ޚަބަރު

މަރުގެ އިންޒާރު ދެމުންދާ މައްސަލަ ބަލައިދިނުމަށް އެމްޑީއެން އިން ގޮވާލައިފި

އާނިފާ ހުސެއިން ސިރާޖް

"ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" މި ނަމުގައި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ތައްޔާރުކޮށްފައިވާ ރިޕޯޓާ ގުޅިގެން މަރުގެ އިންޒާރު ދެމުންދާ މައްސަލަ ބަލައިދިނުމަށް އެ ޖަމިއްޔާއިން ގޮވާލައިފިއެވެ.

އެމްޑިއެން އިން އިއްޔެ އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ޖަމިއްޔާ އަށާއި މުވައްޒަފުންނަށް އަދި މެމްބަރުންނަށް ފުރައްސާރަކޮށް، މަރުގެ އިންޒާރުތައް ދެމުން ގެންދިއުމަކީ އެ ޖަމިއްޔާއިން ކުށްވެރި ކުރާ ކަމެއް ކަމަށެވެ.

އަދި އެފަދަ އަމަލުތައް ހިންގާ މީހުން ހޯދައި ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ސަރުކާރުގެ އެންމެހާ އިދާރާތަކަށް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ.

އެމްޑީއެންގެ ނޫސްބަޔާނުގައި ބުނެފައި ވަނީ އެ ޖަމިއްޔާ އަކީ މެދުމިނަށް ތާއީދުކުރާ، ސުލްހަވެރިކަމާއި އެކުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށާއި އިސްލާމްދީނަށް ތައުހީނުކޮށް ކުޑައިމީސްކުރުމަކީ އެއްވެސް ހާލެއްގައި އެ ޖަމިއްޔާއިން ބަލައިގަންނާނެ ކަމެއް ނޫން ކަމަަށެވެ.

އެމްޑީއެން އިން 2016 ވަނަ އަހަރު ނެރުނު ރިޕޯޓުން ދައްކުވައިދެނީ ރާއްޖޭގައި، ދީނީގޮތުން ހަރުކަށި ފިކުރު އޮތް ކަމާއި، ޓެރެރިޒަމްގެ ހަރަކާތް ހިންގައި، އެކަމުގައި ޒުވާނުން ޝާމިލުކުރުވުމަށް މަސައްކަތް ކުރަމުންދާ ޖަމާއަތްތަކުގެ މަސައްކަތް ކަމަށާއި އެ ރިޕޯޓަކީ އެކަން ތަހުގީގުކޮށް ހުއްޓުވުމަށް ހަދާފައިވާ ރިޕޯޓެއް ކަމަށްވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް އެކަންތައް ފޮރުވަން މަސައްކަތް ކޮށް އިދާރާތަކުން ހިންގާ ތަހުގީގުގެ ފޯކަސް ގެއްލުވާލަން ބަޔަކު މަސައްކަތް ކުރާކަމަށް އެމްޑީއެން އިން ބުންޏެވެ.

ދިރާސާ ރިޕޯޓުގެ ބައެއް ބައިތަކުގައި ބަސްމަގު ހުރިގޮތާމެދު ހިތާމަކުރާ ކަމަށާއި އަދި ރިޕޯޓުގައި އިސްލާހު ކުރަންޖެހޭ ކަންތައްތައް އިސްލާހުކުމަށް ރިޕޯޓު އަނބުރާ ގެނެސްފައިވާ ކަމަށް އެމްޑީއެން އިން ބުންޏެވެ.

ރިޕޯޓުގައި ހުރި ބައެއް ކަންކަމާމެދު ރައްޔިތުންގެ ކިބައިން މާފަށް އެދި މީގެ ކުރިންވެސް އެމްޑީއެން އިން ވަނީ ބަޔާނެއް ނެރެފައެވެ.

އަދި ރިޕޯޓާ ގުޅިގެން ފުލުހުން ތަހުގީގު ފަށާފައިވާއިރު، ތަހުގީގަށް އެމްޑީއެންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެމުން ގެންދާކަމަށްވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މަރުގެ އިންޒާރުދޭ މައްސަލަ ބަަލައިދިނުމަށް އެމްޑީއެން އިން އެދިފައިވާއިރު، އެ ރިޕޯޓުގައި ގުރުއާނާއި ސުންނަތް ދޮގުކޮށްފައިވާ ކަމަށާއި، ކީރިތި ގުރުއާނާއި ސުންނަތާއި ހިލާފު ކަންކަން ހުރިކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެމްޑީއެން އުވާލުމަށާއި އެމްޑީއެންގެ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި އަޑު އުފުލަމުންނެވެ.