ސީޕީ މުހައްމަދު ހަމީދު

ދީނަށް ފުރައްސާކުރާ މީހުންނެކޭ އެއްފަދައިން މީހުންނަށް ބިރުދައްކާ މީހުންނާ މެދުވެސް ފިޔަވަޅު އަޅާނަން: ފުލުހުން

2

އަޅުގަނޑުމެންގެ ލޮބުވެތި އިސްލާމްދީނާ ދެކޮޅު ކަންކަން ހިންގައި، އެދީނާ މެދު ނަފުރަތު އުފެދޭ ފަދަ ވާހަކަތައް ފަތުރާ ފަރާތްތަކެކޭ އެއްފަދައިން، މީހުންނަށް ބިރުދެއްކުމުގެ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ޕޮލިސް ކޮމިޝަނަރު، މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރު ހަމީދު މިހެން ވިދާޅުވީ އޭނާ މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގަ އެވެ.

އެމްސީ ހަމީދުގެ ޓުވީޓުގައި އެދިވަޑައިގެންފައި ވަނީ އެ ފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓުކުރަމުން ގެންދިއުމަށެވެ.

"އަޅުގަނޑުމެންގެ ލޮބުވެތި އިސްލާމްދީނާ ދެކޮޅު ވާހަކަތައް ދައްކައި އެފަދަ އަމަލުތައް ހިނގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާ ފަދައިން މީހުންނަށް ބިރުދެއްކުމުގެ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ވެސް ގާނޫނީ ފިޔަވަޅު އަޅާނަން. އަޅުގަނޑުމެން މިއަންނަނީ މިކަންކަން ވަރަށް ގާތުން ބަލަމުން. ރައްޔިތުންގެ ކިބައިން އަޅުގަނޑުމެން އެދެނީ މިފަދަ ހައްދުފަހަނަ އެޅާފައިވާ އަމަލުތައް ރިޕޯޓުކޮށްދިނުން." ކޮމިޝަނަރު ހަމީދުގެ ޓުވީޓުގައި ވިދާޅުވި އެވެ.

އެމްސީ ހަމީދު މި މޭރުމުން ޓުވީޓު ކުރެއްވި އިރު، މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށް ފުރައްސާރަކޮށް ހުރި ވާހަކަތަކެއްގެ މައްސަލަ ވަރަށް ބޮޑަށް ވަނީ ހޫނުވެފަ އެވެ. އަދި އެ މައްސަލަ ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އިސްލާމިކް މިނިސްޓްރީން މި މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައިވާ އިރު، ކޮމިޔުނިޓީ އެމްޕަވަރމެންޓް މިނިސްޓްރީން ވަނީ އެމްޑީއެން ވަގުތީ ގޮތުން ސަސްޕެންޑް ވެސް ކޮށްފަ އެވެ. އެމްޑީއެން ސަސްޕެންޑް ކުރީ ރައީސް ސޯލިހު، އެ މައްސަލަ ބައްލަވައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ. މި މައްސަލައިގައި، އިލްމުވެރީންގެ ޓީމަކުން ވަނީ ރައީސް ސޯލިހާ ބައްދަލުވެސް ކޮށްފަ އެވެ.

އެމްޑީއެންގެ ގެ މައްސަލައިގައި، އެ ޖަމިއްޔާއަށް ނިސްބަތްވާ ބައެއް މީހުންނަށް ރައްދުކޮށް މީސް މީޑިއާގައި ވެސް ދަނީ ހޫނު ބަހުސްތައް ހިނގަމުންނެވެ. މެންބަރުންނަށް ބިރުދައްކަމުންދާ ކަމަށް ބުނެ އެ މައްސަލަ އެ ޖަމިއްޔާގެ ފަރާތުން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.