ކޮލަމް

ކެޔޮނިރު ކޮލަމް: ރައީސް ސޯލިހާއި ނަޝީދުގެ ސިޔާސީ މުގާބަލާ، މަޖުލިހަށް ބިލް ހުށަހަޅާނީ ކޮން ރައީސެއް؟

މުހައްމަދު ބުޝްރީ

ރާއްޖޭގެ ސިޔާސީ ގިނަ މުފައްކިރުން އަންނާނެ ކަމަށް ލަފާ ކުރި ދުވަސް މިއޮތީ އައިސްފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޤައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރަށް މަޖުލިސް ރައީސް މުހައްމަދު ނަޝީދު ފާޅުގައި ޖަދަލު ކުރައްވާތަން މިއަދު މިވަނީ ފާޅުވާން ފަށާފައެވެ. ގާނޫނު ހެދުމުގެ އެންމެހައި ކަންކަން ކުރުމުގެ ބާރު ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިފައި އޮތުމުން މަޖިލީހުގެ ކޮމިޓީތަކުގައި ބިލްތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށާއި ސަރުކާރުން އެކަމާ ހިޔާލު ތަފާތުވިއަސް އެކަން އެގޮތަށް ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ކުރީ ދުވަހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އެމް.ޑީ.ޕީ އިން ހުށައަޅަން ބޭނުންވާ ބިލްތަކާއި ސަރުކާރުން ހުށައަޅަން ބޭނުންވާ ބިލްތައް ދާދި އެއް ގޮތް ކަމަށާއި، ވީމާ ސަރުކާރުން އެފަދަ ބިލްތައް ހުށަހެޅުމުގެ ބޭނުމެއް ނެތް ކަމަށާއި، ސީދާ މަޖުލީހުން އެ ބިލްތައް ޑްރާފްޓް ކޮށް، މަޖުލިހަށް ހުށަހަޅައިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

ނަޝީދު މި ނެންގެވި ސްޓޭންޑާ ގުޅިގެން ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އިއްޔެ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ސަރުކާރުން އެކުލަވާލައި ހުށަހަޅާ ބިލްތަކެއް ކަމަށާއި ނަޒާހަތްތެރި މަޖިލީހަކުން ސަރުކާރަށް އެކަމުގައި ހުރަސް ނާޅާނެ ކަމަށެވެ. މާނައަކީ މަޖުލިހުން ސަރުކާރަށް މިކަމުގައި ހުރަސް އަޅައި، ބިލްތައް ޑްރާފްޓް ކުރުމަކީ މެޖޯރިޓީ ޕާރޓީ (އެމް.ޑީ.ޕީ) އިން ކުރާ ކަމެއް ކަމުގައި ހަދައި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަން ބޭނުންވާ ބިލްތައް ޑްރާފްޓް ކޮށް ހުށަހެޅުމުގެ ބާރު ސަރުކާރަށް ނުދީފިނަމަ، އެފަދަ މަޖުލިހެއް "ނަޒާހާތްތެރި" މަޖުލިހަކަށް ނުވާނެ އެވެ.

ދައުލަތުގެ ބަންޑާރަ ނައިބު މިހެން ވިދާޅުވުމުގެ އިތުރުން، ރައީސް ސޯލިހަށް ތާއިދު ކުރައްވާ ކެބިނެޓް މިނިސްޓަރުންގެ ތެރެއިން ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވެސް ވަނީ މަޖުލިސް ރައީސްގެ ނިންމެވުން ނުސީދާކޮށް ކުށްވެރި ކުރައްވައި، ބިލްތައް ހުށަހަޅަން ޖެހޭނީ ސަރުކާރުން ކަމުގައި ޓްވީޓް ކުރައްވާފައެވެ. މަހުލޫފް ވިދާޅުވީ ސަރުކާރުން ހުށަހަޅާ ބިލްތައް ޑްރާފްޓް ކުރާނީ ސަރުކާރުން ކަމަށާއި އެކަން ކުރަން ޖެހޭނީ އެޓާނީ ޖެނެރަލް ކަމަށެވެ. ސަރުކާރުން ހުށައަޅާ ބިލްތަކަކީ ދައުލަތުގެ އެކި ވުޒާރާތަކުގެ ލަފައާއި އެކު އެޓާނީ ޖެނެރަލް ޑްރާފްޓް ކުރައްވައި މަޖުލިހަށް ފޮނުވާ ބިލުތަކެކެވެ. ނަމަވެސް އެ މަރުހަލާ ތަންކޮޅެއް ލަސް ކަމަށް ބުނެ މަޖިލީހުގެ ބައެއް މެމަބަރުން ފާޑު ވިދާޅުވެފައި ވެއެވެ. އަދި އެއާ ގުޅިގެން މަޖުލިހުގެ ކޮމިޓީތަކުން މިހާރު ވަނީ ބިލްތައް ޑްރާފްޓް ކުރަން ފަށާފައެވެ. މިއީ ރައްޔިތުންގެ މަޖުލިހުން މީގެ ކުރިން އެއްވެސް ދައުރެއްގައި ކަން ކޮށްފައިވާ ގޮތެއް ނޫނެވެ. މިސާލަކަށް އަބްދުﷲ ޔާމީނުގެ ރައީސް ކަމުގައި، ޕީ.ޕީ.އެމް އަށް މަޖުލިހުގެ މެޖޯރިޓީ އޮތް އިރުވެސް ބިލްތައް ޑްރާފްޓް ކޮށް ހުށަހަޅާފައި ވަނީ ސަރުކާރުންނެވެ. މަޖުލިހުގެ ޕީ.ޕީ.އެމް މެބަރުންނެއް ނޫނެވެ. ނުވަތަ މަޖުލިހުގެ އިދާރީ މެންބަރުންނާއި މަޖުލިހުގެ ކޮމިޓީ މެބަރުންތައް ހިމަނައިގެން މަޖުލިހަކުން ނޫނެވެ.

އެކަމަކު މަޖިލީހުގެ ގާނޫނީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ (އިންތި) މީޑިއާއަށް ވިދާޅުވީ މަޖިލިހުން ބިލްތައް ޑްރާފްޓްކުރުމުގައި "އެޓާނީ ޖެނެރަލްގެ ޝަކުވާއެއް ނެތް" ކަމަށެވެ. އަދި މި ގޮތަށް މަޖުލިހުން ބިލްތައް ޑްރާފްޓް ކުރަން ފެށީ މަސައްކަތް އަވަސްކުރަން ވެގެން ކަމަށާއި، އެޓާނީ ޖެނެރަލްގެ އޮފީހުން ހުރިހާ ބިލްތައް ޑްރާފްޓްކުރާ ނަމަ އެކަން ލަސްވާނެ ކަމަށާއި، މިހެން މިކަން ކުރަން ގާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށް ވެސް އިންތި ވިދާޅުވެފައި ވެއެވެ. މަޖުލިހުން އެއްފަހަރާ މިހާ ގިނަ ބިލްތަކެއް ޑްރާފްޓް ކޮށް، ކޮމިޓީތަކުން ސަބް ކޮމިޓީ ތަކެއް ހަދައި، މަޖުލިހުގެ އިދާރީ މުއައްޒަފުންގެ ތެރެއިން ޤާބިލް މުއައްޒަފުންވެސް މިކަމުގައި ބައިވެރި ކޮށްގެން ކުރިއަށް ދާ އިރު ބައެއް ފަރާތްތަކުން މިކަން ސިފަކުރަނީ ސަރުކާރެއްގެ ތެރެއިން ވަކި ސަރުކާރެއް ހަދައިގެން އުޅޭ ގޮތަށެވެ.

މަޖުލިހުގެ ރައީސް މުހައްމަދު ނަޝީދާއި ގާނޫނީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ މިގޮތަށް ސްޓޭންޑް ނަންގަވާފައި ވަނިކޮށް ރައީސުލް ޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހީމް ހޫދު އިއްޔެ މީޑިއާއަށް ވިދާޅުވީ މަޖިލީހުން ބިލްތައް ޑްރާފްޓް ކުރަން ރައީސް އެދިވަޑައިގެންނެވި ކަމަށް ބައެއް މީހުން ބުނި ނަމަވެސް އެފަދައިން ރައީސް އެދިވަޑައި ނުގަންނަވާ ކަމަށެވެ. މާނައަކީ ރައީސްގެ އެއްވެސް އިޝާރާތެއް ނެތި، ރައީސް އާއި އެޓާރނީ ޖެނެރަލް އެދިވަޑައިނުގަންނަވާ ގޮތަކަށް މަޖުލިހުގެ ރައީސް މުހައްމަދު ނަޝީދު މިވަނީ ނިންމަވާފައެވެ. އަދި ނަޝީދުގެ މިނިންމެވުމަށް މަޖުލިހުގެ ތެރެއިން ނަޝީދަށް އެންމެ ތާއިދު ކުރައްވާ މެމެބަރުންގެ ތެރޭގައި ހިމެނޭ އިމްތިއާޒް ފަހުމީ މިވަނީ ތާއިދު ކުރައްވާފައެވެ.

ސަރުކާރުގެ ލެޖިސްލޭޓިވްް އެޖެންޑާގައި ހިމެނޭ ގާނޫނުތަކުގެ ބިލްތައް ސީދާ ރައްޔިތުންގެ މަޖިލީހުން ޑްރާފްޓް ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައި ނުގަންނަވާ ކަން މިހާރު މިވަނީ، ސްޕޯކްސް ޕާރސްންގެ ބަޔާނުން ސާފުވެފައެވެ. ރައީސް އެގޮތުގައި ހުންނެވިޔަސް މަޖުލިހުގެ ރައީސް މުހައްމަދު ނަޝީދު މިކަމުގައި ދޫދެއްވަން ނެތް ކަން ވެސް މިހާރު މިވަނީ ސާފުވެފައެވެ. ޒަމާނުއްސުރެވެސް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުންް ހުށަހަޅާ ބިލްތައް ޑްރާފްޓްކުރުމަކީ އެ ބިލްްތަކާ ގުޅޭ އެހެން މިނިސްްޓްރީތަކާއި އިދާރާތަކުގެ އެހީތެރިކަމާ އެކު އެޓާނީ ޖެނެރަލްގެ އޮފީހުން ކުރާ ކަމެކެވެ. ނަމަވެސް އޭގެ ބަދަލުގައި މަޖިލީހުގެ އިދާރީ މުވައްޒަފުން ބައިވެރިކޮށްގެން މަޖިލީހުގެ ތެރޭގައި އެ މަސައްކަތް އެމްޑީޕީން ފެށުމުން ހާމަވެގެންދާ ކަމަކީ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ، މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދަށުގައި އޮތް ރައްޔިތުންގެ މަޖުލީހާ ދެމެދު ވަރުގަދަ ދެބަސް ވުމެއް އުފެދިއްޖެ ކަމެވެ.

ސުވާލަކީ ބިލް ޑްރާފްޓް ކުރުމުގެ ބާރު ސަރުކާރު އަތުން އަތުލައިގެން މަޖުލިހުގެ ބާރުގެ ދަށަށް ނަޝީދު ގެންދެވުމުން އެކަމުން ނަޝީދަށް ވަކި ހާއްސަ މަންފާއެއް ލިބޭނެތޯއެވެ. ބިލްތަކަކީ އާހިރުގައި ޤާނޫނުތަކަށް ބަދަލުވެގެން ދާނެ ލިޔުންތަކެވެ. ޤާނޫނުތައް ޑްރާފްޓް ކުރެވޭ އިރު އިބާރާތަށް ގެނެވޭ ކުޑަ ބަދަލަކުންވެސް ސިޔާސީ ބޮޑު ފައިދާއެއް ނެގިދާނެއެވެ. ރައީސް ނަޝީދުގެ ބެއްލެވުމުގެ ދަށުން ބިލްތައް ޑްރާފްޓް ކުރެވި، އެމަނިކުފާނުގެ ޒައާމަތުގެ ދަށުން މަޖުލިހުން ބިލްތައް ފާސް ކުރުމުން ސިޔާސީ ގިނަގުނަ ފައިދާ މިކަމުން ނެންގެވުމުގެ ފުރުސަތު ނަޝީދަށް ފަހިވެގެން ދާނެއެވެ. އަދި އެ ބިލްތަކަކީ ރައްޔިތުންނާ ސިދާ ގުޅުންހުރި ބިލްތަކަކަށް ވާނަމަ ރައްޔިތުންގެ ތާއީދު މަޖުލިހަށާއި މަޖުލިހުގެ ރައީސަށް ލިބި، ސަރުކާރުގެ ދައުރު މިކަމުގައި ހަނިވެގެން ދާނެއެވެ.

ފެންނާން އޮތް ހަޤީގަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދަކީ ކިތައްމެ ގާތް ރަހްމަތްތެރި ދެބޭފުޅުން ކަމުގައި ވިއަސް، ސިޔާސީ މައިދާނުގައި ދެބޭފުޅުން މިވަނީ ދެ ވާދަވެރިން ކަމުގައި ވެފައިކަމެވެ. މި ވާދަވެރިކަން ފަރުދާގެ އަނެއް ފަރާތުގައި ބޭއްވުމަށް ރައީސް ސޯލިހު ކިތައްމެ ވަރަކަށް ބޭނުންފުޅު ވިޔަސް ރައީސް ނަޝީދު މިފެންނަނީ އެމަނިކުފާނުގެ ސިޔާސީ މަސްލަހަތުގައި ކުރިއަށް ވަޑައިގަންނަވާ ތަނެވެ.

މަޖުލިހަށް ހުށަހަޅާ ބިލްތައް ޑްރާފްޓް ކޮށް ހުށަހަޅާނީ ސަރުކާރުންތޯ ނުވަތަ ސީދާ މަޖުލިހުންތޯ މިހާރު މިއުފެދިފައިވާ ބަހުސަކީ ހަޤީގަތުގައި ކުރަންވެސް ޖެހޭ ބަހުސެއް ނޫނެވެ. މިއީ ސީދާ ރައީސް ނަޝީދު އަމިއްލަފުޅަށް ވުޖޫދު ކުރައްވައިގެން ތިލަވެގެން އުޅޭ ބަހުސެކެވެ. މި ބަހުސްގެ މޫ ގޮސް ގުޅިފައިވަނީ 2023 ގެ ރިޔާސީ އިންތިހާބާއި ކަމަށް ސިޔާސީ ބައެއް މުފައްކިރުން ދެކެއެވެ. ކޮންމެ ގޮތެއް ވިއަސް ޤައުމުގެ މިވަގުތުގެ އެންމެ ބާރުގަދަ ސިޔާސީ ދެބޭފުޅުންގެ ހިޔާލު ތަފާތުވުން ގޮސް ނިމޭނީ ކޮންގޮތަކަށްކަމެއް އަދި ނޭނގެއެވެ. ރައީސް ސޯލިހުގެ ފިކުރާ ދެކޮޅަށް މަޖުލިހުން ފަށާފައި މިވާ މަސައްކަތުގައި ރައީސް ސޯލިހަށް ތާއިދު ކުރައްވާ މެމްބަރުން އަމަލު ކުރައްވާނެ ގޮަތެއްވެސް އަދި ނޭނގެއެވެ. މި ސިޔާސީ މުގާބަލާ ފުރޮޅިގެންދާ ގޮތް ބަލަން ރައްޔިތުން ތިބީ ކެތްމަދުވެފައިވާ ހާލު ބަލަބަލައެވެ. ރައީސް ސޯލިހު ހަށިފޮޅާލައްވާފައި ޤައުމީ ފައިދާއަށް ޓަކައި ތެދުވެވަޑައިގަންނަވާނީ ތޯއެވެ؟ ނުވަތަ ނަޝީދުގެ ރަހްމަތްތެރިކަމަށް ބައްލަވާފައި ނަޝީދު ބޭނުންފުޅު ގޮތަކަށް މިކަން ކުރިއަށް ގެންދަވަން ދޫދެއްވާނީ ތޯއެވެ؟