ލާމަރުކަޒީ ނިޒާމް

ހުރިހާ ރަށެއް ތަމްސީލުވާގޮތް ހެދުމަށް ޓަކައި، ރަށު ކައުންސިލުގެ ރައީސުން އޮޓޯއިން އަތޮޅު ކައުންސިލަށް

އިބްރާހިމް ޒަކީ

އަތޮޅު ކައުންސިލުތަކަށް މެންބަރުން ވަކީން އިންތިހާބު ކުރުމުގެ ބަދަލުގައި، އަތޮޅު ކައުންސިލްތަކުގެ މެންބަރުންނަކީ، އެ އަތޮޅެއްގައި ހިމެނޭ ރަށްރަށުގެ ރަށު ކައުންސިލްތަކުގެ ރައީސުންކަަމަށް ކަނޑައަޅަން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ނިންމައިފިއެވެ.

ގާނޫނުއަސީސާއަށް މި އިސްލާހު ގެނައުމަށްޓަކައި އެކަމާބެހޭ ބިލު އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިއަދު ވަނީ ރައިސުލް ޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފައެވެ.

މި ގެންނަ އިސްލާހުން އަތޮޅު ކައުންސިލް އެކުލެވިގެންވާނީ ހަމައެކަނީ ރަށްރަށުގެ ރަށު ކައުންސިލްތަކުގެ ރައީސުންގެ މައްޗަށެވެ.

އޭޖީ އޮފީހުން ބުނީ ގާނޫނު އަސާސީއަށް މި އިސްލާހު ގެންނަނީ، ހުރިހާ ރަށެއް ފުރިހަމައަށް އަތޮޅު ކައުންސިލްގައި ތަމްސީލުކުރެވި ހުރިހާ ރަށެއްގެ ބައިވެރިވުން އޮންނަ ގޮތަށް އަތޮޅު ކައުންސިލްތައް އެކުލަވާލުމަށްޓަކައި ކަމަށެވެ.

މިހާރު ކައުންސިލުތަކުގެ އުމުރުގެ ގޮތުގައި އޮންނަ ތިން އަހަރު ފަސް އަހަރަށް ދިގުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ވެސް ފޮނުވާފައިވާ ބިލުގައި ކަނޑައަޅާފައި ވެއެވެ. މީގެ އިތުރުން އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ ރައީސުންނާއި ނައިބުރައީސުން އިންތިހާބު ކުރާނީ، ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމުގައި ކަނޑައެޅުމަށް ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށްޓަކައި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ގޮވާލައި ހުށަހަޅައިގެން ކުރިއަށްގެންދާ ގަރާރުގެ ބަހުސްގައިވެސް ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކަކީ ޒިންމާތައް ބޮޑެތި ތަންތަނަށް ވާއިރުވެސް އެ ތަންތަނުގެ ދައުރާމެދު ސުވާލު އުފައްދާފައި ވެއެވެ.

މެންބަރުން ވިދާޅުވަނީ މާލީ ބަރުވެރި ކަމާއެކު ކައުންސިލުތަކަށް އެދެވޭ މުއްދަތެއްވެސް ދޭން ޖެހޭނެ ކަމަށެވެ.

ރަށްރަށާއި އަތޮޅުތަކުގެ ފުރިހަމަ ތަރައްގީ ފެނިގެންދާނީ އޭރުން ކަމަށްވެސް މަޖިލިސް މެންބަރުން ވިދާޅުވެއެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ އިތުރުން، ކައުންސިލްތައް ބާރުވެރި ކުރުވުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށްވެސް އޭޖީ އޮފީހުން ވަނީ ރައީސް އޮފީހަށް ފޮނުއްވައިފައެވެ.