ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ރާއްޖޭގެ ޝަރުއީ ދާއިރާ ދިރާސާ ކުރެއްވި ކްރީގްލާ ލަފާދެއްވައިފި

ފަތޯނާ ފާއިޒު

1

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރުމަށް ރާއްޖޭގެ ޖުޑިޝަރީ ދިރާސާކުރެއްވި ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް، ޔޮހާން ކްރީގްލާ ލަފާދެއްވައިފިއެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރުމަށްޓަކައި މުޅި ދާއިރާގެ އޮޑިޓެއް ހަދައި، އެ ދާއިރާގެ ހިންގުން ހަރުދަނާ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެއްޓެވުމަށް ވެވަޑައިގެންނެވި ވައުދެކެވެ.

އެ މަސައްކަތުގެ ދަށުން، ރާއްޖޭގެ ޝަރުއީ ދާއިރާގެ ދިރާސާ ހެދުމަށް ބަންޑާރަ ނައިބުގެ އޮފީހުން ގެނައި ކްރީގްލާ ނެރުއްވި ރިޕޯޓުގައި ވަނީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ އެއްގޮތަށް އަމަލު ކުރުމުގައި ފެއިލްވުމުގެ ސަބަބުން ކޯޓުތަކުގެ އިތުބާރު ގެއްލިފައިވާ ކަމަށް ބުނެފައެވެ.

ކްރީގްލާގެ ރިޕޯޓުގައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު އިރު، ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ މައްސަލައިގެ ވާހަކަ ފާހަގަ ކުރައްވައިފައެވެ.

"އެސެސްމަންޓް އޮފް ދަ ޖަސްޓިސް ސެކްޓާ ރިފޯމް ޕްރޮޕޯޒަލްސް" ރިޕޯޓުގައި ބުނެފައި ވަނީ ގާނޫނު އަސާސީން ސުޕްރީމް ކޯޓަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގައި އެކޯޓު ފެއިލް ވެފައިވާ ކަމަށެވެ. އަދި އެ ކޯޓަކީ ޑިމޮކްރަޓިކް ވެރިކަމެއް ކުރުމަށް އޮތް ހުރަހަކަށް ވެސް ވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެއީ ގާނޫނު އަސާސީގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ނަތީޖާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެ ރިޕޯޓުގައި ވަނީ ސުޕްރީމް ކޯޓަށް ގާނޫނު އަސާސީން ލިބިދީފައި ނުވާ ބާރުތަކެއް އަމިއްލައަށް ހޯދާފައިކަން ފާހަގަކޮށްފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ދިން ބާރެއް ނޫނީ ސުޕްރީމް ކޯޓަށް ވެސް ނޯންނަކަން ފާހަގަކޮށް އެ ރިޕޯޓުގައި ވަނީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީ ނުބައިކޮށް މާނަކުރި ކަމަށްވެސް ބުނެފައެވެ. އެހެންކަމުން ޝަރުއީ ދާއިރާ އިސްލާހު ކުރަން ބޭނުން ނަމަ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފުވެފައިވާ ފަނޑިޔާރުން މަގާމުން ވަކިކުރުން ކަމަށް ވަނީ ބުނެފައެވެ.

ކްރީގްލާގެ ރިޕޯޓުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވޭކަން ފާހަގަކޮށް، އެ ތުހުމަތުތަކާ ގުޅިގެން އެ ފަނޑިޔާރުންގެ ބަހެއް ހޯދި އިރު އަމިއްލަ އަށް ރިޓަޔަވުމުގެ ވިސްނުންފުޅެއް ފަނޑިޔާރުންގެ ނެތް ކަން އެނގިވަޑައިގެންނެވި ކަމަށް ބުނެފައެވެ.

ސުޕްރީމް ކޯޓުގެ އިތުރުން ހައި ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ކުރާ ތުހުމަތުތަކާ ގުޅޭ މައްސަލަތައް ބަލައި ހައި ކޯޓުގެ ފަނޑިޔާރުން މަގާމުން ދުރުކުރުމަށްވެސް ލަފާ ދީފައިވެއެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރުމަށްޓަކައި ރައީސް ޔާމީންގެ ވެރިކަމުގައި އެސްސީގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވަކި ކުރަން ކްރީގްލަރ ލަފާ ދީފައިވާއިރު، އޭނާ ނެރުއްވި ރިޕޯޓް އާންމުކުރުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައަކާ ގުޅިގެން މިދިޔަ އޮގަސްޓް މަހު އޭނާ ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފައެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ ދިރާސާ ކުރެއްވި ކްރީގްލާއަކީ، 1994 ވަނަ އަހަރު ދެކުނު އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓު އުފެދުނީއްސުރެ 2002 ވަނަ އަހަރުގެ ނިޔަލަށް އެ ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ދެކުނު އެފްރިކާގައި ގާނޫނީ ދާއިރާގައި 25 އަހަރު މަސައްކަތް ކުރައްވައިފައެވެ.