ޚަބަރު

1880 މުވައްޒިފުން ތިބި ނަމަވެސް މަސައްކަތުގެ ކެޕޭސިޓީ ވަރަށް ދަށް: ޕްލޭނިންގ މިނިސްޓަރު

އިބްރާހިމް ޒަކީ

ޕްލޭނިންގ މިނިސްޓްރީގައި 1880 މުވައްޒިފުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އެ މިނިސްޓްރީގެ މަސައްކަތް ކުރުމުގެ ކެޕޭސިޓީ ވަރަށް ދަށްކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިނިސްޓަރާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން ހާޒިރުކޮށް، މިނިސްޓްރީގެ މަސައްކަތްތަކާބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މިނިސްޓްރީގެ އެކި ދާއިރާ ތަކުގައި 1880މުވައްޒިފުން އެބަތިބި ކަމަށެވެ.

އޭގެ ތެރޭން އިން މިނިސްޓްރީގެ މައި އޮފީހުގައި މަސައްކަތް ކުރަނީ 861 މުވައްޒިފުން ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން ކުރީގެ ސަރުކާރުން އުވާލި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ 386 މުވައްޒިފުން އެ މިނިސްޓްރީ އަށް ވާރުތަ ކޮށްފައިވާ ކަމަށާއި މިނިސްޓްރީގެ ދަށުގައި އެ މުވައްޒިފުން ތިބި ނަމަވެސް އެމީހުން އަދިވެސް ތިބީ އެމްއާރުޑީސީގެ މުވައްޒިފުންގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ މިނިސިްޓްރީގެ ފޮރިން އެކްސްޕޭޓްރީއެޓްސްގެ ގޮތުގައި497 މުވައްޒިފުން އެބަތިބި ކަމަށާއި، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގައި 50 މުވައްޒިފުން ތިބި އިރު ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގައި 56 މުވައްޒިފުން، މޯލްޑިބްސް ލޭންޑްސް އެންޑް ސާވޭ އޮތޯރިޓީގައި 30 މުވައްޒިފުން އެބަތިބި ކމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މުވައްޒިފުންގެ އެޓެންޑެންސުން ޕާފޯމެންސްއަށް ބަލާއިރު ހެޑްއޮފީހާއި އެމްއާރުޑީސީ އާއި ލޭންޑްސް އެންޑް ސާވޭ އޮތޯރިޓީގެ މުވައްޒިފުންގެ އެޓެންޑެންސް ހުރީ 70 ޕަސެންގައި ކަމަށާއި، ބިއުރޯގެ މުވައްޒިފުންގެ އެޓެންޑެންސް 60 ޕަސެންޓް، ނެޝަނަލް ރެޖިސްޓްރޭޝަންގެ މުވައްޒިފުންގެ ކެޕޭސިޓީ 65 ޕަސެންޓްގައި ހުރި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ ބަޖެޓްގައި އޮތް 252 މަޝްރޫއާ. ކުރީގެ ސަރުކާރުން ވާރުތަކުރި 81 މަޝްރުއާއެކު 333 މަޝްރޫއު ކުރިއަށް ގެންދާއިރު ޕްރޮފެޝަނަލް މުވައްޒިފުންގެ ދަތިކަންވެސް ކުރިމަތިވެފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ އިންފްރާންސްޓްރަކްޗަރ މިނިސްޓްރީއެއްގައި މަޝްރޫއުތައް ހިނގަމުންދާއިރު، ޕްރޮފެޝަނަލް ސްޓާފުން ނެތުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވާ ކަމަށެވެ.

ސްޓާފުންގެ ގޮތުގައި ތިބި މުވައްޒިފުންގެ ތެރޭގައި، ސިވިލްއިންޖިނިއަރުންގެ ގޮތުގައި ހިމެނެނީ، ސިވިލްސާވިސްގެ ދެ މުވައްޒިފުންނާއި ކޮންޓްރެކްޓް އުސޫލުން ނަގާފައިވާއި ހަ މުވައްޒިފުން ކަމަށް ވިދާޅުވިއެވެ. އަދި ޕްރޮފެޝަނަލް ޓްރެއިންޑް މެނޭޖަރުންގެ ގޮތުގައި ތިބީ ސިވިލްސާވިސްގެ ތިން މުވައްޒިފުންނާއި ކޮންޓްރެކްތްގައި ތިބި ދެ މުވައްޒިފުންކަމަށްވެސް ވިދާާޅުވިއެވެ. އަދި އާކިޓެކްޓުންގެ ގޮތުގައި ސިވިލްސާވިސް މުވައްޒިފަކާއި ކޮންތްރެކްޓް މުވައްޒަފަކު ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

ޕްލޭނާސްގެ ގޮތުގައި 2 ސިވިލްސާވިސް މުވައްޒިފުން އެބަ ތިއްބެވި، އަދި އެހެނިހެން ޑިގްރީތައް ހާސްިލް ކުރައްވައިގެންތިބި ޕްރޮޖެކްޓްމެނޭޖް ކުރުމުގެ މަސައްކަތުގައި މަސައްކަތްކުރައްވާ ހަ ސިވިލްސާވަންޓުން އެބަތިއްބެވި ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޑިޕްލޮމާ ލެވެލްގެ ސްޓާފުންގެ ގޮތުގައި ޕްރޮޖެކްޓްތައް ހިންގުމުގައި ދެ ސިވިލްސާވަންޓުންނާއި ދެ ކޮންޓްރެކްޓް ސްޓާފުން ހިމެނޭކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ މިނިސްޓްރީގައި މަސައްކަތް ކުރައްވާ ބައެއް ސިޔާސީ ބޭފުޅުންނަކީ އެ ދާއިރާގެ ޕްރޮފެޝަނަލް ބޭފުޅުން ކަމަށްވާތީ ބައެއް ކަންކަން ފޫބެއްދޭވަރު ވިނަމަވެސް އަނެއްބައި ކަންކަމުގައި މަސައްކަތްކުރަން ޖެހެނީ ވަރަށް ދަތިކޮށް ކަމަށެވެ.