ބޮލީވުޑް

ރޭލުގެ އިމަޖެންސީ ޗޭނަށް ދެމި މައްސަލައިގެ ދައުވާއިން ސަނީ އަދި ކަރިޝްމާ ސަލާމަތްވެއްޖެ

މީގެ 20 އަހަރު ކުރިން ފިލްމެއްގެ ޝޫޓިން ތެރޭގައި ކަރިސްމާ ކަޕޫރާއި ސަނީ ޑިއޯލް ރޭލެއްގެ އިމަޖެންސީ ޗޭނަށް ދަމާފައިވާތީ އުފުލާފައިވާ ދައުވާއިން އެ ދެމީހުން ސަލާމަތްވެއްޖެއެވެ.

ކަރިސްމާ އާއި ސަނީއަށް އުފުލާފައިވާ ދައުވާގައި ބުނަނީ 2413-އޭ އަޕްލިންކް އެކްސްޕްރެސްގެ ޗޭނަށް ދެމުމުން އެ ރޭލު ވަނީ 25 މިނިޓް ޑިލޭވެފައި ކަމަށެވެ.

2009 ވަނަ އަހަރު އުފުލި އެ ދައުވާއިން، އޭޕްރިލް 2010ގައި މި ދެތަރިން ވަނީ ސަލާމަތްވެފައެވެ. އެހެން ނަމަވެސް މިދިޔަ މަހު 17ގައި ރެއިލްވޭ ކޯޓުން އެ ދެތަރީންގެ މައްޗަށް އަލުން ދައުވާ އުފުލިއެވެ.

ކޯޓުގައި މިދިޔަ މަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ސަނީއާއި ކަރިސްމާއަށް ވަނީ ރެއިލްވޭ އެކްޓްގެ ސެކްޝަން 141، 145، 146، 147 ނުކުތާގެ ދަށުން ދެމީހުންވެސް ކުށްވެރިވާކަމަށް ކަނޑައަޅާފައެވެ.

އެހެން ކަމުން ސަނީ އަދި ކަރިސްމާ ވަނީ އެހުކުމް ސެޝަން ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ސެޝަން ކޯޓުގެ ފަނޑިޔާރު ޕަވަން ކުމާރު ވަނީ ރެއިލްވޭ ކޯޓުން އިއްވާފައިވާ ހުކުމް ބާތިލްކޮށް ދެތަރިންވެސް މިނިވަންކޮށްފައެވެ. ޕަވަން ބުނި ގޮތުގައި އެމައްސަލަ އަކީ މީގެ ކުރިން 2010 ވަނަ އަހަރުވެސް ދައުވާކޮށް ދެތަރިން އޭގެން ބަރީއަވެފައިވާ ދައުވާއެއް ކަމަށެވެ. އަދި އެ ދެމީހުންގެ މައްޗަށް ކުށް ސާބިތު ކުރަން ބޭނުންވާ މިންވަރަށް ހެކިވެސް ނެތް ކަމަށް ޕަވަންވަނީ ބުނެފައެވެ.

1997 ގައި ކަރިސްމާ އާއި ސަނީ ޝޫޓް ކުރި މި ފިލްމަކީ "ބަޖްރަންގް" އެވެ.

ކަރިސްމާ މިހާރު ފިލްމު ކުޅުމާ ދުރުގައި އުޅޭއިރު ސަނީ ވަނީ ސިޔާސީ ދާއިރާއަށް ނުކުމެފައެވެ.