ޚަބަރު

ފަސް މިލިއަނަށްވުރެ ކުޑަ އަގުގެ މަޝްރޫއުތައް ކައުންސިލްތަކުން ހިންގާ ގޮތަށް ކަނޑައަޅަނީ

އިބްރާހިމް ޒަކީ

ރަށެއް ނުވަތަ ސިޓީއެއްގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއު ތަކުގެ ތެރެއިން، އެ މަޝްރޫއެއްގެ އަގު ފަސް މިލިއަނަށްވުރެ ކުޑަ މަޝްރޫއުތައް، އެ ކައުންސިލަކުން ހިންގާ ގޮތަ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފިއެވެ.

މި އިސްލާހާއެކު އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ތައްޔާރުކޮށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފައެވެ.

މި ބިލުން ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ތެރެއިން ފާހަގަ ކުރެވޭ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި، ކައުންސިލުތަކުން ވިޔަފާރިކުރުމަށްޓަކައި، ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ދަށުން ކުންފުނި އުފައްދައި ހިންގޭނެ މަގު ފަހިކޮށްދިނުމާއި، ކައުންސިލުތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށްޓަކައި، ކައުންސިލްތަކަށް އިންތިހާބުކުރެވޭ މެންބަރުންގެ %33 (ތިރީސް ތިނެއް އިންސައްތަ) އަންހެނުނަށް ހާއްސަ ކުރުން ހިމެނެއެވެ.

ރަށު ކައުންސިލުތަކެކޭ އެއްފަދައިން ސިޓީތަކުގައިވެސް އާބާދީއަށް ނިސްބަތްކޮށް މެންބަރުން އިންތިހާބުކުރެވޭ ގޮތަށް ހަމަޖެއްސުމަށްޓަކައި ސިޓީ ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރާ ގޮތް ބަދަލު ކުރަންވެސް ބިލުގައި ހިމަނާފައިވާނެ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް ފަދަ އާންމު ހިދުމަތްތައް ކައުންސިލްތަކުން އަމިއްލައަށް ފޯރުކޮށްދިނުމާގުޅޭ އުސޫލުތަކާއި، ތިންވަނަ ފަރާތެއް މެދުވެރިކޮށް އެ ހިދުމަތް ފޯރުކޮށްދޭނަމަ، އެ ކަމާބެހޭ އެއްބަސްވުމެއް އޮންނަންވާނެ ކަމަށް ކަނޑައެޅުމާއި، އެފަދަ ތިންވަނަ ފަރާތަކުން ހިދުމަތް ފޯރުކޮށްދޭ ހާލަތުގައިވެސް، އެ ހިދުމަތަކާ ގުޅޭގޮތުން އާންމުންނަށް ދިމާވާ އެކިއެކި މައްސަލަތަކާ ގުޅޭގޮތުން ޖަވާބުދާރީވާންޖެހޭ ގޮތަށް ހަމަޖެއްސުމަށްވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.