ޚަބަރު

ތަފާތުކުރާނަމަ ދެކުނު ރައްޔިތުން އަލުން ވަކި ސަރުކާރެއް ހަދަން ނުޖެހޭ ސަބަބެއް ނެތް: ސައުދު

ޝަހީދާ އަބްދުﷲ ސައީދު

މާލެ އާއި އަތޮޅު ތެރޭގެ ރައްޔިތުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭނަމަ، ދެކުނުގެ ރައްޔިތުން އަލުން ވަކި ސަރުކާރެއް ހަދަންނުޖެހޭ ސަބަބެއް ނެތް ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ހުޅުމާލެއިން ގޯތި ދޭންޖެހޭނީ ހަމައެކަނި މާލޭގެ ރައްޔިތުންނަށް ކަމަށް ވިދާޅުވެ، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނުމެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ގޮވާލުމާ ގުޅިގެން މެމްބަރު ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ބިމުގެ މިލްކުވެރިންނަކީ ދިވެހި ރައްޔިތުން ކަމަށެވެ. އަދި ހުޅުމާލެއަކީ ވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން ބިނާކޮށްފައިވާ ސިޓީއެއް ކަމަށް ސައުދު ވިދާޅުވިއެވެ.

"މާލޭ ބޭފުޅުން އަތޮޅުތެރޭ ރައްޔިތުން ނިކަމެތިކޮށް، ތަފާތު ކުރުވާނަމަ، ދެކުނުގެ ރައްޔިތުން އަލުން ވަކި ސަރުކާރެއް ހަދަން ނުޖެހޭ ސަބަބެއް ނެތް. ތަފާތު ކުރުން ހުއްޓާލާ،" ސައުދު ވިދާޅުވިއެވެ.

މަޖިލީހުގައި އިއްޔެ ވާހަކަދައްކަވަމުން ބޮންޑާ ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުން މަޖިލީހަށް އިންތިހާބުވި ހުރިހާ މެމްބަރުން ވެސް، މާލެ ވަޑައިގެން މާލެ އިން ގޯތި ހޯއްދެވި ކަމަށެވެ. އަދި އެއްވެސް މެމްބަރަކު އެނބުރި އެ ބޭފުޅެއްގެ ރަށަށް ވަޑައިގެންފައިނުވާ ކަމަށް ވިދާޅުވިއެވެ.

ބޮންޑާގެ އެ ވާހަކަތަކާ ގުޅިގެން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވެސް ހިޔާލު ބަދަލުވެ ބަހުގެ ހަމަލާތަކެއް ރައްދުކުރިއެވެ.

ބޮންޑާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ދާންދޫ ދާއިރާގެ މެމްބަރު ޔައުޔޫބް އަބްދުﷲ ވިދާޅުވީ، މަޖިލީހުގައި ރާއްޖެތެރޭ ރައްޔިތުންނާއި މާލޭ ރައްޔިތުން ތަފާތުކޮށް ވާހަކަ ނުދެއްކޭނެ ކަމަށާއި ރާއްޖެތެރޭ ރައްޔިތުންނަށް ވެސް ހުޅުމާލެއިން ގޯތި ލިބެން ޖެހޭނެ ކަމަށެވެ. އަދި ހުޅުމާލެއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަމާޒުކޮށްގެން ތަރައްގީކުރާ ތަނެއް ކަމަށް ވިދާޅުވިއެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވެސް ވިދާޅުވީ، ހުޅުމާލެ ހިއްކާފައިވަނީ ހުރިހާ ރައްޔިތުންގެ ފައިސާއިން ކަމުން އެ ތަނުން ހުރިހާ ރައްޔިތުންނަށް ބިން ލިބެން ޖެހޭނެ ކަމަށެވެ.

އަތޮޅުތެރޭގެ ރައްޔިތުންގެމެދުގައި ތަފާތުކުރާނަމަ، ދެކުނުގެ ރައްޔިތުން ވަކި ސަރުކާރެއް ހަދަން ޖެހިދާނެ ކަމަށް ސައުދު ވިދާޅުވިއިރު، ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ދެކުނު ބަޣާވާތް އުފައްދައި، 3 ޖެނުއަރީ 1959 ގައި އައްޑޫ އަތޮޅާއި ފުވައްމުލައް އަދި ހުވަދު އަތޮޅު ގުޅިގެން ސުވަދީބުގެ ނަމުގައި ވަކި ދައުލަތެއް އުފެއްދިއެވެ. އަބްދުﷲ އަފީފު އިސްވެ ހުރެގެން އުފެއްދި އެ ދައުލަތް ރޫޅައިލީ ނާސިރުގެ ވެރިކަމުގައި 23 ސެޕްޓެމްބަރު 1963 ގައެވެ.