ސިއްހަތު

ވެލަނބުލި - ނަފްސާނީ ސިއްހަތުގެ ވާހަކައެއް

އާޓިކަލް ލިޔުނީ: ވެލްއެމްވީ

ނޫކަނޑުގެ އައްސޭރިން ޖެހެމުންދިޔަ ފިނިވައިރޯޅި އަހަރެންގެ ގައިގާ ބީހިލިއެވެ. މެންދުރުގެ ގަދަ އަވީގައި އަހަރެން ހުރީ ގޮނޑުދޮށުގައެވެ. މަޑުމަޑުން ގޮނޑުދޮށުގައި ބީހެމުންދިޔަ ރާޅުތަކުގެ ހިތްގައިމު އަޑު އަހާށެވެ. ލުއިލުއި ވައިރޯޅިއާއި އެކު އަހަރެން ނަށަމުން ދިޔައީމެވެ. އަހަރެންގެ އެކުވެރިންނަށް ހަނާއަޅައި، އަހަރެންނާ ބައިވެރިވުމަށް ދައުވަތު ދިނީމެވެ. އަހަރެން ހިނިތުންވީމެވެ. އަހަރެންގެ ހިޔަލުގައި ފަސްއޮށާއި ކޮރާކުޅެން ތިބި ތުއްތު ކުދިންގެ މައުސޫމުކަންފެނިފައެވެ. އެކުދިން ހީނސަމާސާކޮށް މަޖާކުރަމުންދިޔައެވެ. އުދަރެހަށް އަންނަމުންދާ ބަދަލުތައް ފެނިފައި އަހަރެންގެ ހިތް އުފަލުން ފޮޅުނެވެ. އިރު އޮސެމުންދިޔަވަގުތު އުޑުމަތީގައިހުރި ރަތް ވިލާތަކުގެ ޗާލުކަމުންނެވެ. އިސާހިތަކު ހަނދުގެ ރިހިދޯދިތައް ވިލާތަކުގެ ނިވާފަތްގަނޑުން ފާއްދާލިއެވެ. ތަރިތައްވެސް ވިދާބަބުޅަމުން ދިޔައެވެ. މިމަންޒަރުފެނިފައި ހިތަށް ފިނިކަން ލިބުނެވެ. އަހަރެން ފުންނޭވާއެއްލީމެވެ. ހިތްހަމަޖެހުމާއިއެކު ލޯމަރައިލީ ހިނިތުންވެހުރެއެވެ.

ރޭގަނޑުގެ އަރާމު ނިދިން އަހަރެންނަށް ހޭލެވުނުއިރު އިރުއަރައިފިއެވެ. އަހަންނަށް ހޭލެވުނީ އަހަރެންގެ އަތުގައި މީހަކު ހިފައި ދަމާލި ކަމުގެ އިހުސާސާއެކުގައެވެ. އަހަރެން ލޯހުޅުވާލައި ބަލައިލިއިރު ރީނދޫކުލައިގެ ކުޑަކުޑަ ވެލެއް އަހަރެންގެ ގޮފިތަކުގައި އޮޅެނީއެވެ. ވެލަނބުލިވެލެކެވެ. އަހަރެން އެފޮޅާލީމެވެ. އެވެއޮ އައީ ކޮންތާކުން ކިހިނެއްކަމެއް އަހަންނަކަށް ނޭންގެއެވެ. މަޑުމަޑުން އެވެލުގެ ކުރިތައް ފެތުރެން ފެށިއެވެ. އެންމެ ފުރަތަމަ އެވެޔޮ އަހަރެންގެ ގޮފިތަކަށް އަރަންފެށިއިރަކު އަހަންނަކަށް ވެލުގެ ސަބަބުން އުނދަގުލެއް ނުވެއެވެ. އެކަމަކުން އެވެލުގެ ކުރިތައް ދިޔައީ އަހަރެންގެ ހަށިގަނޑުގައި އިތުރަށް އޮޅަމުން އަހަރެންގެ ހަށިގަނޑަށް ފެތުރެމުންނެވެ. ކާނާ ހޯދާން ފެށީ އަހަރެންގެ ހަށިގަނޑުގެ ތެރެއިންނެވެ. އެންމެ ފުރަތަމަ، އެވެލުމުގެ ސަބަބުން އަހަރެން މަހުރޫމުވީ އަރާމު ނިދީގެ ނިއުމަތުންނެވެ. އެވެލަނބުލި ވެޔޮ އަހަރެންގެ ގައިގައި އޮޅަމުންދިޔައެވެ. ބާރުކުރަމުންދިޔައެވެ. ނަތީޖާއެއްގެ ގޮތުން އަހަރެން ކާހިތް ވެސް ކެނޑުނެވެ. މާގިނަދުވަސްތަކެއްނުވެއެވެ. އެވެލާ ހަނގުރާމަކުރާނެ ހިތްވަރެއް އަހަރެންކިބަޔަކުނެތެވެ. އަހަރެންގެ ފަތްތަކުގެ ކުލަ ބަދަލުވާން ފަށައިފިއެވެ. މިހާރު އަހަރެންގެ ހިޔަލުގައި ކުޅޭ ކުދިންނަކަށް ރަނގަޅު ހިޔަލެއްނުދެވެއެވެ. އެކުދިން ފެނުނަކަސް އަހަންނަކަށް އުފަލެއްނުލިބެއެވެ. ވެލަނބުލިވެޔޮ ދިޔައީ އަހަރެންގެ ގައިގައި އިތުރަށް ފެތުރެމުންނެވެ. ބާރުކުރަމުންނެވެ. އަހަރެން ހާސްވާންފަށައިފިއެވެ. އިރާއި ހަދުގެ ދައުރުވުމަކުން އަހަނަކަށް ކުރިންލިބުނުފަދަ އެއްވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ.

އެހަރެން އެވެލާ ދުރަށްދެވޭތޯ މަސައްކަތްކުރީމެވެ. ދުޢާކުރީމެވެ. ސަލާމަތްވާނެ އެކިއެކި ގޮތްތައް ހޯދޭތޯބެލީމެވެ. ނަމަވެސް އަހަންނަކަށް އެވެލުން ސަލާމަތްވާނެ މަގެއް ނުފެނުނެވެ. އުޑުމަތި ބަނަވެއްޖެއެވެ. ނާމާންކަމެއް ވެރިވާންފަށައިފިއެވެ. އަހަރެންގެ ލޮލުން ކަރުނަ އޮހޮރެންފަށައިފިއެވެ. އެކަރުނަތައް ވެހެމުން ދިޔަ ބޯވާރެޔާ އެކުވަމުންދިޔައެވެ. އަހަރެން އަމިއްލަނަފްސަށްބަލައިލީމެވެ. އަހަރެން މީކާކުކަމެއް އަހަންނަކަށް ނޭނގުނެވެ. އަހަރެންގެ ފަތްތައް ދޮންވާންފަށައިފިއެވެ. އަހަރެން މިލައިމޯޅިވެއްޖެއެވެ. އަހަންނަށް އިހުސާސްކުރެވެމުންދިޔައީ އަހަންނަކީއެއްވެސް މީހެއް ނޫންކަމެވެ. އަހަރެންގެ ބޭނުމެއް ނެތްކަމެވެ. އަހަންނަކީ އެއްވެސް އަގެއްނެއް މީހެއްކަމެވެ. އަހަނަކަށް އެވެލުގެ ކިބައިން މިންޖެއްނުވެވުނެވެ. އަހަރެންގެ ހިތްވަރު އެލިއްޖެއެވެ. އުންމީދު ކެނޑިއްޖެއެވެ. ލެވޭކޮންމެ ނޭވާޔަކާއެކު، އިހުސާސުވަމުން ދިޔައީ ވެލަނބުލިވެއޮ އަހަރެންގެ މައްޗަށްބާރުގަދަކުރަމުންދާކަމެވެ. އޭރު އަހަރެންވަނީ މޮޅިވެރިކަމުގެ ސާލަކުން ފޮރުވިފައެވެ. އަހަންނަށް އިހުސާސްވަމުންދަނީ ކަށިކެޔޮ ހޮޅެކޭއެއްގޮތަށް އަހަރެންގެ އެތެރެހަށި ހުސްވަމުންދާކަމެވެ. އަހަރެން ދިރިހުއްޓެއްކަމަކު އެއްވެސް އުފަލެއް އިހުސާސެއްނުވެއެވެ. އަހަރެންގެ އެކުވެރިން ފެނުމުން، ހިނިތުންވާން ބޭނުންވެއެވެ. ނަމަވެސް އަހަރެންގެ ހިތުގައިވާ ހިތިކަން އެކަމަކަށް ހުއްދައެއްނުދެއެވެ. އަހަރެން އެމީހުންނާ ވާހަކަ ދައްކާހިތެއް ނުވެއެވެ. އަހަންނަކަށް އަހަރެންގެ ވާޖިބެއްވެސް އަދައެއްނުކުރެވެއެވެ. އަހަރެންނަކީ އަހަންނެއް ނޫނެވެ.

ރޭދުވާ ތަކުރާރުވަމުންދިޔައެވެ. ދުވަސްތައް ދިގުވަމުންގޮސް ފާއިތުވަމުން ދާގޮތެއްވެސްނޭގެއެވެ. އަހަރެންގެ ފަތްތައް ހިކިއްޖެއެވެ. ވަޔާފައިބާންފަށައިފިއެވެ. އަހަރެންގެ ގައިގައި ހުރި އާރޯކަން ފިލައިފިއެވެ. އަހަރެންގެ ހަށިގަނޑުން ފެންދެމި، އާތްވަށްވެގެން ޖައްވުގެ ތެރެއަށް އަރައިގެން ގޮސްހުސްވަނީއެވެ. އަހަރެންގެ މުޅިދިރިއުޅުން ވީރާނާވެއްޖެއެވެ. އިސްޖެހުނެއެވެ. ދެނެއް މިވެލަނބުލި ވެލުގެ ކިބަޔަކުންނެއް އަހަންނަކަށް ސަލާމަތެއްނުވެވޭނޭ ހިތާހިތާ ކިޔައިލެވުނެވެ. ދެނެއް މިބުރައެއް ނުއުފުލޭނޭ ހިތާ އަހަރެންގެ ލޮލުން ކަރުނަތައް އޮހޮރެމުންދިޔައެވެ. ގިސްލެވެންފަށައިފިއެވެ. އެވަގުތު އަހަރެންގެ ކޮނޑުގައި މީހަކު އަތް ބާއްވައިލިހެން ހީވިއެވެ. އަހަރެން އޭނާއަށް ފުރަގަސްދޭން މަސައްކަތްކުރީމެވެ. ވެލަނބުލިވެލުގެ ފަށްތައް އަނެއްކާވެސް ބާރުކޮށްލިއެވެ. ފުންނޭވާއެއްލާފައި އަހަރެންގެ ބާކީހުރި ހުރިހައި ހަކަތައެއް ބޭނުންކޮށްގެން އިސްއުފުލައި ބަލާލީމެވެ. ޒަމާންތަކަކަށް ފަހު، ފުރަތަމަ ފަހަރަށް އަހަންނަށް ދިރުމެއް އިހުސާސްކުރެވުނެވެ. މީހަކު ބުނާތީ އަޑުއިވުނެވެ. "ރަހުމަތްތެރިޔާ! އަހަރެން މިހިރީ ތިބާއާ އެކުގައި. ތިކަމަށް އެހީ ހޯދަމާ؟". އޭނާގެ އެއޯގާތެރި ބަސްތަކުންވެސް އަހަރެންގެ ގައިގައި އޮޅާފައިއޮތް ވެލަނބުލިވެލުގެ ފަށްތަކެއް ކޮށާލަދިނެވެ. އަހަރެންގެ ހިތުތެރޭގައި އުންމީދުގެ ކުޑަކުޑަ ހުޅުކޮޅެއްރޯވިއެވެ. އަހަރެންގެ ދެއަތް ފުޅާކޮށްލައި ވެލުގެ އެހެން ފަށްތަކެއްނައްޓައިލީމެވެ. މިއީ އަހަރެންގެ ފުރަތަމަ ފިޔަވަޅެވެ. އެހީހޯދަންވީވަގުތު އައިސްޖެހިއްޖެއެވެ. ބައްޔަށްފަރުވާ ހޯދަންވީވަގުތެވެ. އަނެއްކާވެސް، އަހަރެންގެ އަމިއްލަ ނަފްސު އަލުން ހޯދުމުގެ ވަގުތެވެ. އަހަރެން އަހަރެންނަށް ވުމުގެ ވަގުތެވެ.