ފުރާނަދަންދެން

ފުރާނަދަންދެން - 42

4

މާހިލްގެ އަތުގައި ހިފައިގެން ހުރެ ކުރިމަތީގައި ހުރި ގެއަކަށް ނައިޝީ ވަން މަންޒަރު ފެނި ފިހާރަ ތެރޭގައި ހުރި އިނާޝާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.

އޭނާ ޚައިރާންކަން އެކުލެވިގެންވި ނަޒަރަކުން އެގެއާ ދިމާލަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު އަތް ދަބަހުގައި އޮތް ފޯނު ނެގިއެވެ. އޭނާ ނައިޝީގެ ނަންބަރު ފޯނުގައި ޖެހުމަށްފަހު ގުޅައިލިއެވެ.

"ހަލޯ އިޝީ...! ގޭގަތަ" އިނާޝާ ބޭނުންވީ އެއީ ނައިޝީ ތޯ ޔަޤީންކުރާށެވެ. ގިނަ ފަހަރަށް ލޮލަށް ފެންނަ ގޮތަކީ ހަގީގަތަކަށް ނުވެދާނެއެވެ.

"އާނ މަންމާ... މިއުޅެނީ ނާހިދް އަންނަން ވާއިރަށް ސައެއް ހަދަންވެގެން. ކިހިނެއްވީ؟ މަންމަ މިހާރު ގެއަށް އައީތަ؟" އެކޮޅުން ނައިޝީ ބުނެލިއެވެ.

އިނާޝާ ފޯނު ބޭއްވުމަށްފަހު ވިސްނާލިއެވެ. އެއީ ނައިޝީއަށް ވެދާނެބާއެވެ؟ ނޫނީ އަހަރެންގެ ލޮލަށް ފެނު ގޮތް ބާވައެވެ؟ ނޫނެކެވެ. އެއީ ފެނުނު ގޮތެވެ. ނައިޝީ ހުރީ ގޭގައެވެ. އޭނާ ދެ ވިސްނުމެއްގައި ހުރެފައި ހިގައިގަތްތަނާ ދަބަހުގައި އޮތް ފޯން ވައިބްރޭޓްވާން ފެށިއެވެ. ބަލައިލިއިރު އަރާފައި އިނީ ނާހިދުގެ ފޮޓޮއެކެވެ. އޭނާ ފޯނު ނެގުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ.

"މަންމާ...! ގޭގައި އެކަކުވެސް ނެތް. އަޅުގަނޑު މިއުޅެނީ އިންމަގެ މަންމަމެން ގެއަށް އައިސްގެން. މަންމަ އާ އިޝީއާ އެކުގަތަ ތިއުޅެނީ" ނާހިދް ދައްކަންފެށި ވާހަކައަކުން އިނާޝާއަށް ލިބުނީ އިތުރު ހައިރާންކާމެކެވެ. ނައިޝީ ގޭގައި ނެތީއޭ އެބުނީ ކީއްވެގެން ހެއްޔެވެ؟ ނާހިދަށް ސައެއް ތައްޔާރުކުރަން ހުރި ވާހަކަ ނައިޝީ އެބުނީ ދާދި ދެންމެއަކުއެވެ. ނައިޝީ ދޮގުހެދީބާއެވެ؟ އޭނާ ފަހަތަށް އެނބުރި ބަލައިލިއެވެ. ޚައިރާންކަން އެކުލެވިގެންވި ނަޒަރަކުން އެގެއާ ދިމާލަށް ބަލަހައްޓައިގެން ހުއްޓާ ނައިޝީ އެގެއިން ނިކުތްތަން ފެނުނެވެ. ނައިޝީގެ ފަހަތުން ފިރިހެންކުއްޖާވެސް ނިކުތް ތަން ފެނުނެވެ. އެގޭ ކައިރިއަށް މަޑުކޮށްލި ޓެކްސީއަކަށް ނައިޝީ އަރަން ދިޔަ ވަގުތު އެ ފިރިހެންކުއްޖާ ނައިޝީގެ އަތުގައި ހިފި މަންޒަރު ފެނުނެވެ. އޭނާގެ ނަޒަރު ލަސްލަހުން ފިރިހެންކުއްޖާގެ މޫނަށް ހުއްޓުނެވެ. ކޮންމެސް ތަނަކުން ފެނުނު މޫނަކާ ވައްތަރުވިއެވެ. އޭނާ ހަނދާނެއް ނުވިއެވެ. ނައިޝީ ކާރަށް އަރައިގެން ނައްޓާލަންދެން ހުރުމަށްފަހު އިނާޝާ ގެއާ ދިމާލަށް ހިނގައިގަތެވެ.

ގޭ ދޮރު ބެލް އަޅާ އަޑު އިވެންފެށީ އަޒްކާގެ އާއިލާ ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔަ ވަގުތުގައެވެ. ދޮރު ހުޅުވާން ދާން ތެދުވީ އަޒްކާއެވެ. ބަތް ތައްޓަށް ލައިގެން އިން އަތް ނުދޮވެ އިނގިލިތައް އެއްކޮށްލައިގެން މައްޗަށްވާގޮތަށް ކޮޅަށް ޖަހާލައިގެން ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ތިބި ނަޝްވާގެ ދެމަފިރިން ފެނުމުން އަޒްކާ ޚައިރާންވިއެވެ. ލަދުގަތްވަރުން އަތް ފުރަގަހަށް ލިއެވެ.

"ނަޝްވާދައްތަ!" ޚައިރާންކަން އެކުލެވިގެންވި އަޑަކުން އަޒްކާ ބުނެލިއެވެ.

"ކޮބާ ޙައްވައްތަ. ވަރަށް ފިލައިގެން އުޅެނީ. ހާދަ މީރުވަހެކޭ މިދުވަނީ" ނަޝްވާ އަޒްކާ އާ ކުރިމަތިލީ އެކުވެރިޔަކު ކުރިމަތިލާނެހާ ގާތްކޮށެވެ.

"ކާކުތަ ދަރިފުޅާ" ޙައްވަގެ އަޑު އިވުނެވެ. ޙައްވައަށް އިންތަނުން ކޮޅަށް ތެދުވެވުނީ ޝަދީން އާ އެކީގައި ވަދެގެން އައި ނަޝްވާ ފެނުމުންނެވެ. ކާން އިން އަމީޒާވެސް ފަހަތަށް އެނބުރި ބަލައިލިއެވެ. ނަޝްވާގެ ދެމަފިރިންނަށް ބަލައިލަމުން އަމީޒާ ހީލިއެވެ. އެއީ ކޮންބައެއްކަން އޭނާއަށް އިނގެއެވެ.

"ނަޝްވާ... ރަނގަޅު ވަގުތެއްގަ ތިއައީ. އާދޭ ކާން" ޙައްވަ ބުނެލިއެވެ. ނަޝްވާ ދެބަހެއްނެތި ހަމީދު ތެދުވި ގޮނޑީގައި އިށީނެވެ.

"މީހަކު ނުކައެއް ނުދާނެއްނު. ހާދަ މީރު ރިހައެއްގެ ވަހޭ އެދުވަނީ. ޙައްވައްތަ ދިޔަ ފަހުން މިކަހަލަ ރިހައެއް ނުކެވޭ ވިއްޔާ" ނަޝްވާ ވާހަކަދެއްކިއެވެ. ޙައްވަ ހީލިއެވެ. އަޒްކާ ކާންއިން ތަށި ހިފައިގެން ޒިންކު ކައިރިއަށް ދަމުން ޝަދީނަށް ގޮނޑި ދެއްކިއެވެ. އަމީޒާ ހީލައިގެން އިނެވެ.

"ޙައްވައްތައަށް ހިތްބުރަ ނުކުރައްޗެ. ޙައްވައްތައަށް މިހާރު ހީވަނީ ޙައްވައްތަ އެގޮތަށް ކަންތައްކުރި ސަބަބު އިނގޭނެހެން" މޭޒުމަތީ ހުސްވެފައި ހުރި ތަށިތަކަށް ކާއެއްޗެހި އަޅަމުން ޙައްވަ ވާހަކަދެއްކިއެވެ. އަޒްކާވެސް ޙައްވައަށް އެހީވެދިނުމުގައި އުޅެއެވެ.

"ޙައްވައްތައަށް އެއްވެސް ބުރައެއްނެތް. ޝަދީން ކިޔާދީފި. ނޭނގި އޮތް ބައި މަންމަ އާ ނަތާއާ ކިޔައިދީފި. މިރޭ މިއައީ ޝަދީން ބުނީ މިތަނުން ބަދަލުވާން ބޭނުންވެގެން އަޒްކާ ބުނި ވާހަކަ. އެއީ ތެދެއްތޯ ބަލައިލަންވެގެން" ނަޝްވާ ވާހަކަދެއްކިއެވެ.

"ލައްބަ. އެއީ މިހާރު މަންމަ އާ ބައްޕަ ލިބުނީމަ ދެ ކޮޓަރިއަށް ބަދަލުވާންވެގެން. ތަންތަން ބަލަނީ މިހާރު" އަޒްކާ އޮޅުންފިލުވައިދިނެވެ.

"އެންމެ މަތީގައި ހުރި ދެ ރޫމް ތަން މިހާރު ފައިނަލް ޓަޗިނގް ގަ އެ އުޅެނީ. އެތަނަށް ބަދަލުވާންވީނުން. މިއީ ޝަދީންގެވެސް އަދި ޝަދީންގެ މަންމަ އާ ބައްޕަގެވެސް ވަރަށް ބޮޑު އެދުމެއް" ނަޝްވާ ވާހަކަދެއްކިއެވެ.

"ބަދަލުވެވިދާނެ. އެކަމަކު ބަޖެޓް... ކިހާ ވަރަކަށް ކުއްޔަށްދެނީ" އަޒްކާ އަހައިލިއެވެ.

"ފަނަރަހާސް. އެއްމަސް އެޑްވާންސް. އެކަމަކު މި ފެމެލީއަށް މިދޫކޮށްލަނީ ފްރީކޮށް" ޝަދީން ބުނެލިއެވެ. އަޒްކާ ނަޝްވާގެ މޫނަށް ބަލައިލީ ޚައިރާންކަން އެކުލެވިގެންވީ ބެލުމަކުންނެވެ.

"ނޫން. ތިހެންނަހަދާ. މިއީ މާލެ. މިއަދު އުފާވެރި ދިރިއުޅުމެއް އުޅެވެން ކޮންމެ މީހަކަށްވެސް އޮތީ ފައިސާ ލިބިގެން. އެހެންވީމަ ތިތަން ފްރީކޮށް ނަގަން އަޅުގަނޑު ބޭނުމެއްނޫން" އަޒްކާ ވާހަކަދެއްކިއެވެ. ބަހެއް ނުބުނެ ހުއްޓަސް އަޒްކާގެ ވާހަކަތަކާ ޙައްވަ އެއްބައިވިއެވެ.

"އެއީ ﷲ ށް ޓަކައި ކޮށްދޭ ހެޔޮކަމެއްގެ ގޮތުގައި ބަލާ. ޙައްވައްތަ އަކީ ޝަދީން މަންމަ ކައިރީގައި އެހާގިނަ ދުވަހު މަސައްކަތްކުރި މީހެއް. އަޒްކާ އަކީ ނަތާ އެންމެ ލޯބިވާ އެކުވެރިޔާ. އަމީޒައްތަ އަކީ ދޮންދައްތަގެ އެންމެގާތް އެކުވެރިޔާ. އެހެންވީމަ މިކަން މިކޮށްދިނީ ދުރު ބަޔަކަށްނޫން. މިއީ ހަމަ އެއް އާއިލާ" ނަޝްވާ ވާހަކަދެއްކިއެވެ.

"އެކަމަކު..."

"ޕްލީޒް. މިތަނުން ތި އާއިލާ ނެރޭނެ މީހަކު ނާންނާނެ. މިބައިގަ ހުންނަނީ ޝަދީންގެ ކޮއްކޮ. އެސޮރު އެބައާދޭ އަންނަ ހަފްތާގަ" ނަޝްވާ ވާހަކަދެއްކިއެވެ.

ހިތްހަނުޖެހި އިރުކޮޅަކު ހިމޭނުން އަޒްކާ އިނެވެ. ފައިސާ ނުދީ މީހެއްގެ ގެއެއްގައި އުޅެން އޭނާ ހިތްހަމަނުޖެހެނީއެވެ. ނަމަވެސް ނަޝްވާ އާ ދެކޮޅަށް އިތުރަށް ވާހަކަދައްކަން އޭނާއަށް ނުކެރުނެވެ. އެހެންކަމުން އޭނާ އާބަސް ބުންޏެވެ.

އިމްރާންގެ މައިންބަފައިންނަށް ކޮފީ ތައްޔާރުކުރީ ނާހިދާއި މީކާ އެވެ. އިނާޝާއާއި ނައިޝީ ގޭގައި ނެތް ވަގުތެއްގައި އާދެވުމުން އެކަމާ ހުޒައިމާ ހިތާމަ ފާޅުކުރިއެވެ. އެހެން ދުވަހަކުން އަންނާނެކަމަށް ބުނެފައި އެ ދެމަފިރިން އިމްރާނާއި އެކީގައި ގެއިން ނިކުތުމުން ނާހިދް ފޯނު ހިފައިގެން ސޯފާގައި ޖައްސައިލިއެވެ. އޭނާ ނައިޝީގެ ފޯނަށް ދެފަހަރަކު ގުޅައިލުމުންވެސް ހަބަރެއް ނުވިއެވެ. އެގޮތަށް ދާތަނެއް ނުބުނެ ނައިޝީ ދިޔުމުންނާ ގުޅުމުން ފޯނަށް ޖަވާބުނުދޭތީ ނާހިދް އިނީ ހިތްހަމަނުޖެހިފައެވެ. އެހެންއިންތާ ކުޑައިރުކޮޅެއްވީތަނާ އޭނާގެ ފޯނަށް މެސެޖެއް ލިބުނެވެ. ފޫހިވެފައި އިނދެ މެސެޖް ހުޅުވާލިއެވެ.

"ޝީ ސެއިޑް ޔެސް. ތަނެއް ބުނާށޯ. އޭނަ ދާނަމޯ" ނަތާޝާގެ މެސެޖް ކިޔާލިއިރު އޭނާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެއްޖެއެވެ. އޭނާއަށް އިތަނުން ތެދުވެވުނީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. މަޑުމަޑުން އޭނާއަށް ހެވެންވެސް ފެށުނެވެ. ސޯފާ މައްޗަށް ފޯނު އެއްލާލާފައި ގިބްލަވީ ކޮޅަށް އެނބުރިލުމަށްފަހު ސަޖިދައެއް ޖެހިއެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން އޭނާގެ ލޮލުން ކަރުނަ ނީރާލިއެވެ. ނައިޝީ ވަދެގެން އައީ ފޯނަށް ބަލަހައްޓައިގެން އޭނާ ސޯފާގައި އިންދައެވެ.

"ހާދަ ހެވިފަ" ނާހިދް ކައިރީގައި އިށީންނަމުން ނައިޝީ ވާހަކަދެއްކިއެވެ. ނާހިދް ނައިޝީއަށް ބަލައިލިއެވެ. އެބެލުމުގައި ވަނީ ހިތްހަމަނުޖެހުމުގެ އަސަރެވެ. ނައިޝީ ފެނުމުން މިފަހަރު އޭނާ ވީ ފޫއްސެވެ.

"ތަނަކަށް ދިޔުމުގެ ކުރިން މިހާރު އަހާލުމެއްވެސް ނޯވޭ ދޯ. އަދި އިޝީ ވަރިއެއް ނުކުރަމޭ. ތިއީ އަދި މިނިވަނެއްނޫން" ނާހިދް މަޑުނުކޮށް ދުވަމުން ސިޑިން އަރައިގެން ދިޔައެވެ. ނައިޝީ އިނީ އެއީ ނާހިދް ކަން ގަބޫލުނުކުރެވިފައެވެ. އޭނާ ދެލޯ ފެންކަޅިވިއެވެ. އެހެންނަމަވެސް ނާހިދް ދެއްކި ވާހަތަކާ މުޅިއަކުން ދެބަސް ވެވޭކަށްވެސް ނެތެވެ. މާހިލްއާ ގުޅުން ބާއްވަންފެށި ފަހުން އޭނާއަށް ބޭރަށް ދެވޭވަރު ގިނައެވެ. ގިނަފަހަރު ދެވެނީވެސް ބުނެނުލައެވެ. އޭނާ މާހިލް ކައިރިއަށް ދާން ފެށީވެސް ވަކި މަގްސަދެއްގައެވެ. އޭނާގެ އަބުރާ ޢިއްޒަތް ސަލާމަތްކުރެވެން އޮތީ މަކަރުން މާހިލްއާ ގާތްވެވިގެނެވެ. ދެމީހުންގެ ގުޅުމަށް މަހެއްވާން ގާތްވެފައި ވާއިރު އަދި އޭނާއަށް އެކަމުގައި ކާމިޔާބުވެފައެއް ނެތެވެ.

އެތައް އިރަކު ނައިޝީ ސޯފާގައި ވިސަންނަން އިނެވެ. އޭނާ ލޯބީގެ ގަނޑުވަރު ބިނާކުރަން ބޭނުންވީ ނާހިދާ އެކުގައެވެ. އޭނާ އެލޯތްބަށްޓަކައި، ކައިވެންޏަށްޓަކައި އެތައް ހުވަފެނެއް ދެކުނެވެ. ދިރިއުޅުމަށްޓަކައި އޭނާ އިންދި އޮށްތަކުން ގަސްފެޅިޔަސް އެގަސްތައް ބޮޑެއް ނުވިއެވެ. އޭނާ އެތައް އިންތިޒާރެއްކޮށް އޯގާތެރިކަމާއެކު ގަސްތަކަށް ފެން ދިނުމުގައި އެތައް ވަގުތެއް ހޭދަކުރިއެވެ. ގަސްތަކުގައި މޭވާ އެޅިއެވެ. ނަމަވެސް އޭނާއަށް ފޮނިމީރުކަން އިހުސާސްނުވިއެވެ. އޭނާގެ ދިރިއުޅުމަށް މާހިލްގެ ސިފައިގައި ޝައިތާނެއް އައިސް އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލައިފިއެވެ. ދުނިޔޭގެ ލަދުން ސަލާމަތްވުމަށާ ފިރިމީހާގެ ލޯބި އަތުން ބީވާން ނެދޭތީ މިހާރު އޭނާ ޖެހެނީ ދެކޮޅަށް ކިރޭ ތަރާދަކަށް ވެގެން އުޅޭށެވެ. އެވާހަކަތައް އޭނާއަށް އެހެން މީހަކަށް ކިޔާދެވޭކަށްވެސް ނެތެވެ. ގަބޫލުކުރަން ބޭނުންނުވިޔަސް މިހާރު މާދުރުން އެނާއަށް އޭނާގެ މުސްތަގުބަލް އަނދިރިވަމުން އަންނަ މަންޒަރު ފެންނަން ފަށައިފިއެވެ.

ހަށިފުރާ ނޭވައެއް ލުމަށްފަހު ނައިޝީ ތެދުވެ ސިޑިއާ ދިމާލަށް ހިނގައިގަތް ވަގުތު ދޮރުމަތީގައި ހުރި އިނާޝާ ފެނުނެވެ. އިނާޝާގެ މޫނު މަތީގައި ހިނިތުންވުމެއް ނެތުމުން ނައިޝީއަށް ވިސްނުނެވެ. އޭނާ އިސްޖަހައިލިއެވެ. އިނާޝާ އައިސް ހުއްޓުނީ ނައިޝީ ކުރިމަތީގައެވެ.

"މަންމަ ހިއެއް ނުކުރަން އިޝީ މަންމައަށް ދޮގު ހަދާފާނެ ކަމަކަށް" އިނާޝާ ބުނެލިއެވެ.

"ސޮރީ މަންމާ. އަޅުގަނޑު ގޭގައި އޮށްވާ އީވް ގުޅީ. އެގޭގަ މިހުރިހާއިރު އިނީ" ނައިޝީ ބުނެލިއެވެ. އިނާޝާ ދެލޯ ބޮޑުވެ ޚައިރާންކަން މޫނުމަތީގައި ވަށައިލިއެވެ. ދޮގެއް ހަދާލަން ނައިޝީއަށް ހާދަ ފަސޭހައެވެ. އެއް ދޮގުން ސަލާމަތްވުމަށްޓަކައި އެއްހާސް ދޮގު ހަދަންޖެހޭ ވާހަކައަކީ ތެދެއްކަން އޭނާއަށް ގަބޫލުކުރެވިއްޖެއެވެ.

"ނާހިދް ވެސް ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފަ" ނައިޝީ ބުނެލިއެވެ. ބަހެއް ނުކިޔާ އިނާޝާ ވަދެގެން ދިޔައެވެ. އޭނާ އިތުރަށް ނައިޝީއާ ވާހަކަދައްކަން ބޭނުމެއްނުވިއެވެ. ލޮލަށް ފެންނަ ކޮންމެ މަންޒަރަކީ އަސްލެއް ނޫންކަން މިހުރިހާއިރު އޭނާ އައީ އަމިއްލަ ނަފްސަށް ވިސްނައިދެމުންނެވެ. އޭނާ ހީކުރީ ނައިޝީ ތެދު ހާމަކުރާނެ ކަމަށެވެ. ނައިޝީ ވަރަށް ބޮޑު އޮޅުވާލުމެއް އޭނާއަށާއި ނާހިދަށް އޮޅުވާލައިފިކަން އޭނާއަށް ދާދި ދެންމެއަކު ނައިޝީ ދިން ޖަވާބުން ހާމަވެއްޖެއެވެ. އީވް އާ ދިމާވެގެން އިނާޝާ ވާހަކަދެއްކީ އެގަޑީގަ ވަދެހުރި ފިހާރަ ތެރެއިންނެވެ.

ފިހާރަ ބަންދުކޮށްފަ މޯހަންދާސް ގެއަށް ވަންއިރު އިނާޝާ ސިޓިންގްރޫމް ސޯފާގައި އިނެވެ. މޯހަންދާސް ފެނުމުން އޭނާ ބަދިގެއަށް ވަދެ ފިނި ފެންތައްޓެއް ގެނެސްދިނެވެ. މޯހަންދާސް ސޯފާގައި އިށީނުމުން ކައިރީގައި އޭނާވެސް އިށީނެވެ. މޯހަންދާސް ކޮނޑުގައި ބޯއަޅައިލިއެވެ.

"ހިނގާ ކާން" އިނާޝާ މަޑުމަޑުން ބުނެލިއެވެ.

"އިނާ ނުކަންތަ އަދި" މޯހަންދާސް އަހައިލިއެވެ.

"އަހަރެން ދުވަހަކުވެސް މޯހަން ނުކައި ހުއްޓަ ކެއިންތަ؟" އިނާޝާ ބުނެލިއެވެ.

މޯހަންދާސް ހިތުގައި ޖެހިއްޖެއެވެ. އޭނާ ހީކުރީ އިނާޝާ އޮންނާނީ ކައިގެން ނިދާފައި ކަމަށެވެ. އިނާޝާގެ ފޯނުކޯލެއް ނުލިބޭތާވެސް އެތައް އިރެއްވީ ވިއްޔާއެވެ. ގެއަށް މިރޭ އާދެވުނީވެސް އެހެން ރޭތަކަށް ވުރެ ލަހުންނެވެ. އޭނާ ފިހާރައިގައި މަސައްކަތްކުރަން ގެންގުޅޭ ބޭރުމީހުންތަކާއެކު ބޭރުން ކެއިރު އިނާޝާ ކައިރީގައި ބުނަން ހަނދާން ނެތުނީއެވެ. އެހެންނަމަވެސް އަނބިމީހާ ދެރަކޮށްލަން އޭނާ ބޭނުމެއް ނުވިއެވެ.

"ހިނގާކާން. ވަރަށް ބަނޑުހައި" ބަނޑުގައި އަތް ހާކައިލަމުން މޯހަންދާސް ބުނެލިއެވެ.

މޭޒު މައްޗަށް ތަށި އަރުވަމުން ދިޔައިރުވެސް އިނާޝާ މޫނުމަތި ވަނީ މިލާފައެވެ. އޭނާ ވާހަކައެއް ދައްކަން އުޅޭހެން މޯހަންދާސްއަށް ހީވިއެވެ.

"ދެކުދިން ކައިގެން ވަނީތަ؟" މޯހަންދާސް އަހައިލިއެވެ. އިނާޝާ ބޯޖަހާލާފައި މޯހަންދާސް ކައިރީގައި އިށީނެވެ.

"އަހަރެން އެކަނިތަ ކާންވީ. އިނާ ނުކާނަން؟" މޯހަންދާސް އަހައިލީ އިނާޝާއަށް ތައްޓެއް އޭނާ ނުބެހެއްޓުމުންނެވެ.

"ކާހިތެއްނުވޭ" އިނާޝާ ބުނެލިއެވެ.

"މިހާރު މަށަށް ޔަގީންވެއްޖެ ކޮންމެސްކަމެއް ވެއްޖެކަން. ބުނެބަލަ ކިހިނެއްވީ؟" މޯހަންދާސް އަހައިލިއެވެ.

އިނާޝާ މޯހަންދާސްއަށް ނައިޝީގެ ވާހަކަތައް ކިޔައިދިނެވެ. އެވާހަކަތައް އަޑުއަހާފައި މޯހަންދާސް އެއްޗެއް ނުބުނެ ހިމޭނުން އިނެވެ.

"ތިއީ ވަރަށް ދެރަކަމެއް. އިނާ އެމަންޖެއަށް ވިސްނައިދީ. އެކަމާ ބެހޭގޮތުން ސުވާލުކުރޭ. މަސްލަހަތަށްޓަކައި ނާހިދް ކައިރީގަ އަދި ނުބުނޭ" މޯހަންދާސް ވާހަކަދެއްކިއެވެ. އިނާޝާ ބޯޖަހާލިއެވެ.

"ދެން ހިނގާ ކައިގެން ނިދަންދާން" މޯހަންދާސް ރޮށިތަށި މޮޑުނީ އިނާޝާއާއި އެކީގައެވެ. ލޯތްބާއެކު އޭނާގެ އަތުން ލަވާފައި އިނާޝާއަށް ކާންދިނެވެ.

ފަތިސް ނަމާދަށްފަހު ނާހިދް އައިސް ގެއަށް ވަނެވެ. އޭނާ ލަސް ހިނގުމުގައި ކޮޓަރިއަށް ވަނެވެ. އޭރު ނައިޝި ލޯގަނޑު ކުރިމަތީގައި އިނެވެ. ހިނގާދިޔަ ކަންތަކަށްފަހު ނާހިދް އަދި ނައިޝީ އާ ވާހަކަނުދައްކައެވެ. ނައިޝީ އިންތިޒާރުކުރަނީ ނާހިދް ވާހަކަދައްކާނެ އިރަކަށެވެ. ނަމަވެސް ނާހިދް އެކަން މާބޮޑު ކަމަކަށް ނަހަދައެވެ. ނާހިދް އެނދުގައި އިށީނުމުން ނައިޝީ ބަލަހައްޓައިގެން އިނެވެ.

"މިއަދު ހިތްހަމަޖައްސާލަން ނުނިކުންނަ ދުވަހެއްތަ؟" ނައިޝީ އެހެން ބުނީ އެހެން ދުވަސްތަކާ ޚިލާފަށް ފަތިސް ނަމާދަށްފަހު ނާހިދް ބޭރަށް ދާން ނޫޅޭތީއެވެ.

"މިއަދު ނުދާނަން. ހުކުރެއްނު" ނާހިދް ބުނެލިއެވެ. ނާހިދްގެ އަޑުގައި ހަރުކަށިކަމެއް ނެތުމުން އަތުގައި އޮތް ފުނާ ޑްރެސިންގްޓޭބަލް މަތީގައި ބާއްވާފައި ނައިޝީ އައިސް އިށީނީ ނާހިދްގެ ކައިރީގައެވެ.

"ވަރަށްބޮޑަށް ސޮރީ. މަޢާފްކޮށްދީ" ނާހިދްގެ ކޮނޑުގައި ބޯއަޅާއިލަމުން ނައިޝީ ބުނެލިއެވެ.

"އަހަރެން މިހާރު ހަނދާނެއްވެސްނެތް. ދެންވެސް ވިސްނައިގެން އުޅޭތި" ނާހިދް ބުނެލިއެވެ. އޭނާ ތެދުވެގެން ހިނގައިގަތެވެ.

ހެނދުނު ނުވައެއް ޖަހާލީހާއިރެވެ. ގޭތެރެއިން މޯހަންދާސް އާ ދިމާނުވުމުން ނާހިދް ނިކުތީ ފިހާރައަށް ދިޔުމަށެވެ. ހުކުރު ދުވަހު މެންދުރުކުރީގެ ވަގުތަކީ އާންމުކޮށް ފިހާރަތައް ހުޅުވާފައި ހުންނަ ވަގުތުތަކެއް ނޫނަސް އެދުވަހު އެގަޑީގަ މޯހަންދާސް އުޅުނީ ފިހާރަ ހުޅުވައިގެން މަރާމާތެއް ކޮށެވެ. ނަމަވެސް ވިޔަފާރިއެއް ނުކުރެއެވެ.

ސައިކަލް ފިހާރަ ކައިރީގައި ޕާކް ކޮށްލާފައި ނާހިދް ފިހާރައަށް ވަންއިރު ގްރައުންޑް ފްލޯރގައި ހުރީ މަސައްކަތްކުގައި އުޅޭ ބޭރު މީހެކެވެ. ނާހިދް ފެނުމުން އެމީހާ ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލިއެވެ.

"ކުޑަ ބޮސް... ވަރަށް ދުވަސް ފަހުން ފިހާރައަށް އަންނަނީ... ހާލު ރަނގަޅު ދޯ" އެމީހާ ބުނެލިއެވެ. ނާހިދް އާއެނކޭ ބުނެ ހީލާފައި އެމީހާ ކުރެން މޯހަންދާސް ވީ ހިސާބެއް އޮޅުންފިލުވިއެވެ. އޭނާ އަރައިގެން ގޮސް ދެވަނަ ފްލޯރގައި މަޑުކޮށްލިއެވެ. އޭރު މޯހަންދާސް ބުރުމާއެއް ހިފައިގެން ލިފްޓަށް އަރަނީއެވެ. ލިފްޓް ނައްޓާލަން އުޅުނު ވަގުތު ކުރިމަތިން ނާހިދް ފެނުމުން އޭނާ ލިފްޓުގެ ދޮރު ލެއްޕުނަނުދީ ހިފެހެއްޓިއެވެ. ނާހިދް އެރުމުން ދެބަފައިން އެކަކު އަނެކަކަށް ހިނިތުންވުމެއް ދިނެވެ.

"އާދޭ އެތެރެއަށް. ބައްޕަ މިއަންނަނީ އަތް ދޮވެލައިގެން" ތިންވަނަ ފްލޯރގެ އެއްފަރާތުގައި ހުންނަނީ ފިހާރައިގެ ބައެއް މުދާ ރައްކާކޮށްފައި ހުންނަ ސްޓޮކެވެ. އަނެއް ފަރާތުގައި ހުންނަނީ އެއް ކޮޓަރީގެ ކުޑަ އެޕާޓްމަންޓެކެވެ. އެއީ ފިހާރައިގައި އުޅޭ ވަގުތު މޯހަންދާސް އަރާމުކޮށްލާށާއި ނަމާދުކުރަން ހާއްސަކޮށްފައި ހުންނަ އެޕާޓްމަންޓެކެވެ.

"އާދޭ ދަރިފުޅާ އެތެރެއަށް" މޯހަންދާސް އެތެެރެއަށް ވަދެފައި ނިކުތްއިރު ނާހިދް ހުއްޓިގެން ހުރީ އެޕާޓްމަންޓް ދޮރުމަތީގައެވެ.

"ބައްޕައަށް އިނގޭ ދަރިފުޅު ކޮންމެސް ވާހަކައެއް ބުނަންކަން އަންނާނީ. އެހެންވެ ވަރަށް ހަމަޖެހިލައިގެން ވާހަކަދެއްކޭނީ މިކަހަލަ ތަނެއްގައެއްނު" އެޕާޓްމަންޓުގެ ސިޓިންގރޫމުގައި ހުރި ތިން ގޮނޑީގެ ސޯފާގައި އިށިންނަމުން މޯހަންދާސް ބުނެލިއެވެ. ނާހިދް ދެފަރާތަށް އެނބުރި މުޅި އެޕާޓްމަންޓަށް ނަޒަރެއްދިނެވެ. ސިޓިންރޫމް މެދުގައި ބޮޑު ސޯފާއެއް ހުރިއިރު ފާރުގައި ވަރުގަދަ ޓީވީއެއް ހަރުކޮށްފައި ހުއްޓެވެ. އެއް ފަރާތު ފާރުގައި ގުދުރަރީ ރީތި މަންޒަރުތައް ދައްކުވައިދޭ ބޮޑު ދެކުރެހުން ހަރުކޮށްފައި ހުއްޓެވެ. ސިޓިންގރޫމުގައި ވަނީ ގަދަ ފެހިކުލައިގެ މަޚްމާ ކާޕެޓެއް އަޅައިފައެވެ. އެއްފަރާތުގައި ކުޑަކުޑަ ރީތި ބަދިގެއެއްވެސް ހުއްޓެވެ. ކޮޓަރި ހުރީ ސޯފާގެ ފަހަތުގައެވެ. އެ އެޕާޓްމަންޓަށް ނާހިދް މިއީ ވަން ފުރަތަމަ ފަހަރެވެ. އެހެންކަމުން އޭނާ އެންމެ ފުރަތަމަ ހުރިހާތަނެއް ރަނގަޅަށް ބަލައިލިއެވެ.

"ހެހެހެ... ދަރިފުޅަށް ކަމުދިޔައީ ދޯ... ނައިޝީ އާ އެކު މިތަނަށް ބަދަލުވިޔަސް ބައްޕަގެ މައްސަލައެއްނެތް" ނާހިދަށް ބަލައިލަމުން މޯހަންދާސް ބުނެލިއެވެ.

"އަޅުގަނޑު މިތާ އުޅެން ބޭނުމީ ނައިޝީ އާއެކު އެއްނޫން. އަޒްކާ އާއެކު.... ހެހެހެ..." ހިތަށް އައިސް ވަން އެއްޗަކުން ނާހިދަށް ހެވުނެވެ.

"ބައްޕަށް ރަނގަޅަށް ތިހީވީ. ވަރަށް ބޮޑު ކަމަކު މިއައީ" ވަކިން ހުރި ސޯފާގައި އިށިންނަމުން ނާހިދް ބުނެލިއެވެ.

"އަވަހަށް ފަށާ" މޯހަންދާސް ބުނެލިއެވެ.

"އަޅުގަނޑަށް މިތަނުގެ ތަޅުދަނޑި ދީބަލަ. މިރޭ މިތަނުގައި މީހަކާ ބައްދަލުކޮށްލާފަ މާދަމާ އަޅުގަނޑު ތަޅުދަނޑި ހަވާލުކުރާނަން" ނާހިދް ބުނެލިއެވެ. މޯހަންދާސްގެ ދެބުމަ ގޮށް ޖެހުނެވެ. މީހަކާ ބައްދަލުކުރަން ނާހިދް އެތަން ޚިޔާރުއެކުރީ ކީއްވެގެން ހެއްޔެވެ؟ މޯހަންދާސްގެ ހިތުގައި ސުވާލު އުފެދުނެވެ. ނަމަވެސް އެކަހަލަ ކަމަކު ނާހިދް ބުނާނީ ވަރަށް ބޭނުންވެގެންކަން އޭނާއަށް އިނގެއެވެ. އެހެންވެ އޭނާ ނޫނެކޭ ބުނަން ބޭނުމެއްނުވިއެވެ.

"ތިއީ އަހާކަހަލަ އެއްޗެއްވެސް ނޫނެއްނު. ދަރިފުޅު ބޭނުން އިރަކުން އައިސް ހަމަ ހުންނަންވީ. އެކަމަކު ބައްޕައަށް އަހާލެވިދާނެތަ ކޮންކަހަލަ މީހަކާ ކަން ބައްދަލުކުރަން ތިއުޅެނީ" މޯހަންދާސް ބުނެލިއެވެ. ނާހިދް ޖެހިލުންވިއެވެ. އޭނާ ދޮގު ހަދަން ބޭނުންނުވާތީ މޯހަންދާސްއަށް ބަލައިލީ ތަފާތު ނަޒަރަކުންނެވެ.

"އަ...އަޅުގަނޑު އަޒްކާ އާ ބައްދަލުކޮށްލަން" ނާހިދް ވަރަށް ހިތްވަރުކޮށްފައި ބުނެލިއެވެ. މޯހަންދާސްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

"އެންމެރަނގަޅު. ބައްޕައަށް އިނގޭ ދަރިފުޅު ގޯހެއް ނަހަދާނެކަން. އެކަމަކު ބައްޕައަށް ރަނގަޅީ ތި ބައްދަލުވުން ތިއީ އަޒްކާ އާ އެކު ހުންނަ އެންމެފަހު ބައްދަލުވުމަށް ހަދަން. އެއީ ދަރިފުޅަކީ މީހެއްގެ ފިރިއެއް. އެކަން އަބަދުވެސް ހަނދާނުގަ ބަހައްޓާތި" މޯހަންދާސް ތެދުވެގެން ދަމުން ނާހިދްގެ ބުރަކަށީގައި ޖަހާލިއެވެ. އޭނާ ދިޔައީ ވިސްނަން ނާހިދަށް ވަގުތު ދީފައެވެ.

ނާހިދް ތެދުވެގެން ގޮސް ކޮޓަރި ދޮރު ހުޅުވާލިއެވެ. އެނދުގައި އަޅާފައި އޮތީ ހުދު ކުލައިގެ ބެޑްޝީޓެކެވެ. ދެ ބާލީސް އޮތްއިރު އެނދުގެ ހެޑް ބޯޑާ ދިމާލުން ހުރި ކުޑަދޮރުގައި ވަނީ ހުދާއި ކަޅު އެކުލެވޭ ކާރޓެއިން އެކެވެ. އެ ކޮޓަރީގައި ހުރި ފަރުނީޗަރުގަ ހުރި ކުލައާ ގުޅުވާލާފައެވެ. އެނދާއި ދިމާލުން ރެކެއް މަތީގައި ކުޑަ ޓީވީއެއް ހުރިއިރު މިނީ ފުރިޖެއް ޓީވީ ކައިރިން ހުއްޓެވެ. ހަތަރު ދޮރުފަތްލީ ވޯޑްރޯބެއް އަނެއް ފަރާތުގައި ހުރިއިރު ކުޑަ ބެލްކަނިކޮޅެއް ވެސް ހުއްޓެވެ.

ނާހިދް ހެވިލާފައި އެނދަށް ވެއްޓިގަތްއިރު އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. ޖީބުގައި އޮތް ފޯނު ނަގާފައި އޭނާ ނަތާޝާގެ ފޯނަށް މެސެޖެއް ކޮށްލިއެވެ. ބައްދަލުކުރަން ބޭނުންވާ ގަޑި އޭނާ ކަނޑައެޅީ ރޭގަނޑަށެވެ. އޭނާ އެވަގުތުން ފެށިގެން ގަޑި ގުނަން ފެށިއެވެ.

އަޒްކާއަށް މެސެޖް ލިބުނީ އޭނާ އެޕާޓްމަންޓް ބަދަލުވުމަށް ހެދުންތައް ޕެކް ކުރަން އުޅެނިކޮށެވެ.

(ނުނިމޭ)