ސަރުކާރުގައި އެދުނުކަން ޔަގީން ވެއްޖެ އެވެ.

ސަލަފު ޖަމިއްޔާގެ ރައީސް، ޝެއިޚް އަބްދުﷲ މުހައްމަދު ވަނީ މީގެ އިރުކޮޅެއް ކުރީން "ވަން އޮންލައިން" އަށް މިކަން ކަށަވަރުކޮށްދެއްވައިފަ އެވެ. އަބްދުﷲ ވިދާޅުވި ގޮތުގައި އެ ސިޓީ ފޮނުއްވީ 23 ފެބުރުއަރީ 2017ގައި ކަމަށެވެ.

ޝެއިޚް އަބްދުﷲ ވިދާޅުވީ ހޯމް މިނިސްޓްރީ އަށް ފޮނުއްވި ސިޓީ އިސްލާމިކް މިނިސްޓްރީއަށް ވެސް އޭރު ކޮޕީ ކުރެއްވި ކަމަށެވެ. ސަލަފުން އެ ސިޓީ ފޮނުއްވި އިރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވީ އަޒްލީން އަހުމަދު އެވެ. އިސްލާމިކް މިނިސްޓަރުކަމުގައި ހުންނެވީ ޑރ. އަހުމަދު ޒިޔާދު ބާގިރު އެވެ.

ޝެއިޚް ވިދާޅުވީ ސަލަފުން ފޮނުވި ސިޓީއަކީ، ގިސާސް ހިފުމާއި އިސްލާމީ ޝަރީއަތުގެ ހައްދުތައް ގާއިމުކުރުން ގާނޫނުގައި ހިމެނުމާއި ގުޅިގެން، އެކަން ހުއްޓުވުމުގެ ގޮތުން އެމްޑީއެން އިން ބޭރުގައި ކޮށްފައިވާ ޝަކުވާ ތަކަކާ ގުޅިގެން ފޮނުއްވި ސިޓީއެއް ކަމަށެވެ. އެކަމާ ގުޅިގެން އެމްޑީއެން ގެ ހަރަކާތްތަކަށް ފާރަވެރިވުމަށާއި ފިޔަވަޅު އެޅުމަށް ވެސް ސަލަފުގެ ސިޓީގައި އެދިފައި ވާނެ ކަމަށް ޝެއިޚް އަބްދުﷲ ވިދާޅުވި އެވެ.

ޝެއިޚް އަބްދުﷲ ވިދާޅުވީ އެ ސިޓީ ހޯމް މިނިސްޓްރީ އަށާއި އިސްލާމިކް މިނިސްޓްރީއަށް އޭރު ހުށަހެޅީ، ކަމާ ގުޅުން ހުރި ބައެއް ލިޔެކިޔުންތަކާ ވެސް އެކީގައި ކަމަށެވެ. އޭގެ ތެރޭގައި އިސްލާމް ދީނުގެ އަސާސްތަކާ ހިލާފު ވާހަކަތަކާއި ރާއްޖެއަށް ސެކިއުރަލިޒަމް ގެނައުމަށް ހިތްވަރު ދީފައިވާ ލިޔުންތައް ވެސް ހިމެނޭ ކަމަށް ޝެއިޚް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މީގައި މުހިންމީ މައްސަލަ ފެށުނީ ކޮން ސަރުކާރެއްގައިތޯ، ނުވަތަ ސަލަފުން އޭރު ދިމާވި މައްސަލަތައް ހުށަހެޅުމުން ރައީސް ޔާމީނުގެ ސަރުކާރުން ފިޔަވަޅު ނޭޅީ ކީއްވެތޯ ބެލުން ވެސް ނޫން ކަމަށާއި ކޮންމެ ބަޔަކު ވެރިިކަމުގައި ތިއްބަސް މި ފަދަ ކަންކަމުގައި އަޅަން ޖެހޭ ފިޔަވަޅު އެޅުން ކަމަށެވެ. މި ސިޓީއަކީ އަހަރުތަކެއް ވެފައިވާ ސިޓީއެއް ކަމުން، އޭރު އެކަމަށް ސީދާ ޖަވާބެއް ދެއްވިކަން ޔަގީން ނުވާ ކަމަށާއި އެހެން ނަމަވެސް، ބައެއް ބައްދަލުވުންތަކުން ހޯމް މިނިސްޓަރާ ބައްދަލުވުމުން އެކަން ބައްލަވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ޝެއިޚް އަބްދުﷲ ވިދާޅުވި އެވެ.

އެމްޑީއެން އިން އިސްލާމް ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓެއްގެ މައްސަލަ ހޫނުވެ، އެ މައްސަލަ ބަލައިދިނުމަށް އެދި މިހާރުގެ އިސްލާމިކް މިނިސްޓްރީން ވަނީ ފުލުސް އޮފީހަށް މައްސަލަ ހުށަހަޅައިފަ އެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ކުރު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، މި މައްސަލަ ބައްލަވައި އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ރައީސް ސޯލިހު މިހެން ވިދާޅުވިފަހުން ޖެހިގެން އައި ދުވަހު ކޮމިޔުނިޓީ އެމްޕަވަރމެންޓް މިނިސްޓްރީން ވަނީ އެމްޑީއެން ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފަ އެވެ. ޖަމިއްޔާތަކާ ބެހޭ މަސައްކަތް، މި ސަރުކާރުން މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާއަށް ގެނައި ބަދަލުތަކާ އެކު ކުރަމުން އަންނަނީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމެންޓުންނެވެ.

ފުލުހުން މިއަދު ބުނެފައި ވަނީ އެމްޑީއެންއިން މި ފަހުން ނެރުނު ރިޕޯޓުގެ މައްސަލަ ސަމާލު ކަމަށް އައި އިރު، އެ ޖަމިއްޔާގެ ރައީސާ ޝަހިންދާ އިސްމާއީލް ރާއްޖޭގައި ނޫޅުއްވާ ކަމަށެވެ. ފުލުހުން މިހެން ބުނީ، މި މައްސަލަ ތަހުގީގުކުރަމުން އަންނަނިކޮށް، ޝަހިންދާ ކުއްލި ގޮތަކަށް ޖަރުމަނަށް ފުރާވަޑައިގެންފި ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ވާހަކަތައް ފެތުރުމާ ގުޅިގެން، ފުލުހުންގެ މީޑިއާ ގުރޫޕުގައި ނޫސްވެރީން ސުވާލުކުރަން ފެށުމުންނެވެ.